ރިޕޯޓް / ރިޔާސީ ކޮމިޝަން

ސުއޫދު ހެއްދެވީ ގޯހެއް؟ ރިޕޯޓް އެގޮތަކަށް ނުދެވޭނެ!

މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު (ވ) އަދި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ކުރިން ނެރެފައި ނުވާ ފަދަ ބިރުވެރި ކަންކަން ހިމެނޭ ރިޕޯޓެކެވެ! އެއީ ވީނުވީއެއް ނޭނގި "ގެއްލުނު" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީ ގޮތް ބުނެދޭން ކެރުނު ހަމައެކަނި ރިޕޯޓެވެ. ރިޔާސީ ކޮމިޝަނުން އެ ރިޕޯޓް ނެރުމާ އެކު މި ވަނީ ބިރުވެރިކަމެއް ވެސް އުފެދިފަ އެވެ.

މީގެ ފަސް އަހަރު ކުރިން ރިލްވާން "ވަގަށް ނެގި" މައްސަލައަކީ ވަކި ފަރާތަކަށް ބުރަ ނުވެ، މިނިވަންކަމާ އެކު، މަސައްކަތް ކުރަން އުފެއްދި މުއައްސަސާތަކަށް ކުރަން ނުކުޅެދުނު ތަހުގީގެކެވެ. އެކަމަކު ރިޔާސީ ކޮމިޝަނުން އެތައް ކަމެއް ތިލަކޮށްފި އެވެ.

ރިލްވާން ހޯދަން ފުލުހުން ކުރި ތަހުގީގުން ފެންނަނީ މުޅިން ވެސް އިހުމާލެވެ. ކުރީގެ ސަރުކާރުގެ ފަރާތުން ފެނުނީ، ރިލްވާން ހޯދަން ކުރި މަސައްކަތަށް ހުރަސްއެޅި ތަނެވެ. އެކަމަކު ރިޕޯޓުން ތަސްވީރު ވެގެން ދިޔައީ ރިލްވާން "ގެއްލުވާލުމު"ގައި މުޅި ދައުލަތް ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގަ އެވެ.

އެކަމަކު ކަމާ ނުބެހޭ ބައެއްގެ އަތްމައްޗަށް ތަފުސީލީ ރިޕޯޓް ދިއުމުން، އެހެން ބަހުސެއް ވެސް އެބަ ފެށެ އެވެ. ޚާއްސަކޮށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށާއި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ އަތަށް ލިބުމަކީ، އެއް ބައެއްގެ ނަޒަރުގައި، ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ގާނޫނާ ހިލާފަށް ކުރެއްވި ކަމެކެވެ. އަނެއް ބައެއްގެ ނަޒަރުގައި އެއީ ޑްރާފްޓް ރިޕޯޓެކެވެ. އެއީ "އަޕްޑޭޓެކެވެ". އެހެންކަމުން އެގޮތަށް ދިނުމަކުން މައްސަލައެއް ނެތް ކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުއާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރިޔާސީ ކޮމިޝަންގެ ފަރާތުން ސުއޫދު އެ ރިޕޯޓް ނަޝީދާ ހަވާލުކޮށްދެއްވުމުން އެމަނިކުފާނު ވަނީ އޭގެ ކޮޕީ ރަައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ސިޔާސީ ލީޑަރުންނަށް އަރުއްވައިފަ އެވެ. ރިޕޯޓު، ނަޝީދާ ހަވާލު ކުރެއްވުމުގެ ކުރިން، ކޮމިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެ ރިޕޯޓު ފޮނުވައިފަ އެވެ.

ރިޔާސީ ކޮމިޝަނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އުފަައްދަވާ ތަނެކެވެ. ރިޔާސީ ކޮމިޝަންތަކާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ހިނގާ މުއްދަތުގައި ވޭތުވެގެންދާ ކޮންމެ ތިން މަހަކުން އެއް ފަހަރު، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ރިޕޯޓެއް އެ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ވާނެ ކަމަށެވެ.

ރިޕޯޓުގައި ހިމަނަން ވާނެ ކަންކަމުގެ ގޮތުގައި ގާނޫނުގެ ހަމަ އެ މާއްދާގެ (ށ) ގައި ބުނަނީ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގެ ތަފްސީލާއި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކާއި އެ މައްސަލަތައް ނިންމާފައިވާ ގޮތާއި ކޮމިޝަންގެ އިދާރީ ހިންގުމާ ގުޅޭ މައުލޫމާތެވެ. ކޮމިޝަންގެ މަސައްކަތާ ގުޅޭ އެއްވެސް ރިޕޯޓެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭ ކަމަކަށް ގާނޫނުގައި ނެތެވެ. ގާނޫނުގައި އޮންނަނީ ރިިޔާސީ ކޮމިޝަންތަކުގެ ކޮންމެ ކަހަލަ ރިޕޯޓެއް ވިޔަސް، ފޮނުވަން ވާނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ގާނޫނުގައި ކޮމިޝަންތަކަށް އެޅެނީ ތިން ބާވަތެއްގެ ފިޔަވަޅެވެ. އެގޮތުން ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައެއްގައި ޖިނާއީ ބައިތަކުގެ ތަހުގީގެއް ފުރިހަމަވުމާ އެކު، ރައީސްގެ ލަފާގެ މަތިން އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހްތިޔާރާއި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާއި ފައިސާ ހޯދުމުގެ ކަންކަން ހިމެނޭ ނަމަ، އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށްޓަކައި ރައީސްގެ ލަފާގެ މަތިން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ. ޖިނާއީ އަދި މަދަނީ މައްސަލަތައް ފިޔަވައި އެ ނޫން ކަންކަމުގައި ކޮމިޝަނަށް ފެންނަ ގޮތުގެ ރިޕޯޓު ފޮނުވަން ގާނޫނު ލާޒިމް ކުރަނީ ރައީސަށް އެކަންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކެއް އުފައްދަނީ ރައީސަށް ލަފާ ދިނުމަށް ކަމަށެވެ. އެހެންވެ، ރިޕޯޓު ފުރިހަމަ ކުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ ރައީސަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ ރައީސް ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ބާރެއް ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުން ލިބިދީފައެއް ނުވެ އެވެ. ފުރަތަމަ ކަމަކަށް މިފަދަ ކޮމިޝަނެއް އުފައްދަނީ ރައީސް ފިޔަވައި އިތުރު ބަޔަކަށް ލަފާ ދިނުމަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުގައި ވަރަށް ސާފުކޮށް އޮންނާނެ، ރައީސަށް ލަފާ ދިނުމަށް ހަދާ ކޮމިޝަނެކޭ. އެހެންވީމަ، ކޮމިޝަނުން ކުރާ ތަހުގީގެއްގެ ރިޕޯޓު އެހެން އެއްވެސް ފަރާތަކާ ހިއްސާ ކުރެވިގެން ނުވާނެ ރައީސްގެ ހުއްދައެއް އެކަމަށް ނުހޯދައި. ޑްރާފްޓް ރިޕޯޓެއް ވެސް، އޭގެ އަޕްޑޭޓެއް ވެސް، އެއްވެސް އެއްޗެއް ރައީސް ފިޔަވައި އެހެން ބަޔަކަށް ދިނުމުގެ ހައްގެއް ނެތް،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރިހަމަ ރިޕޯޓުގެ ބަދަލުގައި ޑްރާފްޓް ރިޕޯޓެއް ހާމަކުރުމަކީ ވެސް އޭގެ ޒާތުގައި ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުގެ ސަބަބުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓު.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަން ޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާ ނުބެހޭ ފަަރާތެއްގެ އަތް މައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ބަންޑާރަ ނައިބު ކަން ކުރެއްވި ސުއޫދު ވިދާޅުވީ ރިލްވާންއާ ގުޅޭ މައްސަލައިގެ ތަހުގީގު ރިޕޯޓު އަދި ނިމިފައި ނުވާ ކަމަށެވެ. ގާނޫނުގައި އަޕްޑޭޓެއް ދޭން ޖެހޭނެ ކަމަށް ބުނާ އިރު، ރިޔާސީ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުއްވީ އަޕްޑޭޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން އަޕްޑޭޓް ނަޝީދަށް ދެއްވީ، އޭނާ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ.

"ގާނޫނުގައި ލާޒިމްކޮށްފައިވޭ ގަވައިދުން އަޕްޑޭޓެއް ރައީސަށް ދިނުމަށް. މަޖިލިހުގެ ރައީސް އެދިވަޑައިގަތީމަ، އެމަނިކުފާނަށް ވެސް ދެއްވީ އަޕްޑޭޓެއް. އޭގައި ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ގާނޫނީ ގޮތުން ނުބައެއް ކަމަކަށް ނުދެކެން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ފިޔަވައި ދައުލަތުގެ އެހެން ވެރިންނަށް ކޮމިޝަނުން ކުރާ ތަހުގީގާ ގުޅޭ ރިޕޯޓުތައް ހިއްސާ ކުރެއްވުމަކީ އެ ތަނުން ބޭކާރު މަސައްކަތް ނުކުރާ ކަމާއި ކޮމިޝަން އުފެއްދި ސަބަބު ހާސިލްވާ ކަން އަންގައިދޭނެ ކަމެކެވެ.

ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަތުގައި.

އެކަމަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ތަޖުރިބާކާރު ވަކީލަކު ވިދާޅުވީ ކޮމިޝަނުން ނިންމާ ނިންމުންތައް ރައީސަށް ފޮނުވަން ޖެހޭނެ ކަމަށް ގާނޫނުގައި އޮއްވައި، ރައީސް ނުވަތަ މަޖިލިހުގެ ރައީސްގެ އެދިވަޑައިގަތަސް، އެފަދަ ނިންމުންތައް ކޮމިޝަނުން އެހެން އެއްވެސް ބަޔަކަށް ފޮނުވުމުގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ. އަދި އެހެން ބަޔަކަށް އެ ނިންމުމެއް ފޮނުވޭނީ ރައީސް ބޭނުންފުޅު ވީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ބޭނުންވެގެން އުފެއްދި ކޮމިޝަނެއް އެއީ. އެހެންވީމަ ރައީސް އެދިވަޑައިގަތަސް، ސުއޫދަށް އެކަމެއް ނުކުރެއްވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި ސުއޫދު އެ ހެދީ ގޯހެއް،" އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރިހަމަ ރިޕޯޓަކަށް ނުވި ނަމަވެސް، ސިއްރު ހެކިވެރިންގެ މައުލޫމާތާއި ފުލުހުން ކުރި ތަހުގީގު ހާމަނުކޮށް އޮތީ އެ ކަން ކުރި ބައެއް ނޭނގޭތީ ނޫން ކަމަށެވެ. އެއީ އާންމުންގެ ތެރެއަށް ތިލަވެއްޖެއްޔާ ތަހުގީގާއި ޝަރީއަތަށް ހުރަސް އެޅިދާނެތީ ކަމަށް އޭނާ ވިދާލުވި އެވެ.

"މިހާރު މިއޮތީ އެމީހުންގެ މައުލޫމާތު ހާމަވެފައި. މިހާރު ދައުވާކޮށްގެން ޝަރީއަތް ހިންގާ ނަމަ، ހެކިންނަށް ނުފޫޒު ފޯރުވާނެ. އެހެން ކަންކަން ހިނގާނެ. އެކަމުގެ ސަބަބުން ދައުވާ ލިބޭ ފަރާތް ކުށުން ބަރީއަވުމުގެ ފުރުސަތު ބޮޑުވާނެ. މިކަމުގެ ސަބަބުން ކޮމިޝަން އުފެއްދުމުގެ މަގްސަދު ގެއްލޭނީ،" އޭނާ ވިދާޅުވި އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެހެން ގާނޫނީ ވަކީލަކު ވިދާޅުވީ ފުރަތަމަ ކަމަކަށް ތަހުގީގުގެ ޑްރާފްޓެއް އެއްވެސް ބަޔަކާ ހިއްސާކުރެވިގެން ނުވާނެ ކަމަށެވެ. ޑްރާފްޓެއްގެ މާނައަކީ ހަގީގަތުގައި ކޮމިޝަނުން ނުނިންމާ ނިންމުމެއްގެ ވާހަކަ ކަމަށާއި އެ އާންމުވެގެން ދިއުމަކީ އަދި މާ ބޮޑު މައްސަލައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ރިޔާސީ ކޮމިޝަންގެ ހިންގާ ގަވައިދާއި ތަހުގީގު ކުރުމުގެ ގަވައިދެއް ނަހަދާ ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓެއް އާންމު ކުރުމުން އޭގެ ފަހުން ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ތުހުމަތުކުރެވޭ މީހުންނަށް ދިފާއުވާން ލިބޭ ފުރުސަތެއް ކަމަށް އެ ވަކީލު ވެސް ތަކުރާރުކުރެއްވި އެވެ.

"ޑިއު ޕްރޮސެސްއާ ހިލާފަށް ކަންކަން ކުރެއްވި ކަން އޭރުން ވަރަށް ސާފުވާނެ. ހަގީގަތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ވަރަށް ބޮޑު ހަދިޔާއެއް މި ދެވެނީ މި ދެންނެވި ކަންކަން ފުރިހަމަ ނުވާ ނަމަ. ބައެއް މީހުން ބުނެފާނެ ޓެކްނިކަލް ކަމެކޭ. އެކަމަކު، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތަކާ އެއްގޮތަށް އަމަލުކޮށްގެން ނޫނީ ނުބުނެވޭނެ އެކަން ކުރީ ރަނގަޅަށޭ،" ވަކީލް ވިދާޅުވި އެވެ.

ނަމަވެސް ސުއޫދު ވިދާޅުވީ މައުލޫމާތު އާންމު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް ވުރެ ވީ ފައިދާ ބޮޑު ކަމަށެވެ. އެގޮތުން މައުލޫމާތު ހާމަކުރުމުގެ ސަބަބުން ބައެއް މީހުން އާ ވާހަކަތަކެއް ކިޔައިދޭން ބޭނުންވާ ކަމަށް ބުނެ، ކޮމިޝަނަށް އަންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ މައްސަލައިގައި ކުރިއަށް ދާން އިތުރު ހެކިތަކެއް ލިބުމެވެ.

"މިސާލަކަށް ތުހުމަތުކުރެވޭ މީހުންނަކީ ކޮބައިކަން އެނގުނީމަ، އެމީހުންނާ ބެހޭ ގޮތުން އާންމުންނަށް ލިބިފައި ހުރި މައުލޫމާތެއް ކޮމިޝަނާ ހަމައަށް ގެނެސްދޭން އެމީހުންނަށް ހިތްވަރު ލިބިއްޖެ. ނޫސް ކޮންފަރެންސް ބޭއްވި ފަހުން އެތައް ބަޔަކު ގުޅާ މައުލޫމާތު އެބަ ދޭ،" ސުއޫދު ވިދާޅުވި އެވެ.

އެކަމަކު ތަފުސީލީ ރިޕޯޓު، ކަމާ ނުބެހޭ ބައެއްގެ އަތްމައްޗަށް ދިއުމުން ސިއްރު ހެކިން ހާމަވާނެ އެވެ. އަދި ހެކި ބަސް ދޭ މީހުންގެ ސިއްރިއްޔާތު ގެއްލި ތަހުގީގަށް ވެސް ހުރަސް އެޅިދާނެ އެވެ. ސުއޫދު ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސަރުކޮށްފާނެ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މުސްތަގުބަލަށް ބަލާ އިރު، ތަހުގީގަށް ހުރަސް އެޅިދާނެ. އެކަމަކު އެކަހަލަ ކަމެއް ވުމަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ފެނުނު ފައިދާ މާ ބޮޑު ކަމަށް ވިސްނެނީ،" ސުއޫދު ވިދާޅުވި އެވެ.

އެކަމަކު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނަކުން ކުރާ ތަހުގީގެއްގެ ރިޕޯޓް ރައީސަށް ނޫން އެހެން ބަޔަކަށް ދެވިގެން ނުވާނެ ކަމަށް ގަބޫލުކުރާ ތަޖުރިބާކާރުންގެ ވާހަކަ ރަނގަޅެވެ. ރިޔާސީ ކޮމިޝަނަކީ ހަމައެކަނި ރައީސަށް ލިބިގެންވާ ބާރަކުން އުފައްދައި، ހިންގާ ތަނެކެވެ. އެއީ ދައުލަތުގެ އެހެން ފަރާތަކުން ވަންނަން ޖެހޭނެ ދާއިރާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް، ނުވަތަ އެހެން މުއައްސަސާއަކަށް އޭގެ ރިޕޯޓެއް ދޭން ޖެހޭނެކަން ނުވަތަ ނޫންކަން ވެސް ކަނޑައެޅުއްވުމަކީ ރައީސްގެ ޒިންމާއެކެވެ. މިހާރު ނަމަ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބާރުގެ ދަށުގައި އޮންނަން ޖެހޭނެ ކަމެކެވެ.

91 ކޮމެންޓް, 119 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 7%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Mohamed Thoufeeq

11 September 2019

ރައްޔިތުންނަށް ކަމެއް އޮޅުންފިލީމަ ހަޖަމްނުވީދޯ؟؟

The name is already taken The name is available. Register?

އައިޖޭ

05 September 2019

ރައީސް ސލިހު އުފެއްދެވީ ރައީސް އަށް ލަފާ އަރުވާ ކޮމިޝަނެއް ނޫން.. އެއީ ތަހުގީގު ކުރަ ކޮމިޝަނެއް... އެހެން ކަމުން އެކޮމިޝަނުގެ ހޯދުންތައް މަޖްލިސް އާއި ޝެއަރ ނުކުރެވެންވީ ސަބަބެއް ނެތް

The name is already taken The name is available. Register?

ހެވާ

05 September 2019

ގާނޫނުގައި ލިއެފައި އޮތް ގޮތަށް ރިޕޯޓް ހުށަހަޅަން އޮންނަކަން ސުއޫދަށް އެނގޭއިރު އޭނާ ރަގަޅަށް ބަލާފަ އޭނާއަށް ގަބޫލުކުރެވޭ ރައީސަށް އެއޮތީ ރިޕޯޓް އަރުވާފަ. މިގައުމުގެ ރައީސްކަން އޮންނަނީ ގްރޭ އޭރިއާއެއްގައިކަން އެތައް ބަޔަކު ގަބޫލުކުރާނެ ކަންކަން ދާ ގޮތުން. އެހެންވީމަ ސޫދުވެސް އޭނާ ގަބޫލުކުރާ ރައީސަށް ރިޕޯޓް އެރުވުން އެއީކީ މައްސަލައެއް ކަމަށް އޭނާ ނުދެކޭނެ. ދެން އެކަމާ އެކަކުވެސް ފިޔަވަޅެއް އެޅުމަށްވުރެ ނޭޅުން ކައިރީ.

The name is already taken The name is available. Register?

ނެގުނުކަތީބު

05 September 2019

ސޫޢުދު އެ އުޅުއްވަނީ ބަޔަކު ހިބަރު ވަދުގައި ޖައްސަން.

The name is already taken The name is available. Register?

މަކީޓާ

05 September 2019

ކޮންމެ ގޮތަކުންވެސް އެ ރިޕޯރޓް އާއްމުންނާ ހަމަޔަށް ތިލަވުމަކީ ރަގަޅު ކަމަކަށް ވެދާނެ. ތަހުގީގު މުޅިން ނުނިމޭތީ އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން. ވަރަށް ގިނަ ނުފެންނަ މަންޒަރު ފެންނާނެ.

The name is already taken The name is available. Register?

ސޭފު

05 September 2019

ސުއޫދަކަސް މިފަހަރު ޅަ އިހަލަކުން އަޅައިފި. އޭގެ ފެން ވަރަށް ހިތިވާނެ އިނގޭ.

The name is already taken The name is available. Register?

އިބުރާހީމޫ

05 September 2019

ހުސްނު ހެއްދެވީރަނގަޅަށް، އަދިނޫހަށްދެއްވިނަމަ މާރަނގަޅުވީސް...ޕަބްލިކް ރައިޓް ޓުނޯ.........ސިއްރެއްނޫން، ޕަބްލިކަށް އެގެންޖެހޭ...މައުމޫނާ ޔާމީނު ބިރުގަންނަވާފަހިންގިޖަރީމާތައް ޢާއްމުންނަށް އެގެންލަސްވެއްޖެއޭ

The name is already taken The name is available. Register?

ޖޯޖީތާ ވޮހީ ސިކަންދަރު

04 September 2019

ހުސްނުސޫދަށް މިވީ ކިހިނެއް. ހިތުން ގައްޑާ އެއްޗެއް ހަދަން އުޅެގެން މުޅި އެތި އަތަށް ގޮވީ. ދެން ހުސްނު އަކީ އެމްޑީޕީގެ ބޭފުޅެއްވީމަ ރައީސްވެސް ހުސްނު މިއަރަށް ކާންދޭން ދޫކޮއްލައިގެން ހުންނާނެ ކަމަށް ނުފެނޭ. އެހެންވީމަ ވަރަށް އަވަހަށް ހުސްނު އެއްވެސް ގޯސްކަމެއް ކޮށްފައި ނުވާނެކަމަށް އިއުލާން ކުރާނެ ކަންނޭގޭ.

The name is already taken The name is available. Register?

ނަރީމާ

04 September 2019

"މަރު" ކޮމިޝަނުން ޤާނޫނާ ހިލާފުވެފައިވޭތޯ ބެލުމަށް އިތުރު ކޮމިޝަނެއް އުފައްދަވަން ފެނެއެވެ. އެތެރޭ ކޮއިލުގެ ރެނދަލީގައި ރެނދުލައި ބޭރަށް ޒަޙަމްތައް ފެންނަން އަދި ވަގުތު ނަގާނެއެވެ. ޔާމީނުއަށް ދައުވާނުކުރެވޭނެކަމަށް ހުސްނުއްލް ސުޢޫދަށް ފެންނަފެނުމަކީ މިކޮމިޝަނުގެ ބޭނުން ކެނޑުމެވެ. ނޫންނަމަ، ބޭނުމަކީ ރައީސް ނަޝީދު އެވިދާޅުވެލައްވާ "އަނދިރި ދައުލަތް" ބޭޒާރުކުރުން ކަމަށް ވެސް ވެދާނެއެވެ.

The name is already taken The name is available. Register?

ހުސްބުޅި

04 September 2019

ޥާނުވާއެއްވެސްނޭނގޭ. ފުލުހުންގެ އަތުގަހުރި މައުލޫމާތު ހާމަނުކުރި މައްސަލަ އުމަރު ކައިރީގަ އަހާބަލަ. މާބޮޑަށްލަސްވީ ތިކަންނުކޮށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454