ރަށުން ކިޔަވައިގެން މުޅި ރާއްޖެއިން އެއްވަނަ!

އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނީ މާލޭގެ ސްކޫލުތަކުގައި ކިޔަވައިގެންނެވެ. މޮޅު ދަރިވަރަކަށް ވެވޭނީ މާލެއަށް އައިސްގެންނެވެ؛ ނަމަވެސް އެކަން ބަދަލުވެ އޯ ލެވެލް އާއި އޭ ލެވެލްގައި ރަށްރަށުގެ ދަރިވަރުންގެ ތަރި ވަނީ ވިދަން ފަށައިފަ އެވެ. ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ރަން ވަނަތައް ހޯދައި އެ ކުށް ހީތަކަށް މި ދަރިވަރުން އަންނަނީ ޖަވާބު ދެމުންނެވެ.


މިއީ އޭގެ ތެރެއިން އެއް ދަރިވަރުގެ ވާހަކަ އެވެ؛

އުފަން ރަށް، ފ. ނިލަންދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެން ހާޝިމް އިބްރާހިމް ވަނީ އޯ ލެވެލްގައި އަށް މާއްދާއިން އޭ ސްޓާ ހޯދައިފަ އެވެ. ގައުމީ ގަދަ 10 ގައި ޖުމްލަ 404 ދަރިވަރުން ހިމެނުނުއިރު އޭގެ ތެރެއިން ފަހުރުވެރި އެއް ވަނަ ހޯދި އަށް ދަރިވަރުންގެ ތެރެއިން އެކަކީ ރަށުން ކިޔެވި ހާޝިމް އެވެ.

ލެބޯޓްރީގައި ހާޝިމް އެކްސްޕެރިމެންޓެއް ހަދަނީ: އޭނާގެ އުއްމީދަކީ ޑޮކްޓަރަކަށް ވުން

އޭނާ ބުނާ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދޭނީ އެ ދަރިވަރަކު ކިޔަވާ ސްކޫލެއްގެ ގޮތަކުންނެއް ނޫނެވެ. ހުރިހާ ވެސް ކަމަކީ ދަރިވަރުންގެ ހިތްވަރެވެ. އަމިއްލަ އަށް ކުރާ މަސައްކަތެވެ. ނަމަވެސް ރަށްރަށާ ހިލާފަށް މާލޭގެ ސްކޫލުތަކުގައި ވަސީލަތްތައް ހަމައަށް ހުރުމަކީ އެތަންތަނުގެ ދަރިވަރުންނަށް ލިބޭނެ އިތުރު ބޯނަސް ޕޮއިންޓެއް ކަމަށް ހާޝިމް ދެކެ އެވެ.

"ގަބޫލެއް ނުކުރަން ހަމައެކަނި މާލޭގައި ކިޔަވައިގެން ކަމަށް ރަނގަޅު ނަތީޖާއެއް ލިބޭނީ. މިކަމުގައި އޮންނާނީ ދަރިވަރުގެ ކެރުންތެރިކަމާއި ހިތްވަރު. އެއީ ހުރިހާ ވެސް އެއްޗަކީ ހަގީގަތުގައި،" ރަށުގައި ހުރެ މިހާރު އޭ ލެވެލް އަށް ކިޔަވަމުން، ހައުސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަރިވަރު ބުންޏެވެ.

ރަށު ސްކޫލުގެ ލެބޯޓްރީގައި އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ކެމިސްޓްރީ ފަދަ މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދުމުގައި ދިމާވި ގޮންޖެހުމެކެވެ. އެއީ ވަސީލަތްތައް މަދުވެ އެންމެ އެކަށީގެންވާ ގޮތުގައި އަަމަލީ ބައި ކުރިއަށް ނުގެންދެވުމުންނެވެ. އެކަންތައްތައް ފުރިހަމަވި ނަމަ އޯ ލެވެލްގައި އެއަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް ހޯދުނީސް ކަމަށް އޭނާ ބުންޏެވެ.

އޯ ލެވެލް އިމްތިހާނު ހެދުމާ ހަމައަށް ވެސް ހާޝިމަށް އެންމެ އުނދަގުލީ ދިވެއްސެވެ. އެހެންވެ އެ މާއްދާއިން ނަތީޖާ ރަނގަޅުކުރަން އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރަން ޖެހުނެވެ. އެގޮތުން ކްލާހުގައި ޓީޗަރު ލިޔަން ހަވާލުކުރާ އެއްޗެހީގެ އިތުރުން އޭނާ އަމިއްލައަށް ވެސް ތަފާތު އެއްޗެހި ލިޔެގެން ޓީޗަރަށް ދައްކަ އެވެ.

ރާއްޖެއިން އެއް ވަނަ ހޯދި ހާޝިމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އެވޯޑު ހަވާލުކޮށްދެއްވަނީ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސްކޫލު ގަޑިތައް ނިންމުމަށް ފަހު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތަފާތު އެކި ފޮތް ކިޔަން ލައިބްރަރީގައި ހޭދަކުރާއިރު ވެސް ޝައުގުވެރިކަމާ އެކު ކިޔާލާނެ ދިވެހި ފޮތެއް ނުހުންނަ ކަމަށް އޭނާ ބުންޏެވެ.

"ދިވެހީގައި ބޮޑަށް ލިޔުންތެރިކަން އޮންނާތީ އެބަޔަށް އިސްކަންދިނީ. ޓީޗަރު ހަވާލުކުރާ މަސައްކަތުގެ އިތުރުން އަމިއްލައަށް ވެސް ތަފާތު އެއްޗެހި ލިޔެގެން ޓީޗަރަށް ދައްކަން. އެއިން ހެދިފައި ހުންނަ މައްސަލަތައް ރަނގަޅަށް ފާހަގަކޮށް އެބައި ރަނގަޅުކޮށްލަނީ،" މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ދަރިވަރު ބުންޏެވެ.

ހާޝިމް ބުނީ ސްކޫލުގެ ޕްރިފެކްޓަކަށް އުޅެމުން ކިޔެވުމަށް ވަގުތު ހޯދީ ވަކި ޝެޑިއުލެއް ހަދައިގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިހާއި ރޭގަނޑު ކިޔެވުމަކީ އެ ފިލާވަޅަކަށް ސަމާލުކަން ދިނުމަށް އޭނާއަށް ފަސޭހަވި ކަމެކެވެ. މިހާރު އޯ ލެވެލް އިމްތިހާނު ހަދަމުން އަންނަ ދަރިވަރުންނަށް ވެސް ދޭ ނަސޭހަތަކީ އެއީ އެވެ.

ސްކޫލުގަައި ބޭއްވި ހަރަކާތެއްގައި ހާޝިމް ބައިވެރިވަނީ

"ކިޔެވުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަމުގެ ގޮތުގައި ބައިންދާށޭ. ދުވަހުން ދުވަހަށް ދޭ ފިލާވަޅުތައް ދަސްކުރުމަކީ ފަސޭހަވާނެ ކަމެއް. އޭރުން އެކަމުގެ އަސަރު ވެސް ކުރާނެ،" ހާޝިމް ބުންޏެވެ.

އޭނާ ހުރީ އޭ ލެވެލްގައި ވެސް ރާއްޖެއިން އެއް ވަނަ ހޯދުމުގެ އަޒުމުގަ އެވެ.

ޕްރީ ސްކޫލަށް ނުވަދެ ސީދާ ގްރޭޑު އެކަކުން ތައުލީމީ ހަޔާތް ފެށުމަކީ ވެސް ހާޝިމަށް ފުރަތަމަ އުނދަގޫވި ކަމެކެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ކަމަކުން އޭނާއަށް ހުއްޓުމެއް ނެތެވެ. ރަށުގައި ހުރެގެން، ތައުލީމީ ގޮތުން ރާއްޖޭގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދެވުނީ ހުރަހެއް އޮތަސް އެއީ ގިރާކުރެވޭނެ ކަމެއް ކަމަށް ގަބޫލުކޮށް، ކުރި މަސައްކަތުންނެވެ.