މުސްތަފާ، ދަތި ދުވަސްވަރެއްގައި ޣިޔާސުއްދީންގެ ހުންގާނަށް

ތައުލީމީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ވިސްނުމެއް އޭރު ނެތެވެ. ނަމަވެސް މަޖީދިއްޔާ ސްކޫލުން އޯ ލެވެލް ނިންމާލެއްވުމަށް ފަހު މަންމަގެ ރަށް، ސ. ހިތަދުއަށް އަލީ މުސްތަފާ ބަދަލުވެ އޭރުގެ ސ. އަތޮޅު ތައުލީމީ މަރުކަޒު ނުވަތަ މިހާރުގެ ޝަރަފުއްދީން ސްކޫލުގައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ތައުލީމީ ދޮރާށިން ވަދެވަޑައިގެންނެވިތާ 20 އަހަރު ފަހުން، ތައުލީމީ ދާއިރާއަށް ބޮޑު ގޮންޖެހުމެއް އައިސްފައިވާ މި ދުވަސްވަރު މުސްތަފާ ހުންނެވީ، ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ސްކޫލު، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.


ޕްރައިމަރީ ޓީޗަރެއްގެ ސެޓްފިކެޓާ އެކު ތައުލީމީ ދާއިރާ އިން އިތުރު ހަރުފަތްތަކަށް ކުރިއަށް ވަޑައިގަތުމުގެ އަޒުމް ވަރުގަދަވީ އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ސެކަންޑްރީ ޓީޗިން ނިންމާލުމަށް ފަހު އަށެއްކަ މަހު މުސްތަފާ މަސައްކަތްކުރެއްވީ ޝަރަފުއްދީން ސްކޫލުގެ އިކޮނޮމިކްސް ޓީޗަރަކަށެވެ. އެއަށް ފަހު އެޑިއުކޭޝަން މެނޭޖްމަންޓް އިން މާސްޓާސް ފުރިހަމަކުރެއްވުމަށް 2010 ގައި ވަޑައިގެންނެވީ މެލޭޝިޔާއަށެވެ.

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ކުޅެނީ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އޭގެ އަހަރެއް ފަހުން، 2011 ގައި އޭނާ މަސައްކަތް ފެއްޓެވީ ސ. ފޭދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. ޣިޔާސުއްދީންގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ ފޭދޫ ސްކޫލުގަ އެވެ.

ފޭދޫ ސްކޫލުގެ ތަޖުރިބާ

ފޭދޫ ސްކޫލުގައި މަސައްކަތްކުރެއްވި ނުވަ އަހަރަކީ މުސްތަފާގެ ތައުލީމީ ހަޔާތުގައި ކުރެއްވި އެންމެ ތަފާތު ތަޖުރިބާ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފޭދޫ ސްކޫލްގައި ކުރެއްވުނު މަސައްކަތްތަކަކީ އޭނާއަށް ހާސިލްކުރެއްވުނު ކާމިޔާބީއެކެވެ. އެ ސްކޫލާ މެދު އާއްމުންގެ އިތުބާރު ބޮޑުކޮށްދީ ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހޯދާ ސްކޫލަކަށް ހަދަން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

މުސްތަފާ ވިދާޅުވީ ފޭދޫ ސްކޫލާ ފުރަތަމަ ގުޅިވަޑައިގެންނެވި އިރު، އައްޑޫ ސިޓީގެ ތައުލީމީ ނިޒާމުގައި ތައުލީމް ފޯރުކޮށްދޭން ތިބި ވަރަށް ގިނަ ބަޔަކަށް ތައުލީމްގެ މެންޑޭޓު އޮޅި ވަކި ބަޔަކަށް ތައުލީމް ދިނުމުގެ ސިޔާސަތު ސްކޫލުގައި އޮވެ، ވަކި ކުދިބަޔަކު ބާކީކުރުމުގެ އުސޫލުތައް ވެސް ހުރި ކަމަށެވެ.

ޣިޔާސުއްދީން ސްކޫލް: ރާއްޖޭގެ ނިސްބަތުން ތަފާތު ސްކޫލެއް .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"މުޅި މުޖުތަމައު ތެރޭގައި ހުންނަ ހަމައެކަނި ސްކޫލުން އެކަން ކުރީމަ، މުޅި މުޖުތަމައުގައި އެ ކުދިން ވަރަށް ބޮޑަށް ފަޟީހަތްވެ، އާއިލާތައް އެކަހެރިވެ އެކަހަލަ ގޮތްގޮތުން ސްކޫލްތަކުގެ ތައުލީމީ މިންގަނޑުތަކުން ބޭރުވެފައި ހުރި ތަންތަނުގެ ގޮތުގައި ހުރީ. މުޅި ނިޒާމު އޮތީ ސެލެކްޓިވް ސިސްޓަމަކަށް،" މުސްތަފާ ވިދާޅުވި އެވެ.

"ޕްރައިމަރީ ސްކޫލުތަކުން ނިންމާ ދަރިވަރުން ގްރޭޑު ހަތެއް ނިންމާފައި އިމްތިހާނެއް ހަދާފައި އެ އިމްތިހާނުން ފާސްވާ އެންމެ މޮޅެތި ދަރިވަރުން ވަކި ސްކޫލަކަށް ނަގާފައި ދެން ދަށް ކުދިން ވައްދާ ސްކޫލުތަކެއް ހުރީ،" ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 20 އަހަރުގައި ކުރެއްވުނު ތަފާތު ތަޖުރިބާ ހިއްސާކުރައްވަމުން މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަންކަމުގައި "ހަތިޔާރު" ހިފައިގެން މީހުންގެ ކުރިމައްޗަށް ނުކުމެ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަހަރު ވެސް ގިނަ އެވެ. ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދޭ ސްކޫލަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްތަކަކީ ތައުލީމީ ދާއިރާގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރައްވަނީ ތައުލީމަކީ ވަކި ކުއްޖަކަށް އަމާޒުކޮށްފައިވާ ނިޒާމެއް ނޫން ކަމެވެ. އެއީ މުޅި މުޖުތަމައު ބިނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ކްލާހެއްގައި ދަރިވަރުން ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ޣިޔާސުއްދީނާ މެދު ކުރައްވާ އުއްމީދު

ގްރޭޑު އެކަކުން ފަށައިގެން 10އާ ހަމައަށް ކިޔަވައިދޭ ޣިޔާސުއްދީން ސްކޫލުގައި ބޭނުންކުރަނީ ކެމްބްރިޖްގެ މުގައްރަރެވެ. އެއާ ހިލާފަށް ނުވަ އަހަރު މުސްތަފާ މަސައްކަތް ކުރެއްވި ސްކޫލުގައި ބޭނުންކުރަނީ ގައުމީ މަންހަޖަށް ވުމުން، ދެ ސްކޫލުގެ ކިޔަވައިދިނުމާއި ހިންގުމުގައި ތަފާތުތަކެއް ހުންނާނެ އެވެ. އެ ގޮންޖެހުންތަކުން އަރައިގެންނެވުމަށް އޭނާ ހުންނެވީ ތައްޔާރުވެގެންނެވެ. މުސްތަފާ، މިދިޔަ މާޗު މަހު ޣިޔާސުއްދީން ހިންގުމާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއަށް ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރަން ފެށި ދުވަސްވަރެވެ. ނަމަވެސް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ހަމަޖެއްސި ކަމުގައިވިއަސް، ޣިޔާސުއްދީން ސްކޫލުގައި ކެޕޭސިޓީ ހުރުމުން އެކަން މާ ބޮޑު އުނދަގުލެއް ނުވި އެވެ. "ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ ފިޒިކަލް ކްލާސްތަކުގައި ކިޔަވައިދިނީ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު ލޮކްޑައުން ދިގުދެމިގެންދާނެ ކަން އެނގުނު ހިސާބުން ސްމާޓް ޓާމްގެ ނަމުގައި ވަކި ޓާމެއް ލޯންޗުކޮށްފައި ކިޔަވައިދޭން ފެށީ. އެސެސްކުރާ ބަދަލުކުރީ ހާލަތާއި ވަގުތަށް ފިޓްވާ ގޮތަށް،" މުސްތަފާ ވިދާޅުވި އެވެ. މިހާލަތަށް ބަލާފައި ރަނގަޅަށް އޮންލައިންކޮށް ކިޔަަވައިދޭ ސްކޫލަކަށް ޣިޔާސުއްދީން ވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެެ.

"އުއްމީދަކީ، ހުރި ހިސާބަށް ވުރެ އިތުރަށް ސްޕީޑް ޖައްސާލުން. ތައުލީމީ އާ އުސްމިންތަކަށް މިކަން ގެންދިއުން. ޣިޔާސުއްދީނަކީ ނަތީޖާ ނެރުމުގައި ވެސް ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ސްކޫލު،" 925 ދަރިވަރުން ތިބި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭދޫ ސްކޫލާއި ޣިޔާސުއްދީން ސްކޫލް ހިންގާ ނިޒާމް ތަފާތުވުމުން ދެ ތަނުން ފޯރުކޮށްދޭ ތައުލީމުގައި "އުޑާއި ބިމާހާ ތަފާތު" ވެސް ހުންނަ ކަމަށެވެ.

އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެއްވަން ނިންމަވާފައި ވަނީ މެއިންސްޓްރީމް ކްލާސްރޫމުގެ ކިޔެވުން މިހާރަށް ވުރެ ރަނގަޅުކުރުމަށެވެ. ޣިޔާސުއްދީންގައި ޓީޗަރުންގެ ގޮތުގައި ތިބީ ވަރަށް ފެންވަރު ރަނގަޅު ބަޔަކަށް ވުމުން، ސްކޫލު އިތުރު ހަރުފަތަކަށް ގެންދަވަން ޕްރިންސިޕަލްގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ސްޓާފް ރޫމުގައި ޓީޗަރުންން މަސައްކަތްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ޣިޔާސުއްދީން ސްކޫލު އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި ވާނީ އެންމެ އުފެއްދުންތެރި އެއް ސްކޫލަށް. ތައުލީމީ ގޮތުން އެންމެ އަރުތަވެރި އެއް ސްކޫލަށް،" މުސްތަފާ ވިދާޅުވި އެވެ.

މީގެ ކުރިން 2018 ގައި ޣިޔާސުއްދީން ސްކޫލުގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 40 ޕަސެންޓް ދަރިވަރުން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނެވެ. ނަމަވެސް ސަރުކާރުގެ ގިނަ ސްކޫލުތަކާ ހިލާފަށް ޣިޔާސުއްދީނަކީ އިމްތިހާނުގައި ހޯދާ ނަތީޖާއަށް ހަމައެކަނި ބަލާ ސްކޫލެއް ނޫނެވެ. މުސްތަފާ ވިދާޅުވި ގޮތުގައި އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އިސްތިހާރުނުކުރަނީ އެއީ ތައުލީމީ ހަމައެކަނި ކާމިޔާބީގެ ގޮތުގައި މީހުން ދެކެން ފަށާފައިވާނެތީ އެވެ.

މުސްތަފާ ގަބޫލުކުރައްވަނީ ތައުުލީމީ ފަލްސަފާގައި ތައުލީމް މިނެކިރޭނެ މިންގަނޑުތަކެއް އަންނަން ޖެހޭނެ ކަމަށެވެ. ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިކުރެވޭނެ ބަދަލުތައް ވެސް ގެންނަން ޖެހެ އެވެ. އެހެން ނުވެއްޖެ ނަމަ، އެކަށީގެންވާ ގޮތެއްގައި ތައުލީމީ ދާއިރާ ކުރިއަށް ދާނެ ކަމަކަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ.