23 މެއި 2020 - 20:34
މިސްރުގައި ކުރި ކައިވެންޏަށް ފަހު ޚާލިދާއި ޕެރީ މާޗް މަހުގެ ހަ ވަނަ ދުވަހު ހަނީމޫނަށް ފުރީ އެއްވެސް ކަންބޮޑުވުމެއް ހާސްކަމެއް ނެތި އެވެ. އޭރު ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނޫނެވެ. އެ ބަލި އެހާ އަވަހަށް ފެތުރިދާނެއޭ ހިތަށް ވެސް ނާރަ އެވެ.
ހަނީމޫނަށް މެކްސިކޯއަށް ގޮސް ހޭދަކުރި ހިތްގައިމު ދުވަސްތަކަކަށް ފަހު މާޗް މަހުގެ 19 ވަނަ ދުވަހު ދެމަފިރިން ދަތުރުފެށީ ދުބާއީއަށެވެ. މިސްރު ދެ މީހުންނަށް ވިޔަސް އެ މީހުން ދިރިއުޅެނީ ދުބާއީގަ އެވެ. ދިރިއުޅޭ ތަނަށް ފެށި ދަތުރާ ހިސާބުން ކަންތައް ވެގެންދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
"ފްލައިޓުގައި ތިބި އިރު މީހުންގެ މެސެޖުތައް އަންނަން ފަށައިފި، ދުބާއީ އަށް ދެވޭތޯ އަހަން، އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށްފި ކަމަށް ބުނެ،" ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޕެރީ ކިޔައިދީފައިވެ އެވެ.
ޚާލިދާއި ޕެރީ
އެކަމަކު އެމީހުން ދަތުރު ފަށާފައިވާތީ އުންމީދުކޮށްގެން ތިބީ ދުބާއީ އަށް އެތެރެވުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. ދިގު ދަތުރަކަށް ފަހު ދުބާއީ އަށް ދާ ކަނެކްޓިންގް ފްލައިޓަށް އިސްތަންބޫލް އެއާޕޯޓަށް ޖެއްސުމުން އެއަށް ވުރެ ކުރިއަކަށް ދެން ނުދެވުނެވެ. ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ތުރުކީގެ ސިޓީތަކަށް އެތެރެވުން ވެސް އޮތީ މަނާކޮށްފަ އެވެ. މެެކްސިކޯ އިން ފުރި ފަހުން ނެރުނު އަމުރެއްގެ ސަބަބުން ދެމަފިރިން އިސްތަންބޫލް އެއާޕޯޓުގައި ދެ ދުވަސް ވަންދެން ތާށިވީއެވެ. ލަގެޖު ވެސް ނުލިބި، ބޯޑިން ޕާހެއް ނެތުމުން އެއާޕޯޓުތެރޭގައި ވިޔަފާރި ވެސް ނުކުރެވި އެ ދެމަފިރިންގެ ދެ ދުވަސް ހޭދަކުރަން ޖެހުނީ އެއާޕޯޓުގެ ގޮނޑިތަކުގައި ނިދައިގެންނެވެ.
އެނބުރި ދުބާއީއަށް ދެވޭކަށް ނެތެވެ. މިސްރުގެ ބޯޑަރުތައް ވެސް އޮތީ ބަންދުކޮށްފަ އެވެ. ތިބި ގައުމަށް އެތެރެވެވޭކަށް ވެސް ނެތެވެ. ދެން އަވަހަށް މަސައްކަތް ފެށީ އޮން އެރައިވަލް ވިސާއެއްގައި އެތެރެވެވޭނެ ގައުމެއް ހޯދާށެވެ. ބެލި ބެލުމުން މިހާލަތުގައި އެތެރެވެވެން އޮތް ހަމައެކަނި ގައުމަކަށް ފެނުނީ ރާއްޖެ އެވެ.
ރާއްޖޭގެ ހިތްގައިމު ދޮންވެލި ބީޗުތަކާއި ފަރުތަކުގެ ނަލަކަމަށް އެ ދެމަފިރިންގެ ނަޒަރު ހުއްޓުނު ނަމަވެސް ރާއްޖެ ވެސް އޮތީ އެ ރީތިކަމަ ހިތްގައިމުކަން އެންމެ ފުރިހަމަ އަށް ލިބިދޭ ހާލަތެއްގައެއް ނޫނެވެ. އެކަމަކު ރާއްޖެއަށް އައިސްގެން ލިބުނު ހިތްހަމަޖެހުން ކުޑައެއް ނޫނެވެ.
"އަހަރެމެންނަށް އިމިގްރޭޝަނުން އެތެރެވެވުނު އިރަށް އެކަކު އަނެކަކު މޫނަށް ބަލައި ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެއާޕޯޓު ގޮނޑިތައް ދޫކޮށް ހަމަޖެހިގެން އެނދެއްގައި ނިދާލެވޭނެ ކަން ހިތަށް އަރާފައި،" ޕެރީ ބުނެފައިވެ އެވެ.
"އެއާޕޯޓުން ލަގެޖު ލިބުނީމަ ވެސް ވީ އާދަޔާ ހިލާފު އުފަލެއް،" ޚާލިދު ބުންޏެވެ.
ޚާލިދު ރާއްޖޭގައި
ރާއްޖެ އަށް އައިސް ލިބުނު ހިތްހަމަޖެހުން ބޮޑު ނަމަވެސް ކުރިމަތިލާން ޖެހުނު ދަތިތައް ވެސް ކުޑައެއް ނޫނެވެ. ހަނީމޫނަށް މަދު ދުވަސްކޮޅެއްގެ ޗުއްޓީއެއް ނެގި ދެމަފިރިންނަށް ފައިސާގެ ދަތިކަން ކުރިމަތިވި އެވެ. ޕެރީ މީޑިއާއެއްގައި މަސައްކަތް ކުރަމުން އަންނައިރު ފިރިމީހާ ހާލިދު މަސައްކަތްކުރަނީ ޓެލެކޮމް އިންޖިނިއަރަކަށެވެ.
މިދަތިތަކާ އެކު ދެމަފިރިން އެ މީހުންގެ ވަޒީފާގެ މަސައްކަތްކުރަން މަޖުބޫރުވި ނަމަވެސް ދެމީހުން އަތުގައި ވެސް ބޭނުންވާ ފުރިހަމަ ވަސީލަތްތަކެއް ނެތެވެ. ހަނީމޫނަށް ގޮސް މަސައްކަތާ ދުރުވާނެތީ އެފަދަ އެއްވެސް އެއްޗެއް ދެ މީހުން ވެސް ނުގެންދެ އެވެ. އެކަމަކު އެކި ގޮތްގޮތުން އެ ދެމަފިރިންނަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްލެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެއައިސް ރިސޯޓަށް ދެވުނު އިރު ރާއްޖޭގެ ރިސޯތުތަކުގެ ހާލަތު ވެސް އޮތީ ވަރަށް ދަށުގަ އެވެ. ދެމަފިރިން ފުރަތަމަ ދިޔަ ރިސޯޓުގައި ވެސް އެ މީހުންނާ އެކު ދެން ތިބީ މަދު ބައެކެވެ. އޭގެ ތެރޭގައި ވެސް ގިނައީ އެނބުރި ގައުމަށްދާ ދުވަސް އަންނަންދެން މަޑުކޮށްލައިގެން ތިބި މީހުންނެވެ. އެ އެންމެން ދިއުމުން އެ ދެމަފިރިން އެހެން ރިސޯޓަކަށް ބަދަލުކުރި އެވެ. އަދި އެ ރިސޯޓުގައި ވެސް ކަންތައްވީ އެހެންނެވެ. ،މިހާރު ދެމަފިރިން ތިބީ ސަރުކާރުން ކަރަންޓީން ފެސިލިޓީ ހިންގަމުންދާ އޮޅުވެލި ރިސޯޓުގަ އެވެ.
އެ ދެމަފިރިން ކިޔައިދިން ގޮތުގައި، އޮޅުވެލީގައި ވެސް މިހާރު ތިބީ މަދު ބައެކެވެ. ހަތްދިހަ ވަރަކަށް މީހުން ތިބި އިރު އޭގެ ތެރޭގައި ވެސް ގިނައީ ހަނީމޫން ޖޯޑުތަކެވެ. އަދި އެއީ ވެސް ހަމަ ނުދެވި ތާށިވެފައި ތިބި މީހުންނެވެ.
މިހާ މަދު ބަޔަކު ތިބި އިރު ރިސޯޓުން ޗާޖްކުރަނީ ވެސް އާންމުކޮށް ދައްކަން ޖެހޭ އަގަށްވުރެ ކުޑަ އަގެއްކަން އެދެމަފިރިން ފާހަގަކުރި އެވެ. އަދި މަދު ބަޔަކު ތިބި ނަމަވެސް އެމީހުންގެ ހިތްހަމަޖެހުމަށް ރިސޯޓު މުވައްޒަފުން ކޮށްދޭ ކަންކަން ވެސް ފާހަގަކުރި އެވެ.
"ބައެއް ރޭރޭ މިއުޒިކް ޖަހާ ޑީޖޭ ޝޯތައް ވެސް ބާއްވަދޭ، އެކަމަކު ނަށާލާނެ ބަޔަކު ނުވޭ. އެހެންވީމަ ބައެއް ފަހަރު އެ ފަޅުކަން އިހުސާސްވޭ" ޚާލިދު ބުންޏެވެ.
"ރާއްޖޭގައި ތާށިވެފައޭ ބުނީމަ އެންމެނަށް ވެސް ހީވަނީ ވަރަށް ހިތްގައިމުވާނެއޭ، އެކަމަކު މި ދަނޑިވަޅުގަ އެ ހީކުރާ ގޮތެއް ނޫން، އަމިއްލަ އާއިލާ ކައިރީ ހުންނަން ލިބޭ ނަމަ އަސްލު މާ އުފާވާނެ،" ޕެރީ ބުންޏެވެ.
މި ދެމަފިރިންގެ ނުނިމުނު ދިގު ހަނީމޫން ދަތުރުގައި ރާއްޖޭގައި ތާށިވެފައި ތިބޭތާ އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިހާރު ދެމަފިރިން ވެސް އަންނަނީ އެނބުރި ގައުމަށް ދާން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެމީހުން ވެސް ނިސްބަތްވާ މިސްރަށް ދާން ބަލާއިރު، ރެސްކިއު ފްލައިޓެއްގައި ދެވިއްޖެ ނަމަ 14 ދުވަހު ކަރަންޓީންވާން ޖެހެ އެވެ. ނަމަވެސް އެއީ ދިރިއުޅޭ ގައުމަށް ނުވާތީ ކުރިމަތިވާނެ ދަތިތައް ވެސް ގިނަ އެވެ.
ދެން އޮތީ ދެމީހުން ވެސް ދިރުއުޅޭ ދުބާއީ އަށް ދިއުމެެވެ. އެގައުމުގެ ރައްޔިތުން ނޫން އެހެން އެއްވެސް ބަޔަކަށް ގައުމަށް ނޭރޭ ގޮތަށް ބަންދުކޮށްފައިވާއިރު ޕެރީ އާއި ހާލިދުގެ ދެމަފިރިން މިހާރު އަންނަނީ އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށް ގައުމަށް ދެވޭނެ މަގެއް ހޯދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެޔޮ ޝަޤާފަތް
24 May 2020
މަ ހިތަށް އަރާ އެެއްޗަކީ "ހަނީ މޫން" އަކީ ކުރަންޖެހޭ ކަމެއް ބާއެވެ.މިއީ ކޮން އިރަކު ކޮންގޮތުން އަހަރެމެންގެ ތެރެއަށް ވަދެގެން އުޅޭ ޝަޤާފަތެއް ބާއެވެ.
ކޮތަރު
24 May 2020
އެކީ އެމީހެއްގެ އަމިއްލަކަމެއް.
ޙިކި
24 May 2020
ޙުރި ހާ ކަމަކުން ވެސް ފައިސާތަ؟ މެ ހެމާންދާރީ އަދާކުރަންވީ!
ފޫހި
23 May 2020
ހީވޭ މިދެމަފިރިންނާވެސް ހަވާލުވާންޖެހުނީ ބޯޑަރ ބަންދުކުރުން ލަސްވީމަ. ދައުލަތަށް ބޮޑެތި ހަރަދުތައް ބޭކާރުގޮތުގައި ކުރަނއޖެހުނީ. ރިސޯޓް އޯނަރުންގެ ނުފޫޒާހެދި.
އިލާސްތެރި ކަމާއެކު ދިން ވޯޓް
24 May 2020
ބަލަގަ ޗާޖްކުރާ ވާހަކަ ބުނެފަ އެބައޮތް
އާސީނުތަށި
24 May 2020
ލިޔެފަ އިންއެއްޗެއް ދޭހަ ނުވިޔަސް އަވަސް ވެގަންނަނީ ކޮމެންޓް ކުރެވޭތޯ