ކޮވިޑް-19 އަށް ތައްޔާރުވުމުގެ ޑްރިލްއެއް: ރާއްޖެއިން އެ ބަލި ފެނުނު ފަސް މީހަކު ފަރުވާއަށް ފަހު ރަނގަޅު ވިޔަސް، އޭގެ ނުރައްކާތެރިކަން ކުޑަ ނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ -- ފޮޓޯ/މިހާރު
25 މާޗް 2020 - 09:29
"އަޅުގަނޑުމެންނަށް މިހާރު މި ތިބެވެނީ ވެދާނެ ތޫފާނެއްގެ ތެރޭގައި އޮތް ހިމޭން ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް،" ކޮރޯނާވައިރަސްއާ ގުޅިގެން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެ ބަސްކޮޅުގައި ގިނަ ބަޔަކަށް އަޅައިގަތެވެ. ސޯޝަލް މީޑިއާގައި އެކަމަށް ތައުރީފް އޮހިގެން ދިޔައީ ހާލަތު ވަރަށް ރަނގަޅު ބަޔާންކޮށްދިން ޖުމްލައެއްގެ ގޮތުގަ އެވެ.
ކޮރޯނާވައިރަސް ހުރި އަދި އެ ވައިރަހުން ޖައްސާ ކޮވިޑް-19ގެ 13 މީހަކު ރާއްޖެއިން ފެނުމަށް ފަހު އޭގެ ތެރެއިން ފަސް މީހަކު މިހާތަނަށް ރަނގަޅުވުމަކީ ސިއްހީ ޚިދުމަތްތެރިންނާއި ސަރުކާރާއި އާންމުންނަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި 13 މީހުން އިތުރުން ވައިރަސް ހުރި އެހެން މީހަކު ނުފެނި ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވުމަކީ ހާލަތު ގޯސް ނުވެ، އެއްވަރެއްގެ ހިފެހެއްޓުން ކަމުގެ ހިތްޖެހުން ވެސް އެބަ އޮތެވެ. އެކަމަކު މިއީ އަދި ހުރިހާ ކަމެއް އާންމު ހާލަތަށް ބަދަލުވީ ކަމަށް ބަލަން ޖެހޭ ސަބަބުތަކެއް ނޫނެވެ.
ދުނިޔޭގެ ތަފާސްހިސާބުތައް އަދިވެސް ދައްކަނީ އޭގެ ނުރައްކާ ބޮޑުވަމުންދާ ތަނެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރަން ދެ މަހަށް ވުރެ ގިނަ ދުވަސް ނެގި އިރު އެ އަދަދު ދެ ލައްކައަށް އަރަން ނެގީ އެންމެ 11 ދުވަހެވެ. އަދި އެންމެ ހަތަރު ދުވަހުގެ ތެރޭގައި ތިން ލައްކައަށް އަރައި، މިހާރު ހަތަރު ލައްކައާ ގާތްވީ އެވެ. އެހެންކަމުން ނުރައްކާ ކުޑަވެ، އާންމު ހާލަތަށް ދިރިއުޅުން ބަދަލުކުރަންވީ ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް އަދި ނެތެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އިންޒާރަކީ ވެސް ކަންބޮޑުވާން ޖެހޭ ދަރަޖައަށް އެ ވައިރަސް އަދިވެސް ފެތުރެމުން ދާ ކަމެވެ.
ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ނުދެނީ އެ ހުރިހާ ސަބަބުތަކާ ހެދި އެވެ. ރާއްޖެއިން އަޅާ ފިޔަވަޅުތައް އިތުރުކުރަނީ، އެންމެންގެ ރައްކާތެރިކަމަށެވެ. އަނެއްކޮޅުން އެންމެ ނުރައްކާތެރި ހާލަތަށް ދާ ވަގުތެއްގައި ވެސް ބޭނުންވާނެ ސިއްހީ ޚިދުމަތްތެރިން ހޯދުމާއި ފަރުވާ ދޭން ތަންތަން ވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ. އާންމު ދިރިއުޅުމާއި ދައުލަތުގެ އާމްދަނީ އާއި އެތައް ބައެއްގެ ވަޒީފާއަށް ގެއްލުންވާނެ ފަދަ އެތައް އުނދަގޫ ނިންމުންތަކަކުން ސަރުކާރުން ދެނީ އެންމެ މެސެޖެކެވެ: ރައްޔިތުންނާއި މުޅި ގައުމުގެ ރައްކާތެރިކަން، ހުރިހާ ކަމަކަށް ވުރެ ބޮޑެވެ.
އެކަމަކު އަދިވެސް ބައެއް މީހުންގެ އާދަތަކުން ތަފާތެއް ނުފެނެ އެވެ. ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، އެންމެން ގޭގައި މަޑުކުރަން ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރަން ފެށުމުން ފުރަތަމަ ދެތިން ދުވަހަކު މަގުތަކުން މީހުން މަދުވި އެވެ. ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ޚިދުމަތް ނުހޯދޭ ގޮތް ހެދިޔަސް، ޓޭކް އަވޭ ކޮފީ ހިިފައިގެން ނުވަތަ ފިހާރަތަކުން ތަކެތި ގަނެގެން ވިޔަސް، މަގުތަކާއި ޕާކްތަކާއި ހުސް ބިންތަކުގައި ކަމެއް ނެތި އަދިވެސް މީހުން ތިބެ އެވެ.
މާލެ އެކަންޏެއް ނޫނެވެ. ރިސޯޓްތަކުން ރަށްރަށަށް މީހުން އެރުން މަނާ ކުރިޔަސް، ރަށްރަށަށް އޮތް ނުރައްކާ ކުޑައެއް ނޫނެވެ. ރިސޯޓްތަކުން ފިޔަވައި، އެހެން ރަށްރަށަށް އެހެން ރަށްރަށުން އާންމުން ދަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނެތުމުން ގިނަ ރަށްރަށުގައި އާންމު ދިރިއުޅުމުގެ ހާލަތުން އެއްވެސް ބަދަލެއް ނުފެނެ އެވެ. ބޭނުން އިރަކު މަގުތަކަށް ނުކުމެ އުޅޭއިރު ބައެއް ރަށްރަށުގައި ކެފޭ އަދި ރެސްޓޯރެންޓްތަކުން އަދިވެސް ކާބޯތަކެތީގެ ޚިދުމަތް ދެ އެވެ. ގިނަ ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ފުލުހުން ނުތިބޭތީ، ކަމާ ބެހޭ އިދާރާތަކުގެ އެންގުންތަކަށް އަމަލު ނުކޮށް، ގިނަ ބަޔަކު އޭގެ ފައިދާ ނަގަނީ އެވެ.
އެކަން ހުއްޓުވަން ފުލުހުން މަގުތަކަށް ނުނިކުތަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހެއްގެ ފަހަތުގައި ނުވަތަ ކޮންމެ މަގެއްގައި ފުލުހަކު ބެހެއްޓުމަކީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫން ކަމެވެ. އެހެން ގައުމުތަކުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށް، ކާފިއު ހިންގި ފަދަ ގޮތަށް ރާއްޖޭގައި މިހާތަނަށް ފިޔަވަޅުތައް ނޭޅިޔަސް، ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ވެސް އަމިއްލައަށް މިފަދަ އާދަތައް "ގުރުބާން ކުރުން" ނޫން ގޮތެއް ނެތް ކަން ގަބޫލުކުރަން ޖެހޭ ވަގުތަކީ މި އެވެ.
މާލޭގައި އާންމުން ބޭރުގައި: ވައިރަސް ފެތުރުނަނުދޭން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ -- ފޮޓޯ/މިހާރު
ކޮރޯނާވައިރަސްގެ ސަބަބުން "ހުއްޓުމަކަށް" އައި ގައުމުތަކުން ވެސް އެންމެ ފުރަތަމަ ކުރަން ޖެހުނީ ގާތްގަނޑަކަށް ރާއްޖެ ފަދަ ތަޖުރިބާއެކެވެ. އެންމެ ބޮޑަށް އެ ވައިރަސް ފެތުރުނު ޗައިނާ އާއި އިޓަލީގެ އިތުރުން އީރާންގައި ވެސް އެންމެ ފުރަތަމަކޮޅު އެ ވައިރަސް ފެނުނީ މަދު ބައެއްގެ ގައިންނެވެ. އިޓަލީގައި ފުރަތަމަ ވައިރަސް ފެނުނީ ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިންނެވެ. އެކަން މާ ސީރިއަސް ކަމެއްގެ ގޮތުގައި ނުދެކި ތިއްބާ އެންމެ 10 ވަރަކަށް ދުވަހުގެ ތެރޭގައި މުޅި ގައުމަށް ވައިރަސް ފެތުރިގެން ދިޔައީ އެއްވެސް ބަޔަކު ހީނުކުރާ ފަދަ މިންވަރަށެވެ. ސިއްހީ ދާއިރާއިން ކުރިއަރާފައިވާ އެ ގައުމުގައި ހޮސްޕިޓަލްތައް ފުރިބާރުވީ ކޮރޯނާވައިރަސް ޖެހިގެން ކޮންމެ ދުވަހަކު މަރުވާ އެތައް ސަތޭކަ މީހުންނާއި އެ ވައިރަސް ފެންނަ އެތައް ހާސް ބައެއްގެ ސަބަބުންނެވެ.
ކުއްލިއަކަށް ބާރު ސްޕީޑްގައިި ފެތުރެން ފެށި ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ގައުމުތަކުން އަޅަމުން ގެންދަނީ އެހެން ގައުމުތަކުގެ ތަޖްރިބާ އާއި ވައިރަސްއާ ގުޅޭ ގޮތުން ލިބެމުންދާ އާ މައުލޫމާތުތަކަށް ބަލައިގެންނެވެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާ މިހާރު ދަތުރު ކުރަމުން ދަނީ އިޓަލީއަށް ވުރެ ވެސް ނުރައްކާތެރި ހާލަތަކާ ދިމާލަށެވެ. އެމެރިކާގައި އެ ވައިރަސް ފެންނަ މީހުންގެ އަދަދު ކޮންމެ ދެ ދުވަހަކުން ދަނީ ދެ ގުނަ އިތުރުވަމުންނެވެ.
ގިނަ ބަޔަކަށް އަދިވެސް ހީކުރެވިފައި އޮތީ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތެއް ނުފެންނަހާ ހިނދަކު އެ މީހަކަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ނުރައްކަލެއް ނެތް ކަމެވެ. އެކަމަކު އަލަށް ތަޖްރިބާ ކުރަން ޖެހުނު ވައިރަސް ފެތުރިގެންދިޔަ ގޮތުން އެއީ އެއްވެސް އަލާމާތެއް ނުފެނި ވެސް އެތައް ބައެއްގެ ތެރޭގައި ދަތުރުކުރާ އެއްޗެކެވެ. އެންމެ މީހެއްގެ ފަރާތުން އިތުރު އެތައް ބަޔަކަށް އޭގެ ނުރައްކާ ބޮޑެވެ. އަދި މާލެ ފަދަ ކާރޫބާރު ބޮޑު ތަނެއްގައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ދެން ވާނެ ގޮތް ތަސައްވުރު ކުރަން ވެސް އުނދަގުލެވެ.
އެހެން ބައެއް ގައުމުތަކުން އަޅަމުން ދަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެވެ. ބައެއް ގައުމުތަކުގައި މަގުތަކަށް ނުކުންނަ މީހުން ޖޫރިމަނާކުރެ އެވެ. ރަޝިއާ ސަރުކާރުން ރައްޔިތުންނަށް އެންގީ ގެއިން ބޭރަށް ނުކުންނަ މީހުންނަށް އޮތީ ފަސް އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ. މުޅި އިންޑިއާ ބަންދުކޮށްފި އެވެ. އެ އަމުރާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާކޮށް ނުވަތަ ހަ މަހަށް ޖަލަށްލެވޭނެ ކަން ސަރުކާރުން އިއުލާންކުރި އެވެ. ސްރީލަންކާގައި ދަނީ މަގުތަކަށް ނުކުންނަ މީހުން ވަގުތުން ހައްޔަރު ކުރަމުންނެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މިއީ ހިތްހަމަޖެހިލައިގެން އެއްވެސް ބަޔަކަށް ތިބެވޭނެ ފުރުސަތެއް ނޫނެވެ.
"މިއީ އެއް ދުވަހުން ދެ ދުވަހުން ނުވަތަ އެއް ހަފުތާއަކުން ކޮންޓްރޯލް ކޮށްގެން ގެންދެވޭ ކަމެއް ނޫން. ފެނިވަޑައިގަންނަވާނެ އެހެން ގައުމުތަކުގައި ވެސް މަސައްކަތްތައް ކުރިއަށް ދާ ގޮތާއި ބަލި ފެތުރޭ ޕެޓާންތަކާއި އެއްޗެހި. އެހެންވީމަ އެންމެ ކޭހެއް ނުވަތަ ދެ ކޭހެއް ފެނިފައި ދެ މަސް ފަހުން އެބަހުރި އެތައް ސަތޭކަ ކޭސްއެއް ފެނިފައި،" އެޗުޕީއޭގެ ޑރ. ފާތިމަތު ނަޒްލާ ރަޝީދު ވިދާޅުވެފައިވެ އެވެ.
މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގެ މައިގަނޑު ބާރު އޮތީ އާންމު ރައްޔިތުންގެ އަތްމަތީގަ އެވެ. ސަރުކާރުން ދޭ އިރުޝާދުތަކަށް އަމަލްކުރުން ނޫން ގޮތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓީވް
25 March 2020
މިވަގުތު މާލޭގެ ރައްޔިތުންގެ ތެރެއިން އެކި ގުރޫޕު ގުރޫޕަށް ފަޅު ރަށްތަކުގައި ވަޒަންވެރިކޮށް، އިޖުތިމާއީ ދުރުކުރުން އިންޕްލިމެންޓު ކުރުން ބުއްދިވެރި. މި ގޮތުން މާލޭގެ މުޅި އާބާދީ 30 ހާހަށް ވުރެ ގިނަ ނުވާ ގޮތަށް، މީހުން މަދުކުރަން ވަގުތުން ފިޔަވަޅު އަޅަންޖެހޭ. ދެ އިރު ދެ ދަޅައަށް ނޫސް ކޮންފަރެންސް ބާއްވައިގެން އަބަދު އެކައްޗެއް ކިޔަން ދައުލަތުގެ ފައިސާއާއި ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް. އަމަލީ ފިޔަވަޅުތައް އަޅާ ބަލަ!
ރަދީފްް
25 March 2020
ބޭރުބައެއްގެ އަަލުވެތިކަމަށް މިތަންދިޔަސް މިއައްވުރެން ރައްޔިތުންނަށް އެހީވެދާނެކަމަށްބެލެވޭ!
އިދުރީސް ބާބާ
25 March 2020
ދިރިއުޅުން އާންމު ހާލަތަކަށް ގެންނަން އެބަޖެހޭ. އިގްތިސާދު ނެތި ދިރިވެސް ނޫޅެވޭނެ. ކޮންމެހެން ރައްޔިތުން ޕެނިކެއް ތެރޭ ބައިތިއްބާނެ ކަމެއް ނެތް. މި ބަލީގައި ޒުވާނުންނަށް އެހާ ބޮޑުވަރެއް ނުވޭ. އެހެންވީމަ އެމީހުން ގެއިން ނުކުމެ އިގްތިސާދު ހިންގަން ޗާންސްދޭން ޖެހޭ. މުސްކުޅިންނާ، އުމުރަށް ބޭސްކުރަން ޖެހޭ ބަލިތަކުގެ މީހުން ގޭގައި ބޭތިއްބިދާނެ. ދެން ފަހުން، ވެކްސިނެއް ހޯދުނީމަ އެމީހުން ބޭރަށް ނެރޭނީ. ގައުމު ލޮކްޑައުން ކޮށްގެން ކަމަކު ނުދާނެ.
ރަދީފްް
25 March 2020
އަމިއްލަނއުފެއްދުންތެރިކަމެއްނެތް ގައުމެއްބލޮކްޑައުން ކުރުމުން ގެއްލުންލިބޭނީ ގެއްލުން އެގައުމުގެ ރައްޔިތުންނަށް.
ޙުށިޔާރު
25 March 2020
އެހެން ޤައުމުތަކުން ލޯނުތަކަށް 6 މަހުގެ ލުއި ދީފި. ރާއްޖޭގެ މިއުޅެނީ މި ދަތި ދަނޑިވަޅުގައިވެސް ބޭންކުތަކާއި އެޗް.ޑީ.އެފް.ސީން އިތުރު ލޯނުތަކެއް ރައްޔިތުންގެ ބޮލުގައި އަޅުވަން. ރައްޔިތުން ވަޒީފާއިން ވަކިކުރަނީ! ލޯނުތަކަށް ލުއި ނުދީފިނަމަ ދެން ނިކުންނާނީ ހަޅުތާޅުކުރަން މަގުމައްޗަށް! ޢޭރުން ރީއްޗެއްނުވާނެ!!!
ޢެވެންޖާރ
25 March 2020
މަތީގައި ބަޔާންކޮށްފަހުރި ގައުމުތަކުގަ އަޅާފަހުރި ހަރުކަށި ފިޔަވަޅުތަކަށް ބަލާލީމަވެސް އެބައިނގޭދޯ އިންސާނުން ގޭގަ ބައިތިއްބަންޖެހޭން ޖެހޭނީ ގަދަކަމުންކަން. ސަރުކާރު މުއައްސަސާތައް ބަންދޭކިޔާފަ ތިހެން ގޮވިޔަކަސް ބައިވަރު ތަންތަނުގެ އިންޓާނަލް ޕޮލިޓިކްސް އެންމެނަށް ހަމަހަމަ ކުރަންޝޭކިޔާފަ ބަންދު ހާލަތުގަ މަސައްކަތް ނުކުރެވޭ މީހުންވެސް ވަޒީފާއަށް އެބަނެރޭ. ތަންތަނުގެ މެނޭޖުމަންޓަށާ ބޯޑަށް ލާފަތިބި މީހުންނަށް އީކުއާލިޓީއާއި އިކުއިޓީގެ ތަފާތު ނޭނގޭ.
ހައްވާ ފުޅު
25 March 2020
ކަލޭމެން ގެ ދަރިން ތިބީ ރައްކާތެރި ތަންތާންގަ. މަގޭ ދަރި ކަލޭމެން ތިޔަ ފުރާނައިން ގުރުބާން ކުރަނީ. ރިސޯޓުން ނައިސް ގެން ލޮލު ފިޔަ ނުޖަހާ މިއުޅެނީ.
ޖޭމްސް
25 March 2020
މި ވަގުތަށް ސަރުކާރުން ނަގަމުންދާ ފިޔަވަޅުތައް ރަގަނޅު ކަމަށް ފެންނަނީ. މި ވަގުތު ބޭނުންވަނީ އެއްމެހާރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން. އިރާދަކުރެއްވިއްޔާ މި ބަލިމަޑު ކަމުން ސަލާމަތް ވެ އުޖާލާ ދުވަސްތަކެއް ފެންނާނެ.
ރަދީފްް
25 March 2020
ލޮކްޑައުންކުރަންވާނީ ރައްޔިތުންނަށް ބޭރުންދޭ އެހީތައް ރައްޔިތުންގެ އެކައުންޓަށް ވަންނގޮތް ހެދުމަށްފަހު.
ރަދީފްް
25 March 2020
އެންމެ މިސަރުކާރުގެ ބަލިފަަޔަކީ ރައްޔިތުންނަށް މިދަނދމޑިވަޅުގައި އެއްވެސް އެހީއެއްނުވާކަން. ރާއްޖޭން ބޭރުން އަންނަ ބަޔަކަށްނޫނީ ހިލޭ ހަމަ އެއްވެސް ކަމެއްކޮށްދޭން ނޫޅޭކަން. އަތުގަހުރި ފައިސާފޮތި ހުސްވެއްޖެ ބޭރުން ކާއެއްޗެހިގަނެގަނެ ވަޒީފާގނޑުވެސް ނެތް. މިހެން ތިބެވޭނެ ގޮތެއްބުނެލަދީ