ދެ ވަނަ ދައުރު ނިމެނީ، ކުރިމަގަށް މާޒީގެ ތަޖުރިބާ މުހިންމު

ލޯކަލް ކައުންސިލްހެ އާ އިންތިހާބު ބާއްވައި، ރަށްރަށަށް އާ ވެރިންތަކެއް ހޮވާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު ފަހުކޮޅު ހުޅުވާލާނެ އެވެ. އެކަމަކު މީގެ ހަ އަހަރު ކުރިން ތައާރަފްކުރި ލާމަރުކަޒީ ނިޒާމުގެ ދެ ވަނަ ދައުރު ނިމި، ތިން ވަނަ ދައުރަކަށް ކުރިމަތިލާއިރު ސުވާލު އުފައްދަން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.


ފުރަތަމަ ސުވާލަކީ މިއެވެ؛ މިހާރު ތިބި ކައުންސިލަރުންނަށް އެމީހުންގެ ޒިންމާ އަދާކުރެވުނު ހެއްޔެވެ؟ ކައުންސިލަށް އަލުން ހޮވާނީ ކޮން ބައެއް ހެއްޔެވެ؟

ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ކައުންސިލްތަކެއް އުފެއްދީ ރަށުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވިގެންނެވެ. އެކަމަކު ވެރިންގެ އަދަދު ގިނަކޮށްގެން އައި ތަފާތެއް ނުފެނުނެވެ.

ށ. ފޯކައިދޫ ކައުންސިލް މެމްބަރުންތަކެއް: ކައުންސިލް އިންތިހާބަށް ގިނަ ރަށްރަށުގައި އަންނަނީ ތައްޔާރުވަމުން-- ފޮޓޯ/ އެލްޖީއޭ

ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފް ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ނަޒީފް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތައް ފެއިލްވުމުގެ އެންމެ ބޮޑު ސަބަބަކީ ކައުންސިލަރުންނަށް ގާބިލް މީހުން ނުތިބުމެވެ. އެހެންވެ، އާ ކައުންސިލަރުންތަކެއް ހޮވާއިރު އެންމެ އިސްކަމެއް ދޭން ޖެހޭނީ ރަށުގެ ތަރައްގީއަށް ކުރިއެރުންތަކެއް ގެނެވޭނެ އަދި ރަށް ދެކެ ލޯބިވާ ބަޔަކު ހިޔާރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރަކަށް ވުމަށް ތައުލީމީ ގޮތުން މާ މޮޅު މީހަކަށް ވާކަށް ނުޖެހެ އެވެ. ނަޒީފު ދެކެވަޑައިގަންނަވާ ގޮތުގައި އެ މަގާމަށް ކުރިމަތިލުމުގައި އެންމެ މުހިއްމު ޝަރުތަކީ ރައްޔިތުންނާ ގުޅިގެން، ރަށުގެ ތަރައްގީއަށް މަަސައްކަތް ކުރަން އެނގުމެވެ.

މަސައްކަތެއް ނެތް، ކައުންސިލަރުން ފޫހިކަމުގައި

ދެ ވަނަ ދައުުރެއް ނިމިގެން ދާއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކައުންސިލަރުން ކުރާނެ ކަމެއް ނެތުމެވެ. ކިތަންމެ އާބާދީ ކުޑަ ނަމަވެސް ފަސް ކައުންސިލަރުން ތިބޭއިރު ގިނަ ދުވަސް ދުވަހު އޮފީހަކަށް ނުދެ އެވެ. އޭގެ ބަދަލުގައި ދަނީ މަހަށެވެ. ނޫނީ ރަށުން ބޭރަށް ދަތުރަކު އެވެ.

ނަޒީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދޭން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި އެންމެ ގިނަ ބަޔަކު އެދުނީ ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި ކައުންސިލަރުކަން ބާއްވައިދޭން ކަމަށެވެ.

"ރަށްރަށުގައި ކިޔަވައިގެން ތިބި ގާބިލް މީހުން އާއްމުކޮށް ތިބެނީ ސްކޫލުގެ ޓީޗަރަކަށް ނުވަތަ އެކަހަލަ ޕްރޮފެޝަނަލް ވަޒީފާއެއްގައި. ދެން މި ތިބެނީ ތަންކޮޅެއް ޅަ ކުދިން ނުވަތަ ހަރު މީހުން. ހިންގުމުގެ ކަންކަން މި އެނގެނީ އެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ކަމަށް ވުމުން އެ މީހުން އެގޮތަށް ބޭނުންވީ،" ނަޒީފް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންމެ މޮޅު އަތޮޅު ކައުންސިލަކަށް ހޮވުނު ށ. އަތޮޅު ކައުންސިލަށް ނައިބު ރައީސް ޖިހާދު އެވޯޑު ހަވާލުކުުރައްވަނީ-- ފޮޓޯ/ އެލްޖީއޭ

އެކަމަކު ރައްޔިތުންގެ މި ހިޔާލާ ސަރުކާރުން އެއްބަހެއް ނުވި އެވެ. އެންމެ ފަހުން ކައުންސިލަރުކަން ސިޔާސީ ވަޒީފާއެއްގެ ގޮތުގައި ހަމަޖެހި، ކޮންމެ މީހަކަށް ވެސް ރަށުގެ ވެރިކަންކުރުމުގެ ފުރުސަތު ހުޅުވުމާ އެކު ޕާޓީތަކުގެ ޓިކެޓް ހޯދައިގެން މަގާމަށް ކުރިމަތިލީ އެވެ. ނޫނީ ގާބިލިއްޔަތުކަން ނެތް ނަމަވެސް އާއިލާގެ އެހީގައި ކައުންސިލަރެއްގެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ހޯދީ އެވެ.

ނަޒީފް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތައް ފެއިލްވުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ.

އޭނާ ވިދާޅުވީ ރަށް ކުރިއަރުވާ ކޮމެޓީ ނުވަތަ ރ.ކ. ކޮމެޓީތަކުން ވެސް ރަށުގެ ކަންތައްތައް ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށާއި އެއީ ވެސް އެލަވަންސެއް ދީގެން، ޕާޓްޓައިމް ވަޒީފާއެއްގެ ގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

އެގޮތަށް ކައުންސިލްތައް ހެދި ނަމަ ސަރުކާރުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް، މާ ރަނގަޅަށް ކުރިއަށް ގެންދެވުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ސްކޫލު ނިންމާފައި ވެސް، ރަށުގައި ތިބެގެން ވަޒީފާއެއް އަދާކުރުގެ ނިޔަތުގައި ކައުންސިލަރަކަށް ކުރިމަތިލާތަން. ރައްޔިތުން ދެކެ ލޯބިވުމެއް ނުވަތަ ރަށް ކުރިއެރުވުމުގެ ވިސްނުމެއް ނުހުރޭ،" ނަޒީފް ވިދާޅުވި އެވެ.

އާ ކައުންސިލަރުންތަކެއް ހޮވާއިރު ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީ އޮންނަ ރަށެއްގައި ދެން ތިބޭނީ ތިން ކައުންސިލަރުންނެވެ. އަދި އެ އާބާދީއެއަށް ވުރެ އިތުރުވާ ނަމަ ތިބޭނީ ފަސް ކައުންސިލަރުންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.

"ބައެއް ކައުންސިލަރުންނަށް ހީވަނީ އެ މީހުން ކުރަން ޖެހޭނީ ހަމައެކަނި އަމުރޭ. ކަންތައްތައް ކުރާނީ ދެން ތިބި މުވައްޒަފުންނޭ. އެކަމަކު ބަޔަކަށް ކަމެއް ހަވާލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް އެކަމެއް ކުރަނީ،" ހުރާގެ ކައުންސިލަރު އީސަ

މި އިސްލާހުގެ ސަބަބުން ކުރިން ކައުންސިލަރުން ތިބި އަދަދު 1077 އިން 655 އަށް މަދުވާނެ އެވެ. އޭރުން ދައުލަތުގެ ބަޖެޓުން މަހަކު ފަސް ވަރަކަށް މިލިޔަން ރުފިޔާ ސަލާމަތްވާނެ އެވެ.

ނަޒީފު ވިދާޅުވީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް އެކަނި އިންތިހާބުގައި ވޯޓުލެވޭ ގޮތަށް އޮތުމަކީ ވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ. މިސާލަކަށް މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން، އަމިއްލަ ރަށުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ބަދަލުގައި މާލޭގެ ސިޓީ ކައުންސިލަށް މީހުން ހޮވަން ވޯޓުދިނުމެވެ.

"މާލޭގައި މިހާރު މިއުޅެނީ މާލޭން ލިބެން ހުރި ހިދުމަތްތައް ބޭނުންވާ މީހުން. މާލޭގައި ދިރިއުޅޭތާ 10 އަހަރު ވާއިރު ރަށުގައި ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް އެމީހުންނަށް އަންނާނެ ތަފާތެއް ނޯންނާނެ. ހަމަ އެގޮތަށް، ރަށަށް ބޭނުންވާ ކަންކަން އެނގޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް،" ނަޒީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ މީހުން ވަކި މީހަކު ހޮވަން ބޭނުންވި ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ވޯޓުން އެ މީހާ ބާކީކޮށްލާ ކަމަށާއި މިއީ ވެސް ރަށުގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށެވެ.

ކ. ހުރާ ކައުންސިލް: ނަމޫނާ ކައުންސިލަރުންތަކެއް

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން ތިބޭއިރު އެ މީހުންނާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ގިނަ އެވެ. ރަށަށް ތަރައްގީ ނުގެނެވުމާއި ރައްޔިތުންނަށް އަޅާނުލުމެވެ. ނުވަތަ ކައުންސިލަރުން ބޮޑު މުސާރަ ނަގައިގެން އެ މީހުންގެ އަމިއްލަ މަސައްކަތް ކުރުމެވެ.

ކ. ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ގަބޫލުކުރައްވާ ގޮތުގައި އެ ރަށަށް އައިސްފައިވާ ތަރައްގީގެ ސިއްރަކީ ކައުންސިލަރުންގެ ބުރަ މަސައްކަތެވެ. އަދި ދެ ވަނަ ދައުރު ނިންމާލީ ވެސް ރައްޔިތުންގެ ލޯތްބާ އެކުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އީސަ ވިދާޅުވި ގޮތުގައި ރަށަށް ތަރައްގީ ގެންނަން ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަށް ބަރޯސާވާކަށް ނުޖެހެ އެވެ. އެ ފައިސާއަކުން އެކަމެއް ނުވާނެ އެވެ. އެހެންވެ، އިގްތިސޯދުކޮށްގެން ކައުންސިލުން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކައުންސިލަރުންނަށް ހީވަނީ އެ މީހުން ކުރަން ޖެހޭނީ ހަމައެކަނި އަމުރޭ. ކަންތައްތައް ކުރާނީ ދެން ތިބި މުވައްޒަފުންނޭ. އެކަމަކު ބަޔަކަށް ކަމެއް ހަވާލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އަމިއްލައަށް އެކަމެއް ކުރަނީ،" އީސަ ވިދާޅުވި އެވެ.

"މަގުމަތީގައި ޖަންކްޝަނެއް ކޮންނަން ޖެހުނަސް ބަޔަކާ ހަވާލުނުކޮށް، ފަސް ކައުންސިލަރުން އެކަން ކުރަނީ."

ހުރާ ކައުންސިލްގައި ތިބެނީ ޕީޕީއެމްގެ ހަތަރު މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެކަމަކު އިންތިހާބު ވުމަށް ފަހު "ޕާޓީކަން" ކައުންސިލުން ނައްތާލި ކަމަށާއި ރަށުގައި ތިބި އިދިކޮޅު ޕާޓީތަކުގެ މީހުންގެ އެއްބާރުލުން ވެސް ލިބުނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލެއް ނަމަވެސް އިދިކޮޅު މެމްބަރުން ގިނަ ކައުންސިލަކަށް ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރިހާ ކައުންސިލަރުން އެއްބަސްކިޔައި، އެކުގައި މަސައްކަތް ކުރުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންމެ ފުރަތަމަ ދައުރުގައި ވެސް ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އީސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް، ހުރިހާ ވަސީލަތެއް ސަރުކާރަށް ފޯރުކޮށެއް ނުދެވޭނެ އެވެ. ބައެއް ހިދުމަތްތައް ދޭން ޖެހޭނީ ކައުންސިލުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރާގެ ފެނުގެ މަޝްރޫއު އާއި ކަރަންޓާއި ފެރީގެ ހިދުމަތް ވެސް ދެނީ ކައުންސިލްގެ ބޮޑު ހިއްސާއެއް އޮވެގެންނެވެ.

ވަސީލަތްތައް މަދު، ވަކިން އޮންނަ ރަށަކަށް ތަރައްގީ ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ކައުންސިލަރުންގެ ޕާޓީ އަށް ނުވަތަ އަމިއްލަ ފައިދާއަށް މަސައްކަތް ނުކޮށް، އެންމެ ބޮޑު ވާޖިބަކީ ރަށުގެ ތަރައްގީ އަށް މަސައްކަތްކުރުންކަން ގަބޫލުކޮށްފި ނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް ފެނިދާނެ އެވެ. ކުރިއަށް އޮތް އިންތިހާބުގައި ހޮވޭ ކައުންސިލަރުންގެ ވިސްނުން އެމަގަށް ބަދަލުވާން ޖެހެ އެވެ.