އަމީނިއްޔާއަށް 75: އެތަައް ހާސް ދަަރިވަރުންނެއްގެ އުފާވެރި މާޒީއެއް

އަމީނިއްޔާ ސްކޫލަށް މިއަދު 75 އަހަރު ފުރުނުއިރު އެންމެ ހާއްސަ ކަމަކީ އެތަނުގެ ގޯތިތެރޭގައި ހުރި ބާ އިމާރާތެއް ނޫނެވެ. ރާއްޖޭގެ ތައުލީމާއި ތާރީހާ ގުޅިފައިވާ އެ ސްކޫލުގެ އެންމެ ބޮޑު ރައުސްމާލަކީ ދަރިވަރުންނެވެ. އެހެންވެ ރާއްޖޭގެ ތިން ވަނައަށް އެންމެ ދުވަސް ވީ ސްކޫލުގެ ހުރިހާ ހާއްސަ ކަމެއް ވެސް ގުޅިފައިވަނީ އަންހެން ކުދިންނަށް ތައުލީމް ފޯރުކޮށްދޭން އެންމެ ފުރަތަމަ ބިންގާ އެޅި ސްކޫލުގެ ދަރިވަރުންނާ އެވެ.


އަމީނިއްޔާ ރާއްޖޭގެ ތަރީޚުން ޖާގަ ހޯދާފައި ވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލެއްގެ ގޮތުގަ އެވެ. މީގެ ނުވަ އަހަރު ކުރިން 2010 ގައި، ދެ ޖިންސްގެ ކުދިންނަށް އަމީނިއްޔާ ހުޅުވާ ލުމުގެ ކުރިން އެއީ ހަމައެކަނި އަންހެން ކުދިން ކިޔަވަމުން އައި ސްކޫލެކެވެ. ރާއްޖޭގައި އުފެދުނު ވަރުގަދަ ގިނަ އަންހެން ޝަހުސިއްޔަތުތަކުގެ ތައުލީމީ ހަޔާތް ގުޅިފައި އޮތީ އެ ސްކޫލާ އެވެ. އަންހެން މިނިސްޓަރުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނެވެ. ޕްރިންސިޕަލުންނެވެ. ޑޮކްޓަރުންނެވެ. ނަރުހުންނެވެ. އެތައް ހާސް ޓީޗަރުންނެވެ. ކުޅިވަރުގެ މަޝްހޫރު ތަރިންނެވެ.

ސްކޫލްތަކުގެ ބޮޑު ބަންދާ ދިމާވުމުން މިއަދު އަމީނިއްޔާގެ އަހަރީ ދުވަހާ ގުޅިގެން މާ ވަރުގަދަ ހަފުލާއެއް ނުބާއްވަ އެވެ. އެކަމަކު މި އަހަރުގެ އެކި ދުވަސްވަރު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަލިމަސް ޔޫބީލްގެ ރަސްމީ ޖަލްސާ އޮންނާނީ، އަމީނިއްޔާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އަންނަ އަހަރު ސްކޫލްތައް ހުޅުވުމުންނެވެ.

އަމީނިއްޔާގެ މުސްކުޅި ދަރިވަރުންތަކެއް، އަލިމަސް ޔޫބީލް ޕެރޭޑަށް ފަހު ހަނދާނީ ފޮޓޯއެއްގައި: ރާއްޖޭގެ ވަރަށް މަތީ މަގާމުތައް އަމީނިއްޔާގެ ދަރިވަރުން ވަނީ ފުރާފައި -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

މި ރިޕޯޓްގައި ގެނެސްދެނީ، އަމީނިއްޔާގެ ދިގު ތާރީޚުގައި އުފެދުނު ނަން މަޝްހޫރު އެތައް ދަރިވަރުންގެ ތެރެއިން ވަރަށް މަދު ބައެއްގެ ހަނދާންތަކެވެ.

އަނީސާ އަހުމަދު

އަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ފުރަތަމަ ކިޔަވައިދޭން ފެށީ ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކުގައި އަޑުއުފުއްލަވަމުން އަންނަ އަނީސާ އަހުމަދު ގްރޭޑު ފަހެއްގައި އުޅުއްވަނިކޮށެވެ. މީގެ 58 އަހަރު ކުރިން، 1961 ގައި އައި އެ ބަދަލުން އޭނާއަށް އުފާވެރިކަން ގެނެސްދިނެވެ. އޭގެ ސަބަބުން ތައުލީމީ އާ ދޮރެއް ހުޅުވުނެވެ.

އޭރުގެ ހައުސް ކެޕްޓަނަކަށް އުޅުއްވިއިރު، އަނީސާގެ ހަނދާނުން ވެސް ފިލައިގެން ނުދާނެ ކަމަކީ ސްކޫލުގެ ގޯތިތެރޭގައި ކުޅުނު ކުޅިވަރުތަކެވެ. އެއްދަންފަޅިއަށް ކިޔަވައިދިންއިރު މެންދުރުފަހު ވަގުތުތައް ހާއްސަކޮށްފައި އޮންނާނީ ކުޅިވަރަށެވެ.

ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކުޅިވަރު ކުޅުނުއިރު އެ އެންމެންގެ މެދުގައި އޮތީ، އޭނާ ސިފަކުރެއްވި ގޮތުގައި، ވަރަށް ބަދަހި ގުޅުމެކެވެ.

އަމީނިއްޔާގެ މުބާރާތަކުން ރަން ވަނަތައް ހޯދި ދަަރިވަރުންތަކެއް: އެ ސްކޫލްގެ ސްޕޯޓްސް މީޓަކީ އެއް ދުވަސްވަރެއްގައި މާލޭގެ އެންމެ ބޮޑު ކުޅިވަރު އީދު

"އެ [ހަނދާންތައް] ފިލައިގެން ނުދޭ. މިހާރު މޮޅު ކުދިންނަށް ކުޅިވަރު ވެސް ލިބެނީ. އެކަމަކު އޭރު ވަރަށް އެކުވެރި، ގާތް ގުޅުމެއް އޮތީ،" އަނީސާ ވިދާޅުވި އެވެ.

"އެ ކަންތައްތަކުން އެންމެން އެކީގައި އުޅެން ދަސްވީ. އެހެން މީހުންނަށް އިހުތިރާމްކުރަން ދަސްވެގެންދިޔަ."

އޭނާ ވިދާޅުވީ މިހާރުގެ ތައުލީމީ ނިޒާމާ އަޅާބަލާއިރު އެ ދުވަސްވަރު އެންމެ ބޮޑަށް ފާހަގަކުރެއްވެނީ ޓީޗަރުންނަށް ކުރި އިހްތިރާމެވެ. އެކަމަކު މިހާރު އެ އިހުތިރާމް ނެތް ކަމަށް ވިދާޅުވި އެވެ.

އަމީނިއްޔާގެ އަލިމަސް ޔޫބީލް ޕެރޭޑްގެ ތެރެއިން: މިއީ މި އަހަރު ބޭއްވި އެންމެ ބޮޑު އެއް ހަރަކާތް - ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޒަހާ ވަހީދު

އަމީނިއްޔާގެ މުސްކުޅި ދަރިވަރުންގެ ތެރެއިން މިނިސްޓަރުކަމުގައި މިއަދު ހުންނެވި އަންހެން އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. އެ ސްކޫލުން ގްރޭޑް ދިހަކާ ހަމައަށް ތައުލީމް ހާސިލްކުރައްވައި 1985 ގައި ސްކޫލުން ވަކިވެވަޑައިގެންނެވީ ވަރަށް ފޮނި، އުފާވެރި ހަނދާންތަކާ އެކުގަ އެވެ. ކިޔެވުމުގެ އިތުރުން އޭނާ ކުޅިވަރުގައި ވެސް އުޅުއްވި އެވެ.

އަމީނިއްޔާގެ ކުރީގެ ދަރިވަރުން ސްޓޭޖް ޝޯއެއްގައި: ވަރަށް ހަރަކާތްތެރި ދަރިވަރުންތަކެއް އުފެދުނު

އެކަމަކު ސްކޫލްގެ ހަނދާންތަކާ އެންމެ ބޮޑަށް ގުޅިފައި އޮތީ އުފާވެރި ކަމަކަށް ވުރެ ލިބިވަޑައިގެންނެވި އަނިޔާއެކެވެ. ކްލާހުގައި ހުރި ބޯޑެއް ވެއްޓި އޭނާގެ ގައިގައި ޖެހި ފައިގެ ކަށިމައްޗާ ހިސާބުން ބިނދުނެވެ. އެ ވޭނުގައި ހަތަރު ވަރަކަށް އަހަރު އުޅުއްވި ކަމަށް ވިދާޅުވި އެވެ.

"ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ގެނެސްދޭ ހަނދާންތަކެއް އެއީ،" ސްކޫލް ބޭންޑުގައި ވެސް ހަރަކާތްތެރިވި ޒަހާ ވިދާޅުވި އެވެ.

މިހާރު ވެސް އެކުގައި ކިޔެވި ބައެއް ދަރިވަރުންނާ އެކު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެކި މީހުންގެ އުފަން ދުވަސް ފާހަގަކުރުމާއި ތަފާތު އެހެން ބައްދަލުވުންތައް ބާއްވައި، ސްކޫލް ދައުރުގެ އެކުވެރިކަން އަދިވެސް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން އަމީނިއްޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ

"ވަރަށް ގާތް އެކުވެރިންތަކެއް ލިބިފައިވަނީ. ކޮންމެ ކަމެއްގައި ވެސް ކައިރީގައި ތިބޭނެކަމުގެ ޔަގީންކަން އޮވޭ،" ޒަހާ ވިދާޅުވި އެވެ.

ޑރ. ޝީޒާ އަލީ

ގައުމީ ޔުނިވަސިޓީގެ މެޑިސިން ސްކޫލުގެ ފުރަތަމަ ޑީން ޑރ. ޝީޒާ އަލީގެ ތައުލީމީ ފުރަތަމަ "އެދުރަކީ" ވެސް އަމީނިއްޔާ އެވެ. އެއީ އުފާވެރި، އެކުވެރި، މަޖާ އަހަރުތަކެކެވެ. އަމީނިއްޔާގެ ދަރިވަރުންގެ މެދުގައި މަޝްހޫރު އަނބުގަހާއި ޖަނބުރޯލު ގަހުން އެއްޗެހި ބިނދެ އުޅުމަކީ އޭރު ގިނަ ކުދިންނަށް ބޮޑު މަޖާގަނޑެކެވެ.

ޑރ. ޝީޒާގެ ހަނދާނަށް އަންނަ ގޮތުން އޭނާއަށް އަދަބެއް ލިބުނީ އެންމެ ފަހަރަކު އެވެ.

"ކަރުދާހުން ބޯޅަ ހަދާފައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބޯޅަ އެއްލަނިކޮށް މާ އަޑުގަދަވެގެން ކައިރީގައި ހުރި އެހެން ކްލާހެއްގެ ޓީޗަރަކު މި އަންނަނީ. އައި އިރު މުޅި ކްލާހުގައި ކަރުދާސް،" އެ ހަނދާންތައް އާކުރަމުން ޝީޒާ ވިދާޅުވި އެވެ.

އޭގެ އަދަބަކީ ޕްރިންސިޕަލްގެ އޮފީސް ކުރިމަތީގައި ލައިނެއް ހަދާފައި ބޭތިއްބުމެވެ.

"އެގޮތަށް ބަހައްޓާފައި ގަޑިއިރަކަށް ވުރެ ގިނައިރު ވެއްޖެ. ފަހުން ސްކޫލުގައި މަސައްކަތްކުރާ އެހެން މީހެއްގެ ފަރާތުން އެނގުނީ ލައިންގައި ބަހައްޓާފައި ޕްރިންސިޕަލް ދިޔައީކަން،" އޯ ލެވެލް އިމްތިހާން 1985 ގައި ހެދި، ޝީޒާ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ގާލް ގައިޑްގެ ބައެއް ދަރިވަރުން: ހުރިހާ ހަރަކާތެއްގައި އަބަދުވެސް އަމީނިއްޔާ އުޅުނީ ކުރީގައި

ކުޅިވަރުގެ ތަރި ޔަޒްނީ ނަޝީދާ

އަމީނިއްޔާގެ ސްޕޯޓްސް މީޓަކީ އެއް ދުވަސްވަރެއްގައި މުޅި މާލެއަށް މަޝްހޫރު ކުޅިވަރުގެ އީދެކެވެ. އެތުލެޓިކްސްގެ ބައިތަކާއި އެކި ހައުސްގެ މެދުގައި ވާދަވެރި ކަމެއްގެ ގޮތުން މާޗުކުރުން ވެސް އޮވެ އެވެ. މިއީ ރާއްޖޭގެ ދުވުމުގެ މޮޅެތި ހުނަރުވެރިން ވެސް އުފެއްދި ސްޕޯޓްސް މީޓެކެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ކުރީގެ ދުވުންތެރިޔާ އަދި މިހާރު އެތުލެޓިކްސް ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާ ޔަޒްނީ ނަޝީދާ (ޔަޒޫ) އެވެ.

އޭނާގެ ކުޅިވަރުގެ ބިންގަލަކީ އަމީނިއްޔާ އެވެ. ސްކޫލުގައި ބޭއްވި ކުޅިވަރުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހާސިލްކުރި އެވެ. މިހާރު އޮންނަ ގޮތާ ހިލާފަށް އަމީނިއްޔާގައި އޭރު ކުޅިވަރުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. އެހެންވެ ޔަޒޫގެ ފޮނި، ގިނަ ހަނދާންތައް ގުޅިފައި އޮތީ އެ މުބާރާތްތަކާ އެވެ.

"އިންޓަ ސްކޫލް މުބާރާތްތަކަށް ފަރިތަކުރަން ލިބޭނެ 3-4 މަސް. އޭރު ތައްޔާރުވާން ފަށައިގެން އުޅޭއިރު ވަރަށް މަޖާ ކަންތައްތައް ދިމާވޭ،" އަމީނިއްޔާގެ ގޭމްސް ކެޕްޓަންކަން ވެސް ކުރި ޔަޒޫ ބުންޏެވެ.

ސްކޫލް ނިންމުމަށް ފަހު އޭނާއަކީ ރާއްޖޭގެ އަންހެން އެންމެ މޮޅު އެތުލީޓެވެ. ދުނިޔޭގެ ބޮޑެތި އެތައް މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރި އެވެ. އަދި މިހާރު ވެސް އަންހެނުންގެ 800 މީޓަރުގެ ރެކޯޑް އޮތީ ޔަޒޫ އަތުގަ އެވެ.

އަމީނިއްޔާގެ އެތައް ހާސް ދަަރިވަރުންގެ ތެރެއިން މިއީ ވަރަށް މަދު ބައެކެވެ. އެކަމަކު މިއަދުގެ އުފާވެރިކަން މި ހަތަރު، މުސްކުޅި ދަރިވަރުންގެ ފަރާތުން ވެސް ވަަޒަންކުރެވެ އެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ގުޅިފައި އޮތީ އަމީނިއްޔާގައި ހޭދަކުރި 10 އަހަރާ އެވެ. އެ ސްކޫލުން އޭރު އެ ދަރިވަރުންނަށް ދަަސްކޮށްދިނީ ހަމައެކަނި ކިޔަވާކަށް ނޫނެވެ. ދިރިއުޅުމުގެ ރީތި އެތައް އާދައެއް ވެސް އެނގި، އޭގެ މައްޗަށް ދިރިއުޅުން ބިނާކުރި އެވެ.

އަމީނިއްޔާގެ މާޒީއަކީ ކާމިޔާބު ތާރީޚެކެވެ. އަބަދުވެސް ތައުލީމީ ގޮތުން ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ވާދަކުރި އެވެ. އޯ ލެވެލްގެ ގަދަ 10 ހޮވަން ފެށި ފަހުން އެންމެ ގިނަ ދަރިވަރުން އެ ސްޓޭޖް މައްޗަށް އަރުވައިދިން އެއް ސްކޫލަކީ ވެސް އަމީނިއްޔާ އެވެ.

މިއަދު އެ ސްކޫލްގެ އަލިމަސް ޔޫބީލާ އެކު، އެތައް ހާސް ދަރިވަރުންގެ ހަނދާންތައް ގޮސް އަނެއްކާވެސް ގުޅޭނީ އެތަނުގެ ތަފާތު ހާދިސާތަކަށެވެ. މިއަދު އަނެއްކާވެސް އެ ހަނދާންތައް އާކޮށް، ކުދިން ހަރުދަނާ މީހުންނަށް ހަދައިދިން ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ސްކޫލްގެ އެހެން މުވަައްޒަފުންގެ އަގު ވަޒަންކުރުން ވަރަށް މުހިންމެވެ.