1.5 ޓަނުގެ ޑްރަގް ހޯދައިިގެން އޭރު "ބަތަލަކަށް"! އެކަމަކު މިފަހަރު ހައްޔަރު!

މި މަހު 1 ގައި ދިއްފުށިން އެ ދޯނި ފުރައިގެން ފުވައްމުލަކާއި އައްޑުއަށް ކުރި ދަތުރުތަކުގެ ފަހަތުގައި އޮތީ މުޅިން ވެސް އެހެން ރޭވުމެއްކަން، އޭނާއަށް މިހާރު އެނގެ އެވެ. ދޯނީގެ ކައްޕިއަކީ އޭނާގެ ފިރިމީހާ ނަމަވެސް، ކުރީގެ އާދަތަކާ ހިލާފު ގޮތަކަށް، އެ ދަތުރުގައި ކަންކަން ދިއުމުން، އައިޝަތު ޝަހުދާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. މިހާރު އެކަން ވަނީ ޔަގީންވެފަ އެވެ. އާދަމް މިސްބާހު ޖަލުގައި ހައްޔަރުކޮށްފައި އެވަނީ ކަނޑުމަތިން އެތައް ބައިވަރު މަސްތުވާތަކެއްޗާ ހަވާލުވާން އުޅުމުގެ ތެރޭގަ އެވެ.


ކައިވެންޏަށް 12 އަހަރެވެ. ތިން ކުދިން އެބަ ތިއްބެވެ. ހަޔާތުގައި އެ ވަރުގެ ބޮޑު ކުށަކަށް މިސްބާހު އަރައިގެންފާނެ ކަމަކަށް ޝަހުދާ ގަބޫލެއް ވެސް ނުކުރެ އެވެ. މީގެ ކުރިން ނަމަ މިސްބާހު ފާހަގަކުރެވެނީ މިހާތަނަށް ރާއްޖެއިން ފެނުނު އެންމެ ގިނަ އަދަދުގެ ޑްރަގް ހޯދައި، ފުލުހުންނާ ހަވާލުކުރި ކަައްޕީގެ ގޮތުގަ އެވެ. އެކަމަކު މިއަދު އޭނާ ހައްޔަރުކޮށްފައި އެހުރީ އީރާނުގެ ބޯޓަކުން ރާއްޖެއަށް އެތެރެކުރަން އުޅުނު 70 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ދޯނީގެ ކައްޕީގެ ގޮތުގަ އެވެ.

މާޒީގެ ސަފުހާއެއް: 1.5 ޓަނުގެ މަސްތުވާތަކެތި، މޫދު އަޑިން!

އެޕްރީލް 22، 2006 ގައި ރާއްޖެ ސިއްސުވާލީ، ރީތިކޮށް ޕެކްކޮށް، މޫދު އަޑީގައި ރައްކާކޮށްފައި ހުރި 50 ބަސްތާ ޑްރަގްސް، ދިއްފުށީ ދޯންޏަކަށް ފެނުނު ހަބަރުންނެވެ. އޭރުގެ އަގުން ނަމަ އެއީ 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

އއ. ގަންގެހި ރިސޯޓް ކައިރީގައި އޮންނަ މާވަރުފަޅަށް، ދިއްފުށީ "އުޖާލާ" ދޯނި، ފަސް ފަޅުވެރިންނާ އެކު ގޮސް އުޅުނީ އިއްސާއި ހުއިފިލަނޑާގެ މަސްވެރިކަމުގަ އެވެ. އެކަމަކު މަސްވެރިން އަޑިއަށް ގޮސް އުޅެނިކޮށް ފެނުނީ ރީތިކޮށް ބަންދުކޮށް، އަޑީގައި އަތުރާލާފައި ހުރި ބަސްތާތަކެކެވެ. އެއީ ކޮން އެއްޗެއްކަން އޭރު ނޭނގުނަސް، އެ ހުރިހާ އެއްޗެއް ދޯންޏަށް ނަގައިގެން، ދިއްފުށަށް ގެންދިޔަ އެވެ.

މަސްތުވާތަކެއްޗަށް ޝައްކުވެގެން ފުލުހުންނަށް އެންގުމުން، ވަގުތުން ފުލުހުންގެ ޓީމެއް ދިއްފުއްޓަށް ގޮސް އެ އެއްޗިއްސާ ހަވާލުވެ، ދޫނިދުއަށް ގެންދިޔަ އެވެ. އޭރު "އުޖާލާ" ދޯނީގެ ކައްޕިއަކަށް ހުރި މިސްބާހާއި އަނެއް ހަތަރު މަސްވެރިންނާ ސުވާލުކުރަން އެ މީހުން ވެސް ދޫނިދުއަށް ގެންދިޔަ އެވެ. އެކަމަކު ފަހުން ދޫކޮށްލި އެވެ.

"ދޯނީގެ މީހުން ބުނާ ގޮތުން އެ ގޯނިތައް ހުރީ ފައްތައި، މަތިން ސަތަރި އަޅައި އައްސާފައި. އަދި އޭގެ މައްޗަށް ހުރީ ގާ އަރުވާފައި،" ދިއްފުށީގެ އޭރުގެ ކުޑަ ކަތީބު އަބްދުއްރާފިއު ވިދާޅުވެފައިވެ އެވެ.

"ފުލުހުން އައިސް ޕެކެޓްތައް ގުނިއިރު އެ ގޯނިތަކުގައި 1،693 ޕެކެޓް ހުރި. ކޮންމެ ޕެކެޓެއްގައި ގާތްގަނޑަކަށް އެއް ކިލޯ ހުރޭ."

ދުނިޔޭގެ ނިސްބަތުން ވެސް އެހާ ބައިވަރު ޑްރަގްސް ފެނުމުން އެއީ އާދައިގެ ބަޔަކު ފޮރުވާފައި ހުރި އެއްޗެއް ނޫންކަން ކަށަވަރުވި އެވެ. އެކަމަކު މިހާތަނަށް ވެސް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިފަހަރު މިސްބާހު މި ހެދީ ކިހިނެއް؟

ދިއްފުށީގެ "ހެދޭކުރި-7" ދޯނީގެ ކައްޕިކަމާ މިސްބާހު، 39، ހަވާލުވީ މީގެ ހައެއްކަ މަސް ކުރިންނެވެ. އެ ދޯނި ބަލަހައްޓަމުން އައީ އޭގެ ވެރިޔާގެ ދަރިފުޅު އަދި މިސްބާހުގެ ދެބެންގެދެދަަރި ބޭބެ ކަމަށް ވާ، އަހުމަދު ޝަކީބް، 42، އެވެ. އޭނާ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ދޯނީގައި މިސްބާހުގެ އިތުރުން ފަޅުވެރިންނަށް އުޅުނީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ އަލީ އަހްމަދު 24، އަދި ތުހުން 36، އެވެ.

އެކަމަކު ރާއްޖޭގެ އުތުރުން 170 ކިލޯމީޓަރު ދުރުން، ރާއްޖޭގެ ސިފައިންނާއި ފުލުހުން ގޮސް އީރާނު ބޯޓާ އެކު "ހެދޭކުރި-7" ދޯނި ހިފެހެއްޓި އިރު އޭގައި އިތުރު ދިވެއްސަކު ވެސް ހުއްޓެވެ: މުހައްމަދު އިނާޝް ،22، އީޓުޖެހިގެ، ލ. ގަން ތުނޑި، އެވެ. އޭނާ އެ ދޯންޏަށް އެރީ، މިހާރު ބެލެވޭ ގޮތުގައި، ދަތުރުގެ އިސް ބައިވެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ފުވައްމުލަކާއި އައްޑުއަށް އެ ދޯނި ކުރި ދަތުރު ކަމަށް ބުނާ ދަތުރުގައި، އޭނާ އެ ދޯންޏަށް ނެގީ ކޮން ހިސާބަކުން، ކޮން އިރަކު ކަމެއް ނޭނގެ އެވެ.

ދޯނީގެ ކެޕްޓަން މިސްބާހާއި ޝަކީބް: ޑްރަގްގެ މައްސަލާގައި މިހާރު ތިބީ ހައްޔަރުކޮށްފައި

"މިހާރު"އަށް ޝަހުދާ ކިޔައިދިން ގޮތުގައި މިސްބާހު ފުރީ މި މަހުގެ އެއް ވަނަ ދުވަހުގެ "ދަންވަރު ކުއްލި ގޮތަކަށެ"ވެ. އޭނާ ބުނި ކަމަށް ވަނީ ކަސްޓަމުން މުދާތަކެއް ނަގައިގެން ފުވައްމުލަކަށް ހުސްކުރަން ދާން ޖެހުނީ ކަމަށެވެ.

އެކަމަކު އޭގެ ކުރިން ތަޖުރިބާކުރެވިފައި ނުވާ ތަފާތު ކަމެއް، ޝަހުދާއަށް ކުރިމަތިވި އެވެ: ފުރިތާ ތިން ދުވަސް ވީއިރު ވެސް ގުޅޭ ގޮތް ނުވުމެވެ. އެ ވާހަކަ ޝަކީބު ކައިރީ ބުނުމުން އޭނާ އުޅުނީ ކަމުގެ ހަގީގަތް ފޮރުވައި، އޮޅުވާލަން ކަމަށް ޝަހުދާގެ ވާހަކަތަކުން އެނގެ އެވެ. އޭގެ އެއް މިސާލަކީ، މިސްބާހާ ނުގުޅޭ ވާހަކަ ފުލުހުންނަށް ނޭންގުމަށް، އޭނާގެ ކިބައިން ޝަކީބު އެދުނު އެދުމެވެ.

"ޝަކީބް ބުނީ ދަތުރުކުރާ ރޫޓުގެ ސަބަބުންނޭ ނުގުޅެނީ. ދެ ތިން ދުވަސް ވާނޭ. މިސްބާހް ހުރީ ސަލާމަތުންނޭ. އެހެންވެ އަޅުގަނޑު ވެސް މަޑުކޮށްގެން ހުރީ،" ޝަހުދާ ކިޔައިދިނެވެ.

"ހެދޭކުރި-7" ހިފެހެއްޓުމަށް ފަހު، ދިއްފުއްޓަށް ފުލުހުން ގޮސް ޝަކީބު ހައްޔަރުކުރި އެވެ. އެކަމާ ބެހޭ ގޮތުން ޝަކީބްގެ ބައްޕަ "މިހާރު"އަށް އޭރު ބުނީ މިސްބާހުގެ ހަބަރެއް ނުވެގެން ޝަހުދާ ސިފައިންނަށް އެންގި ކަމަށެވެ. ނަމަވެސް ޝަހުދާ ބުނީ އެއީ ދޮގެއް ކަމަށާއި ފުލުހުންނަށް ނާންގަން ޝަކީބު އެދިފައި އޮތުމުން، ރަސްމީ އެއްވެސް ފަރާތަކަށް އޭނާ ގުޅާފައި ނުވާނެ ކަމަށެވެ.

މިސްބާހާ ނުގުޅޭ ވާހަކަ ޝަކީބް ކައިރީ ބުނިތާ ދެ ދުވަހެއްގެ ތެރޭގައި ފިރިމީހާގެ ކޯލެއް އަ އެވެ. އެކަމަަކު އެއީ ސެޓެލައިޓް ފޯނަކުންނެވެ. އޭނާ ބުނި ކަމަށް ވަނީ "ފުވައްމުލަކަށް މުދާ ހުސްކޮށްފައި އައްޑުއަށް ދަނީ" ކަމަށާއި ދެތިން ދުވަސް ވަންދެން އަނެއްކާވެސް ނުގުޅިދާނެ ކަމަށެވެ.

އޭގެ ފަހުން މިސްބާހު މުޅިން ވެސް ގުޅަމުން އައީ ސެޓެލައިޓް ފޯނުންނެވެ. އެކަމަކު މާ ގިނަ ވާހަކައެއް ނުދައްކަ އެވެ.

"ދަރިންގެ ހާލު އަހާލާފައި ފޯން ބޭއްވީ،" ޝަހުދާ ކިޔައިދިނެވެ.

ކަމެއް ގޯސްކޮށް ހިނގާކަން އޭނާއަށް އިހުސާސް ވާން ފެށީ އެ ހިސާބުންނެވެ. މިސްބާހަކީ އަބަދުވެސް ކަނޑުމަތީ އުޅޭ މީހަކަށް ވިޔަސް، އޭގެ ކުރިން އެފަދަ ގޮތަކަށް މުވާސަލާތީ ގުޅުންތައް ކެނޑިފައެއް ނުވެ އެވެ.

"މިސްބާހަކީ ނިދާއިރު ވެސް، އެއްވެސް އިރަކު ފޯން ނިއްވާލާ މީހެއް ނޫން. ދެން އެހާ ގިނަ ދުވަހު ފޯން ނިވާލާފައި އޮންނާތީ އަޅުގަނޑު ވެސް ހިތަށްއަރާ ގޯހެއް އުޅެނިއްޔޭ،" ޝަހުދާ ބުންޏެވެ.

ނުވެސް ދަންނަ މީހެއް، އަންވަރު؟!

ތިން ކުދިން ގޮވައިގެން ޝަހުދާ އުޅެނީ މާލޭގަ އެވެ. އަތްމަތި ދަތިވުމުން އޭނާ ބޭނުންވީ ފިރިމީހާ ކައިރީ އެ ވާހަކަ ބުނާށެވެ. އެކަމަކު އެއީ ނުގުޅި ދިޔަ ދުވަސްތަކެވެ. އެހެންކަމުން އޭނާގެ ހާލަތު ހުރި ގޮތް ޝަކީބަށް އެންގި އެވެ. ޝަހުދާގެ ކިޔައިދިން ގޮތުގައި ޝަކީބް އެދުނީ "ބޭނުންވާ ކަންކަމުގެ ތަފްސީލާ އެކު އޭނާއަށް [ޝަކީބަށް] މެސެޖެއް ފޮނުވާށޭ" އެވެ.

ޝަހުދާ އެ މެސެޖް ފޮނުވި އެވެ. އެކަމަކު ޝަކީބު ދެން ދިނީ މުޅިން އެހެން މީހެއްގެ ނަމެވެ: އަލީ އަންވަރު މުހައްމަދެވެ. އެއީ ޝަހުދާ ދަންނަ މީހެއް ވެސް ނޫނެވެ. ޝަކީބު ބުނި ކަމަށް ވަނީ، އަންވަރާ ގުޅުމުން ފައިސާގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ.

ފުލުހުންނާއި ސިފައިން ހިންގި ބޮޑު އޮޕަރޭޝަންގައި މިހާރު ހައްޔަރުކޮށްފައި ހުރި، އަަންވަރު، 35، ކޯޒީ ކޯނާ، ސ. ހިތަދުއަކީ، ފުލުހުން ބުނާ ގޮތުގައި، ޑްރަގް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ.

އިސްކޮށް އުޅޭ ކަމަށް ފުލުހުން ބުނާ އަންވަރާއި ޝަކީބް--

ޝަހުދާ ބުނީ ނުދަންނަ މީހެއްގެ އަތުން ފައިސާ ހޯދަން ބޭނުންނުވާކަން ޝަކީބަށް އެންގި ކަމަށެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުންފިލުވަން އުޅުމުން، އޭނާ ބުނި ކަމަށް ވަނީ "އެކަހަލަ ވާހަކަތައް ފޯނުން ނުދެއްކޭނެ" ކަމަށެވެ.

"ދެން އޭނާ [ޝަކީބް] ބުނީ ވަޓްސްއަޕުން ނޫނީ ނުގުޅަން. ކޮށްފައި ހުރި މެސެޖްތައް ވެސް ޑިލީޓް ކުރަން،" ޝަހުދާ ކިޔައިދިނެވެ.

ކަނޑުމަތިން މިސްބާހު ހައްޔަރުކުރިކަން އެނގުނީ އޭގެ ދެތިން ދުވަސް ފަހުންނެވެ. އޭރު ފިރިމީހާ ފުރައިގެން ދިޔަ ފަހުން ދެ ހަފްތާ ވަނީ އެވެ. ފުވައްމުލަކާއި އައްޑު އަށް މުދާ ހިފައިގެން ދިޔަ ކަމަށް ބުނި މިސްބާހު އޭރު ހުރީ ފުވައްމުލަކާ ގާތްގަނޑަކަށް 800 އެއްހާ ކިލޯ މީޓަރު ދުރުން ރާއްޖޭގެ އެންމެ އުތުރުގަ އެވެ.

އެކަހަލަ ގޯހެއްގެ އިޝާރާތެއް ވެސް ނެތް!

ޝަހުދާ ބުނާ ގޮތުގައި މިސްބާހަކީ އެންމެ ކުޑަވެގެން، ސިނގިރޭޓެއް ވެސް ބޯ މީހެއް ނޫނެވެ. ވިޔާނުދާ ބަޔަކާ އެކު އުޅޭތަން ވެސް ފެނިފައެއް ނުވެ އެވެ. އަދި މީގެ 13 އަހަރު ކުރިން، ޑްރަގްގެ ބޮޑު ޝިޕްމަންޓެއް މޫދު އަޑިން ހޯދައި، ފުލުހުންނާ ހަވާލުކޮށްފައި އޮތުމުން، މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާ އުޅެފާނެ ކަމަކަށް، ޝަހުދާގެ ހިތަށް ވެސް އަރާފައެއް ނުވެ އެވެ.

ނަމަވެސް ކަން ހިނގި ގޮތާއި ފުލުހުން ހާމަކުރި މައުލޫމާތުން އޭނާ ގަބޫލުކުރަނީ މިސްބާހު އެ ކުށުގައި ބައިވެރިވެފައިވާ ކަމަށެވެ.

"މިސްބާހަކީ ލައިސެންސް އޮތް މީހެއް. އޭނާއަށް އެނގޭނެ ބޭރު ބޯޓަކާ ގާތް ކުރުމަކީ ގާނޫނީ ކުށެއްކަން. ގަބޫލުކުރަން ބޭނުން ނުވިޔަސް މިހާރު އެބަ އެނގޭ މިސްބާހު ވެސް މިކަމުގައި ބައިވެރިވިކަން،" ހިތާމައާ އެކު ޝަހުދާ ބުންޏެވެ.

އެކަމަކު މަސްތުވާތަކެއްޗާ ގުޅުވައިގެން ޝަކީބާ ބެހޭ ގޮތުން މީގެ ކުރިން ވެސް މީހުން ވާހަކަ ދައްކާ ކަމަށްވެ އެވެ.

"މީގެ ކުރިން މިސްބާހް ދުވަހަކު ވެސް އެކަހަލަ ކަމެއްގައި ނޫޅޭ،" ޝަހުދާ، ޔަގީންކަމާ އެކު ބުންޏެވެ.

ރިސޯޓްތަކަށާއި ރަށްރަށަށް މުދާ އުފުލުމުގައި ހަރަކާތްތެރިވަމުން އައި ފިރިމީހާއާ މެދު އޭނާ ހިތާމަކުރެ އެވެ. އަދި އެގޮތަށް މިސްބާހު ކަންތައް ކުރީ ކީއްވެގެންތޯ އަބަދުވެސް މިހާރު ހިތަށްއަރަ އެވެ.