އެމްޓީސީސީގެ ހޮޑު ކޮތަޅު ކަރުދާހަށް! ޕްލާސްޓިކާ ދެކޮޅު ހަރަކާތް ފުޅާވަނީ

ޕްލާސްޓިކާ ދެކޮޅު ހަރަކާތުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުން ފުރަތަމަ ސަފަށް ނުކުމެ، ތަފާތު ފިޔަވަޅުތައް އަޅާ ތަން މިހާރު އެބަ ފެނެ އެވެ.


ދައުލަތުގެ ގިނަ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ. ބައެއް ސްކޫލުތަކަށް ޕްލާސްޓިކް ކޮތަޅު ވެއްދުން މަނާކޮށްފި އެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވަމުން އަންނަނީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކެވެ.

މޫދުގައި ޕްލާސްޓިކް: ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބޭ

އެމްޓީސީސީ ހޮޑު ކޮތަޅު ކަރުދާހަށް

ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީގެ ފެރީތަކުގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ ޕްލާސްޓިކް ކޮތަޅެވެ. ހޮޑު ކޮތަޅުގެ ގޮތުގައި އެތައް ސަތޭކަ ޕްލާސްޓިކް ކޮތަޅެއް ކަނޑަށް އުކާލަ އެވެ. ނަމަވެސް މިމަހު 14 އިން ފެށިގެން ހޮޑުލާން ބޭނުންކުރަނީ ކަރުދާހު ކޮތަޅެވެ.

ސަތާރަ އަތޮޅަކަށް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީގެ އުޅަނދުތަކުގައި އެވްރެޖްކޮށް ދުވާލަކު 26،000 މީހުން ދަތުރު ކުރެ އެވެ. އެ ހުރިހާ ދަތުރެއްގައި ހޮޑުލެވޭ މީހުން ބޭނުންކުރަން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

"ފެރީތަކުގައި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރެވުނީތީ ވަރަށް އުފާކުރަން. އަދި ތިމާވެށި ހިމާޔަތް ކުރަން މިފަދަ ކަންކަން އިތުރަށް ކުރަން މަސައްކަތް އެބަ ކުރަން،" އެމްޓީސީސީގެ މާކެޓިން މެނޭޖަރު މަރިޔަމް މުހައްމަދު މަނިކު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅު މޫދަށް އުކާލުމުން ކަނޑުގެ އެތައް ދިރުމެއް މަރުވެ އެވެ. އަދި ޕްލާސްޓިކް ފަދަ އެއްޗެހި އޮޅިގެން މުރަކަ އާއި ވެލާ ފަދަ ތަކެތި ނެތިދެ އެވެ.

އޭޑީކޭއިން ވެސް އަޖުމަބަލަނީ

ޕްލާސްޓިކް ހުއްޓާލުމުގެ މަސައްކަތް އޭޑީކޭއިން ވެސް ވަރަށް ފަހުން ވަނީ ފަށައިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ހިންގާ ބޭސްފިހާރާގައި ކަރުދާސް ކޮތަޅު ބޭނުންކުރަން ފެށީ އަޖުމަބެލުމުގެ ގޮތުންނެވެ.

އޭޑީކޭގެ ސީނިއަ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ އެ ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ވިޔަފާރި ވެސް ބައްޓަން ކުރަން ކަމަށެވެ.

ބަދަލާ އެކު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްލާސްޓިކް ކޮތަޅާ އަޅާބަލާއިރު ކަރުދާސް ކޮތަޅުގެ އަގު މާ ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ވީމަ އަޅުގަނޑުމެން މިކަން ކުރަނީ. ކަރުދާސް ކޮތަޅު މާ އަގުބޮޑު،" ޖިނާން ވިދާޅުވި އެވެ.

ފާހަގަވި ކަންކަމަށް ބަލައި އެކި ސައިޒްގެ ކަރުދާސް ކޮތަޅު ބޭނުންކުރަން އޭޑީކޭއިން މިހާރު ވަނީ ނިންމާފަ އެވެ. ދިގު މުއްދަތަކަށް ބޭސް ނަގާ މީހުންނަށް އަވަހަށް ހަލާކުވުން ކުޑަ ކޮތަޅު ބޭނުންވެ އެވެ.

އެސްޓީއޯއިން ހާއްސަ ޑިސްކައުންޓެއް

އެސްޓީއޯއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނީގެ ސްޕަމާކެޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ވިޔަފާރި ކުރަން ދާ މީހުންނަށް ޑިސްކައުންޓް ދޭން ފަށައިފަ އެވެ. ކޮތަޅު ހިފައިގެން ދިއުމުން ކުރާ ކޮންމެ ވިޔަފާރިއަކުން ދެ ޕަސެންޓްގެ ޑިސްކައުންޓެއް އެ ކުންފުނިން މިހާރު ދެ އެވެ.

އެސްޓީއޯގެ ޕްރޮމޯޝަން ޓްވީޓެއް

"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" މި ޝިއާރުގެ ދަށުން އެސްޓީއޯ އިން ފެށި ކެމްޕެއިނާ ގުޅޭ ގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭނުންވަނީ ކަސްޓަމަރުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅަށް ހިތްޖެއްސުން ކަމަށެވެ.

ވިޔަފާރި ކުރާ މީހުން ގަންނަ ތަކެތި އަޅާފައި އެސްޓީއޯއިން މިހާރު ދެމުން ދަނީ ޕްލާސްޓިކް ކޮތަޅެވެ. އާ ޕްރޮމޯޝަނާ އެކު އެ ކޮތަޅު ބޭނުން ކުރަން ޖެހޭ އަދަދު މަދުކުރެވޭނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ.\

ތިމާވެށީގެ ހިމާޔަތުގައި ކޮންމެ ބަޔަކަށް ވެސް ކޮންމެވެސް މަސައްކަތެއް ކުރެވިދާނެ އެވެ. އަދި ބޮޑެތި ކުންފުނިތަކުން އަޅާ ފިޔަވަޅުތަކުން ގިނަ ބަޔަކަށް ކުރާ ފައިދާ ބޮޑެވެ.