ރިޕޯޓް / އައްޑޫ ނޭޗާ ޕާކް

އައްޑޫ ނޭޗާ ޕާކް: ގުދުރަތީ ހިތްގައިމުކަމުގެ ދެވަނައެއް ނެތް!

އައްޑޫ ނޭޗާ ޕާކް ހިމެނޭ ސަރަހައްދުގެ ރީތި މަންޒަރެއް.---ފޮޓޯ: އަހުމަދު މަޒޫމް

20 ޖުލައި 2019 - 12:54

16 comments

ސީނިއާ ޕާކް ވޯޑް، އަބްދުލް ހާދީ މުހައްމަދާ އެކު ނައްޓާލުމުގެ ކުރިން ހޭދަވާނެ އިރެއް އަހަރެން ނުބަލަމެވެ. ހިތުގައި އޮތީ ބައިގަޑިއެއްހާއިރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ނުވަތަ އެ އަށް ވުރެ ވެސް އަވަހަށެވެ. އެހެންވެ، ކުރިން ހަމަޖެހިފައި ނެތް އިންޓަވިއުއެއް 30 މިނިޓު ފަހަށް ސެޓު ކޮށްލީމެވެ. ވާނީ އެހެންނެވެ. ޓުއާ ފެށިއިރު ހުރެވުނީ ކުޑައިރުގެ ހަނދާންތަކާ ކޮންމެވެސް ވަރަކަށް ގުޅިފައިވާ ތަނެއްގަ އެވެ. އެތައް އަހަރެއް ފަހުން، "އައްޑޫ ނޭޗާ ޕާކް" ގެ ނަމުގައި ތަނެއް ހެދިޔަސް އީދިގަލި ކިޅިން ފެށިގެން މަޝްހޫރު ކޯއްޓޭއާ ހަަމައަށް މާ ގިނަ ވާހަކަތަކެއް ބަޔަކަށް ކިޔައި ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެއީ އަހަރެން ހަނދާން ހުންނަ ދުވަސްވަރު ވެސް ބޮޑު ސިންގާ ވަލެކެވެ.

ޓުއާ ފެށުމަށްޓަކައި ބަގީގައި ހަމަޖެހިލުމަށް ފަހު، ފުރަތަމަ ސުވާލަކަށް ކޮށްލީ ހޭދަވާނެ ވަގުތެވެ. ހާދީ ބުނިގޮތުގައި ތިން ކިލޯ މީޓަރުގެ މި ދަތުރަށް ގަޑިއެއްހާއިރު ނަގާނެ އެވެ.

"އެހާ ބައިވަރު ކަންކަން މިތަނުގައި އެބަ އޮތްތަ؟" ސުވާލު ކޮށްލީމެވެ.

"މިއީ ހަމްދޫންމެން ކުޑައިރު ކުޅެން އުޅުނު ތަނެއް ނޫން މިހާރު. އެ އަށް ވުރެ މާ ގިނަ ކަންކަން އެކްސްޕްލޯކޮށް، ބޭނުން ހިފޭނެ މިހާރު،" ހާދީ ބުންޏެވެ.

އެއީ ރަނގަޅު ވާހަކައެކެވެ. އައްޑު އަކީ އަހަރެމެން ކުޑައިރު ތިމާވެއްޓާ މެދު ހޭލުންތެރިކުރުވަން މާ ގިނަ ކަންތައްތަކެއް ކުރި ތަނެއް ނޫނެވެ. އައްޑު އަށް ޒިޔާރަތްކުރާ މީހުން ސައިޓް ސީން އަށް ދާނެ މާ ގިނަ، އަދި ޝައުގުވެރި ތަންތަނެއް ވެސް ނުހުރެ އެވެ. ހިތަދޫގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލީމާ އެ އޮތީ ތަންތަން ބެލިފަ އެވެ. ތިމާވެށީގެ ޓުއާ ގައިޑުންނެއް ނުތިބެ އެވެ. ހިތަދޫން ނަމަ އީދިގަލި ކިޅި އާއި ކޯއްޓޭ އާއި އޮޑެއްސައު ސަރަހައްދަކީ ހަމައެކަނި ކާއްޓާއި ދަރު ހޮވާ ވަލެވެ. ދެން އޮންނަ ކަމަކީ އެ ތަނަށް ޕިކްނިކް ދިއުމެވެ. އެ ތަންތަނުގެ މައުލޫމާތު ދޭނެ މީހަކު ނުހުންނާނެ އެވެ. އަދި ތާރީޚީ ގޮތުން އެ މައުލޫމާތު ކިޔައިދޭނެ ބަޔަކު ވެސް ނުތިބެ އެވެ. އަހަރެމެން އައްޑޫ މީހުން ބުނާ ގޮތުން ނަމަ އެއީ ހަމަ ވަލެކެވެ.

އައްޑޫ ނޭޗާ ޕާކް ބަލަން ދިއުމަށް ބޭނުންކުރާ ބައިސިކަލްތައް.---ފޮޓޯ: އަހުމަދު މަހްޒޫމް

އެކަމަކު މިއަދު އީދިގަލި ކިޅި އާއި ކޯއްޓޭ ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް، އިކޯ ޓޫރިޒަމަށް ޚާއްސަ ވެއްޖެ އެވެ. މިދިޔަ އަހަރު ހުޅުވި ނޭޗާ ޕާކާ އެކު އައްޑޫގެ ތިމާވެށީގެ ތާރީޚު މިވަނީ ބަދަލުކޮށްލައިފަ އެވެ. ބޭރު ގައުމުތަކުގައި ހުންނަ ގޮތަށް ޓިކެޓު ކަނޑައިގެން، ޓުއާ ގައިޑުންނާ އެކު ވަދެ ބަލައިލެވެ އެވެ. މިއީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި އަދި ވޯލްޑް ބޭންކުން މެނޭޖު ކޮށްގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި ހެދި ނޭޗާ ޕާކެކެވެ. މި ޕްރޮޖެކްޓުގައި ރާއްޖެ އިން އިސްކޮށް އުޅޭނީ އެންވަޔަރުމެންޓް މިނިސްޓްރީ އެވެ. އެފަދަ އެހެން ޕާކެއް ފުވައްމުލަކުގައި ވެސް އޮވެ އެވެ.

އެކަމަކު، ފުވައްމުލަކާ ޚިލާފަށް އައްޑޫ ނޭޗާ ޕާކްގެ ޓުއާގައި ބަލާނެ ތަންތަނާއި ކުރާނެ ކަންކަން މާ ގިނަ އެވެ.

އައްޑޫ ނޭޗާ ޕާކްގެ މަންޒަރެއް: މި ތަނަށް ޒިޔާރަތް ކުރާ މީހުންގެ 90 ޕަސެންޓަކީ ދިވެހިން.---ފޮޓޯ: އަހުމަދު މަހްޒޫމް

އައްޑޫ ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅި އާއި ކޯއްޓޭގެ އިތުރުން ފަޅުރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، ކޯހެރަ އަދި ކައްބޯހެރަ އެވެ. މީގެ އިތުރުން ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ހިމާޔަތް ކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1،145 ހެކްޓަރެވެ.

ކޮމިއުނިޓީ ބޭސްޑް އިކޯ ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީ ކޮށްފައިވާ އައްޑޫ ނޭޗާ ޕާކްގެ ބައެއް ސަރަހައްދުތަކުގައި ވަނީ ހިތްގައިމު މަންޒަރުތައް ފޮޓޯ ނަގާށާއި ފަސޭހައިން ތަންތަން ބެލޭނެ ގޮތަށް ފާލަންތަކެއް ހަދައިފަ އެވެ. މި ތަނުގައި ސްނޯކަލިން އަށް ދާނެ ޚާއްސަ ޕޮއިންޓެއް ވެސް އެބަ އޮތެވެ. ޑައިވިން ޕޮއިންޓެއް އޮވެ އެވެ. ކެނޯ ދުއްވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ސްނޯކަލިން އަކީ އައްޑޫ މީހުންނަށް ލިބުނު އާ ފުރުސަތެކެވެ. ރީތި މޫދު ނެތް ތަނަކަށް ވާތީ، ކުރިން ސްނޯކަލިންއަށް ދިއުމަކީ އައްޑޫ މީހުންގެ އާދައެއް ނޫނެވެ.

އައްޑޫ ނޭޗާ ޕާކްގެ ޚިދުމަތްތައް:

- ތާރީޚީ ތަންތަން ކިޔައި ދިނުން (ގައިޑެޑް ޓުއާ)

- ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓު.

- މަންތާ ޕޮއިންޓު (ޑައިވިން ޕޮއިންޓު)

- ސްނޯކަލިން. (ގައިޑެޑް ސްނޯކަލިން)

- ކެނޯ ދުއްވުން.

- ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުން.

- ޕިކްނިކް ދިއުން.

"ސްނޯކަލިން އަށް ޚާއްސަ ޕޮއިންޓެއް ހެދުމަކީ އައްޑޫ މީހުންގެ ޝައުގުވެރިކަން އިތުރުވި ކަމެއް. ހުޅުމީދޫން ވެސް މީހުން އަންނާނެ ސްނޯކަލިން އަށް އެކަނި. ސްނޯކަލިން އޭރިއާ އިން ފެންނާނެ އީގަލް ރެއިސް އާއި ޓާޓަލް ފަދަ އެއްޗެހިތައް،" ހާދީ ބުންޏެވެ.

އޭނާ ބުނިގޮތުގައި އައްޑޫ ނޭޗާ ޕާކް، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެހެން ތަންތަނާ މާ ބޮޑަށް ވެސް ތަފާތެވެ. އެގޮތުން، ސީ ގްރާސް ބެޑަކާއި ރާއްޖޭގެ ނިސްބަތުން މާސިންގާ ވެޓްލޭންޑެއް މި ސަރަހައްދުގައި އެބަ އޮތެވެ.

އައްޑޫ ނޭޗާ ޕާކް ހިމެނޭ ސަރަހައްދުގައި މީގެ 500 އަހަރު ކުރިން މީހުން ދިރިއުޅުނެވެ. އޭގެ ފަހުން އިނގިރޭސިން ވެސް މި ސަރަހައްދުގައި އުޅެފައިވެ އެވެ.

"އެއްވެސް އިރަކު މި ތަން ތިމާވެށީގެ ތަނެއްގެ ގޮތުގައި ބެލެހެއްޓިފައެއް ނެތް. ވެލި ނެގުން ފަދަ ކަންކަން އޭރުއްސުރެ ދިޔައީ ކުރަމުން،" ހާދީ ބުންޏެވެ.

ނޭޗާ ޕާކްގައި ހިމެނޭ އީދިގަލި ކިޅި އަށް ޚާއްސަ ދޫނިތަކެއް ބަރާބަރަށް އެ ތަނަށް ޖައްސަ އެވެ. އެ ދޫނިތައް އުޅެނީ އެ ސަރަހައްދުގަ އެވެ. އޭގެ ތެރޭގައި ހުވަދޫ ރާބޮނދި، ދޮންދީނި އަދި މާކަނާ ފަދަ ދޫނިތައް ހިމެނެ އެވެ.

އައްޑޫ ނޭޗާ ޕާކްގެ ކިޅިއެއްގައި ދޫންޏެއް ޖައްސާފައި: މި ތަނުގައި ދިރިއުޅޭ ޚާއްސަ ދޫނިތަކެއް އުޅޭ.---ފޮޓޯ: އަހުމަދު މަހްޒޫމް

"ކޮންމެ އަހަރަކު ވެސް 180 ވައްތަރުގެ ދޫނި މި ތަނުން ފެންނާނެ. ޑިސެމްބަރު މަހު ޚާއްސަކޮށް ތަފާތު ބާވަތްތައް ފެންނާނެ. މާކަނާ ފަދަ ދޫނިތައް ބިސް އަޅައިގެން އާންމުކޮށް އުޅޭނީ މިތަނުގައި އޮންނަ ހޭޅިފަށުގައި،" އޭނާ ބުންޏެވެ.

ނޭޗާ ޕާކުގެ އެންމެ ހިތްގައިމު އެއް ކަމަކީ ކެނޯ ދުއްވުމެވެ. ރާއްޖޭގައި އާންމުކޮށް ކެނޯ ދުއްވަނީ ފަރުތައް ކައިރީގައި ކަމަށް ވިޔަސް އައްޑޫ ނޭޗާ ޕާކްގައި އެކަން ތަޖުރިބާ ކުރަނީ މެންގްރޫ ގަސްތައް ހިމެނޭ ބޮޑު ސަރަހައްދެއްގަ އެވެ. ކެނޯ ދުއްވާ މީހުންނަށް އެ ތަކެތި ނޭޗާ ޕާކުން ފޯރުކޮށްދެ އެވެ. އަދި ކެނޯ ދުއްވުމުގައި ތަނުގެ ކަމާ ބެހޭ މުވައްޒަފުންގެ އެހީތެރިކަން ލިބެ އެވެ.

އައްޑޫ ނޭޗާ ޕާކްގައި ކޯއްޓޭ ސަރަހައްދުގައި ބަޔަކު ކެނޯ ދުއްވަނީ: މިއީ ކެނޯ ދުއްވަން ހިތްގައިމު ތަނެއް.---ފޮޓޯ: އަހުމަދު މަހްޒޫމް

"...އެހެންވެ ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ. އަނެއްކާ އަހަރެމެން ކެނޯ މި ދުއްވަނީ ބޮޑު ސިންގާ ނާސަރީއެއްގެ ތެރޭގައި. އެތަނުން ފެންނާނެ ބޭބީ ޝާކްސް އާއި އީގަލް ރެއިސް އާއި ސްޓިންގް ރެއިސް ފަދަ ތަފާތު ވައްތަރުގެ މަސްތައް،" ހާދީ ކިޔައިދިނެވެ.

ނޭޗާ ޕާކްގެ އެންމެ ހިތްގައިމު އެއް ކަމަކީ ބޮޑު ސިންގާ މެންގްރޫތަކެވެ. މެންގްރޫތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ދޫނިތައް ދިރިއުޅެ އެވެ. އޭގެ ތެރޭގައި ހުވަދޫ ރާބޮނދި އާއި ރާބޮނދި އާއި ބުޅިތުނބާއި ފުރެއްދެ އިލޮހި އާއި އައްޑު އަށް ޚާއްސަ ދޮންދީނި އަދި މާކަނާ ހިމެނެ އެވެ. އެ ތަކެތީގެ ގޮވެލިތަކުން އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ނޭޗާ ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ލިބެ އެވެ.

ދަނޑުވެރިކަމަށް ވެސް ޚާއްސަ ސަރަހައްދު

އައްޑޫ ނޭޗާ ޕާކް ހިމެނޭ ސަރަަހައްދަކީ އެންމެ ކުރިއްސުރެ ފެށިގެން ހިތަދޫ މީހުން ދަނޑުވެރިކަން ކުރި ތަނެކެވެ. ކާށި ހޮވަން އޭރު ވަންނަ އެއް ތަނަކީ މި ވަލެވެ. އެހެންވެ، މި ތަނުގައި ނޭޗާ ޕާކެއް ހެދިޔަސް ދަނޑުވެރިކަމަށް ޚާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅައި ފެންސް ޖަހައިފަ އެވެ. އެތަނުގައި މިވަގުތު 11 މީހަކު ދަނޑުވެރިކަން ކުރެ އެވެ.

އެ މީހުންގެ ޕްލޭނަކީ ނޭޗާ ޕާކަށް ޒިޔާރަތް ކުރާ މީހުން ދަނޑުތަކަށް މަޑުކޮށްލުމަށް ފަހު، އެއްޗެހި ގަނެގެން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އަދި ޕާކަށް ދާ މީހުންނަށް ވަގުތުން ޖޫސް ގިރާފައި ދެވޭނެ ގޮތް ފަހުން ހަމަޖައްސަން ދަނޑުވެރިން ބޭނުންވެ އެވެ.

ނޭޗާ ޕާކްގައި ދަނޑުވެރިކަން ކުރާ 11 މީހުންގެ ތެރެއިން އެކެއްގެ ދަނޑު ވަރަށް ފަހަކާ ޖެހެންދެން އޮތީ ރާ ވެރިކަން ކުރުމަށް ޚާއްސަކޮށްފަ އެވެ. އެ މީހާ އެކަމުގެ ތެރެއަށް ނުކުތީ ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގި ކޯހަކުންނެވެ.

ނޭޗާ ޕާކްގެ ތެރޭގައި ހިމެނޭ ވަލުތެރެއިން ކާށި ހޮވުމަށް ޚާއްސަ ހުއްދައެއް ވަނީ ދީފަ އެވެ. އެ އޮންނަ އުސޫލުގެ ތެރެއިން ކޮންމެ ދުވަހެއްގެ ހެނދުނު ހައެއްގެ ފަހުން، ނޭޗާ ޕާކް ހިމެނޭ ސަރަހައްދުގެ ވަލުން ކާށި ހޮވުމުގެ ފުރުސަތު އޮވެ އެވެ.

"އަޅުގަނޑުމެން ކުރި ސާވޭއަކުން ދެއްކީ ކާށި ހޮވައިގެން ރަނގަޅު އާމްދަނީއެއް ހޯދާކަން. ސާވޭގައި ސުވާލުކުރި އެކަކު އޭނާގެ ގޭގެ ސިޓިން ރޫމް ދައްކާފައި ބުނީ އެ ތަން ހެދީ މި ވަލުން ހޮވި ކާށި ވިއްކައިގެން ލިބުނު ފައިސާއިންނޭ. އެހެންވެ، އަޅުގަނޑުމެން ނިންމީ ކާށި ހޮވުން ކުރިއަށް ގެންދަން،" ހާދީ ބުންޏެވެ.

އައްޑޫ ނޭޗާ ޕާކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ގުދުރަތީ މުއްސަނދިކަމެއް ނޫނެވެ. އެއީ އެވޭލާ ޒަމާނުގައި މީހުން ދިރިއުޅުނު ތަނަކަށް ވާތީ، ބައެއް މީސްމީހުންގެ މަހާނަތައް އަދި ބުދު ފައްޅިތަކުގެ އަސަރު ކޮންމެވެސް ވަރަކަށް އެބަ ހުއްޓެވެ.

"ބޮޑަށް ހީވަނީ އެ ޒަމާނުގައި މަސްވެރިން މަހަށް ގޮސްފައި ތިއްބައި މަރުވީމާ ގެނެސް ވަޅުލަނީ ކަމަށް. އޭގެ ފަހުން ބައެއް މީހުން ނަދުރު ބުނަން ވެސް ޒިޔާރަތްތައް ބޭނުންކުރިކަން އެނގެން އެބަހުރި. މަހާނަތަކުގައި ދިދަ ވެސް ޖަހާފައި އެބަހުރި،" ހާދީ ބުންޏެވެ.

ސީނިއާ ޕާކް ވޯޑް އަބްދުލް ހާދީ، ނޭޗާ ޕާކާ ގުޅޭ މައުލޫމާތު "މިހާރު" އަށް ކިޔައިދެނީ.---ފޮޓޯ: އަހުމަދު މަހްޒޫމް

ނޭޗާ ޕާކްގެ ޓުއާގެ ތެރެއިން، އެ ތަނާ ގުޅުވައިގެން ހާދީ ކިޔައިދިން ތާރީޚީ މައުލޫމާތުތައް ވެސް އެހާމެ ޝައުގުވެރިވި އެވެ. އޭގެ ތެރޭގައި ކޯއްޓޭ ސަރަހައްދުގައި އޮންނަ މަޝްހޫރު "ރަނިންހަނާ" ފެންގަނޑާއި އިނގިރޭސިންގެ ދުވަސްވަރު ހެދި "ދިއްވާ ފެންގަނޑު" ގެ ވާހަކަތައް ފާހަގަކުރެވެ އެވެ. ކުރިންސުރެ ދައްކާ ވާހަކަތަކަށް ބަލާއިރު "ރަނިންހަނާ" ފެންގަނޑަކީ "ޕަރީންތައް" ފެންވަރާ އުޅުނު ތަނެވެ. އެކަމަކު މިހާރު އޭގެ އެހެން ވާޝަން ވެސް ވަނީ އުފަންވެފަ އެވެ.

"ބައެއް މީހުން ބުނެ އެޅޭ ދިއްވާ ފެންގަނޑުން ފެން ވެރީމާ މުސްކުޅިއެއް ނުވާނެއޭ. އެ ފެންގަނޑުގައި ޕަރީން [އަދިވެސް] އުޅެއޭ،" އިހުޒަމާނުގައި ދައްކާ ވާހަކަތަކާ ބެހޭ ގޮތުން ހާދީ ބުންޏެވެ.

މި ޕާކްގެ ތެރޭގައި، އިނގިރޭސިން އައްޑޫގައި އުޅުނު ޒަމާނުގެ ހަނދާންތައް ކޮންމެވެސް ވަރަކަށް އެބަ ހުއްޓެވެ. އެ މީހުންގެ ބޭސްއެެއްގެ ގޮތުގައި އެ ދުވަސްވަރު ހިތަދޫ ކޯއްޓޭ ސަރަހައްދު ބޭނުންކުރި އެވެ. އެކަމަކު، އިނގިރޭސިން އޭރު ބޭނުންކުރި ގިނަ އެއްޗެހި ވަނީ ހަލާކުކޮށްފަ އެވެ. އަދި މި ސަރަހައްދުގައި ހުރި އިމާރާތްތައް ވެސް ވަނީ ތަޅާލައިފަ އެވެ.

އައްޑޫ ނޭޗާ ޕާކާ ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދިނުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދު.---ފޮޓޯ: އަހުމަދު މަހްޒޫމް

އައްޑޫ ނޭޗާ ޕާކުން ފެންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ނަލަކަމުގެ މަންޒަރުތަކެވެ. ތަފާތު ދިރުންތަކުގެ މާހައުލެކެވެ. ހިތްހަމަޖައްސާލަން އެވަރުގެ ދެވަނައެއް ނެތްކަމުގެ ކުލަތަކެވެ.

މިހާރު ވެސް ހައި ސީޒަންގައި ހަފުތާއަކު 1،200 އެއްހާ މީހުން މި ތަނަށް ޒިޔާރަތް ކުރެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓަކީ ދިވެހިންނެވެ.

ގަޑިއެއްހާއިރުގެ ޓުއާ ނިއްމާލިއިރު، އައްޑޫގައި ވެސް ތާރީޚީ އަދި ގުދުރަތީ މުއްސަނދިކަން އޮތްކަން ކަށަވަރުވި އެވެ. ކާއްޓާއި ދަރު ހޮވަން ހާއްސަ ސަރަހައްދު މިއަދު މިއޮތީ ރާއްޖެ އިން މަދުން ނޫނީ ނުފެންނާނެ ވަރުގެ ގުދުރަތީ ރީތިކަމެއްގެ ތެރޭގަ އެވެ.

16 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 2%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2366

21 July 2019

ކުޅުދުއްފުށީ މީހުން ބުނީ ތިޔަތާ އެއަރޕޯޓެއް އަޅާލާށޯ!

The name is already taken The name is available. Register?

ޖުހާ

20 July 2019

ތި އައްވުރެއް މާ ރީތި ތަންތަން އެބަހުރި. ހަމަ އައްޑޫ ވީމަ

The name is already taken The name is available. Register?

ސުހޭލު

21 July 2019

ނުހުއްނާނެ. ދުނިޔެ ބަލައިފިން، ޔޫ ފޫލް! ޔޫ އާ ޖަސްޓް ޖެލަސް އައި ގެސް.

The name is already taken The name is available. Register?

ތަރައްގީވާން

20 July 2019

މުޅި އައްޑޫ އާއި ބެހޭ ޕްރޮފައިލް ގެނެސްދިން އިރު އައްޑޫ ހިތަދޫ ފިޔަވައި ދެން ނެތޭ މުސްތަގްބަލެއް އޮތް ތަނެއް ތިޔާ ތާކު ސްޕެޝަލީ ހުޅުދޫ މީދޫ އެއީ ފަޅު ތަނެއް ކަމުން އެތަނުގެ ވާހަކަ އެއްވެސް ނެތެއް ނޫންތޭ ކަން މިހެން ހުރުމުން މިހާރުން މިހާރަށް އައްޑޫ ހުޅުދޫ މީދޫ ކޮންމެ މީހަކަށް މާލެ ސަރަހައްދުން 2 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ހަދާ ހުޅުދޫ މީދޫން މީހުން ބޭލުން އެއީ ޕީވަން ކަމުގައި ހަދައިގެން ނޫނީ ނެތޭ

The name is already taken The name is available. Register?

ޔާންޓޭ

21 July 2019

ހުޅުމީީދޫޫގައި އަދި ިއަށް ވުރެން މާރީތީ ތަންތަން އެބަހުރި އިނގޭ

The name is already taken The name is available. Register?

ދަނެގަނޭ

20 July 2019

އައްޑޫގެ ނޭޗަރ ޕާރކް ވެސް ތަރައްގީ ނުވާނެ ވިޔަފާރި އުސޫލުން އެތަން ވެސް ނުހިނގާނެއޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް އައްޑޫ ހިތަދޫ އިރުން އޮތް ބޮޑު ފަޅު ވިލާއި އެކު ހިއްކާ މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް ހިލޭ 1000 އަހަރަށް ކޮންމެ ކުންފުންނަކަށް 40 ހާސް އަކަފޫޓް ދީ އަދި ހުޅުދޫ މީދޫން މީހުން މާލެ ސަރަހައްދަށް އަޅާލާ އެދެރަށް ދޭންވީ ޗައިނާ އަށް އިންޑަަސްޓްރިއަލް ޕާރކެއް އަޅަން އެއިރަށް އައްޑޫ ތަރައްގީ ވާނީ އެކަން ދަނެގަންނަންވީއޭ ތަމެން..

The name is already taken The name is available. Register?

ނޫރުލް

20 July 2019

ހއ.ކެލާގައި ވެސް ތިކަހަލަ ތާރީޚެއް އޮވޭ .. އިނގިރޭސިންގެ ބަޑި ގުދަނާއި ނަރުދަމާ . އަދި ވެއޓިފައިވާ މަތިންދާ ބޯޓެއް އޮވޭ ތުނޑީގައި ،، މިހާރު އެތަކެތި ފަނާވެ ހިނގައްޖެ ދެން އޮންނާނީ . ސްޓޯރީ.

The name is already taken The name is available. Register?

އެހެންތޭ

20 July 2019

ތިޔާއީ އައްޑޫ މީހުން ބެދި ހިއްކިއޭ ބުނާ ތަންތޭ މަމެން ސާފުކޮށްލަން ބޭނުންވެއޭ ތަމެން ގާތުން އިނގޭތޭ...

The name is already taken The name is available. Register?

ރަދީފް

20 July 2019

ބެދިއެއީ އަދި އެހެން ތަނެއް.މަމެން ކުޑައިރު މިޔަރު އަދި މަޑި ހިފަން ފައިބަން ބެދިއަށް.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

20 July 2019

އަސްލު ޖަޒީރާސިފަ ޖެހޭނީ ކަރަންޓާނުލާ އުޅެން އެނގިއްޖިއްޔާ.

The name is already taken The name is available. Register?

ކިއެއްތޭކުރަނީ

20 July 2019

އައްޑޫ ނޭޗަރ ޕާރކްގެ ބޭނުން ފުރިހަމަ އަށް ހިފޭނީ އެއީ އައްޑޫ ހިތަދޫން މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށްގެންނޭ އެއިރުން މިހާރު ހިތަދޫ ގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގެތައް ގެސްޓް ހައުސް ތަކަށާއި މޮޓެލްސް ތަަކަށް ބަދަލު ކޮށް ޗައިނާގެ އެކި އިންވެސްޓަރުންނަށާއި މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް ކުއްޔަށް ދިނުމުން މާ ބޮޑަށް ގައުމުގެ ނޭޝަނަލް އިކޮނޮމީ އަށް ފައިދާ ވާނެއޭ މިކަން މިއުސޫލުން ކުރެވޭތޯ ބަލަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލް

The name is already taken The name is available. Register?

ނެތީމޭ

20 July 2019

އައްޑޫ ނޭޗަރ ޕާރކް އެނަން ކިޔުނީ ކިއެއްވެތޭ މުޅި ދުނިޔެ އަކީ އެއީ ނޭޗަރ ޕާރކް އެކޭ ދެން އައްޑޫ ގައި އެކަނިތޭ ނޭޗަރ ޕާރކެއް އޮންނަނީ ހުޅުމާލޭގައި ވެސް ނޭޗަރ ޕާރކޭ އިނގޭތޭ ތިޔާއީ ދެން މަމެން އަދި ހައިރާންވާ ކަންކަން ހިމެނޭ ކުޅި އެއް އޮންނަ ތަނެއް ނޫނޭ މަމެން ބުނަން ނެތީމޭ ތިޔާ ނޫން އެހެން ކަނޑުކޮހެއް އައްޑޫ މީހުން ގޮވޭތޯ ބެލިއްޔާ މާތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ..

The name is already taken The name is available. Register?

ފޭދޫކޮއްޔާ

20 July 2019

އައްޑޫ ގޮނޑޭ ކިޔަންވީ ތަނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454