ޔާމީންގެ ހުކުމަށް ގައުމު ހުއްޓިފައި

މުޅި ރާއްޖެ، މިއަދު ހުއްޓިފައި މިއޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމަށެވެ. ޓީވީން ވަގުތުން ދެއްކި ރާއްޖޭގެ ފުރަތަމަ ޝަރީއަތުގެ ހުކުމް އިއްވުން، ކްރިމިނަލް ކޯޓުގައި މިއަދު އޮންނަ އިރު، ހުކުމް އަތުވެދާނެ ގޮތަކާ މެދު އެކި މީހުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.


ރާއްޖޭގެ ކުރީގެ ރައީސެއްގެ މައްޗަށް ދައުލަތުން އުފުލާފައި މިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މިއީ، ސާބިތުވެއްޖެ ނަމަ، އަދަބެއްގެ ގޮތުގައި ބޮޑު ޖޫރިމަނާއަކާ އެކު ދިގު މުއްދަތުގެ ޖަލު ހުކުމެއް އަތުވެދާނެ ކުށެކެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހިޔާނާތުގެ މައްސަލައެއް މިހާތަނަށް ސާބިތުވެ ހުކުމަކާ ކުރިމަތިވެވަޑައިގެންފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށެވެ. ވެރިކަމަށް ފަހު ސިންގަޕޫރުގައި ދިރިއުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލިހުން ކުރި ތަހުގީގަކުން ހޯދި ހެކިތަކުގެ މައްޗަށް ބިނަކޮށް، ޖެނުއަރީ 20، 1986 ގައި ހުކުމްކުރީ 25 އަހަރަށް އަރުވާލާށެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލްގެ ރަސްމީ ޖަލްސާގައި، ޖުލައި 26، 1990 ގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނަށް މައާފު ދެއްވައިފަ އެވެ.

ނާސިރުގެ މައްސަލައާ ޔާމީންގެ މައްސަލަ ތަފާތެވެ. ނާސިރުގެ ވެރިކަމުގައި ރައްޔިތުންނަށް މިހާރު މި އޮތް ފަދަ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ. އެހެންކަމުން އެމަނިކުފާނުގެ ގިނަ ކަންކަން އާންމުންނަކަށް ނޭނގެ އެވެ. އެއާ ހިލާފަށް ރައީސްކަމުގައި ޔާމީން ހުންނަވަނިކޮށް، ދައުލަތުގެ މިލްކިއްޔާތު ބޭނުންކޮށްގެން ހިންގި ހިޔާނާތުގެ ވަރަށް ބޮޑެތި މައްސަލަތަކެއް ރައްޔިތުންނަށް ފެނުނެވެ. އެއީ ރޭވިގެން ކުރިއަށް ގެންދިޔަ ބޮޑު ވައްކަމެކެވެ.

ޔާމީނާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޝަރީއަތް ވެސް މުޅިން ތަފާތެވެ. އެއީ އެއް ބަޔަކަށް، ޓީވީ ޝޯއެކެވެ. ފުރަތަމަ ފަހަރަށް ވަގުތުން ޓީވީން ދެއްކި ޝަރީއަތުގައި، ޔާމީން ވަނީ ދިފާއުގައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ހުކުމް ކުރަން އެއް ދުވަހަށް ވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަދި ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ފަނޑިޔާރު އަހްމަދު ހައިލަމްގެ މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހަލީމް، ޝަރީއަތް ކުރިއަށް ގެންދަވަނީ: ޔާމީންގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވީ ހައިލަމް.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނު ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކުން ސިފަވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. ހައިލަމް ވިދާޅުވީ އެއީ، ރައީސާއި މަޖިލީހުގެ ރައީސަށް އަމާޒުކުރެއްވި ޕޯސްޓެއް ނޫން ކަަމަށެވެ. ފޮޓޯ އިން ދެ ބޭފުޅުން ސިފަވާކަން ވެސް އެނގިވަޑައެއް ނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އެ ކުރެހުން ފޮނުއްވުނީތީވެ އޭނާ ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު އެއީ ސުލޫކީ މައްސަލައަކަށް ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތަހުގީގަށް މިއަދު ހެނދުނު ހައިލަމް، ޖޭއެސްސީ އަށް ހާޒިރުވާން އޮތީ އަންގައިފަ އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުގެ ތަފްސީލް:

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.3 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ގާނޫނީ ނިޒާމު ފުނޑުފުނޑުކޮށްލައި، ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް، ވެރިކަމުގައި ހުންނެވިޔަސް އެނގިވަޑައިނުގެން ހިންގިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މިއާ ގުޅުވައި ކުރި ތުހުމަތަކީ އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުން އޮތުމެވެ. އެއް ސަބަބަކީ އެމަނިކުފާނުގެ އެންމެ އަރިސް ވަޒީރު އަދި ފަހުން ނައިބު ރައީސް ކަން ދެއްވި އަހްމަދު އަދީބުގެ ކުންފުނިތަކާއި އެމަނިކުފާނުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށް ދައުލަތުގެ ފައިސާ ޖަމާކުރަމުން ދިއުމެވެ.

އޮޑިޓް ރިޕޯޓުން ފެންނަން އޮތް މި ޚިޔާނާތުގެ ތުހުމަތުތަކަށް ބާރު ލިބުނީ ކަމާ ބެހޭ އިދާރާތަކުގެ ތަހުގީގުންނެވެ. އަޑުއަރާފައި އޮތް ގޮތަށް، ފައިސާގެ މަންފާ ލިބުނު ބޮޑު ޕަސެންޓޭޖަކީ ފުލުހުން ހާމަކުރި ގޮތުގައި، ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނެވެ. ޚިޔާނާތުގެ ފައިސާ އިން މި ބޭފުޅުންނަށް މަންފާ ލިބިވަޑައިގަތީ، މަގާމުގެ ނުފޫޒުން ކަންކަން ކުރެއްވުމުގެ ބަދަލެއްގެ ގޮތުންނެވެ. ރޭވުމަކީ ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމެވެ.

ޔާމީންގެ މައްސަލަ ފެންމަތިވެ، ތަހުގީގު ކުރަން ފެށީ އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ އެކުގަ އެވެ. އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ޔާމީންގެ މައްސަލައެއް ހުށަހެޅީ އޭސީސީ އަށެވެ. މަނީ ލޯންޑަރިންގެ މައްސަލަތައް އެ ކޮމިޝަނަށް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ނޯންނާތީވެ، އެކަން ހުށަހެޅީ ފުލުސް އޮފީހަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ ބެލުމުގައި: މި ދައުވާއާގެ ޝަރީއަތް ނިމެންދެން ޖަލަށް ލުމަށް ފަހު ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ދަށްވެ ޑޮކްޓަރުންގެ ލަފަޔަށް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުންގެ ތަހުގީގު ފަށައި، މި އަހަރުގެ ފެބުރުއަރީ 6 ގައި އާއްމުކުރި ބަޔާނުގައި، އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބޭ ގޮތަށް ބޭނުން ކުރައްވާފައިވާ ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކުރި އެވެ.

ދައުވާގައި ފާހަގަކުރި ކަންކަން

- ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް، ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ދައުލަތާ ހަވާލުކުރަން ދެކޮޅު ހެއްދެވުން.

- އޭސީސީއާ ފައިސާ ހަވާލު ނުކުރައްވައި އެއްބަސްވެވަޑައިގަތީ ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރަން.

- އެސްކްރޯ އެކައުންޓަށް ޖަމާކުރަން ޖެހޭނީ އެމްއައިބީގައި ހުރި ފައިސާ ކަން އަންގައި (އެކައުންޓް ނަމްބަރު ވެސް) އެއްބަސްވުމުގައި ލިއެފައިވޭ. އަމަލު ކުރެއްވީ އެއްބަސްވުމާ އެއްގޮތަށް ކަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ލިއުމުން އޭސީސީ އަށް އަންގަވާފައިވޭ.

- އެކަމަކު އޭސީސީ އަށް ފަހުން އެނގުނު ގޮތުގައި، އެސްކްރޯ އެކައުންޓަށް ޓްރާންސްފާކުރީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޔާމީންގެ ބީއެމްއެލް އެކައުންޓަކަށް ޖަމާކުރި ފައިސާ.

- އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެމްއައިބީ އެކައުންޓުގައިވާ ފައިސާ ނޫން ކަން އޭސީސީގެ ސަމާލުކަމަށް ގެނައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން. އެކަން ބަލައިދޭން ފުލުހުންނަށް ހުށަހެޅީ އޭސީސީން.

- ތަހުގީގަށް ފަހު ހާމަކުރި ގޮތުގައި، ޔާމީން ވަނީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރައްވައި، އެ ފައިސާ އިން މަންފާ ވެސް ހޯއްދަވާފައި.

މިއީ، މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބުރުއަރީ 13، ގަ އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތާ އެކު އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ފްރީޒްކުރި އެވެ. އަދި ޝަރީއަތް ފަށައި، ފެބްރުއަރީ 18 ގައި ހައްޔަރުކުރި އެެވެ. ޝަރީއަތް ނިމެންދެން ބަންދުކުރި ޔާމީން ގެއަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން، މާޗް 13، ގަ އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަަށް ވަކީލުން ވިދާޅުވޭ. -- ފޮޓޯ/މިހާރު

އެމަނިކުފާނު ވިދާޅުވާ އަނެއް ވާހަކަފުޅަކީ، އެސްއޯއެފުން ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން ދައުލަތުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތު ނުކުރެވޭނެ ކަމަށެވެ.

ކޯޓުގައި، ދައުލަތުން ބުނެފައި ވަނީ، ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާ ކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ސަބަބާއި ހާލަތުތަކެއް ހުރި ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެހެން ފައިސާއެއް ކަން ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އެސްއޯއެފުން ޖަމާކުރީ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވެސް އެބަ އޮތް ކަމަށާއި އެހެންވެ އެ ހާލަތުގައި އެއީ މަނީ ލޯންޑަރިންގެ ގާނޫނުގައި ބުނާ ފަދައިން ޝައްކުކުރެވޭ މުދަލާއި ފައިސާއެއް ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ހާލަތު އޮއްވާ އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

ދައުވާގެ އަދަބު: ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ހުކުމެއް

މަނީ ލޯންޑަރިންއަކީ ގާނޫނުގައި އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވާ އެއް ކުށެވެ. ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ މަނީ ލޯންޑަރިން ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ. ޔާމީނަށް އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަނީ ލޯންޑަރިން އަށް ފެތޭ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5-15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރުމަށް ހިތްވަރުދިނުން ވެސް އޮތީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އަދަބަކީ 5،0000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަނީ.

އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު އުފައްދާ ސުވާލު!

ޔާމީންގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލާގައި ދައުވާ ކޮށްފައި އޮތީ ވަކި މީހަކަށް އަމާޒު ކޮށްގެން ސިޔާސީ ބޭނުމެއްގަ އެވެ. މަގުސަދަކީ، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ހުރަސްއަޅައި، އަޑު ކަނޑުވާލުން ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރެ އެވެ.

އެކަމަކު މި ސަރުކާރުގެ އިސް ބޭފުޅުން މި ތުހުމަތު ދޮގުކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީންގެ މައްޗަށް ކުރި ތުހުމަތާއި އުފުލި ދައުވާ އާއި ޝަރީއަތުގައި ހުށަހެޅި ހެއްކާއި ޝަރީއަތް ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. ސިއްރުން ނުވަތަ ނުފޫޒުން ކުރި އެއްވެސް ކަމެއް ނެތެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެން ހަަމަހަމަ އިރު، ކުށަށް އަދަބު ލިބެން ޖެހޭ ކަަމަށް ވެސް މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.

ދެ ފަރާތުން، މި ހޫނު ބަހުސްގައި ތިއްބައި، ގާޒީ ހައިލަމް، ނަސްރު ދުވަހާ ގުޅުވައިގެން، އަމަލު ކުރައްވާފައިވާ ގޮތުން، އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު އޮތީ ސުވާލު އުފައްދައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ވަނީ ހައިލަމްގެ މައްސަލަ ބަލަން ގޮވާލައި ބަޔާނެއް ނެރެފަ އެވެ. ޕީޕީއެމުން ބުނެފައި ވަނީ، ބަޔަކު ރާވައިގެން ހައިލަމްގެ އަގު ވައްޓާލީ ކަމަށެވެ. އެއީ ޖުޑިޝަރީ ހަލާކުކޮށްލުމުގެ ބައެއް ކަމަށް ވެސް ޕީޕީއެމުން ތުހުމަތުކޮށްފައިވެ އެވެ.

އެހެންކަމުން، ޔާމީނަށް އުފުލާފައިވާ ދައުވާގައި، ކޮންމެ ގޮތަކަށް ހުކުމް އަޔަސް، ސިޔާސީ ދެ ބައިވުން ނައްތައެއް ނުލެވޭނެ އެވެ.