ކޮނޑޭ އަތިރިމަތީގައި އަތް ދޮންނަ ތަށި ބަހައްޓާފައި: ބޭނުމަކީ ވީހާ ވެސް ފަސޭހައިން މީހުންނަށް އަތް ދޮވެވޭނެ ގޮތް ހަދައިދިނުން
17 މާޗް 2020 - 08:57
ގއ، ކޮނޑޭއަށް މިހާރު ހިނގައްޖެ ނަމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ އެ ރަށު އަތިރިމަތީގައި ބަހައްޓާފައި ހުރި އަތް ދޮންނަ ތައްޓެވެ. އަތިރިމަތީގެ ދެ ސަރަހައްދެއްގައި، ރަށަށް އަރާފައިބާ މީހުންނަށް ފަސޭހައިން އަތުޖެހޭ ހިސާބުގައި، އެ ދެ ތަށި ވެސް ބަހައްޓާފައި ހުރީ ފެން ވައިރުކޮށްފަ އެވެ. ތަށި ކައިރީގައި އަތް ދޮންނަ ސައިބޯނި ފުޅިއެއް ވެސް ހުއްޓެވެ.
ހަމަ މި މަންޒަރު، ތ. ގުރައިދޫން ވެސް ފެންނާނެ އެވެ. ރަށުގެ އެކި ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓާފައި ހުރީ ވީހާ ވެސް ގިނަ ބަޔަކަށް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ.
މިއީ މިހާރު މުޅި ދުނިޔެއަށް ވެސް ފެތުރި، ރާއްޖެއަށް ވެސް ބިރުވެރިކަން ކުރިމަތިވެފައިވާ ކޮވިޑް-19އިން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތެވެ. ގިނަގިނައިން އަތް ދޮންނަން ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެމުން އަންނައިރު، ރަށްރަށުން އަންނަނީ ފަރުދީ ޒިންމާގެ ގޮތުގައި އެ ފުރުސަތު މީހުންނަށް ފަހިކޮށްދެމުންނެވެ.
ކޮނޑޭގެ އަތިރިމަތީގައި، އަތް ދޮންނަ ތަށި ބަހައްޓާފައި
ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު (މުޅިން ވެސް ބިދޭސީން) ރާއްޖޭން މިހާރު ވަނީ ފެނިފަ އެވެ. އެހެންކަމުން އިތުރަށް މި ރޯގާ ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ، އެކަން ވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް މިހާތަނަށް ސަރުކާރުން ވަނީ އަޅައިފަ އެވެ. ރާއްޖޭގެ ރިސޯޓުތަކުން މީހުން ރަށްރަށަށް ދިޔުން މަނާކޮށްފި އެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން ވެސް މަނަ އެވެ. ސްކޫލުތައް ބަންދުކޮށް، ކިޔަވައިދިނުން އޮންލައިންކޮށްފި އެވެ.
މި ދަނޑިވަޅުގައި ރައްޔިތުން އަމިއްލައަށް އިސްނަގައިގެން، ފަރުދީ ޒިންމާގެ ގޮތުގައި ކުރާ ކަންތައްތައް ބަލައިގަނެ، ޝުކުރު އަދާކުރަން ޖެހެ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް މުޅި ބަނދަރުގައި ޕޯސްޓަރުތައް ބަހައްޓާނަން ސިއްހީ ފަރާތްތަކުގެ އިރުޝާދުތައް ހިމަނައިގެން،" ކޮނޑޭގެ ކައުންސިލް ރައީސް އަހުމަދު އަބްދުލް ހަކީމް ވިދާޅުވި އެވެ.
ތ. ގުރައިދޫގެ އެކި ސަރަހައްދުތަކުގައި އަތް ދޮންނަ ތަށި ބަހައްޓަނީ
"ބޭނުމަކީ މީހުންނަށް ހަނދާންކޮށްދިނުން. މިއީ ކިހާ މުހިއްމު ކަމެއްކަން އަންގައިދިނުން."
ކޮނޑޭގައި އަތް ދޮންނަ ތަށި ބެހެއްޓީ، އާއްމު ފަރާތްތަކުންނާއި މުއައްސަސާތަކުން ދިން ފައިސާގެ އެހީންނެވެ. ފެން ވައިރު ކުރުމަށް ވަޅު ކޮނުމަށް ރަށުގެ އަންހެނުން ވެސް ބައިވެރިވި އެވެ. އަހުމަދު އެކަން ސިފަކުރެއްވީ، "ރަށުގެ އެންމެންހެން ބައިވެރިވި ގައުމީ ކަމެއް"ގެ ގޮތުގަ އެވެ.
ކ. ހުރާގައި ދުއްވާ ބައެއް ފެރީ ލޯންޗުތަކުން ވެސް އަންނަނީ އާއްމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ނަމޫނާ ދައްކަމުންނެވެ. އެ ރަށުގެ ސީ ޝައިން ފެރީން ދަތުރު ފެށުމުގެ ކުރިން ޑެޓޯލް ލައިގެން ލޯންޗު ސާފުކުރެ އެވެ. އަދި މީހުން ލޯންޗަށް އެރުމުގެ ކުރިން، ހުން ހުރިތޯ ބެލުމަށް ޓެމްޕަރޭޗާ ބަލަ އެވެ. އަދި ސެނެޓައިޒާ ދީ، އަތް ސާފުކުރުވަ އެވެ.
ދަތުރަށް ފުރުމުގެ ކުރިން ސީޝައިން ލޯންޗުގެ ފަޅުވެރިން އުޅަނދު ސާފުކުރަނީ
ގިނަ ބަޔަކު އެކަންކަން ބަލައިގަންނަނީ ފަރުދީ ޒިންމާގެ މިސާލެއްގެ ގޮތުގަ އެވެ.
ދިވެހިންގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ފެންނަނީ މުސީބާތުގެ ވަގުތުގައޭ ބުނުން ގޯހެއް ނުވާނެ އެވެ. ދިވެހިން ސިއްސުވާލި ސުނާމީ ހާދިސާގައި އެކަން ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ވެސް، މީހުންނާއި މުދާ ސަލާމަތް ކުރަން ފަސް ޖެހުނު އެކަކު ވެސް ނެތެވެ. އެކަކަށް ވުރެ ކުރިން އަނެކަކު، އަލިފާން ނިއްވަން ފެން ޖަހާ ހޮޅީގައި ހިފޭތޯ ބެލި އެވެ. ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާ ކުރަން އެދުމުން ވެސް، ބޭނުންކޮށް އިތުރުވާ ވަރަށް ވެސް އެހީ ދިނެވެ.
މި ދުވަސްވަރު ވެސް ފެންނަނީ އެފަދަ ދީލަތިކަމެކެވެ.
އއ. ތޮއްޑު އަކީ އެ އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ އެއް ރަށް ނަމަވެސް، އާއްމުންގެ ރައްކާތެރިކަމަށް ބަލާފައި ޓޫރިސްޓުން ގެނައުން މަޑުޖައްސާލި އެންމެ ފުރަތަމަ ރަށަކީ އެ އެވެ.
އަތް ދޮންނަ ތަށި ބެހެއްޓުމަށް އަންހެނަކު ވަޅު ކޮންނަނީ: ރަށްރަށުގައި އާއްމުން މި މަސައްކަތް ކުރަނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވި ގޮތުގައި މި ނޫނީ އެ ރަށުގައި އެހާ ބޮޑު އެއްބައިވަންތަކަމެއް ދެއްކި ފަހަރެއް އަދި ނާދެ އެވެ. ބޮޑު އިންވެސްޓެއްކޮށްގެން ހަދާފައިވާ ގެސްޓުހައުސްތަކަށް ގެއްލުން ވެދާނެ ގޮތަކަށް ކަމެއް ކުރަން މީގެ ކުރިން އެކަކު ވެސް އެއްބަސް ނުވާނެ ކަމަށާއި އެކަމަކު އެތަންތަނަށް ޓޫރިސްޓުން ނުގެންނަން ގެސްޓްހައުސްތަކުން ނިންމީ ލިބިދާނެ ގެއްލުމަށް ނުބަލާ ކަމަށް ވިދާޅުވި އެވެ.
"މި ނޫނީ ކަމެއްގައި މިހާ ބޮޑު އެއްބާރުލުމެއް އަދި ނުލިބޭ. ގެސްޓްހައުސްތަކާއި އޮޑިދޯނި ފަހަރާއި ވިޔަފާރިވެރިންނާއި ރަށުގެ ދުވަސްވީ މީހުން ހަމަ އެއްވިސްނުމެއްގައި އެކަންކަން ނިންމަނީ،" ހަސަން ވިދާޅުވި އެވެ.
އެ އަތޮޅު ރަސްދޫގައި 30 އަށް ވުރެ ގިނަ ގެސްޓްހައުސް ހިންގާއިރު، އެ ހުރިހާ ތަނަކަށް ވެސް ޓޫރިސްޓުން ގެނައުން މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ. ބޭނުމަކީ ރައްޔިތުންނަށް ވީހާ ވެސް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމެވެ.
ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަޑުޖައްސާލުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތެވެ. ކޮންމެ ބަޔަކު ވެސް އެކަން ކުރަނީ ގިނަ މީހުންގެ ފައިދާއަށެވެ.
"ވިޔަފާރި އެއްކޮށް ހަލާކު ވެސް ވެދާނެ. އެކަމަކު މި ފަދަ ކަމެއްގައި ނޫނީ ދެން ކޮން ކަމެއްގައި އެއްބާރުލުން ދޭނީ؟ ހުރިހާ ކަމަކަށް ވުރެ އެންމެންގެ ސިއްހަތާއި ރައްކާތެރިކަން މުހިއްމު،" ރަސްދޫގައި ގެސްޓްހައުސް ހިންގާ މީހަކު ބުންޏެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެ އެވެ.
"ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ހީރޯއިންނެވެ. އަނބިދަރިންނާ ދުރުގައި މަސައްކަތް އެ ކުރަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އެކަމަކު މިހާރު އެ މީހުން އެ ތިބީ ބަންދުވެފަ އެވެ."
ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުތައްކުރުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަނާކުރުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ދަތިވި ކަމެކެވެ. އެ މީހުން ދެކޭ ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އައުން ނުހުއްޓުވައި، މުވައްޒަފުންނަށް ރަށަށް ނުދެވޭ ގޮތް ހެދުމުން އެ މީހުންގެ ސިއްހަތު ނުރައްކަލަށް ހުށަހެޅޭނެ އެވެ.
އެހެންވެ، 14 ދުވަހަށް ރިސޯޓުގައި "ބަންދު" ކުރުމަކީ އެ މީހުންނާ މެދު ވީ އިހުމާލެއް ކަމަށް ދެކެ އެވެ.
ހދ. މަކުނުދޫގެ އަމިއްލަ ޖަމިއްޔާއަކުން ރަށުގެ އެކި މުއައްސަސާތަކަށް ސައިބޯނި ފުޅި ހަދިޔާ ކުރަނީ
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން ރާއްޖޭން ފެނުމާ އެކު، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އެޅީ ގިނަ ބައެއްގެ ރައްކާތެރިކަމަށެވެ. ޏ. ފުވައްމުލަކު ސަރަހައްދުގައި އޮތް ސަފާރީ ފިޔަވައި، މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވި މީހުން ފެނިފައި ވަނީ ރިސޯޓުތަކުންނެވެ. ބައްޔަށް ޝައްކުކުރެވޭ އިތުރު ޓޫރިސްޓުން ތިބުން އެކަށީގެންވެ އެވެ. އެކަމަކު އެކަން ނޭނގޭ ހާލު، ޓޫރިސްޓުންނާ އެކި ގޮތްގޮތުން ދިމާވެފައިވާ ބަޔަކު ރަށްރަށަށް ދަތުރުކުރުމަކީ ބަލި އިތުރު ބަޔަކަށް ޖެހުމުގެ ފުރުސަތު އޮތް ކަމެކެވެ.
"އެހެންވެ، މި ވަގުތު އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އެ މުވައްޒަފުން ވެސް ތިބިތާކު ތިބުން. ރައްކާތެރިކަމުގެ ފިޔަވަޅު އެ މީހުން ވެސް އެޅުން،" ސިއްހީ ދާއިރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 14 ދުވަހަށް ރިސޯޓުގައި ބަންދުވެފައި ތިބެން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް މުވައްޒަފުންނަށް ގަބޫލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަމުގައި އެންމެންގެ ރައްކާތެރިކަމަށް ވިސްނުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަރުދީ ޒިންމާ އަދާކުރުން ކަމަށް ވާނީ އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމެވެ.
"އެހެންވެ އަޅުގަނޑުމެން މިކިޔަނީ ގިނަގިނައިން އަތް ދޮންނާށޭ. ބަލި ނަމަ މާސްކް އަޅާށޭ. މީހުންގެ ތެރެއަށް އެއްވެ ނޫޅޭށޭ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ އިތުރުން މި ދުވަސްވަރު، ސިއްހީ ދާއިރާގެ މީހުންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ މީހުން ވެސް ވަޒީފާއަށް ދަނީ ވަރަށް ބޮޑު ހިތްވަރަކާ އެކުގައި ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތް ވެސް ބަލައިގަންނަން ޖެހޭ ކަމަށާއި އެއީ ވެސް ހީރޯއިން ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް، އެކި ގޮތްގޮތުން އާއްމުކޮށްފި އެވެ. ރަށްރަށުން ވެސް ފަރުދީ ލެވެލްގައި ތަފާތު އެކި ކަންކަން ކޮށް، މީހުންގެ ސަމާލުކަން ހޯދި ނަމަވެސް އަދިވެސް ބައެއް މީހުންގެ އާދަތަކަށް ބަދަލެއް ނާދެ އެވެ. މަގުމައްޗަށް ކުޅުޖެހުން ނުހުއްޓުމާއި ބޭރުތެރެއަށް ނިކުމެ އުޅޭލެއް ގިނަ އެވެ. އެހެންވެ، ނަމޫނާ ދައްކައި، ގުރުބާންތައް ވަމުން އަންނަ މީހުންނަށް ބަދަލު ދެވޭނީ އެ އާދަތައް ބަދަލުކޮށްގެންނެވެ.
ސައިބޯނި ލައިގެން ގިނަ ގިނައިން އަތްދޮވެ، ބޭކާރު ގޮތުގައި ބޭރަށް ނުކުންނަ މިންވަރު މަދުކޮށް، މީހުން އެއްވެ އުޅޭ ތަނަށް ނުގޮސްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޞްރުﷲ
18 March 2020
ތިޔަ ޓުއަރިޒަމް މިއަދު މިވީ ދިވެހިގައުމަށް ވިހަޔަކަށް ނޫންތޯއެެވެ؟ މުޅިގައުމަށް ލިބުނު ޢާމްދަނީއިން އެތައް އަހަރެއްވީއިރުވެސް ފޮނިބޮމުން ދިޔަ ރިސޯރޓު މަހުޖަނުންނަށް މި ހިތްދަތި ޙާލުގައި ގައުމު ޖެހުނު ވަގުތު އެތަންތާގައި މަސައްކަތް ކުރާ މުއައްޒިފުންނަށް އެއްމެ މަހެއްގެ މުސާރަވެސް ދޭކަން ބޭނުމެއް ނުވިއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.! މިހުރިހާ ޢާއިލާތައް ބިކަޙާލުގައި ޖައްސާލަން ދޫކޮށްލުން މިއީ ކިހާބޮޑު އަނިޔާއެއްތޯއެވެ.؟
ކުނިއަނގަ
17 March 2020
ކަރަންޓިނު ކޮށްފައި ނުވަތަ އައިސޮލޭޝަން ގައި ބައިތިއްބާ ރިސޯޓު ބޯއިން މީހުންތެރެއަށް ނުކުމެ އުޅޭ އަޑުތައް އެބަ އިވޭ. މިއީ ކިހާ ދެރަކަމެއް.
ހަކީމް
17 March 2020
ކޮރޯނާއިން ސަލާމަތްވިޔަސް އަދި އޮތީ އެންމެ ބޮޑު 'ބަލިމަޑުކަން'. އެއީ ރިސޯޓުމުއައްޒަފުންގެ ޝަކުވާ. ހައިސީޒަންގަވެސް ސަރވިސްޗާޖު ކުޑަވެގެން ޝަކުވާކޮށް ސަރުކާރު ވައްޓާލާ ރިސޯޓުތައް ހުއްޓުވާ ދަރަޖައިގަ ތިބީ. މިފަހަރު ރިސޯޓުތަކުގެ ޒީރާ އޮކިއުޕެންސީގަވެސް މިމީހުން ރަނެއް މަލެއް ފަދައިން ގެންގުޅެން ޖެހޭނެ. ސަވިސްޗާޖާއި ފުލްމުސާރައާއި ބޭނުންހާ އެއްޗެއް ކައިބޮއި ހެދުމުގެ ޑިމާންޑުވެސް ކުރާނެ
ފޮސްކަލޯ
17 March 2020
ރަށްރަށުގައި ކުރާ މިފަދަ ހުރިހާ ކަމެއް ކުރަނީ ރައްޔިތުން އަމިއްލަ އަށް އެމީހުންގެ ފައިސާއިން ނެވެ. ނަމަވެސް ގްރޭޓަރ މާލޭގައި މިފަދަ ކުޑަ ކަމެއް ކޮއްލިޔަސް ކުރާނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ނެވެ. އަނެއްކޮޅުން މިވީ ހާތަނަށް ރާއްޖޭގައި މިބަލި ޖެހުނީ ޓުއަރިސްޓުން ނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ނަށް ކަމުން ސާފުތާހިރު ކަމުގެ މިންގަނޑުން ބޭރު މީހުންނާއި ދިވެހިންގެ ހުރި ތަފާތު އެބަ އނެގޭ!
އެބުނީ!
17 March 2020
ތިޔާއި ތަމެން ރަށްރަށު ވާ ގޮތް... މަމެން ރަށު ރައްޔަތުންނަށް ގޮވީމައި އަންނަނީ ބަރާބަރު 4 މީހުން... ދެންތިބޭ މީހުންގެ ކަމަކީ ތަންތާތިބެ އެއްޗެހި ކިޔުމާއި ޖެއްސުންކުރުން.
ކޮތަނބިރި
17 March 2020
ރަށްރަށުމީހުން އުޅޭނީ ތިހެން އަބަދުވެސް، މާލޭމީހުން އެތިބީ ފުރަތަމަވެސް ފެންބިލުން އެއްބައި ކަނޑައިގެން.
ކަޅުކަޅު ދޮނޭ
17 March 2020
އިންސާނިއްޔަތަށް ޓަކާ ކޮންމެ މީހަކަސް، ޖަމާއަތަކަސް ސިޔާސީ ޕާޓީއަކުން ވިޔަސް ކުރާ މިފަދަ ކަންކަން ދިވެހީން ނުހަނު ބަލައިގަނެ ސުކުރުވެރިވެ.. ރައްޔިރުންގެ ނަމުގަ ނުކުމެ ކަމާނުގުޅޭ މަންޒަރު ޖައްސާ ނަމަ ބަލައިގަންނަން ދަތިވެ، އެބައިމީހުންގެ މެދުގަ ފިތުނަ ވެރިކަން އުފެދުމުގެ ފުރުސަތު ބޮޑުވެ...
ޙަބީބު
17 March 2020
ފަރުދީ ޒިން މާއަދާ ކުރަންޖެހެނީ ރޯވީ މަބާ މީގެ 1400 އަހަރުކުރިން މާތް ﷲ އެވަނީ ސާފުތާހިރު ވު މައް އަ މުރުކުރައްވާފަ ބައްލަވާ ޒިނޭކުރު މުން ޖެހޭބަލި އެއިޑްސް އޫރު މަހާބަނގު ރަލާ ބުއި މުން ޖެހޭބަލި ވަރައްގިނަވާނެ ރާއްޖޭގަ އުޅޭ ބަންގްލަދޭސް މީހުންނައް ސާފުތާހިރު ވުމ މައް އެ މީހުން ގެންނަ ފަރާތްތަކުން ބާރުއަޅަންޖެހޭ
އޭފް
17 March 2020
الحمد لله އުފަލުން ހަމަ ރޮވިއްޖެ، ހަގީގަތުގައިވެސް. މާތްﷲ މިފަދަ މަސައްކަތްތައް ކުރާ އެންމެންނަށް ހެޔޮ ރަޙްމަތްލައްވާށި! އަޅެމެން އެންމެންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެއްވާށި! މި ރޯގާއިން ދިވެހި އިސްލާމީ އުންމަތް ރައްކާތެރިކުރައްވާށި! حسبنا الله ونعم الوكيل.
ބޮން
17 March 2020
މީގެ އެންމެ ނުރައްކާ ބޮޑީ މާލެއަށް މި ބަލި އަތުވެއްޖެ ނަމައެވެ. އެއީ ކޮންޓްރޯލް ކުރަން ވަރަށް އުދަގޫ ގޮންޖެހުން ގިނަ ބޮޑު ކަމަކަށް ވާނެއެވެ. ވީމާ، މާލެ އެއްކޮށް ލޮކްޑައުން ކުރެވޭނެ ގޮތެއްވެސް ނެތެވެ. ވިޔަފާރީގެ މައި މަރުކަޒު ވުމުން ކާބޯތަކެއްޗާއި އަސާސީ ތަކެތި ހޯދަން ނުއައިސްވާކަށް ނެތެވެ. ބާޒާރު އެއްކޮށް ބަންދުކޮށްގެން 14 ދުވަހު ތިބެވޭކަށްވެސް ނެތެވެ. ވީމާ، މާލޭގެ ހަރަކާތްތައް މަދުކުރަންޖެހެއެވެ.