އަދީބުގެ ޑްރާމާ މި ވަގުތަށް ނިމިއްޖެ، ދެން އޮތީ؟

ކުރީގެ ބާރުގަދަ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިއްލަވަން ކުރެއްވި މަސައްކަތް ތާކުންތާކު ނުޖެހި ނިމި، އިންޑިއާ އިން އޭނާ އެނބުރި ރާއްޖެ ފޮނުވާލުމާ އެކު ދެން މި އޮތީ އޭނާއާ މެދު ސަރުކާރުން ކަންކުރާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.


އަދީބު ހައްޔަރުކޮށްގެން ބެހެއްޓޭނެ އެއްވެސް ހެއްކެއް އޭނާއާ ދެކޮޅަށް ނެތީ ހެއްޔެވެ؟ ކޯޓުތަކުގައި އަދިވެސް އޭނާގެ ބާރު އޮތީ ހެއްޔެވެ؟ ސަރުކާރުން ހަގީގަތުގައި ވެސް އަދީބު ދޫކޮށްލާފައި ބަހައްޓަން ބޭނުންވަނީ ހެއްޔެވެ؟

އަދީބުގެ "ޑްރާމާ" އަސްލު ފެށުނީ، ރާއްޖެއާ 825 ކިލޯމީޓަރު ދުރުގައި އޮތް އިންޑިއާގެ ޓްޓިކޮރިން ބަނދަރަށް ވަންނަން ދިޔަ "ވާގޯ 9" ޓަގް ބޯޓުގައި ހުންނަވަނިކޮށެއް ނޫނެވެ. އޭނާ ފިއްލެވުމުގެ ނާކާމިޔާބު މަސައްކަތް ކަނޑު މަތީގައި ފެއްޓެވީ، މިދިއަ ހޮނިހިރު ދުވަހު އެވެ.

ޖުލައި 26 ގެ ބަންދު އައުމުގެ ކުރިން އަދީބު ވަނީ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވާނެކަމުގެ މައުލޫމާތު ފުލުހުންނަށް ދީފަ އެވެ. ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ހުކުމެއް ކްރިމިނަލް ކޯޓުން ބާތިލްކުރުމުން، މިނިވަންވެފައި ހުންނެވިޔަސް، ފުލުހުން ގެންދިޔައީ ފާރަލަމުން ކަމަށްވެ އެވެ. އެކަމަކު ޖުލައި 27 ވީ ހޮނިހިރުދުވަހު އޭނާ ވަނީ ކޮންމެވެސް ގޮތަކުން ފުލުހުންގެ "ޖާސޫސުންނަށް" އޮޅުވާލައްވައިގެން، ކަނޑު މަގުން ވަޑައިގެން "ވާގޯ 9" ޓަގް ބޯޓަށް އަރުއްވައިފަ އެވެ.

ލަންކާގެ ބޯޓަށް ނާދެވުނީތަ؟

މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަދީބުގެ ޕްލޭންގައި އޮތީ އިންޑިއާއަށް ނުވެ ހިނގައިދާނެ އެވެ. އޭގެ ބަދަލުގައި ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ.

އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ އެވެ. ލަންކާގެ ކޯސްޓު ގާޑުން ނުވަތަ އިންޑިއާގެ ކޯސްޓް ގާޑުން އެ އުޅަނދު ހުއްޓުވީ ކަމެއް ނުވަތަ ރޭވުން ފަޅާއެރުމުގެ ބިރު އޮވެގެން ބޯޓު އަމިއްލައަށް ދަތުރުން ބޭރުވީ ކަމެއް އަދި ނޭނގެ އެވެ.

އަދީބު "ގެއްލިއްޖެކަން" ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ރޭކާލީ، އެއް ބަޔަކު ބުނާ ގޮތުގައި، މިދިއަ އާދިއްތަ ދުވަހު އެވެ. އެހާ ހިސާބުން އިންޑިއާ އާއި ސްރީ ލަންކާގެ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށްވެ އެވެ.

އަހުމަދު އަދީބު ޓަގް ބޯޓުގައި.

"ވާގޯ 9" ގައި އަދީބު ހުންނެވިކަން އިންޑިއާގެ ކޯސްޓް ގާޑަށް އެނގުނީ، ރާއްޖެ އަށް ބޮޑު ހިލަ ގެންނަ ބަނޑުތައް ކަފުޖަހައިގެން އާންމުކޮށް ދަތުރުކުރާ ޓަގްގައި ހުރި އިންޑިއާ ފަޅުވެރިއެއްގެ ސަބަބުން ކަމަށް، ބައެއް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އޭގައި ވެސް އޮޅުވާލުމެއް އޮތުން އެކަށީގެންވާ ކަމަށް، ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ޓަގްގައި އަދީބު ހުރިކަން ނުވަތަ ހުރެދާނެކަން އިންޑިއާގެ ސަމާލުކަމަށް ގެނައީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.

ލަންކާ އިން އަންނަން އޮތް ބޯޓު ނާދެވި، ޓަގްގައި އަދީބު ބަހައްޓައިގެން ރަސްމީކޮށް އިންޑިއާއަށް ބަނދަރުކޮށްފި ނަމަ އޭގެ ކެޕްޓަނާއި ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. އެހެންކަމުން ޓަގަށް އަދީބު އެރުއްވި ގޮތާ މެދު ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކަން ޖެހުނު ނަމަވެސް، އެންމެ ރައްކާތެރި ގޮތަކަށް ފަޅުވެރިންނަށް އޮންނާނީ އޭނާ ހުންނެވިކަން އެންގުން ކަމަށް ބެލެވެ އެވެ.

އަދީބު ފިލި ކަމަށް ބުނާ ޓަގް ބޯޓު: އެ ޓަގް ބޯޓް ރާއްޖެ ގެނައި އެޖެންޓް ޓްރާންސް ލިންކުން ބުނެފައި ވަނީ އެ ބޯޓަށް އަދީބު އަރާވަޑައިގެންނެވި ކަމެއް ކުރިން އެނގިފައި ނެތް ކަމަށް.

ފުރަތަމަ ޕްލޭން ފެއިލްވުމުން ދެ ވަނަ ޕްލޭނަކީ އިންޑިއާ އަށް ކައިރިކޮށް އުޒުރެއް ދެއްކުން ކަމަށް ޔަގީންކުރެވޭ އެއް ހެއްކަކީ، ބައިނަލްއަގުވާމީ ވަކީލުންތަކެއް ކުއްލިއަކަށް އަދީބުގެ ދިފާއުގައި ބަޔާނެއް ނެރުމެވެ. މިއީ ކުރިއްސުރެ ރޭވިގެން ކަންކުރަން ފޮތުގައި ލިއުނު ގޮތް ކަމަށް ނުވާ ނަމަ އެ ބަޔާން އެހާ އަވަހަށް ނެރުމުގެ ފުރުސަތު ކުޑަ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.

އަދީބުގެ ފުރާނައަށް ނުރައްކާ އޮތްކަމުގެ ސަބަބު ދައްކައި، އޭނާގެ ފަރާތުން އެ ވަކީލުން މަސައްކަތްކުރީ އިންޑިއާ އިން ހިމާޔަތް ހޯދާށެވެ. އެކަމަކު އަދީބު އެގޮތަށް ފިއްލަވައިފި ނަމަ ސަރުކާރުގެ އަގު އާންމުންގެ ކުރިމަތީގައި ވެއްޓުމުގެ ފުރުސަތު ބޮޑުވުމާއި އިންޑިއާ އިން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަން ފެށި ދުވަސްވަރަކަށް ވުމުން އެ ގައުމަށް ވެސް އޭނާގެ ހިމާޔަތުގައި ކުރެވިދާނެ މާ ބޮޑު ކަމެއް ނެތެވެ. އެހެންކަމުން އިންޑިއާއަށް އޮތީ އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމެވެ.

އަދީބާ މެދު ސަރުކާރުން "ލުއި އަތެއް!"

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައި އެއް މުގޫ ކަމަށް ބެލެވޭ އަދީބާ މެދު ސަރުކާރުން ދެން ކަން ކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އަދީބު އެގޮތަށް ފިއްލެވުމަކީ ވެސް ސަރުކާރުގެ ފެއިލްވުމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ. އޭނާއާ ދެކޮޅަށް ހުރި ބޮޑެތި ތުހުމަތުތައް އެއްކައިރިކޮށް، އެހާ ފަސޭހައިން އުޅުއްވޭނެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް އެތައް ބަޔަކު ގަބޫލުކުރެ އެވެ.

ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، އެކުވެރިންގެ ކުންފުނި އެސްއޯއެފްގެ އެކައުންޓްތަކަށް ކަހާލައިގެން އެމްއެމްޕީއާރުސީގެ ތެރެއިން ބޮޑު ހިޔާނާތް ހިންގި އިރު އަދީބަކީ ބާރުގަދަ ޓޫރިޒަމް މިނިސްޓަރެވެ. އެމްއެމްޕީއާރުސީގެ ހުރިހާ ކަމެއް ކުރިއަށް ދިޔައީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި އާދައިގެ ޒުވާނެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ކުއްލިއަކަށް މަހުޖަނެއްގެ ދަރަޖައަށް ދިޔަ ތަން އެންމެންނަށް ފެނުނެވެ. އެހެންކަމުން ރައްޔިތުންގެ އެހާ ބޮޑު ހައްގެއްގައި ޖެހުމުގެ ތުހުމަތު އެޅިފައިވާ ބޭފުޅަކާ މެދު ސަރުކާރުން ލުއި ގޮތެއް ގެންގުޅެގެން ނުވާނެ ކަމަށް ގަބޫލުކުރާ އާންމު ރައްޔިތުން ގިނަ އެވެ.

ކުރީގެ ނައިބު ރައީސް އަދީބު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކޯޓުގައި އޮތް ޝަރީއަތަކަށް ފަހު އެނބުރި ޖަލަށް ގެންދިއުމުގެ މަގުމަތީގައި ސަޕޯޓަރުންތަކަކާ ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

އަދީބު ފިއްލަވަން ކުރެއްވި މަސައްކަތުގައި ކަމާ ބެހޭ ފަރާތްތަކަށް ލިބިފައި ހުރި މައުލޫމާތުތައް އަދި ހާމައެއް ނުކުރެ އެވެ. މިވަގުތު ހައްޖުގެ އަޅުކަމަށް މައްކާގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެއްވެސް ބަހެއް ނެތެވެ. އެމްއެންޑީއެފުން އަދި އޮތީ ހިމޭނުންނެވެ. ފުލުހުން ނެރުނީ ވަރަށް އާދައިގެ ބަޔާނެކެވެ. ރާއްޖެއަށް އެތެރެވެ ބޭރުވާ ކޮންމެ އުޅަނދެއްގެ މައުލޫމާތު ކަސްޓަމްސްއަށް އެނގުނަސް، ތަހުގީގު ކުރިއަށް ދާ މައްސަލައެކޭ ކިޔާފައި، މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

އަދީބު ފިއްލެވުމާ ހަމައަށް ކަމާ ބެހޭ ރަސްމީ ފަރާތްތަކުން އޭނާއާ މެދު ހީކުރީ މުޅިން ގޯސްކޮށް ކަން، އޭނާގެ ހަބަރެއް ނުވެ ވޭތުވި ހަތަރު ދުވަހުން މި އޮތީ އެނގޭށެވެ. އަދި ކޮންމެ މީހަކާ މެދު އަމަލުކުރަން ޖެހޭނީ އެއް އުސޫލަކުން ނޫންކަން ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވިސްނެން ޖެހޭނެ އެވެ.

ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ ބާރާއި ވަސީލަތާއި ފައިސާ ހުރި މީހުންނަކީ އާދައިގެ ބައެއް ނޫނެވެ. އަދީބުގެ "ޑްރާމާ" އިން އެކަން މި އޮތީ ފެންނާށެވެ.