ރިޕޯޓް / ވެކްސިން ދިނުން

ވެކްސިން ޖެހުން ދަށަށް، ކަންބޮޑުވާންވީ ކިހާ ވަރަކަށް؟

މާލޭގައި ކުޑަކުއްޖެއްގެ ގަޔަށް ވެކްސިން ޖަހަން މީހަކު ތައްޔާރުވަނީ: ވެކްސިން ދެވޭ ކުދިންގެ އަދަދު ވަނީ ދަށަށް ގޮސްފައި. --ފޮޓޯ: ހުސެން ވަހީދު/ މިހާރު

ވެކްސިންގެ ރައްކާތެރިކަމާ މެދު ޝައްކުކުރުމާއި ވެކްސިން ޖެހުމާ ދެކޮޅުހެދުމުގެ އަޑުތައް ރާއްޖޭގައި ވެސް ވަރަށް ގަދަވެއްޖެ އެވެ. އެއީ ހަމައެކަނި ވާހަކަތަކެއް ނޫންކަން އެނގެނީ ވެކްސިން ދެވޭ އަދަދަށް އައިސްފައިވާ ހީނަރުކަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ހެލްތު މިނިސްޓްރީން ނެރުނު މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ (އެމްޑީއެޗްއެސް) 2016-2017 ދައްކާ ގޮތުން ރާއްޖޭގައި އަސާސީ ވެކްސިންތައް ފުރިހަމަކުރާ ކުދިން މަދުވެ، އެއްގޮތަކަށް ވެސް ވެކްސިން ނުޖަހާ ކުދިން ވަނީ އިތުރުވެފަ އެވެ. އެގޮތުން، އެ ސާވޭ ފުރަތަމަ ހެދި 2009އާ އަޅާބަލާ އިރު، އުމުރުން އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، އަސާސީ ވެކްސިންތައް ޖަހާފައިވާ ކުދިންގެ ނިސްބަތް 16 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ވެކްސިން ނުޖަހާ ކުދިން ވަނީ ގާތްގަނޑަކަށް އަށް ޕަސެންޓް އިތުރުވެފަ އެވެ.

އުމުރުން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިން ވެސް އަސާސީ ވެކްސިންތައް ފުރިހަމަކޮށްފައިވާ އަދަދު ވަނީ 87 ޕަސެންޓުން 79 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

މި ތަފާސްހިސާބުން، އާއްމު ސިއްހަތުގެ މާހިރުންނަށް އިވިވަޑައިގަންނަވަނީ ނުރައްކަލުގެ ރަނގަބީލެކެވެ.

"ސީރިއަސް މައްސަލައަކީ ވެކްސިން ނުޖަހާ ތިބި ކުދިންނަށް ބަލިތައް ޖެހުމުގެ ނުރައްކާ އޮތްކަން. އެފަދަ ކުދިން ގިނަވާ ވަރަކަށް، އައުޓްބްރޭކެއް އައުމުގެ ނުރައްކާ ދާނީ ބޮޑުވަމުން،" ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހުރިހާ ތަނެއްގައި ވެސް ދަށަށް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަކިވަކިން ބަލާ އިރު ވެސް ވެކްސިންގެ ހާލަތަށް އައިސްފައި ވަނީ އެއްކަހަލަ ބަދަލެކެވެ.

އަސާސީ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ބީސީޖީ، ޑީޕީޓީ، ޕޯލިއޯ އަދި ހިމަބިހި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ 1-2 އަހަރުގެ ކުދިންގެ އަދަދު، 2009އާ އަޅާބަލާ އިރު، އެންމެ ދަށަށް ގޮސްފައިވަނީ (29 ޕަސެންޓް) އެންމެ ދެކުނުގެ ހަތަރު އަތޮޅުގަ އެވެ. ވެކްސިން ޖަހާފައިވާ އެ އުމުރުގެ ކުދިން އެންމެ ގިނަ ކަމަށް ފަހުގެ ސާވޭގައި ދެއްކީ މާލޭގަ އެވެ. އެކަމަކު އެމްޑީއެޗްއެސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލެ އިން ސާވޭގައި ބައިވެރިކުރި ކުދިން މަދުކަމުން އެއީ އެންމެ ބަރާބަރު އަދަދު ކަމަކަށް ނުވާނެ އެވެ.

އެމްޑީއެޗްއެސްގެ ދެ ދިރާސާ އަޅާބަލާ އިރު ވެކްސިން ނުޖަހާ ކުދިންގެ އަދަދު އެންމެ ބޮޑަށް އިތުރުވީ (16 ޕަސެންޓް) "މެދު އުތުރު" ސަރަހައްދު ކަމަށް ބަލާފައިވާ ހަތަރު އަތޮޅުގަ އެވެ. ނ، ރ، ބ، އަދި ޅ. ގައި ކުރިން އެ ނިސްބަތް ހުރީ ސުމެއްގަ އެވެ. ވެކްސިން ނުޖެހުމުގެ މައްސަލަ އެންމެ ކުޑަ ކަމަށް ފާހަގަކުރެވެނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. ހއ، ހދ، އަދި ށ. ގައި އެފަދަ ކުދިންގެ ނިސްބަތް އިތުރުވެފައިވާ ކަމަށް ދައްކަނީ މާލެ އަށް ވުރެ ވެސް ކުޑަކޮށެވެ.

"މި ޓްރެންޑް މި ގޮތަށް ކުރިއަށްދާ ކަމަށް ވަންޏާ އަޅުގަނޑުމެން އެތަކެއް އަހަރު ފަހަތަށް ހިނގައިދާނެ. ނައްތާލެވިފައި އަދި ކޮންޓްރޯލްކުރެވިފައިވާ އެތައް ބައްޔެއް އަނބުރާ އަތުވެދާނެ."

ވެކްސިން ޖަހަން ޖެހޭ އުމުރުގައި ވެކްސިން ފުރިހަމަކޮށްފައިވާ 1-2 އަހަރުގެ ކުދިންގެ އަދަދު 2016-17ގައި ހުރީ 76 ޕަސެންޓުގަ އެވެ. އަދި އުމުރުން 2-3 އަހަރުގެ ކުދިންގެ ތެރެއިން އުމުރާ ގުޅޭ ގޮތަށް ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތަކީ 65 ޕަސެންޓެވެ.

އުމުރުން 1-2 އަހަރުގެ ކުއްޖަކަށް އުމުރާ ގުޅޭ ގޮތަށް ވެކްސިން ދީފައިވާ ކަމަށް ބަލަނީ އަސާސީ ވެކްސިންތަކުގެ އިތުރުން، އުފަންވުމާ އެކު ހެޕްބީގެ ޑޯޒެއް ދީފައިވާ ނަމަ އެވެ. އަދި 2-3 އަހަރުގެ ކުއްޖަކަށް އެކަން ފުރިހަމަވެއްޖެ ކަމަށް ބަލަނީ 1-2 އަހަރުގެ ކުއްޖަކަށް އުމުރާ އެކަށީގެންވާ ގޮތަށް ދޭން ޖެހޭ ހުރިހާ ވެކްސިންތަކެއްގެ އިތުރުން ހިމަބިހި ނުވަތަ އެމްއެމްއާރު ވެކްސިންގެ ދެވަނަ ޑޯޒެއް ދީފައިވާ ނަމަ އެވެ.

އުމުރުން 1-2 އަހަރުގެ ކުދިންގެ ވެކްސިން ކާޑު، ސާވޭކުރި މީހުންނަށް ދެއްކި އަދަދު ވެސް ވަނީ 89 ޕަސެންޓުން 81 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ކުދިން ގޮވައިގެން ވެކްސިން ޖަހަން ދިޔަ ބަޔަކު ދަމަނަވެށީގައި މަޑުކޮށްގެން. ފޮޓޯ: ހުސެން ވަހީދު/ މިހާރު

މި ވަރު ބަދަލެއް އައީ ކީއްވެ؟

ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވާ ގޮތުގައި ވެކްސިން ޖަހާ ކުދިންގެ އަދަދު ދަށަށް ދިޔުމުގެ ފަހަތުގައި ލަފާކުރެވޭ ގިނަ ސަބަބުތަކެއް ވެ އެވެ. އޭގެ ތެރެއިން މައިގަނޑު ދެ ކަމެއް އޭނާ ފާހަގަކުރައްވަ އެވެ. އެއީ ވެކްސިން ޖެހުން ލަސްކުރުމާއި އެކި ކަހަލަ ގޯސް ހީތަކަށް ބިނާކޮށް ވެކްސިން ޖަހަން ފަސްޖެހުން ނުވަތަ ދެކޮޅުވުމެވެ.

ރާއްޖޭގައި ހުރިހާ ބާވަތެއްގެ ވެކްސިނާ ދެކޮޅު ކަމަށް ގިނައިން ފާހަގަކުރެވެނީ، ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، ދީނީ ސަބަބު ދައްކާ މީހުންނެވެ.

"ނުރަނގަޅު ވިސްނުމެއް ގެންގުޅޭތީ މި ގޮތަށް ދެކޮޅުހަދަނީ. އަޅުގަނޑުމެންނަށް ބުނެވޭނީ ރަނގަޅު މަސްދަރުތަކުން މައުލޫމާތު ހޯދާށޭ. ރަނގަޅު ދީނީ އިލްމުވެރިން ގާތު އައްސަވައިގެން އެކަން ކުރިއަށް ގެންދަވާށޭ،" އޭނާ ވިދާޅުވި އެވެ.

އެހެނިހެން ކުށް ގަބޫލުކުރުންތަކާ ހެދި ވަކިވަކި ވެކްސިންތަކާ ދެކޮޅު މީހުން ވެސް ރާއްޖޭގައި ގިނަ އެވެ. މި ފަހުން ހިންގި ވެކްސިން ޕްރޮގްރާމްތަކާ އެކު، ވެކްސިނަކީ ނުކުޅެދުންތެރިކަމާއި ބޮޑެތި ބަލިތައް މެދުވެރިކުރުވާ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ވާހަކަދެއްކި އެވެ. ޑރ. ފައިސަލް ފާހަގަކުރައްވާ ގޮތުގައި ހެއްކެއް ނެތި ދައްކާ އެފަދަ ވާހަކަތަކުގައި ހަގީގަތެއް ނެތަސް، އެ އަޑުތައް އިވިގެން، ދަރިންނަށް ވެކްސިން ދޭން ބިރުގަންނަ މައިންބަފައިން ވެސް އުޅެ އެވެ.

ވެކްސިން ޖެހުން ލަސްކުރުމަކީ ވެސް ސަބަބަކަށް ވެދާނެކަން ފާހަގަކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ޖަހަން ޖެހޭނީ ކަނޑައަޅާފައި އޮންނަ އުމުރަށް ބަލައިގެން ކަމަށެވެ.

"އުމުރާ ގުޅުވައިގެން ވެކްސިން ޖަހަން ޖެހޭނީ. އެ ގޮތަށް އުމުރު ކަނޑައަޅާފައި ހުންނަނީ ސައިންޓިފިކަލީ ބަލާފައި،" އޭނާ ފާހަގަކުރެއްވި އެވެ.

"ކުޑައިރު ބަލި ޖެހިއްޖެއްޔާ ބަލިވުމާއި މަރުވުމުގެ ނުރައްކާ ބޮޑުވާނެ. ވެކްސިން ނުޖަހާ ލަސްކޮށްފައި ހުއްޓާ ބަލި ޖެހިއްޖެއްޔާ އައިސީޔޫގައި ބާއްވަން ޖެހިދާނެ، ނުވަތަ ފުރާނަ އަށް ނުރައްކާވެދާނެ."

ޑޮކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ގްރޭޑް އެކަކަށް ޝަރުތު ހަމަވަނީ ކަނޑައަޅާފައިވާ ވެކްސިންތަކެއް ފުރިހަމަކުރުމުން ކަމަށް ވިޔަސް ވެކްސިން ޖަހާފައި ނެތް ކުދިން ވެސް ސްކޫލްތަކަށް ވައްދަ އެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުދިން ވަރަށް ހަގު އިރު މިހާރު ސްކޫލަށް ވައްދާތީ އެ އުމުރު ދަށްކުރަން ވެސް ޖެހެ އެވެ.

"ސްކޫލްތަކުން [ވެކްސިން ޖަހާފައި ހުރިތޯ] ނުބަލާ ނުވަތަ މިސްވެފައި ހުރޭ،" ފައިސަލް ވިދާޅުވި އެވެ.

"މިހާރު ސްކޫލަށް މި ވައްދަނީ ވަރަށް އަވަހަށް. އެކަމަކު ވެކްސިން ޖަހަން މި އޮންނަނީ ގްރޭޑް އެކަކާ ހިސާބުން. އެހެންވީމާ އެ ސިޔާސަތު ބަދަލުކުރަން ވެސް އެބަ ޖެހޭ."

އެތައް ތަނެއް ފަހަތަށް ހިނގައިދާނެ

ވެކްސިން ދޭ މިންވަރު ދަށަށް ދާ ބައެއް ގައުމުތަކުގައި ކުރީގެ ބައެއް ބަލިތައް އަލުން ދަނީ ފެންނަމުންނެވެ. އެމެރިކާގައި މިހާރު ހިމަބިހި ފެތުރިގެން އުޅޭ މައްސަލައަކީ ވެސް އޭގެ މިސާލެކެވެ. ރާއްޖެ ވެސް އެފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު ސިއްހީ މާހިރުން އިހުސާސްކުރައްވަ އެވެ. އެ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމިއްލަ އަށް ބަލިން ރައްކާތެރިވުމުގެ އިތުރުން އެހެން މީހުން ސަލާމަތްކުރުމަށްޓަކައި ވެސް ވެކްސިން ޖެހުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

"ބަލިތައް އަދިވެސް އާއްމު. ދިވެހިން ގޮސް އުޅޭ އޭޝިއާގެ ގިނަ ގައުމުތަކުގައި އަދިވެސް ހިމަބިހި އެބަ އުޅޭ. ބަލި ނައްތާލެވިފައި ހުރި ގައުމުތަކުން ވެސް އަނެއްކާވެސް ބަލި އެބަ ފެނޭ. ހިމަބިހި، ކަރުފޮޅު އަދި ހޯއްގޮވާ ކެއްސުމުގެ އައުޓްބްރޭކްތައް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބަލިތައް މިހާރު ނުފެންނަނީ ވެކްސިންގެ ސަބަބުން. އެކަމަކު އެ ބަލިތައް ނުފެންނާތީ، ބަލިން ރައްކާތެރިވުމުގެ މުހިއްމުކަން މީހުންނަކަށް އިހުސާސެއް ނުކުރެވޭ."

ރާއްޖޭގައި ވެކްސިން ޖަހަން ފެށީ 1967ގައި ވާބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔުމާ ގުޅިގެންނެވެ. އޭރު މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެކި ފަހަރު މަތިން ވެކްސިން ދިނެވެ. މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ހިންގީ 1976ގަ އެވެ. އެއާ އެކުއެކީގައި ކުރިއަށް ގެންދިޔަ، ޓީބީ އާއި ޖުޒާމް ބަލީގެ ސާވޭތައް 1980ގައި ނިންމާލި އިރު ވެކްސިންދިނުން މެދުކަނޑާލި އެވެ. އެ ޕްރޮގްރާމް އަލުން ފެށީ 1985ގަ އެވެ.

ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ވެކްސިން ޖަހައިދޭން ފެށުމާ ގުޅިގެން، ވެކްސިން ދެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވި އެވެ. އަދި ރާއްޖެ އިން ވަނީ، ވެކްސިން ލިބިފައިވާ ކުދިންގެ އަދަދު ހުންނަން ޖެހޭ މިންވަރަށް ގެންގޮސް، "ޔުނިވާސަލް އިމުނިޒޭޝަން" އަމާޒު 1989ގައި ހާސިލްކޮށްފަ އެވެ. ވެކްސިން ޖަހާފައި ނެތް ނަމަ ގްރޭޑް އެކަކަށް ނުވައްދާ ގޮތަށް ތައުލީމީ ސިޔާސަތު ކަނޑައެޅީ ވެސް ވެކްސިން ލިބިފައިވާ ކުދިންގެ މަތީ އަދަދު ދަމަހައްޓާށެވެ.

ހަރުދަނާ ވެކްސިން ޕްރޮގްރާމަކާ އެކު، ރާއްޖެއަކީ ވެކްސިންގެ އެހީގައި ބަލިތަކުން ރައްކާތެރިކަން ހޯދުމުގެ ނަމޫނާ ގައުމެކެވެ. ކަށިވިދުރި، ވާބަލި، ކަރުފޮޅު، ހޯއްގޮވާ ކެއްސުން އަދި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ރާއްޖެ އިން ނައްތާލެވުނީ ވެކްސިން ދީގެންނެވެ. މައިންނާއި ޅަދަރިންނަށް ނުރައްކާ ބޮޑު އިދިފުށަށް ދަމާ ބަލިން ވެސް ވަނީ ރައްކާތެރިވެވިފަ އެވެ.

އެކަމަކު އެފަދަ ބަލިތައް އަނެއްކާވެސް ތަހައްމަލްކުރަން ޖެހިދާނެ ކަމާ މެދު ވިސްނަން ވެއްޖެކަން ތަފާސްހިސާބުން އެބަ އެނގެ އެވެ.

"މި ޓްރެންޑް މި ގޮތަށް ކުރިއަށްދާ ކަމަށް ވަންޏާ އަޅުގަނޑުމެން އެތަކެއް އަހަރު ފަހަތަށް ހިނގައިދާނެ. ނައްތާލެވިފައި އަދި ކޮންޓްރޯލްކުރެވިފައިވާ އެތައް ބައްޔެއް އަނބުރާ އަތުވެދާނެ،" ޑރ. ޖަމްޝީދު އިންޒާރުދެއްވި އެވެ.

52 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 41%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުލޮރިފާ

18 April 2019

މިއީ ފުރިހަމަ ބާރު ލިބިގެންވާ މަޖިލީހަށް ގައުމަށްޓަކާ ކޮށްދެވިދާނެ ރަނގަޅު ކަމެއް.. ވެކިސިން ޖެހުމަށް ހާއްސަ ކޮށް ޕޯލިއޯ...

The name is already taken The name is available. Register?

ވެކްސިނުން ގެއްލުން ލިބޭ

17 April 2019

އެމެރިކާގައި ވެކްސިން އިން ލިބޭ ގެއްލުމަށް ބަދަލުދިނުމަށް އެތައް މިލިޔަނެއް ޙަރަދުކުރޭ (ވެކްސިން އިންޖަރީ ކޮމްޕެންސޭޝަން ޕްރޮގުރާމުގެ ދަށުން). ލިބޭ ގެއްލުމާބެހޭ ގޮތުން ކީއްވެގެންތޯ ރާއްޖޭގެ ޑޮކްޓަރުން ހިމޭންވަނީ؟ ކީއްވެގެންތޯ ރާއްޖޭގައި ވެކްސިނުން ލިބޭ ގެއްލުންތައް ނުބަލަނީ އަދި ބަދަލު ނުދޭންވީ؟ ވެކްސިންއާ އެކު އެ އުފައްދާ ކުންފުނީގެ ލިޔުން ތިޔައިން ޑޮކްޓަރެއް ކިާފައިވޭތޯ؟ ގެއްލުންދޭ ވެކްސިން ޕްރޮމޯޓުކުރާނީ އިންސާނިއްޔަތު ކަމެއް ނެތުމުން.

The name is already taken The name is available. Register?

ކާސިމުބޭ

17 April 2019

އޮތީ އެންމެ ސުވާލެއް ތިވެކްސިންތަކަކީ މީގެ ސާޅިސް އަހަރު ކުރިން ޖަހަން ފެށި އެއްޗެއް ވެކްސިން ޖެހުމަކީ ތިބުނާހާ ފައިދާހުރި ބަލިތަކާ ދުރުވާކަމަކަށްވާނަމަ މިވަރަށް ބަލިގިނަވެގެން އުޅެނީ ކީއްވެހޭ. އެނގިފައިވާގޮތުން ވެކްސިން އަކީ ބަދަލުވާން ޖެހޭއެއްޗެއް ވައިރަސް ދަނީ ބަދަލުވަމުން މިދިޔަ އަހަރު އިންފުލެންޒާއަށް ވެކްސިންޖެހިމީހުން މިއަހަރުވެސް ޖަހަންޖެހޭނެޔޭ ޓީވީން އެބަކިޔާ ދެން 40 އަހަރުވީ ދިރާސާއަކަށް ވެކްސިންޖަހާކަށް ބޭނުމެއް ނުވާނެ ކިޔަވަިގެން ތިބޭކުދިންނެއް

The name is already taken The name is available. Register?

އަހުމޭ

17 April 2019

ވެކްސިން ނުޖެހުމަކީ ކުދިންނައްދޭ އަނިޔާއެއްގޮތުގައި ގާނޫނުގައި ލިޔަން އެބަޖިހޭ. އެފަދަ މައިންބަފައިންނައް ގާނޫނީ ފިޔަވަޅު އެޅެން އެބަޖިހޭ. މިއީ ގައުމީ ސަލާމަތައްވެސް ނުރައްކާ ކަމެއް.

The name is already taken The name is available. Register?

ހަމަ ތެދެއް؟

17 April 2019

ތިހެންވީ އިރު ރަނގަޅު ކާނާ ވެސް މަޖުބޫރުކުރަންވީ. ސިނގިރޭޓު، އެނަރޖީ ޑްރިންކު، ސޮސެޖު، ކޮކާ ކޯލާ ވެސް އެތެރެކުރުން މަނާ ކުރަންވީ. ސިއްހަތައް ބަލައިގެން މަޖުބޫރެއް ނުކުރެވޭނެ އެކަމުގެ ފުރިހަމަ ޒިންމާ ނުނެގޭނެ ނަމަ. އެމެރިކާގައި ވެކްސިންއިން ލިބޭ ގެއްލުމަށް އެެތައް މިލިޔަނެއް ކޮންމެ އަހަރަކުދޭ، މިރާއްޖޭގައިވެސް ބަދަލު ދެވެންޔާ މަޖުބޫރުކުރެވޭންވާނީ.

The name is already taken The name is available. Register?

ނުހާޖި

17 April 2019

ރައީސް މައުމޫން ވަރެއް ނެތް. އޭރު ވެކްސިން ޖެހުމަށް ދެއްވި އަހަންމިއްޔަތުގެ ބޮޑުކަމުން ވަރަށް ބޮޑު ހޭލުންތެރިކަމެއް އިތުރުވެގެންދިޔަ. ހޭލުންތެރިކަން އިތުރުކުރުމަށް މިހާރު ކުރަނީ ކޮން މަސައްކަތެއްބާ

The name is already taken The name is available. Register?

މުދީރު

17 April 2019

މަޢުލޫމާތު ހޯދުމަށް https://www.vaccineinjury.info/survey/comparison-of-the-state-of-health-of-unvaccinated-and-vaccinated-children.html

The name is already taken The name is available. Register?

އަހުމޭ

17 April 2019

ހަހަހަހަހަ. ވެކްސިން އިންޖުރީ . އިންފޯރ. ހާދަ ސަޅި ލިންކެކޭ. ޑަބްލިއު. އެޗް. އޯ ނުވޭ އެކައްޗަކަށްވެސް. ހާދާފަހުރި ރިސާޗްތައްވެސް ފުނި ޖެހިފަ ދެއްތޯ. ކީކޭ ބުނާނީ. ނުކިޔަވާ ތިބެ މީހުން މަގުފުރެއްދުން ނޫން ކަމެއް ނުކުރޭ. އިނގޭތަ ޕީ ވެލޫ އެއީ ކޯއްޗެއްކަން؟

The name is already taken The name is available. Register?

ވެކްސިމްދޯ2019

17 April 2019

ވެކްސިން ނުދީ ތިބޭ ބަންގާޅީންގެ ފަރާތުން ޖެހޭ ބަލިތަކުގެ ވާހަކަ ނުދައްކަނީ ކީއްވެތަ؟ އެމީހުންގެ ކިބައިން ހާދަ ބަލިތަކެއް ޖެހޭނޭ.

The name is already taken The name is available. Register?

ޔަމަން ކަރަ

17 April 2019

އެވާހަކަ ދެއްކިޔަސް ނުދެއްކިޔަސް އަހަރެމެންގެ ދަރިންނަށް ވެކްސިން ޖެހިދާނެއެއް ނޫންތަ؟

The name is already taken The name is available. Register?

އެޑްމުންޑޯ

17 April 2019

ވެކްސިން ދޭތާ 30 ހަކަށް އަހަރުވެ ވެކްސިންދޭބަލިތަކުން ސަލާމަތްވެފައިވާއިރު ކުއްލިއަކަށް މިދެތިން އަހަރުދުވަހުތެރޭ މިކަމެއް މެދުވެރިވެގެނ މިއުޅެނީ ކޮން ނޭދެވޭ އަސަރެއްކުރާތީ ، ވެކްސިން ދީފައިވާ އުމުރުފަރާ އަށްވުރެ ވެކްސިން ނުޖަހަ އުމުރުފަރާގެ މީހުންނަށް ޖެހޭ ބަލިތަކާއި ކަންތައް މާބޮޑު ،

The name is already taken The name is available. Register?

ކެވެލި

17 April 2019

އެއީ މިފަހަކަށް އައިސް ބައެއް މީހުންގެ ބޯ ކާލައިގެން އެމީހުންގެ ދަރިންނަށް ވެކްސިން ނުޖަހާތީ!

The name is already taken The name is available. Register?

ހީނާ

17 April 2019

ނޭވާހިއްލުމާއި އޯޓިޒަމް އަށް މަގުފަހިވާކަމަށް އޮސްޓްރޭލިއާގެ ނޫހަކުން 2009 ގަ ރިޕޯޓް ކުރި ހިސާބުން އެޤައުމުގަ ވެސް އެންޓި ވަކްސިނޭށަން ކެމްޕޭންގެ އަޑު ގަދަވި

The name is already taken The name is available. Register?

އެމެރިކާ

17 April 2019

އެމެރިކާގައި 18 އަަހަރު ފުރޭއިރު 70 ވެކްސިންދޭ. މުޅި ދުނިޔެއިން ވެސް އޯޓިޒަމް އެގައުމުގައި ގިނައީ ކީއްވެތޯ ސުވާލުކޮށްލާ. ސީ.ޑީ.ސީ ގެ ސައިންޓިސްޓެއް އަމިއްލަ އަށް އިރުތިފާރުވި، އޯޓިޒަމް އަދި ވެކްސިންއާ ހުރި ގުޅުމުގެ ވާހަކަ ރިޕޯޓުތަގައި ނުހިމަނާ ކަމަށް. ލަސްވުމުގެ ކުރިން، ވެކްސިން ކުންފުނިތަކުގެ ވަކިތަކުން ސަލާމަތްކަން ހޯދާ!

The name is already taken The name is available. Register?

ހޭބަލިމިތުރު

17 April 2019

މިގައުމުގަ ބަލިތައްގިނަވެގެން މިއުޅެނީ ވެކްސިން ނުޖެހިގެނެއްނޫން. ބޮޑުރޯގާ އެއްހެން ކޮންޓްރޯލްނުވެ ފެތުރެމުންދާ ބަންގާޅީންނާހުރެ. ވެކްސިންތައް ޖަހާފަތިބި ބައެއްތޯ ނޫނީ ރަގަޅައް މެޑިކަލް ޗެކްނުވިޔަސް ފައިސާލިބޭތީ އެތެރެކުރަނީ. މީގެ ޒިމްމާނަގަންޖެހޭނީ ސަރުކާރުން. ދެންމިހާރު އަބަދު އެވެޖްސިން މި ވެކްސިން ޖަހަން ގޮވާއިރު ހިންގާ ވިޔަފާރިއެކޭ ހީވާވަރުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454