އަނެއްކާ ވެސް އާ އިންތިޚާބެއް ބޯމަތިވަނީ އެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިއުލާން ކުރުމާއެކުހެން، އެކި ގޮތްގޮތުން މީހުން މިހާރު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އިންތިޚާބާ ދިމާކޮށް، އިދިކޮޅު ޕީޕީއެމުން ރަށްރަށަށް ދަތުރުތައް ފަށާފައިވާއިރު، ރަށްރަށުގައި ވެސް މި ވަގުތު އެންމެ ގަދައަށް ދެކެވެނީ އެ ރަށަކުން ވާދަކުރާނެ މީހުންނާ ގުޅޭ ވާހަކަތަކެވެ.
އެކަމަކު މި އަހަރުގެ އިންތިޚާބު، މީގެ ކުރިން ބޭއްވި ތިން ލޯކަލް ކައުންސިލް އިންތިޚާބާ ވަރަށް ތަފާތެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު މިއީ މި ފަހަރުގެ އިންތިޚާބު ހާއްސަވާ އެންމެ ބޮޑު ސަބަބެވެ. އެހެންވެ، މި ބާރުތައް ތަންފީޒު ކުރާ މީހުން ހޮވުމުގައި ރައްޔިތުން ކުރިއަށް ވުރެ ބޮޑަށް ފާރަވެރިވާން މި ވަނީ ޖެހިފަ އެވެ.
މިކަމަށް ކައުންސިލްތަކުގެ ބެލެނިވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީން ދޭން އޮތީ ނަސޭހަތެކެވެ؛ ސިޔާސީ ޕާޓީ އަށް ވުރެ ޚިޔާރުކުރާ މީހާގެ ގާބިލް ކަމަށް ބަލައި ވޯޓު ދިނުމެވެ.
ބޮޑެތި ބާރުތަކެއް ކައުންސިލަރުންގެ އަތްމައްޗަށް
ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފުވިތާ އަށް އަހަރުވެފައިވާއިރު އަދިވެސް ނިޒާމު ބައްޓަން ވެފައި އޮތީ ސަރުކާރަށް ބަރޯސާވާ ފަދަ ގޮތަށެވެ. އަތޮޅުތައް ހިންގަނީ ދައުލަތުން ދޭ ފައިސާއިންނެވެ. ކަނޑައަޅާ ބަޖެޓުން ނުފުދިއްޖެ ނަމަ ނުވަތަ ބަޖެޓުގައި އެ ހިދުމަތެއް ނުހިމެނޭ ނަމަ، ރައްޔިތުން އެ ހިދުމަތަކުން މަހުރޫމްވެ އެވެ. އެހެންވެ، މިވީހާ ތަނަށް މި ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. ހިދުމަތް ނުލިބޭ ކަމަށް ބުނެ ކައުންސިލަށް ފާޑުކިޔާއިރު ކައުންސިލްގެ އުޒުރަކީ އެކަމަށް ބަޖެޓެއް ނެތުމެވެ.
މިކަން ހައްލުކޮށް، ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ނެގުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އެންމެ ބޮޑު ކަމަކަށް، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ވަނީ ނިންމާފަ އެވެ.
މިއީ، ސަރުކާރުން ބުނާގޮތުގައި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ގޮތް ހެދުމަށް ނިންމި ނިންމުމެކެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމި އިސްލާހުތަކުގެ ތެރޭގައި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ 100 ޕަސަންޓު ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ފީ ނަގަން ފެށުމުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށެވެ. އެކަމަކު ބަޖެޓުގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ލިބެން ވާނީ އެ ކައުންސިލްތަކުން ކުރާ މަސައްކަތަށް ބަލައިގެން ކަމަށް ދެކެ އެވެ. އެހެންވެ، ކައުންސިލްތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އެ މަސައްކަތް ކުރެވޭނެ ފަދަ ގާބިލް ބަޔަކަށް އިސްކަން ދޭން ޖެހެ އެވެ.
ހޮވަންވީ ކޮން ކަހަލަ މީހެއް؟
ސިޔާސީ މަގާމުތަކަށް މީހުން ހޮވުމުގައި ރާއްޖޭގައި މިވީހާ ތަނަށް އަމަލު ކުރަމުން އައި އުސޫލަކީ އެ މީހަކު ނިސްބަތްވާ ޕާޓީގެ މީހަކަށް އިސްކަން ދިނުމެވެ. ތައުލީމީ އަދި ފަންނީ ގާބިލިއްޔަތު ކަމަކަށް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ރަށްރަށުގައި ތިބޭ ބައެއް ކައުންސިލަރުން ވެފައިވަނީ ނާގާބިލް، ރަށަށް ކުރިއެރުމެއް ނުގެނެވޭ ބައެއްގެ ގޮތުގަ އެވެ. ބައެއް މީހުން ސިފަ ކުރާގޮތުގައި އެ މީހުންގެ މަސައްކަތަކީ ޓައީ އަޅައިގެން އޮފީހަށް ގޮސް ސޮއިކޮށްލުމަށް ފަހު ކޮފީއަށް ނުވަތަ ސަޔަށް ދިޔުމެވެ.
ކައުންސިލްތަކުގެ ކަންކަން މޮނީޓާ ކުރަމުން އަންނަ އެލްޖީއޭގެ ޑިރެކްޓަ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ ބައެއް ކައުންސިލަރުންގެ ވިސްނުމާއި ގާބިލްކަން ހުންނަ މިންވަރުން، ކައުންސިލްތައް ހިންގުމަށް ދަތިވާ ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ކަންކަން ކުރަން ނިކުންނަ މީހަކު އިހްތިޔާރުކުރާއިރު، އެއީ އެކަން އެންމެ ރަނގަޅަށް ކުރެވިދާނެ މީހާތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް ގާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން އުޅޭއިރު މިކަމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭނެ. ރަށު ތަރައްގީގެ ކަންކަން ދުރަށް ޕްލޭންކޮށް، އެ ޕްލޭނަށް ވާސިލްވަން ޝިޔާރުތައް ކަނޑައަޅައި ނިންމުންތައް ނިންމުމުގެ އިހުތިޔާރާއި ބާރު މި އޮންނަނީ ކައުންސިލަރުންނަށް،" އޭނާ ވިދާޅުވި އެވެ.
"ކައުންސިލަރުންގެ ވިސްނުމަށް ކަންކަން ކުރަންވީ ގޮތާއި އެ ރަށެއްގެ ކަންތައްތައް ބައްޓަން ކުރަންވީ ގޮތް އަދި އެއީ އެ ރަށެއްގެ ފެންވަރުގައި ކުރެވޭނެތޯ ކަމެއްތޯ ނުވަތަ ނޫންތޯ ވިސްނައި ވަޒަން ކުރުމުގެ ގާބިލްކަން އެ މީހުންގެ ހުންނަން ޖެހޭ."
އޭނާ ވިދާޅުވިިި ގޮތުގައި އިންތިޚާބުވާ މެމްބަރުންގެ ކޮންމެ ދައުރެއް ނިމޭއިރު ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައި ހުންނަނީ އެ ގާބިލްކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ނުވެގެންނެވެ.
އާދަމް ޝަރީފް ދެކެވަޑައިގަންނަވާ ގޮތުގައި މި ފަދަ މީހަކު އިޚްތިޔާރު ކުރެވޭނީ އެ މީހަކު ތާއީދު ކުރާ ޕާޓީގެ ފިކުރަށް ވުރެ، ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދީގެންނެވެ.
އޭނާގެ ނަޒަރުުގައި ކައުންސިލްތަކަށް އިންތިޚާބު ކުރަން ޖެހޭނީ ރޭވުންތެރިކަމާ އެކުގައި ރައްޔިތުން ގޮވައިގެން ކަންކަން ކުރަން އެނގޭ ގާބިލް ތައުލީމީ މީހެކެވެ. އަދި އިދާރީ މުވައްޒަފުންނާ ވެސް ގުޅިގެން އެކުގައި އަމާޒަށް ވާސިލް ވެވޭނެ ފަދަ މީހެއް ކަމަށް ވިދާޅުވި އެވެ.
މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ
ލާމަރުކަޒީ ނިޒާމަށް އަހަރުތަކެއް ވެފައިވީ ނަމަވެސް އެކަމުގެ ފުރިހަމަ މަންފާ އެންމެ ރަނގަޅަށް ފެންނާކަށް ނެތެވެ. ބައެއް ރަށްރަށުގައި އަންނަ ޖެހޭ ކުރިއެރުންތަކާއި ތަރައްގީ އުއްމީދުކުރި މިންވަރާ ގާތަށް ވެސް ނުގެނެވެ އެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ކަމަށް ގާބިލް ނޫން މީހުން ކައުންސިލަރުންނަށް ހޮވުމެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ޒިންމާ އެ މީހުންގެ ބޮލަށް ކަނޑާލެވޭކަށް ވެސް ނެތެވެ. އެލްޖީއޭން ދެކޭގޮތުގައި އެކަމުގެ އިތުރު ސަބަބުތައް ވެސް އެބަހުއްޓެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެތަނުން ފާހަގަ ކުރީ ލާމަރުކަޒީ ގާނޫނުން މިހާރު ވެސް ގިނަ ބާރުތަކެއް ދީފައި ހުރި ނަމަވެސް، ގާނޫނާ އެއްގޮތަށް ސަރުކާރަށް ކަންކަން ފަހިކޮށްދެވިފައި ނެތުމެވެ. އެ ބާރުތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި އެ އިހްތިޔާރުތައް ދިނުމުގައި ސަރުކާރުން ބައެއް ފަހަރު ފެއިލްވެފައިވުމެވެ. އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިނުދިނުމަކީ އެންމެ ބޮޑު މައްސަލަ އެވެ.
އެލްޖީއޭ އިން ފާހަގަ ކުރި ދެ ވަނަ ކަމަކީ ކައުންސިލަރުންނާ އެކު މަސައްކަތް ކުރަން ތިބޭ އިދާރީ މުވައްޒަފުންގެ އެ ގާބިލްކަން ނެތުން ނުވަތަ އެ މީހުންގެ ފިކުރު އެކަމަށް ހުރަސް އެޅުމެވެ.
އާދަމް ޝަރީފް ވިދާޅުވީ ކަންކަމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅާ ފަރާތަކީ ކައުންސިލަރުން ކަމުގައި ވިޔަސް، އެކަން ކުރުމުގެ ބާރާއި އިންތިޒާމްތައް އޮތީ މުވައްޒަފުންގެ އަތްމަތީގައި ކަމަށެވެ.
"ބައެއް ކައުންސިލްތަކުގައި އެބަ ތިއްބެވި ވަރަށް ކުރީއްސުރެ އެތަނުގައި ތިއްބަވާ ކުރީގެ ހިޔާލުތަކުގެ ބޭފުޅުން ވެސް. ދެން އަލަށް މި އިންތިޚާބުވާ ކައުންސިލަރުން ކިތަންމެ ގާބިލް ނަމަވެސް ކަންކަމުގައި މި ބޭފުޅުންނާ މާބޮޑަށް ހިޔާލު ދިމައެއް ނުވޭ. އެހެންވެ، އެހާ ހިސާބުން ކަންކަން ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަ ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
އިދާރީ މުވައްޒަފުންނަކީ ސިޔާސީ ބައެއް ނޫން ނަމަވެސް، ސިޔާސީ އޮއެވަރުގައި ޖެހި ހިޔާލުތަފާތުވާ ކައުންސިލަރުންނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވެސް ބައެއް ކައުންސިލްތަކުގައި ތިބޭކަން އެލްޖީއޭ އިން ފާހަގަ ކުރި އެވެ.
އެތަނުން ދެކޭގޮތުގައި މިކަންކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، މީހުން އިންތިޚާބު ކުރާއިރު އެ ހުރިހާ ކަމަކަށް ވެސް ވަކާލާތު ކުރެވޭނެ ފަދަ ބަޔަކު އިހްތިޔާރު ކުރުމެވެ. ކުލައަކަށް ފިކުރަކަށް ނުބަލައި، މީހާގެ ގާބިލިއްޔަތު ކަމަށް އިސްކަން ދިނުމެވެ.