ސްކޫލުތަކުގައި ފެއާތައް މައިގަނޑު ގޮތެއްގައި ބާއްވަނީ، އެ ސްކޫލަކުން ކުރަން ބޭނުންވާ ކަމަކަށް ނުވަތަ ކަންކަމަށް ފައިސާ ހޯދުމަށެވެ. ކެންޓީނާއި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިގެން އެއްޗެހި ވިއްކައިގެން ފައިސާ ހޯދަ އެވެ. އެގޮތުން މި ދިޔައީ މާލޭގެ ސްކޫލުތަކަށް ބާރުބޮޑު ހަފުތާއެކެވެ. ފަސް ވަރަކަށް ސްކޫލުގައި ފެއާ ބާއްވާފައި ވެ އެވެ.
ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވިގޮތުގައި ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު ވަންދެން ފެއާ ކުރިއަށް ގެންދިޔައީ ސްކޫލުގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އެ ހަރަކާތުގެ ބޭނުމަކަށްވީ، ދަރިވަރުންނަށް މަޖާކޮށްލާ، ކުޅިވަރު ކުޅޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
އެކި ހިދުމަތް ދޭ މީހުންނަށް، އެ މީހުންގެ ތަކެތި އިސްތިހާރުކުރަން ތާޖުއްދީީންގެ ފެއާއިން މޭޒު ދޫކޮށްފައި ވެ އެވެ. ނަމަވެސް ފެއާއިން ލިބުނު ފައިސާގެ އަދަދެއް އަދި ނޭނގެ އެވެ.
އޭނާ ވިދާޅުވިގޮތުގައި އެކި ހަރަކާތްތަކުން ލިބޭ ފައިސާ ހަރަދުކުރަނީ ޕީޓީއޭގެ އެކްސްކޯގެ ނިންމުމާ އެއްގޮތަށެވެ.
"ފެއާތަކާއި އެހެން ހަރަކާތްތަކުން ލިބޭ ފައިސާ ހަރަދުކުރަން ހަމަޖައްސާފައިވަނީ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް. އެކްސްކޯގެ ނިންމުމާ އެއްގޮތަށް އަމަލުކުރާނީ އަބަދު ވެސް،" 1500 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލުގެ ފެއާ ބޮޑަށް އަމާޒުކުރީ އެ ސްކޫލުގެ ލައިބްރަރީ އިތުރަށް ތަރައްގީކުރުމަށެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ހަރަކާތުން 109،000ރ. އެއްކުރެވިފައިވާއިރު މީގެ ކުރިން ބޭއްވި ފެއާއާއެކު އެ މަސައްކަތަށް މިހާރު 250،000ރ. ލިބިފައިވާ ކަމަށް ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މީގެ ކުރިން ފެއާތައް ބާއްވައިގެން ލިބުނު ފައިސާއިން ސްކޫލު ޑިޖިޓަލްކޮށްފައިވާ ކަމަށެވެ. އެފަދަ ފައިސާއިން ހަރަދުކުރަނީ ދަރިވަރުންނަށް ލާބަހުރި ކަންކަމުގައި ކަމަށް ވިދާޅުވި އެވެ.
"އެ މަސައްކަތް ސްކޫލު ބަންދުގައި ފަށާނަން. ރުފިޔާ ލިބޭ ވަރަކުން މަސައްކަތް ކުރިއަށްގެންދާނީ. ކަރަންޓް ވަޔަރިންފަދަ މަސައްކަތްތައް ކުރަންޖެހޭނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ސްކޫލުތަކެއްގައި އެއްފަހަރާ ފެއާ ބޭއްވުމުން، އެތަނަށް ޒިޔާރަތްކުރި މީހުންގެ އަދަދު ކުރީ އަހަރުތަކަށްވުރެ މަދެވެ. ނަމަވެސް 2140 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ފެއާ ވެސް ކާމިޔާބު ކަމަށް ވިދާޅުވި އެވެ.
އެހެން ސްކޫލުތަކާ ހިލާފަށް "އަމީނިއްޔާ އަލިމަސް ކާނިވާ 2019" އަށް މިއީ ފަހުގެ ތާރީހެއްގައި އެންމެ ކާމިޔާބު ފެއާ އެވެ. އެސްޓީއޯ އަދި އެލައިޑްގެ އެހީގައި ކުރިއަށް ގެންދިޔަ ފެއާގައި ރެޕަލިންނާއި ބިރުވެރި ހޮހަޅަ އާއި މިއުޒިކް ޝޯ ބާއްވާފައި ވެ އެވެ. އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ހިލްމީ ވިދާޅުވިގޮތުގައި އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ފެއާގައި ދަރިވަރުންނަށް ހިތްހަމަޖެހޭ، އުފާވެރި މާހައުލެއް ގާއިމްކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ދަރިވަރުންގެ ކުރިއެރުމަށް ފެއާއިން ލިބުނު ފައިސާއިން ހަރަދުކުރާނީ،" ފާތުން ވިދާޅުވި އެވެ.
އެ ސްކޫލުތަކުގެ އިތުރުން އިސްކަންދަރާއި މަޖީދިއްޔާގައި ވެސް ފެއާ ބާއްވާފައި ވެ އެވެ.