ކޮވިޑް-19 ގައި ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން

އަލަށް ފެނި މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެކި ގައުމުތަކުގައި އެކި ގޮތަށް އަމަލުކުރެ އެވެ. އެކަމަކު ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑަށް ދައްކަނީ މި ބަލީގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ބޭނުންވާ ވެންޓިލޭޓަރުގެ ވާހަކަ އެވެ. ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަވެ އެ އެންމެންނަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރު ނެތިގެން އެ ހޯދަން އުޅޭ ގޮތުގެ ވާހަކަ އެވެ. މިކަން ސިޔާސީ މައްސަލައަކަށް ވެސް ވި އެވެ.


އެކަމަކު އެންމެ ފުރަތަމަ މި ބަލި ފާހަގަވި ޗައިނާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގައި އެންމެ ބޮޑުވަރުވި އިޓަލީގައި ކުރެވުނު ތަޖުރިބާ އިން މިހާރު ފެންނަން ފަށާފައިވަނީ އެހެން މަންޒަރެކެވެ. ކޮވިޑް-19 ގައި ހާލު ބޮޑުވާއިރަށް "އިންވޭސިވް ވެންޓިލޭޝަން" ދިނުމަށް ވުރެ "ނަން އިންވޭސިވް ވެންޓިލޭޝަން" މާ ރަނގަޅުކަމެވެ.

މި ލިޔުން ބިނާކޮށްފައި މި ވަނީ އިނގިރޭސި ވިލާތުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ބައިވެރިވެވަޑައިގެން މި ކަންކަން ތަޖުރިބާކުރައްވާފައިވާ ޑޮކްޓަރަކު އަޅުގަނޑާ ހިއްސާކުރެއްވި މައުލޫމާތާއި އެހެން ބައެއް ޑޮކްޓަރުން ނޫސްތަކަށް ދެއްވާފައި އިންޓަވިއުތަކާއި ކޭސް ސްޑަޑީޒްތަކުގެ މައްޗަށް އެކަންޏެވެ. ޓެކްނިކަލް އިބާރާތްތައް ވާނީ ވީ ވަރަކުން މަދުކޮށްފަ އެވެ.

އެންމެ ފުރަތަމަ މި ބަލި ފާހަގަވި ޗައިނާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގައި އެންމެ ބޮޑުވަރުވި އިޓަލީގައި ވެސް ފަރުވާ ދިނުމުގައި ގޯސްތަކެއް ހެދުނުކަން އެ ގައުމުތަކުގެ ތަޖުރިބާ އިން އެނގެ އެވެ.

ހޮޅި ލައްވައިގެން ދޭ "އިންވޭސިވް ވެންޓިލޭޝަން" ރަނގަޅެއް ނޫން

އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (އޭއާރްޑީއެސް) ނަމަ އާންމު އުސޫލަކީ އިންވޭސިލް ވެންޓިލޭޝަން (ހޭ ނައްތައި/ހޭވެރިކަން ދަށްކޮށް ނޭވާ ހޮޅި އަށް ހޮޅިއެއް ލައްވައިގެން) ދިނުމެވެ. އެކަމަކު މިހާރު އެނގޭ ގޮތުގައި ކޮވިޑް-19 ޖެހުމުން ދިމާވާ މައްސަލަތައް އާންމު އޭއާރްޑީސީގެ ހާލަތާ ވަރަށް ތަފާތެވެ. އެހެންވެ އިންވޭސިވް ވެންޓިލޭޝަން މި ބަލީގެ މީހުންނަށް އެހާ ރަނގަޅެއް ނޫނެވެ. އަދި ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންނަށެވެ.

"އަޅުގަނޑުމެން ވެސް ފުރަތަމަ މިކަމުގައި އޭރު އޮތް ގައިޑްލައިނާ އެއްގޮތަށް، މި ބަލީގައި ހާލު ބޮޑު މީހަކު އަންނައިރަށް ބަލަނީ ވީހާ ވެސް އަވަހަކަށް އިންޓިއުބޭޓް ކުރަން. މީގެ ތެރޭގައި އުމުރުން ވަރަށް ދުވަސްވީ ހަށިގަނޑު ނިކަމެތި މީހުން ގިނަ. ދެން ވާން ފެށި ގޮތަކީ އެ މީހުންނަށް އިތުރު ވޭނެއް އަޅަން ޖެހޭތީ އާއިލާތަކުން ގަބޫލުނުވާން ފެށީ އިންޓިއުބޭޓް ކުރަން. އެކަމަކު ފަހުން މި އެނގެން ފެށީ ވެންޓިލޭޓަރު ނުގުޅާ ނަން އިންވޭސިވް ވެންޓިލޭޝަން ދޭ މީހުންގެ ރިކަވަރީ މާ ރަނގަޅުކަން،" ތަޖުރިބާ ހިއްސާކުރެއްވި ޑޮކްޓަރަކު މިކަން އޮޅުންފިލުއްވައިދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި އިޓަލީގައި ވެސް މި ގޯސް ވަނީ ހެދިފަ އެވެ. އެކަން އެނގުމާ އެކު އިނގިރޭސި ވިލާތުގައި ވަނީ އިންޓިއުބޭޓްކޮށް ވެންޓިލޭޓަރު ގުޅުން ވީވަރަކުން މަދުކޮށްފަ އެވެ. އެކަމަކު އެއީ ސީރިއަސް ކޮންމެ މީހަކު އިންޓިއުބޭޓްކުރަމުން ގޮސް އައިސީޔޫތައް ފުރި ހާސްކަމުގެ ތެރެއަށް ދިއުމަށް ފަހު އެނގުނު ކަމެކެވެ. ހޮޅި ގުޅައި، ފުއްޕާމެޔަށް އެއްވެސް ގެއްލުމެއް ލިބުމަކީ ކޮވިޑް-19 ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކަށް ރައްކާތެރި ގޮތަކަށް ނުވަނީ އެވެ.

ވާން ފެށި ގޮތަކީ އެ މީހުންނަށް އިތުރު ވޭނެއް އަޅަން ޖެހޭތީ އާއިލާތަކުން ގަބޫލު ނުވާން ފެށީ އިންޓިއުބޭޓް ކުރަން. އެކަމަކު ފަހުން މި އެނގެން ފެށީ ވެންޓިލޭޓަރު ނުގުޅާ ނަން އިންވޭސިވް ވެންޓިލޭޝަން ދޭ މީހުންގެ ރިކަވަރީ މާ ރަނގަޅުކަން

ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ގައި އެންމެ ހާލު ބޮޑުވެ އައިސީޔޫ އަށް ލާ މީހުންގެ ތެރެއިން އިނގިރޭސި ވިލާތުގައި މިހާރު މެކޭނިކަލް ވެންޓިލޭޓަރު ގުޅަނީ 50 ޕަސެންޓް މީހުންނަށެވެ. އެއީ ނަން އިންވޭސިވް ވެންޓިލޭޝަން މާ ރަނގަޅު ކަމުގެ ހެކި ލިބެން ފެށުމާ އެކުގަ އެވެ. އެހެންވެ، ކޮވިޑް-19 ގައި އައިސީޔޫތައް ފުރި ބާރުވެ، ފަރުވާ ނުދެވި ހާސްވެގެން އުޅެން ޖެހުމަށް ވަނީ ލުޔެއް ލިބިފަ އެވެ.

ގާޑިއަން ނޫހަށް ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަ އޮފް އިންޓެންސިވް ކެއާ މެޑިސިން، މާރްވީން ސިންގަ ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ހޯދުމަކީ ސަރުކާރަކުން ކުރަން ޖެހޭ ކަމަކަށް ވިޔަސް ހަގީގަތް އޮތީ އެހެންނެއް ނޫނެވެ.

"ސަރުކާރުން ތައްޔާރުވާން ޖެހޭނީ އެންމެ ނުރައްކާ ހާލަތަކަށް. އެކަމަކު ހަގީގަތް މި ފެންނަނީ މި ކަންކަމުގެ ދޭތެރެ ދެމެދުން،" ސިންގަ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮޅި ލައްވައިގެން [އިންޓިއުބޭޓް] ކޮށްގެން ވެންޓިލޭޝަން ދިނުން މަދުކުރުމުން ފެންނަން ފެށި ނަތީޖާ އޭނާ ވާނީ ޗައިނާ އާއި އިޓަލީގެ ޑޮކްޓަރުންނާ ވެސް ހިއްސާކުރައްވައިފަ އެވެ. މި ކުރެވުނު ތަޖުރިބާތަކަށް ފަހު އެހެން ބައެއް ގައުމުތަކުގައި ވެސް އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ އިންޓިއުބޭޓްކުރަން ޑޮކްޓަރުން މިހާރު އިންކާރުކުރެ އެވެ.

ދެން އޮކްސިޖަން ދޭނީ ކިހިނެއް؟

އިންވޭސިވް ވެންޓިލޭޝަންގެ ބަދަލުގައި ހާއްސަ މާސްކެއް އަޅުވައިގެން އޮކްސިޖަން ދޭ ވެންޓިލޭޓަރު ވެސް ހުރެ އެވެ. މިއީ ކޮންޓިނިއުއަސް ޕޮޒިޓިވް އެއާވޭ ޕްރެޝާ (ސީޕެޕް) އެވެ. ކޮވިޑް-19 ފެތުރެން ފެށިތާ ކުރީކޮޅު ހާލު ބޮޑުވި މީހުންނަށް މިގޮތަށް އޮކްސިޖަން ނުދިނީ އެގޮތަށް މާސްކް އަޅުވާފައި ބޭއްވުމުން، އެ މީހުންނަށް އެހީވާ ސިއްހީ އެހީތެރިންނަށް ފަސޭހައިން ބަލި ޖެހޭ ކަމަށް ގަބޫލުކުރެވިގެންނެވެ. އެކަމަކު އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ ކޮލެޖް ހޮސްޕިޓަލްގެ ތަޖުރިބާ އިން އެނގުނީ އެހެން ނުވާ ކަމެވެ. އަދި ފުއްޕާމޭގެ މަސައްކަތް ވެންޓިލޭޓަރާ އެއްކޮށް ހަވާލުވާ އިންވޭސިވް ވެންޓިލޭޝަންގެ ބަދަލުގައި ސީޕެޕް ދިނުމުން ކޮވިޑް-19 ގެ ހާލު ބޮޑު މީހުންނަށް މާ ބޮޑަށް ވެސް ރަނގަޅުކަން އެހެން ގައުމުތަކުގެ ތަޖުރިބާ އިން ވަނީ އެނގިފަ އެވެ.

ހޮޅި ނުލައްވާ ވެންޓިލޭޝަން ދިނުމަށް ބޭނުންކުރާ "ސީޕެޕް" މެޝިނެއް ގުޅާފައި

މިކަމާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ފެކަލްޓީ އޮފް އިންޓެންސިވް ކެއާ އިން މިދިޔަ މަހުގެ 28 ގައި އެތަނުގެ މެންބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިހެންނެވެ.

"ކޮވިޑް-19ގެ ބަލި މީހުންނަށް ކްރިޓިކަލް ކެއާ ދިނުމާ ބެހޭ ގޮތުން ދުނިޔޭގެ އެކި ހިސާބުން ލިބެމުން އަންނަ މައުލޫމާތަށް ބަލާއިރު، އަދި ހާއްސަކޮށް އިޓަލީގެ ޑޮކްޓަރުން ދޭ މައުލުމާތަށް ބަލާއިރު، މިހާރު ހުރި ގައިޑްލައިންތައް އަބަދުމެ ރިވިއުކުރަމުން ދިއުން މުހިންމެވެ.

ކޮވިޑް-19ގެ ބަލި މީހުންނަށް ސީޕެޕް ބޭނުންކުރުމުގެ ފައިދާ، ކުރިން ގަބޫލުކުރެވިފައިވާ މިންވަރަށް ވުރެ ބޮޑުކަމުގެ އިތުރު ހެކިތައް އަންނަނީ ލިބެމުންނެވެ،" އެ ސިޓީގައިވެ އެވެ.

އޭގައި އިތުރަށް ބުނެފައިވާ ގޮތުގައި ސީޕެޕް ބޭނުން ނުކޮށް ވީ އެންމެ އަވަހަކަށް އިންޓިއުބޭޝަން އާއި ވެންޓިލޭޝަން ދިނުން މުހިންމު ކަމަށް އެންމެ ފުރަތަމަ ޗައިނާގައި ގަބޫލުކުރެވިފައި އޮތަސް މިހާރު އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގެ އެވެ.

ޖުމްލަ ގޮތެއްގައި މިހާރު ގަބޫލުކުރަނީ ކޮވިޑް-19 ޖެހި ހާލު ބޮޑުވާ މީހުންނަށް ކުރިމަތިވަނީ އާންމުކޮށް މި ދިމާވާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނޫން ކަމަށެވެ.

އައިސީޔޫގައި އެޑްމިޓްކޮށް، އިންޓިއުބޭޓްކުރުމާއި ސީޕެޕްގައި ފެނުނު ނަތީޖާގެ ތަފާތު

މިއި އިނގިރޭސި ވިލާތުގެ މަޝްހޫރު ޔުނިވާސިޓީ ކޮލެޖް ހޮސްޕިޓަލް (ޔޫސީއެލްއެޗް) ހޯދުންތަކުގެ ހުލާސާއެކެވެ؛

ސީޕެޕްގެ ސަބަބުން، ކޮވިޑް-19 ގެ ބަލި މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުން މެކޭނިކަލް ވެންޓިލޭޝަން އަށް ނުގޮސް ފަރުޖެއްސެ އެވެ. ނަމަވެސް ސީޕެޕްގައި އޮންނަ މީހާ ވަރަށް ގާތުން މޮނިޓަކުރަން ޖެހޭނެ އެވެ. ހާލަތު އިތުރަށް ގޯސްވާ ކަމަށް ފެންނަ ނަމަ ހޮޅި ލައްވައި ވެންޓިލޭޓްކުރަން ޖެހޭނެ އެވެ. އަދި މިފަދަ ކޭސްތަކުގައި މާ އަވަހަށް ހޮޅި ލައްވައިފި ނަމަ ބަލި މީހާ އަށް އިތުރު ގެއްލުންތަކެއް ވެދާނެކަން ފާހަގަކޮށްފައިވެ އެވެ.

ކޮވިޑް-19 އާ އެކު އައިސީޔޫ އާއި ވެންޓިލޭޓަރަށް ބާރު ބޮޑުވާއިރު، ސީޕެޕްގެ ސަބަބުން މި ކަންކަމަށް ލުއި ހޯދޭނެ އެވެ. އައިސީޔޫ އާއި މެކޭނިކަލް ވެންޓިލޭޓަރުގެ ރިސޯސްތައް އެހެން ކަންކަމަށް ބޭނުންކުރަން ފުރުސަތު ލިބޭނެ އެވެ. އަދި މިއީ އިންވޭސިވް ވެންޓިލޭޝަން ކޮންމެހެން ބޭނުން ނުވާ މީހުންނަށް ފައިދާ ބޮޑު ގޮތެކެވެ.

"ޕްރޯނިން" ޕޮޒިޝަންގެ ފައިދާ ވަރަށް ބޮޑު

ދެން އެނގުނު އަނެއް ކަމަކީ ނޭވާލާން ފަސޭހަވާ ޕޮޒިޝަނެއް ކަމަށްވާ "ޕްރޯނިން" ނުވަތަ ބަންޑުން، އަތާއި ފައި ވަކި ގޮތަކަށް ބާއްވައިގެން އޮށޯވެ އޮތުމުން ފުއްޕާމޭގެ މަސައްކަތަށް ފަސޭހަވެ، ފުއްޕާމޭގެ ހުރިހާ ހިސާބެއް މަސައްކަތްކުރަން ކޮވިޑް-19ގެ ބަލި މީހުންނަށް ފަސޭހަވާ ކަމެވެ. މި ޕޮޒިޝަނުގައި ބޭއްވުމަކީ ވަރަށް ކުރިން ވެސް ކޮށް އުޅުނު އެކަމަކު އާންމު ގޮތެއްގައި މިހާރު ކޮށް އުޅޭ ކަމެއް ނޫނެވެ.

"ޕްރޯނިން" ޕޮޒިޝަނުގައި ބާއްވާ ގޮތް ހޮސްޕިޓަލެއްގެ މުވައްޒަފުން ދައްކާލަނީ: މިއީ ކޮވިޑް-19 ޖެހި ނޭވާލާން އުނދަގުވާ މީހުން އޮންނަން ރަނގަޅު، ފައިދާ ހުރި ގޮތެއްކަން ވަނީ އެނގިފައި

"މި ޕޮޒިޝަނުގައި ކޮންމެ ދުވަހަކު އަށް ގަޑިއިރު ބޭއްވުން އެއީ މިހާރު ކުރާ ކަމެއް. ނުވަތަ އެ މީހެއްގެ ހާލަތަށް ބަލައި ވީހާ ވެސް ގިނައިރަކު އެހެން ބާއްވަނީ. އަމިއްލަ އަށް ހަރަކާތްކުރެވޭ މީހެއް ނަމަ އިރުއިރުކޮޅުން ސައިޑް ބަދަލުކޮށްލާނީ،" ތަޖުރިބާ ހިއްސާކުރެއްވި ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ މާ ބޮޑަށް ނުދެކެވޭ އެކަމަކު މި ހުރިހާ ކަމަކަށް ވުރެ ވެސް ނަތީޖާ ރަނގަޅު ގޮތެއްކަން ތަޖުރިބާކުރެވިފައިވާ ކަމަށެވެ.

މި ބަލީގައި ފަރުވާކުރުމުގައި ޑަބްލިޔުއެޗްއޯގެ ގައިޑްލައިނެއް އޮތް ނަމަވެސް، އޭގެ ބޭރުން ގައުމުތަކުން އަމިއްލަ ގޮތްތަކެއް ބޭނުންކުރެ އެވެ. ބަލި ޑައިގްނޯޒްކުރުމާއި ރަނގަޅުވި ކަމަށް ކަނޑައެޅުމާއި ކަރަންޓީނު ކުރުން ފަދަ ކަންކަމުގައި ވެސް އެ މިންގަނޑުގެ ބޭރުން އެބަ އަމަލުކުރެ އެވެ. އެކަމަކު ގައުމުތަކުގެ ތަޖުރިބާ އިން ފިލާވަޅު ލިބިގަންނަން ޖެހޭކަން ވެސް މިހާރު ހާމަވަމުން އަންނަ ކަންކަމުން އެނގެ އެވެ.