ހައްގުތަކުން މުވައްޒަފުން މަހްރޫމް ކުރުން: ނިމުމެއް ނެތް ސަގާފަތެއް!

ދާދި ފަހުން އިވުނީ ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ އެއް މަހަށް އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ އެވެ. އެ ނިންމުމާ އެކު، ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މުވައްޒަފުންނަށް އެ ލުއިތައް ދޭން ފެށުމަކީ ކިތަންމެހާ ވެސް މުހިންމު ބަދަލެކެވެ.


ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ އެކު މިހާރު ދެން އެންމެ ގަދައަށް އޮތީ މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ މިންވަރު ނުވަތަ މިނިމަމް ވޭޖް، އެކަމަށް ހާއްސަ ގާނޫނަކުން ކަނޑައެޅުމުގެ ވައުދެވެ. މަސައްކަތުގެ ދާއިރާއަށް ބިނާކޮށް، މިނިމަމް ވޭޖް ކަނޑައަޅާނެ ކަމުގެ ވައުދަކީ މީގެ އެތައް އަހަރެއް ކުރީއްސުރެން ފެށިގެން އެކަމަށް ވަކާލާތު ކުރަމުން އައި މަސައްކަތްތެރިންނަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު މަސައްކަތްތެރިން ނުވަތަ މުވައްޒަފުންގެ ހައްގުތަކަކީ މެޓާނިޓީ ލީވާއި މިނިމަމް ވޭޖާ ހަމައިން ނިންމާލެވެން އޮތް ކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

ގިނަ ފަހަރަށް އަބަދުވެސް އިވެނީ ސިޔާސީ ބޭނުމުގައި މުވައްޒަފުންނާ މެދު އަޅަމުންދާ ފިޔަވަޅުތަކުގެ ވާހަކަ އެވެ. ސަރުކާރާ ދެކޮޅަށް ޚިޔާލެއް ފާޅުކޮށްގެން ނުވަތަ އެ ނޫން ވެސް ސިޔާސީ ކަމަކާ ހެދި ވަކިކުރާ މުވައްޒަފުންނާއި އާއިލާއާ ދުރަށް އެހެން ރަށްރަށަށް ބަދަލުކުރާ މުވައްޒަފުންގެ ވާހަކަ އެވެ. ޚާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް މިފަދަ ޝަކުވާތައް ވަކިން ބޮޑެވެ. އަދި މުވައްޒަފުންނާ މެދު އޮންނަ ތަފާތު ކުރުންތަކަކީ ވެސް އާންމުކޮށް އިވޭ ޝަކުވާތަކެވެ. އެފަދަ ބައެއް މައްސަލަތައް ޝަރުއީ މަރުހަލާއިން ނިމިގެންދާއިރު، ނުހައްގުން ފިޔަވަޅު އެޅުމުގެ މައްސަލަ ކުރިމަތިވާ މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭން ވެސް ޖެހިފައި އެބަ ހުއްޓެވެ.

ދެން އޮތީ އޭގެ އަނެއް ފަރާތެވެ. ވަޒީފާއިން ވަކި ނުކުރިޔަސް ނުވަތަ ވަޒީފާ އަދާކުރާ ތަން ކުއްލި ގޮތަކަށް ބަދަލު ނުކުރިޔަސް، މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބޭ ހައްގުތަކުން މަހްރޫމް ކުރުމުގެ ވާހަކަ އޮންނަނީ އެންމެންނަށް ވެސް އެނގޭ އެކަމަކު ނުދައްކާ ވާހަކަތަކުގެ ގޮތުގަ އެވެ. ބަލިވެގެން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ސަލާމް ބުންޏަސް ނުވަތަ ގާނޫނީ ގޮތުން ލިބޭ ހައްގެއް ކަމަށްވާ އަހަރީ ޗުއްޓީ ބޭނުން ކުރުމުން އެ ދުވަސްތަކަށް މުސާރަ އާއި އިނާޔަތްތަކުން ފައިސާ ކެނޑުމަކީ ވެސް ހިނގާ ކަމެކެވެ.

ހަފުތާގެ ވަކި ދުވަހަކު ސަލާމް ބުނެފި ނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ބައެއް ތަންތަނުން މުވައްޒަފުންނަށް ލާޒިމް ކުރާއިރު، އެގޮތަށް އެކަން ނުކޮށްފި ނަމަ އެއީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބަލަ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، ސަލާމުގައި ހުންނަ ދުވަސްތަކަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ލާޒިމްވަނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނައިން ސަލާމުގައި ހުންނަ ދުވަސްތަކަށް ކަމަށް ވިޔަސް، އެންމެ ދުވަހަކު ސަލާމް ބުނުމުން ވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ލާޒިމް ކުރާ ތަންތަން ވެސް މަދެއް ނޫނެވެ.

މިވަރުން އަދި ނުނިމެ އެވެ. އިތުރު ގަޑީގެ ފައިސާ ނުދީ އިތުރު ގަޑީގައި މަސައްކަތް ކުރުވުމާއި ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ފަދައިން، އަރާމު ކުރުމަށް އެންމެ ދުވަހެއް ވެސް ދިނުމެއް ނެތި ހަފުތާއަކަށް ވުރެ ދިގުވާ ގޮތަށް މަސައްކަތް ކުރުވުމަކީ ވެސް ހިނގާ ކަންކަމެވެ. މިކަންކަން މިގޮތަށް ހިނގަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުގައޭ ބުނެވޭކަށް ވެސް ނެތެވެ. ދައުލަތުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކާ މެދު ވެސް މިފަދަ ބައެއް ޝަކުވާތައް ފެންމަތިވެފައި އެބަހުއްޓެވެ.

ކުރިއަށް އޮތީ ރޯދަ އިނާޔަތް

ކުރިއަށް އޮތީ ރޯދަ މަހެވެ. ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000ރ. ކޮންމެ ދިވެހި މުވައްޒަފަކަށް ދިނުމަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެކެވެ. އެކަމަކު އެ ހައްގުން މުވައްޒަފުން މަހްރޫމް ކުރާ ކަމުގެ ޝަކުވާތައް ކޮންމެ އަހަރަކުހެން އޮވެ އެވެ. އަދި އިނާޔަތް ދިނުމުގައި ވެސް ގާނޫނުގައި އޮންނަ އުސޫލާ ޚިލާފަށް އަދި ގާނޫނުގައި ބުނާ މިންވަރަށް ވުރެ މަދުން އިނާޔަތް ދިނުމަކީ ވެސް ހިނގާ ކަމެވެ.

ބަޔަކު މަސައްކަތުގައި: މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ -- ފޮޓޯ/މިހާރު

މިފަދަ ކިތަންމެ މިސާލެއް ވެސް ނެގިދާނެ އެވެ. ހަމަގައިމު ވެސް، މިފަދަ މައްސަލަތައް ހައްލު ނުވަނީ އެފަދަ ނިޒާމުތަކެއް ރާއްޖޭގެ ނެތިގެން ކަމަކަށް ބުނެވޭކަށް ނެތެވެ. ވަޒީފާއާ ބެހޭ މައްސަލަތައް ގާނޫނީ ނިޒާމުގެ ތެރެއިން އަވަސްކަމާ އެކު ބަލައި، ހައްގު ހޯދޭނެ މަގު ތަނަވަސްކަން ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލެއް އެބަ އޮތެވެ. އަދި ގާނޫނާ އެއްގޮތަށް ކަންކަން ކުރޭތޯ ބަލަން ލޭބާ ރިލޭޝަންސް އޮތޯރިޓީއެއް ވެސް ހިންގަ އެވެ.

މުއައްސަސާތައް ހުއްޓަސް، މުވައްޒަފުން ހައްގުތަކުން މަހްރޫމް ކުރުމުގެ ސަގާފަތް ނިމުމަކަށް ނާންނަ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އެކަމުގެ ޝަކުވާ ކޮށްފި ނަމަ ނުވަތަ ކަމާ ބެހޭ މުއައްސަސާއަކަށް މައްސަލަ ހުށަހަޅައިފި ނަމަ، ވަޒީފާ ގެއްލުމުގެ ބިރު ނުވަތަ ވަޒީފާގެ ކުރިއެރުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރު މުވައްޒަފުންނަށް އޮތުމެވެ. އަނެއްކޮޅުން ގާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ހައްލު ހޯދުމަށްޓަކައި ހިނގާ ވަކީލުންގެ ޚަރަދު ފަދަ ކަންކަމަކީ ވެސް ކޮންމެ ކޮންމެ މުވައްޒަފަކަށް އުފުލޭނެ ބުރަތަކެއް ވެސް ނޫނެވެ.

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް އެލަވަންސުން ފައިސާ އުނިކުރި މައްސަލައަކީ އޭގެ ހެއްކެކެވެ. ސިވިލް ސާވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރާ ގޮތަށް ހަމަޖައްސައި، ސިވިލް ސާވިސް ގަވާއިދަށް 2014 ގައި އަމަލު ކުރަން ފެށީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އޭރުގެ ބަންޑާރަ ނައިބުގެ ލަފާ ދެއްވާފައި ވަނިކޮށެވެ. އެތައް ހާސް ސިވިލް ސާވަންޓުންގެ މައްޗަށް އެ އުސޫލު ހިންގަމުން ދިޔައިރު ވެސް، އެކަމާ ދެކޮޅަށް މައްސަލަ ހުށަހެޅީ އޭރު ދެތިން މުވައްޒަފެކެވެ. އެގޮތަށް ފައިސާ އުނި ކުރުން ނިމުމަކަށް އައީ އެ މުވައްޒަފުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އަދި ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ މާއްދާ ހައި ކޯޓުން ބާތިލް ކުރުމުންނެވެ.

އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް އަބަދުވެސް ކުރާ ޝަކުވާއަކީ އެ ގާނޫނުގައި ސަރުކާރު މުވައްޒަފުންނާއި އަމިއްލަ ވިޔަފާރިތަކާއި އޮފީސްތަކުގެ މުވައްޒަފުންނާ މެދު ވެސް އެއް އުސޫލަކުން އަމަލު ކުރަން ޖެހޭ ގޮތަށް އޮތުމެވެ. އަމިއްލަ ގިނަ ކުންފުނިތަކާއި ވިޔަފާރިތަކަކީ ދައުލަތަށް ޓެކުހާއި އެހެނިހެން ގޮތްގޮތުން ފައިސާ ދައްކަން ޖެހޭ ބަޔަކަށް ވާއިރު، ސަރުކާރު މުވައްޒަފުންނެކޭ އެއް އުސޫލަކުން ޗުއްޓީ އާއި އެހެނިހެން އިނާޔަތްތައް ދިނުމަކީ ގޮންޖެހުމެއް ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތައް ބަރާބަރަށް ދޭތޯ އާއި ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރޭތޯ ބެލުމަށް އެ އޮތޯރިޓީން ދަނީ ގަވާއިދުން އިންސްޕެކްޝަންތައް ހަދަމުން ކަމަށެވެ. އިންސްޕެކްޝަންތައް ހެދުމުގައި އެ އޮތޯރިޓީން މިވަގުތު އެންމެ ބޮޑަށް އިސްކަން ދެނީ މުވައްޒަފުން ގިނަ ކުންފުނިތަކާއި އޮފީސްތަކަށް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

"ކުދިކުދި ތަންތަނުގައި މުވައްޒަފުންގެ އަދަދު މަދުވީމަ އިންސްޕެކްޝަންތަކުގައި އަޅުގަނޑުމެންނަށް ކަވަރު ކުރެވޭ މުވައްޒަފުންގެ އަދަދު މަދުވަނީ. އެއީ މިސާލަކަށް އެންމެ ދެ ތިން މުވައްޒަފުން ތިބޭ ތަނަކަށް ދިޔަޔަސް އަޅުގަނޑުމެން އެބަ ބަލަން ޖެހޭ ހުރިހާ ލިޔުންތަކާއި އެ ހުރިހާ އެއްޗެއް ފުރިހަމަތޯ. އެކަމަށް ވެސް ހަމަ ވަގުތު ދާނެ. އެހެންވީމަ އަޅުގަނޑުމެން ބޮޑަށް ފޯކަސް މި ކުރަނީ މުވައްޒަފުންގެ އަދަދު ގިނަ ތަންތަނަށް. އެގޮތުން ފުދޭ ވަރަކަށް ގިނައިން ރިސޯޓްތައް ވެސް ހުންނާނެ އިންސްޕެކްޝަން ހަދާފައި،" ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި އެވެ.

ވަޒީފާ ގެއްލުމުގެ ބިރަށްޓަކައި ޝަކުވާ ހުށަހެޅުމަށް މުވައްޒަފުން ފަސްޖެހޭކަން އެ އޮތޯރިޓީން ވެސް ގަބޫލުކުރެ އެވެ. އެހެންވެ، ޝަކުވާ ހުށަހަޅާ މުވައްޒަފުންގެ މައުލޫމާތު އަބަދުވެސް ސިއްރުކޮށް ދޭނެ ކަމަށާއި ޝަކުވާ ހުށަހަޅާ ފަރާތްތައް ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިސާލަކަށް ރޯދަ އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ 3،000ރ. ނުދޭ ކަމުގެ ޝަކުވާ ކޮށްގެން 8،000 ނުވަތަ 9،000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ގެއްލިގެންދާކަށް އެއްވެސް މުވައްޒަފަކު ބޭނުމެއް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން ވެސް މިކުރާ ކަމަކީ ޝަކުވާ ހުށަހަޅާ މުވައްޒަފުންގެ ނަން ސިއްރު ކޮށްދިނުން. ޝަކުވާ ހުށަހަޅާ މުވައްޒަފުގެ ހުއްދަ ނެތީސް އަޅުގަނޑުމެންގެ މުވައްޒަފުންގެ އެ މައުލޫމާތެއް އެއްވެސް ގޮތަކަށް ހާމައެއް ނުކުރާނެ. އެގޮތަށް ހުންނާނެ އަޅުގަނޑުމެން އަމަލު ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ވަޒީފާ ދޭ ފަރާތުގެ ހައްގުތަކާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ސާފުކޮށް ބަޔާންކޮށްފައި އޮންނަ ވަޒީފާއާ ބެހޭ ގާނޫނު ހެދިތާ 10 އަހަރު ވީއިރު ވެސް ހައްގުތަކުން މަހްރޫމް ކުރުމުގެ ސަގާފަތަށް އަދިވެސް ނިކުމެއް ނެތެވެ. ވަޒީފާ ދޭ ފަރާތްތަކުން ކަންބޮޑުވާ މައްސަލަތަކެއް އެ ގާނޫނުގައި ހުރި ކަމަށް ދެކޭ ނަމަ، އޮންނަ އުސޫލުތަކުގެ ތެރެއިން އިސްލާހު ކުރުމަކީ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ. އެކަމަކު އެއީކީ، އެ ގާނޫނުން މިހާރު މުވައްޒަފުންނަށް ކަށަވަރުކޮށްދޭ ހައްގުތަކުން މަހްރޫމް ކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ.