ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު

ވެކްސިން ޖެހުމަކީ ނުރައްކަލެއް ކަމަށް ވިސްނައިދޭން މަސައްކަތްކުރާ "އެންޓި-ވެކްސާސް" ގެ ސާބިތު ނުހިފޭ ވާހަކަތައް ގަބޫލުކުރާ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެ އެވެ. އިންޓަނެޓާ އެކު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ދުނިޔެ ކުޑަވެ މި ބުނާ އެންޓި-ވެކްސާސްގެ ވާހަކަތައް ފަތުރަން ވެސް ފަސޭހަވެ އެ ވާހަކަތަކަށް ހެއްލޭ މީހުން ގިނަވެއްޖެ އެވެ. ނަތީޖާ އަކީ މީގެ ކުރިން ހިމަބިހި ފެނުން މަދުވެފައިވާ ތަންތަނުން ވެސް މި ބަލި ފެނުން ގިނަވާން ފެށުމެވެ. ރާއްޖެ ވެސް އިސްތިސްނާއެއް ނުވެ އެވެ.


އިންޓަނެޓުން ފެންނަ ފޭކް ލިޔުންތައް ގަބޫލުކުރެވި ވެކްސިނާ ދެކޮޅު ހަދާ ބަޔަކާއި ދީނީ ގޮތުން ގަބޫލުކުރާ ގޮތްތަކެއް ސަބަބުން ވެކްސިން ގޯސްކޮށްގެން އުޅޭ ބަޔަކު ވެސް އެބަ އުޅެ އެވެ. ރާއްޖޭގައި އޭގެ މީހުން އުޅޭ ގްރޫޕެއްގެ ތެރޭގައި އިނދެ އެ މީހުން ދައްކާ ވާހަކަތައް ބަލައިލި އިރު އަޖައިބުވެ އަންތަރީސް ވެއްޖެ އެވެ. ވެކްސިނާ ދެކޮޅަށް، ކަނޑައެޅިގެން ފޭކް ވެބްސައިޓްތަކުން ފެންނަ އެއްޗެހި ވެސް މި ބުނާ ވައިބަ ގްރޫޕް ތެރޭގަ އާއި ފޭސްބުކް ޕޭޖެއްގައި އެބަ ޝެއާކުރެ އެވެ.

ގޫގުލް އިން އުޅެނީ ވެކްސިން އުފައްދަން ފަށަން ކަމަށާއި އެހެންވެ ގޫގުލްގައި ވެކްސިންގެ ނުރައްކާތެރިކަމުގެ ވާހަކަ ނުފެންނަ ގޮތް ހަދާފައި އޮންނަ ކަމަށް އެކަކު ބުނެފައި އޮތެވެ. މިއީ އެ މީހުންގެ ވިސްނުން ހުރި ހިސާބުގެ ކުޑަކުޑަ މިސާލެކެވެ.

ދެން މި ހިމަނާލަނީ ވެކްސިނާ ދެކޮޅު މީހުން ހަދާ އާންމު 10 ދޮގެވެ. އަދި އޭގެ ހަގީގަތެވެ.

1 - ހިމަބިހި ޖެހެންވާނެ، ޖެހުނިއްޔާ މާ ރަނގަޅުވާނެ

ވެކްސިނާ ދެކޮޅު މީހުން ބުނާ ގޮތުގައި 1960ގެ ތެރޭގައި ހިމަބިހީގެ ވެކްސިން ތައާރަފްވުމުގެ ކުރިން ހިމަބިއްސަކީ ގާތްގަނޑަކަށް ހުރިހާ ކުޑަކުދިންނަކަށް ޖެހޭ ބައްޔެކެވެ. އެ މީހުން ދެކެނީ ހިމަބިހި ކޮންޓްރޯލްކުރަން ވެކްސިން ނުޖަހައި އެ ބަލި އާންމުކޮށް ފެތުރެން ދޫކޮށްލާފައި އޮތް ނަމަ އިންސާނުންގެ ސިއްހަތު މާ ރަނގަޅުވާނެ ކަމަށެވެ. އެހެންވެ އެ މީހުން ދަރިންނަށް ހިމަބިހި ޖައްސުވަން "މީސްލްސް ޕާޓީ" ބޭއްވުމުގެ ހިޔާލު ވެސް ގެންގުޅެ އެވެ. އެއީ ހިމަބިހި ޖެހިފައި ހުންނަ މީހުންނާ އެކު އެއްތަނަކަށް ޖަމާވެ އެންމެން އެ ބަލި ލިބިގަތުމަށެވެ.

ހިމަބިހީގެ ވެކްސިން ތައާރަފްކުރުމުގެ ކުރިން، ކުޑަކުދިންނަށް ހިމަބިހި ޖެއްސުމުގެ ވިސްނުން ގެންގުޅުނު މީހުން އެކަން ކުރަނީ އުމުރުން ދޮށީވާ ފަހުން ހިމަބިހި ޖެހުމުން މާ ބޮޑަށް ނުރައްކާވާތީ ކުޑައިރު އެ ބަލި ޖެއްސުމަށެވެ.

ހިމަބިހި: މިއީ ވޭން ހުރި ބައްޔެއް

ހިމަބިހި ޖެހެންވާނެ ކަމަށާއި ޖެހުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނި ނަމަވެސް މި ބަލި ޖެހުމަކީ ވަރަށް ބޮޑު ވޭނެކެވެ. ހިމަބިހި ޖެހުމުން ގަދަޔަށް ހުން އާދެ އެވެ. ލޯ ދުޅަވެ އަލީގައި އުޅެން ދަތިވާތީ އަބަދު ބަންދުވެފައި އޮންނަން ޖެހެ އެވެ. ކަންފަތުގެ އިންފެކްޝަނާއި ބޭރަށް ހިންގުން ވެސް ޖެހިދާނެ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ޅަފަތުގައި ހިމަބިހި ޖެހޭ ކުދިންގެ ބަރުދަން ލުއިވުން ފަދަ މައްސަލަތައް މުޅި އުމުރަށް ވެސް ތަޖުރިބާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

2 - ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރޭ

މި ވާހަކަ މިގޮތަށް ދައްކަނީ އިތުބާރު ގެއްލިފައިވާ އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑްގެ ވާހަކަތަކާ ގުޅިގެންނެވެ. ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރި ކަމަށް ބުނެ އޭނާ ޝާއިއުކުރި ކަރުދާހުގެ މައިގަނޑު ބައިތައް އޭނާ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން ކޮށްފައިވާ އެކި ދިރާސާތަކުން އޯޓިޒަމްއާ ވެކްސިނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ހޯދިފައެއް ނުވެ އެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން މެޑިކަލް ލައިސަންސް ވެސް ވަނީ ފަހުން ބާތިލްކޮށްފަ އެވެ.

ވޭކްފީލްޑް އާންމުކުރި ކަރުދާހާ ބެހޭ ގޮތުން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި އޭނާ އެ ކަރުދާސް ޝާއިއުކުރީ ފައިސާގެ ބޭނުމުގަ އެވެ. އެއީ އޭނާ އުފައްދަން މަސައްކަތްކުރި މޮލެކިއުލާ ވައިރަލް ޑައިގްނޯސްޓިކް ޓެސްޓް ކުންފުންޏެއް އުފެއްދުމަށެވެ. ބީއެމްޖޭގައި ޝާއިއުކުރި ތަހުގީގު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއީ އިނގިރޭސި ވިލާތާއި އެމެރިކާ އިން އަހަރަކު 72.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިދާނެ ވިޔަފާރިއެއް ކަމަށް ވޭކްފީލްޑް ވަނީ ބުނެފަ އެވެ.

3 - ހިމަބިހީގެ ވެކްސިން ޖަހާފައި ހުންނަ މީހާގެ ގައިން އެހެން މީހުންނަށް ވައިރަސް އަރާނެ

ވެކްސިނާ ދެކޮޅު މީހުން މިހެން ބުނަނީ މީސްލްސް އަކީ ވައިރަހެއް ކަމަށް ވެފައި އެ ވައިރަސް ހަށިގަނޑު ތެރެއަށް ފޮނުވައިގެން ވެކްސިން ދޭތީ އެވެ. އެކަމަކު މިއީ އެހެންވާ ކަމެއް ނޫނެވެ. މީސްލްސް ވެކްސިނަކީ ބާރު ދަށްކޮށްފައިވާ ވައިރަހެކެވެ. އެއީ އެހެން މީހެއްގެ ހަށިގަނޑަށް އެ ވައިރަސް ނުދާހާ ބާރު ދަށްކޮށްފަ އެވެ. ވެކްސިން ދިނުމުން، ވެކްސިން ދޭ ތަނާއި އަތަށް ތަދުވެ ކުޑަކޮށް ހުން އައުން ފަދަ ކަންކަން ވެދާނެ އެވެ. އެކަމަކު އެއީ ބައްޔާ ދެކޮޅަށް ހަށިގަނޑު ތައްޔާރުވުމުގެ އަލާމާތްތަކެވެ.

އެކަމަކު ހިމަބިހި ޖެހޭ ކުދިންގެ ގައިން އެ ބަލި ފިލައި ރަނގަޅުވެ، އެތައް ހަފުތާއެއް ވަންދެން ވެސް އެހެން މީހުންނަށް ވައިރަސް ފެތުރެ އެވެ. އަދި ވައިރަސް ހަށިގަނޑަށް ވަދެފައި ހުންނަ މީހާ އަށް ވެސް އެކަން ނޭނގި އެހެން މީހުންނަށް އެ ވައިރަސް ވާސިލުވާން މެދުވެރިވެ އެވެ.

ހިމަބިހީގެ ވެކްސިން ދިނުމުން އެ މީހެއްގެ ގައިން އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް

ބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނާނީ އާދައިގެ އަރިދަފުސް ރޯގާގެ އަސަރުތަކެވެ. ނޭފަތުން ފެން އައުމާއި ހުން އައުމާއި ކެއްސުމާއި ލޯ ރަތްވުން ފަދަ ކަންކަމެވެ. މިއީ ގައިގައި ބިހިތައް ނަގަން ފެށުމުގެ އެތައް ދުވަހެއް ކުރިން ފެންނާނެ އަލާމާތްތަކެވެ. އަދި މި މުއްދަތުގައި ވެސް އޭނާގެ ގައިން އެހެން މީހުންނަށް ވައިރަސް އަރާނެ އެވެ. ވައިރަސް ހުންނަ މީހުން އުޅެފައި ދާ ތަނެއްގައި އެތައް ގަޑިއިރެއް ވަންދެން އެ ވައިރަސް ހަރުލާފައި ހުރެ އެވެ.

4 - ވެކްސިނަކީ ބޮޑު ވިޔަފާރިއެއް

ވެކްސިނާ ދެކޮޅު މީހުން އެންމެ ބާރުލާފައި ދައްކާ އެއް ވާހަކަ އަކީ މިއީ އެވެ. އެ މީހުން ބުނަނީ ވެކްސިން ޖަހަން ޖެހޭނެ ކަމަށް ބުނަނީ ބޭސް އުފައްދާ ކުންފުނިތަކުން ވެކްސިން ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަން ކަމަށެވެ.

އެކަމަކު ހަގީގަތަކީ ވެކްސިން ނުޖަހާ ނަމަ ބޭސް ކުންފުނިތަކަށް ފައިދާ ބޮޑުވުމެވެ. އެއީ ވެކްސިން ޖެހުމުން އެ ވެކްސިން ދިން ބައްޔެއް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް މުޅި އުމުރަށް ބަންދުވާތީ އެވެ. ވެކްސިން ޝޮޓެއްގެ އަގަކީ ގާތްގަނޑަކަށް 12 ޑޮލަރެވެ. ވެކްސިން ނުދީ މީހުން ބަލިވާން ދޫކޮށްލައިގެން ތިބޭ ނަމަ ބޭސް ކުންފުނިތަކަށް، މީހަކަށް 12 ޑޮލަރަށް ވުރެ މާ ގިނަ ބޭސް ވިއްކޭނެ އެވެ. މިސާލަކަށް ބުނާ ނަމަ، ކޮލެސްޓްރޯލާ ދެކޮޅު ބޭހެއް ކަމަށްވާ ލިޕިޓާ އިން އެކަނި ވެސް އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު މިއީ މުޅި ވެކްސިން މާކެޓާ ނުބައްދަލު އަދަދެކެވެ.

ރާއްޖޭގައި ހިމަބިހީގެ ވެކްސިން ދެނީ ހިލެ އެވެ. އާންމު މީހާ ކުރަން ޖެހޭ ހަރަދެއް ނޯވެ އެވެ.

5 - މީސްލްސް ވެކްސިނުން ކުދިންނަށް ފިޓް ޖެހޭނެ

މިއީ ވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ފީބްރައިލް ސީޒާ އާންމު ގޮތެއްގައި ޖެހެނީ ހުން އައުމުންނެވެ. މާނަ އަކީ ހިމަބިހި ގިނަވެ މާ ގަދައަށް ހުން އަންނަ ކުދިން ގިނަވާ ނަމަ ފިޓްޖެހޭ ކުދިން މާ ގިނަވާނެކަމެވެ.

ހުން ގަދަވުމުން ހަމަ ކޮންމެ ކުއްޖަކަށް ވެސް، ފީބްރައިލް ސީޒާ ޖެހިދާނެ އެވެ. ވެކްސިން ދީގެން ހުން އަންނަ ވަރަށް ވުރެ މާ ގަދަޔަށް، ވެކްސިން ނުދީ ހުއްޓާ ހިމަބިހި ޖެހިއްޖަ ނަމަ އަންނަ ހުން ގަދަވާނެ އެވެ. އެހެންވެ ވެކްސިނާ ހެދި ފިޓް ޖެހުމަށް ވުރެ، ވެކްސިން ނުދިނުމުން ފިޓް ޖެހެން އޮތް ފުރުސަތު މާ ބޮޑެވެ.

6 - މީސްލްސް ވެކްސިނުން، ސިކުނޑި ދުޅަވާ އެންކެފަލައިޓިސް ޖެހޭ

މިއީ ވެސް ވެކްސިނުން ފިޓް ޖެހެޔޭ ބުނާ ގޮތަށް ދަައްކާ ވާހަކައެކެވެ. ވެކްސިން ދީގެން ސިކުނޑި އަށް ގެއްލުމެއް ވުމަށް އޮންނަ ފުރުސަތަށް ވުރެ ހިމަބިހި ޖެހިގެން ސިކުނޑި ދުޅަވުމުގެ ފުރުސަތު މާ ބޮޑެވެ. މީސްލްސް ވެކްސިނުން އެންކެފަލައިޓިސް ކުރިމަތިވުމަށް ހާހަކުން އެއް ފުރުސަތު އޮވެ އެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކުރުމުގެ ވަރަށް ނާދިރު ޗާންސެއް ވެސް އޮވެ އެވެ. އެކަމަކު މީސްލްސް ޖެހިގެން ނިއުމޯނިއާ، ކްރޫޕް، އެޕެންޑިސައިޓިސް، ހެޕަޓައިޓިސް، ލޯ ފާރުވުން، ކަނުވުން އަދި ކިޑްނީ ފެއިލްވުމަށް އޮންނަ ފުރުސަތު މާ ބޮޑެވެ.

7 - ހިމަބިހި ވެކްސިނުގައި މާކިއުރީ ހިމެނޭ

މިއީ ވެސް ދޮގެކެވެ. ބައެއް ފްލޫ ވެކްސިން ގިނަ ދުވަހު ބެހެއްޓުމަށް މާކިއުރީގެ ވަރަށް ކުޑަ މިންވަރެއް ބޭނުންކުރެ އެވެ. މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރެ އެވެ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫނެވެ.

ވެކްސިން ރައްކާކޮށްފައި ހުންނަ ބިއްލޫރި ކުޑަ ފުޅި (ވައިލްސް) ގެ ތެރެއިން، އެއްފަހަރު ބޭނުންކުރާ ގޮތަށް ހުންނަ އެއްޗެހީގައި މާކިއުރީ ބޭނުމެއް ނުކުރާނެ އެވެ.

މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރޭ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫން.

އެހެންވެ، ބައެއް ވެކްސިނުގައި ހުންނަ މާކިއުރީއާ ބެހޭ ގޮތުން އަރާފައި އޮންނަނީ ވަރަށް ބޮޑު އޮޅުމެކެވެ.

8 - ވިޓަމިން އޭ ފުދޭ ވަރަށް ހުރިއްޔާ ހިމަބިހި ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް

މިއީ ނިއުޓްރިޝަން މަދުވެފައިވާ ކުދިންނަށް މީސްލްސް ޖެހުމުން ނުރައްކާ ބޮޑުވާތީ އަރާފައި އޮންނަ އޮޅުމަކަށް ވެދާނެ އެވެ. ވިޓަމިން އޭ މަދު ނަމަ އެއްވެސް އިންފެކްޝަނަކާ ދެކޮޅަށް ހަށިގަނޑުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަން ދަތިވެ އެވެ. ނަމަވެސް ވިޓަމިން އޭ އަކީ ހިމަބިހިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނެވެ.

ރަނގަޅު ސިއްހަތެއްގައި ހުންނަ ނަމަ ކޮންމެ ބައްޔަކާ ދެކޮޅަށް ވެސް ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރާނެ އެވެ.

9 - ހިމަބިހި ވެކްސިނުން މީހުން މަރުވޭ

މިހެން ބުނާ މީހުން ހަވާލާދެނީ އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބަލަހައްޓާ ޑޭޓާބޭސްއަކަަށެވެ. މީގައި، ވެކްސިން ދިނުމަށް ފަހު މަރުވެފައިވާ މީހުންގެ އަދަދު އޮތަސް އެއީ ވެކްސިނުގެ ސަބަބުން މަރުވި މީހުން ކަމަކަށް ބުނެފައެއް ނޯވެ އެވެ.

އަނެއްކޮޅުން، މުޅި ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ހިމަބިހި ވެކްސިނުގެ ސަބަބުން ކުޑަކުދިންނާއި މީހުން މަރުނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ހުރީ ފެންނާށެވެ. ވެކްސިނެއް ދިނުމުން މީހަކު މަރުވެފައި ވިޔަސް، އެއީ މީހާގެ ކިބައިގައި ހުރި އެހެން ކަމެއްގެ ސަބަބުން ވަރަށް ބޮޑަށް އެލާޖިކްވެ އެކަމަށް ފަރުވާ ނުކުރެވިގެން ދިމާވެފައިވާ ކަމަކަށް ވުން މާ ގާތެވެ. މާނަ އަކީ، ސިއްހީ މައުލޫމާތު ރަނގަޅަށް ދީ ކްލިނިކުން ނުވަތަ ހޮސްޕިޓަލުން ވެކްސިން ޖަހާ ނަމަ މިފަދަ ކަމެއް ދިމާވުމަށް އޮންނަ ފުރުސަތު ވެސް ކުޑަވުމެވެ.

10 - ވެކްސިން ދިނުމަކީ އަމިއްލަ ކަމެއް، މަޖުބޫރެއް ނުކުރެވޭނެ

މިހެން ބުނާ މީހުންނަށް، ތިމާގެ ދަރިއަށް އެހެން މީހެއްގެ ދަރިއެއްގެ ފަރާތުން ބައްޔެއް ޖެހުމަކީ މައްސަލައަކަށް ނުވާނެ ހެއްޔެވެ؟ ވެކްސިން ދިނުމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ނުދެކެންވީ ވެކްސިން ނުދިނުމުން ބަލީގެ ނުރައްކާ ބޮޑުވެ އެ ކުދިންނަކީ އެންމެންގެ ތެރޭގައި ބަލި ފަތުރާ ސަބަބަކަށް ވެދާނެތީ އެވެ. މިއީ އެތައް ބައެއްގެ ހައްގު ގެއްލުމެވެ. ތިމާގެ އަމިއްލަ ހައްގަށް ވުރެ، މުޖުތަމައުގެ ހައްގު މާ ބޮޑުވާނެ އެވެ.

އެހެން ވާހަކައެއް

ހިމަބިހި ފެތުރޭ ދުވަސްވަރެއްގައި ނަމަ، ވެކްސިން ދީފައި ތިބި ކުދިން ވެސް ސްކޫލަށް ނުފޮނުވާ ގެންގުޅެން ބައެއް ބެލެނިވެރިން ބޭނުންވެ އެވެ. އެކަމަކު ވެކްސިންގެ ފުރަތަމަ ޑޯޒާ އެކު، ބަލިން ރައްކާތެރިވާނެ ކަމުގެ 93 ޕަސެންޓް ޔަގީންކަން އޮންނާނެ އެވެ. ދެ ވަނަ ޑޯޒާ އެކު 97 ޕަސެންޓުގެ ޔަގީންކަން އޮވެ އެވެ. ޑޯޒް ހަމަކޮށްފައި ވަނިކޮށް ހިމަބިހި ޖެހުނު ކަމުގައި ވިޔަސް އޭގެ އަސަރު ކުރާނީ ނިސްބަތުން ކުޑަކޮށެވެ.

ވެކްސިން ދީފައި ހުއްޓަސް ވައިރަހަށް ހުށަހެޅިއްޖެ ނަމަ، ބަލި ޖެހުމަށް 100 އަކުން ތިނެއްގެ ފުރުސަތު އޮންނަ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލުން ބުނެ އެވެ. އެކަމަކު ވެކްސިނާ އެކު ލިބޭ ހިތްހަމަޖެހުމަކީ ބަލީގެ ނުރައްކާ އެތައް ގުނައެއް ކުޑަވުމެވެ.