ރިޕޯޓް / ލޮކްޑައުން

ނިއު ނޯމަލްގައި އުޅެވޭނެ އަޚްލާގު އެބަހުރިތަ؟

ލޮކްޑައުންގައި ފުލުހުން އުޅަނދުތައް ޗެކް ކުރަނީ: ލޮކްޑައުންއަށް ލުއިތަކެއް ދޭން މިހާރު ދަނީ ތައްޔާރުވަމުން -- ފޮޓޯ/މިހާރު

މިދިއަ 100 އަހަރު ތެރޭގައި ވެސް ދުނިޔެ ދުށް އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށްވާ ކޮވިޑް-19 އިން ދިރިއުޅުމުގެ އެތައް ކަމެއް ބަދަލު ކޮށްލައިފި އެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނެއް ލިބެން އެތައް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ މިހާރު އޮތީ އެ ބައްޔާ އެކު އުޅެން ދަސްކުރަން ޖެހިފަ އެވެ. އެއީ މިހާރު މިކިޔާ "ނިއު ނޯމަލް" އެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ރައްޔިތުން ވެސް އުޅެމުން އެ ދަނީ އެ އާދަތަކާ އެކު އެވެ.

ދޮޅު މަހަށް ވުރެ ގިނަ ދުވަހު ކޮވިޑް-19 ގެ ބިރުވެރިކަމުގައި މާލޭ ސަރަހައްދުގެ ރައްޔިތުން ގޭގައި ބަންދުވެ ތިބުމަށް ފަހު އާންމު ދިރިއުޅުމަށް މަޑުމަޑުން އެނބުރެން ޖެހޭ ވަގުތު މިވަނީ ގާތްވެފަ އެވެ. މިހާރު އޮތް ލޮކްޑައުންގެ މުއްދަތު މި ހަފުތާގައި ހަމަވުމުން، ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއި ދޭނެ ކަން ސަރުކާރުން އޮތީ އިއުލާން ކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ގެއިން ބޭރަށް ނުކުތުމުގައި މިހާރަށް ވުރެ ބޮޑު ލުއިތަކެއް ދިނުމާއި އާންމު ވިޔަފާރިތަކަށް ކުރިއަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ އެވެ. ދެވަނަ ފިޔަވަހީގައި އޮތީ މިސްކިތްތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކާއި ސްކޫލްތަކާއި އޮފީސްތައް ހުޅުވަން ވަކި އުސޫލުތަކެއް ދަށުން ހުއްދަ ދިނުމެވެ.

އޭގެ އިތުރަށް ރިސޯޓްތަކާއި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ވެސް ހުޅުވައި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ވެސް މަޑުމަޑުން ފަށައިގަންނަން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ އެތައް ބަޔަކަށް ހިތްހަމަޖެހުން ލިބޭނެ ޚަބަރެކެވެ. ޚާއްސަކޮށް، ލޮކްޑައުންގެ ސަބަބުން ވަޒީފާ އާއި އާމްދަނީއަށް ހުރަސް އެޅިފައި ތިބި އެތައް ހާސް ބަޔަކަށެވެ. އެކަމަކު އެ ހިތްހަމަޖެހުމާ އެކު ވެސް، މިހާރު އޮތް ކަންބޮޑުވުމަކީ އަދި ސުވާލަކީ ވެސް އަލަށް ދަސްކުރަން ޖެހިފައި ހުުރި އާދަތައް ލޮކްޑައުންއަށް ފަހު ހިފެހެއްޓޭނެ ކަމާ މެދު އެވެ.

ބިރުވެރިކަމުގަައި ގޭގަައި ބަންދުވެގެން އަދި އިގްތިސާދު ހުއްޓުވާލައިގެން އަބަދު ތިބެވޭކަށް ނެތެވެ. އެކަމަކު ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭއިރު، އާންމު ދިރިއުޅުމުގެ ބައެއް އާދަތަކުގެ ސަބަބުން ކުރިއަށް ވުރެ ގޯސް ހާލަތަކަށް އަނެއްކާވެސް ވެއްޓިދާނެ ކަމުގެ ބިރު ވެސް ވަކި ކުޑައެއް ނޫނެވެ. ޚާއްސަކޮށް ރާއްޖޭގަ އެވެ. ސަބަބުތައް ވެސް އެބަ ހުއްޓެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންއަކާ ހަމައަށް ދާން ޖެހުނީ ބަޔަކަށް ކަމެއް ނޭނގި ތިއްބާ، ކުއްލިއަކަށޭ ބުނެވޭކަށް ނެތެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހާހުން މައްޗަށް އަރައިގެން ދިއުމުގެ އެތައް ދުވަހެއް ކުރިން، ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް، ކުރަމުން ދިޔަ އިލްތިމާސްތަކަށް ބީރު ކަންފަތެއް ދިން މީހުން ވެސް ގިނަ އެވެ.

ބޭރަށް ނުކުމެ ނޫޅޭށޭ ބުނުމުން ވެސް އެތައް ބަޔަކު ނުކުމެ އުޅުނެވެ. ވަގުތީ ގޮތުން ތިން ގަޑިއިރަށް ހިންގި ކާފިއުގެ ވަގުތު ހަމަވުމުން އެއްފަހަރާ އެތައް ހާސް ބަޔަކު ނުކުތެވެ. ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ތިބެގެން ޚިދުމަތް ހޯދުން މަނާކުރުމުން ކާބޯތަކެތި ގަނެގެން ތަންތަނުގައި ގްރޫޕް ހަދައިގެން ކާން ތިބެ އެވެ. އެއް ބަޔަކު މަސް ދަތުރެވެ. އަނެއް ބަޔަކު ގޭގޭގައި ޕާޓީތައް ބޭއްވީ އެވެ. ސޯޝަލް ޑިސްޓޭންސިން ދަސްކުރާކަށް ބޭނުމެއް ނުވި އެވެ. އެ ބައްޔަށް ފުރަތަމަ ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ އަދަދުތަކަށް ބެލުމުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނު މިންވަރު ސާފުވެ އެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މާލޭގައި އެންމެ ބާރު ސްޕީޑްގައި މައްޗަށް އަރަމުން ދިޔަ ލޮކްޑައުންގެ ތެރޭގައި ވެސް އެފަދަ އެތައް މަންޒަރެކެވެ. މާލެ ސަރަހައްދުން އެކަނި ވެސް، ވޭތުވެދިޔަ ދޮޅު މަސް ދުވަހު އުސޫލާ ޚިލާފަށް ބޭރަށް ނުކުމެގެން 5،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކުރި އެވެ. އަދި އެ ކުށް ތަކުރާރުކުރި 200 އަށް ވުރެ ގިނަ މީހުން ހަައްޔަރުކުރަން ޖެހުނެވެ. މިއީ ޒަރޫރީ ބޭނުމަށާއި މުހިންމު އެހެން ބޭނުންތަކަށް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުން ދިޔައިރު ވެސް، އަމަލުތައް ހުރި ގޮތެވެ.

ނަސޭހަތް ދިނުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅައި، ދޫކޮށްލި މީހުންނާއި ފުލުހުންނަށް ފިލައިގެން ބޭރަށް ނުކުމެ ވެސް އުޅުނެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުމުން އެއް ބަޔަކު ފަތާފައި އަދި އަނެއް ބަޔަކު އަމިއްލަ ޑިންގީ އާއި ދޯނި ފަހަރުގައި ވެސް އެހެން ރަށްރަށަށް އެރީ އެވެ. ހަމަގައިމު ވެސް، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ތަކެތި ހުސްވެގެން ސިއްރުން އެހެން ރަށްރަށަށް މީހުން އަރަން ޖެހޭ ހާލަތެއް އެއްވެސް ރަށަކަށް ކުރިމައްޗެއް ނުވެ އެވެ. އެވަރުން ނުވެގެން، ރޯދަ މަހު ގޭގެއަށް ތަށިބަރި ވެސް ބެހީ އެވެ.

މީހަކު މާސްކު އަޅައިގެން ވިޔަފާރި ކުރަނީ: ދެން އޮތީ މިހެން އުޅެން -- ފޮޓޯ/މިހާރު

ނިއު ނޯމަލްގައި ދިރިއުޅެން ދަސްކުރުން ނޫން ގޮތެއް ނެތެވެ. އެކަމަކު ސުވާލަކީ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރެވޭނެ ހެއްޔެވެ؟. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގައި ސޯޝަލް ޑިސްޓެންސިން ހިފެހެއްޓޭނެ ފަދަ ޖާގަ އެބަހުރި ހެއްޔެވެ؟. އަދި ޚިދުމަތް ހޯދާ އާންމުން އެފަދަ އާ އުސޫލުތަކަށް ތައްޔާރު ހެއްޔެވެ؟

ލޮކްޑައުންއަށް ލުއި ދޭން ފެށުމުން ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެ، އިގްތިސާދީ އަދި ސިއްހީ ގޮތުން ލިބޭ ގެއްލުން ބޮޑުވުމުގެ ބިރު ހުރިހާ ގައުމަކަށް އެބަ އޮތް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ބުނެފައިވަނީ ލޮކްޑައުންއަށް ލުއި ދިން ދެކުނު ކޮރެއާ އާއި ޖަރުމަން ފަދަ ގައުމުތަކުގެ ތަޖުރިބާއަށް ބެލުމަށް ފަހު އެވެ. ކޮވިޑް-19ގެ "ދެވަނަ ރާޅެއްގެ ބިރު" އޮތަސް، ގިނަ ބަޔަކު އެ ބައްޔަށް ޓެސްޓް ކުރުމުގެ ގާބިިލްކަމާއި ކޮންޓެކްޓް ޓްރޭސިންގެ ވަރުގަދަ ނިޒާމުތަކެއް ދެކުނު ކޮރެއާ އާއި ޖަރުމަނުގައި ވެސް އެބަ އޮތެވެ.

ހުރިހާ ގައުމުތަކެއްގައި އެފަދަ ވަރުގަދަ ސިއްހީ ނިޒާމެއް ނެތެވެ. ލޮކްޑައުންއަށް ލުއި ދިނުމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، ބަލި ޖެހޭ މީހުންނާއި އެ މީހުންނާއި ކޮންޓެކްޓްވާ އެންމެން ދެނެގަނެވި އަދި އެ ބައްޔަށް ޝައްކުކުރެވޭ އެންމެން ޓެސްޓް ކުރެވޭނެ ގާބިލްކަން ހުރުމާއި ނިއު ނޯމަލްގައި އުޅެން އާންމުން ހޭނިފައި ތިބުން ހިމެނެ އެވެ. ބައެއް ގައުމުތަކުގައި ނިއު ނޯމަލްގެ އުސޫލުތައް ވަރުގަދައަށް ތަންފީޒުކޮށް، އެއާ ޚިލާފްވާ މީހުންނާ ދެކޮޅަށް ދަނީ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

ރާއްޖެ މިހާރު މި ދަނީ އެހެން ގައުމުތައް ތަޖުރިބާކުރާ މަރުހަލާއަށެވެ. އެކަމަކު ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ ލޮކްޑައުންއަށް ލުއި ދޭ ފަހުން "ދެވަނަ ރާޅެއް" އަތުވެއްޖެ ނަމަ ދެކުނު ކޮރެއާ އާއި ޖަރުމަނު ފަދައިން ހަމަޖެހިލައިގެން ރާއްޖެއަށް ނޯވެވޭނެ ކަމެވެ. ތަރައްގީއަށް ބަލާއިރު ރާއްޖެއަކީ އެފަދަ ގައުމެއް ނޫނެވެ.

ނިއު ނޯމަލްގެ އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެ، ޝާއިއުކުރާ ލިޔުމަކަށް ވުރެ ވަރުގަދައަށް ތަންފީޒު ކުރެވޭނެ ކަމަކަށް ހަދަން ޖެހޭނެ އެވެ. އެއާ ޚިލާފްވާ މީހުންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް ގާއިމް ކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ކުރީގެ ތަޖްރިބާ އަލުން ކުރަން ޖެހި، މިހާރަށް ވުރެ ހާލަތު ގޯސްވުމުގެ ބިރު އެބަ އޮތެވެ. ދެވަނަ ފަހަރަށް މިކަހަލަ ބޮޑު ބަންދަކަށް ދިއުމަށް ވުރެ ފިޔަވަޅުތަކުން ނަތީޖާ ނެރެން މަސައްކަތްކުރުން މާ މުހިންމެވެ.

57 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 27%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލި

28 May 2020

ބަންގާޅީންނޭ ކިޔަސް، ބޭފުޅުންނޭ ކިޔަސް. ކޮންޓްރޯލެއްނެތި އެވެރިން މިތާ އުޅެންޏާ އެއްކަމެއްވެސް ކޮންޓްރޯލެއް ނުވާނެ. ހުޅުމާލެ އެއްކޮޅުން އަނެއްކޮޅަށް ބަލާބަލަ ހުރިހާ ފިހާރަތަކެއް ހުރިހާ ގެސްޓްހައުސް ތަކެއްވިޔަސް ބަންގާޅީން ނޫން ބަޔަކު ހިދުމަތްދޭން ތިބިތޯ. މިކަން ހައްލުނުވެ ވާނެ ކަމެއް ނެތް. ނުވިތާކަށް އެބޭފުޅުން އެހާ ފުއްޕާ...

The name is already taken The name is available. Register?

ސަނާ

28 May 2020

ޟ މިގައުމުގެ އުޅޭ ތަންދޮރު ނުދަން ނަ ލޯސްކިލްޑް ލޭބަރުންގެ ހާލު ދިވެހިނަށްވުރެ މާބޮޑުވާނެ މަގެއްގެ މަތީގަ ރަނގަޅަށް ހިނގާނުލެވިގެން މިއުޅެނީ ގައިގަ ތެޅޭވަރުން

The name is already taken The name is available. Register?

ރައްޔިތުމީހާ

28 May 2020

ނިކަން އަހާލަދީބަލަ ޑެންޓަލް ކްލިނިކްތައް ހުޅުވާނެ ދުވަހެއް. މި އުޅެނީ ނަރުގަނޑު ބާރު ނުކުރެވިގެން. އެއްޗެއް ކެެއުން ވެސް ދަތި. ހަމަ އެކަނި ކޮވިޑަށް ފަރުވާ ކުރީމަ ނިމުނީތޯ؟؟؟

The name is already taken The name is available. Register?

ތެދު

28 May 2020

އަހަރެމެން މިތިބީ ކެފޭއާއި ފިހާރަގަނޑު ބަންދުކޮށް އަމުރާއެއްގޮތަށް ގޭގައެވެ. ލިބޭގެއްލުން ވަރަށްބޮޑެވެ . ގެއްލުންވަނީ ދުވަހަކުވެސް ނުހުއްޓޭނެ އާމްދަނީ ލިބޭ ބިންވެރިންގެ ރަހުމް ކުޑަކަމުންނެވެ. ދައުލަތުން އަމުރުކޮށްގެން ތަންބަންދުކުރިއަސް ގަވާއިދުން ތަނަށް ބޮޑުކުލި ދައްކަންޖެހެއެވެ. ޢެކަމަކު ބަލީގެ ނުރައްކާ ބޮޑުވެ ލޯބިވާ މީހުން ވަކިވެގެން ދިއުމަށްވުރެ މިގޮތްވެސް ރަނގަޅެވެ. ﷲ ގެ ހެޔޮ ރަހުމަތްފުޅުން އަޅަމެން ސަލާމަތްކުރައްވާށި. އާމީން

The name is already taken The name is available. Register?

ހަސަދު

27 May 2020

އަޚުލާގު ދަށޭ ކިޔާފަ ދެން އެންމެން ގޭބަނަދުގައި ބައިތިއްބަންވީތަ. ގޭބަންދުގައި ބައިތިއްބައިގެން ނުކުންނަ މައްސަލަ ކޮވިޑަށް ވުރެ މާގިނަ ކަމަސް ފެންނަނީ. ގޭބަންދު އެއީ ޑަބް.ލިޔޫ އެޗް.އޯ ހިތްހަމަ ޖައްސާ އެހީ ހޯދަން ކުރާކަމަކަށް ވުން ގާތީ.

The name is already taken The name is available. Register?

ޚަފަ

27 May 2020

ނެތް

The name is already taken The name is available. Register?

އަލީ!

27 May 2020

ދިވެހިންގެ އަހުލާގު ވަރަށްދަށް. މިހާރުވެސް ފެނޭ މާސްކުތިރިކޮށްލާފަ މަގުމައްޗަށް ކުޅު ޖަހާތަން. ނަންވާނީ ބަންގާޅީން.

The name is already taken The name is available. Register?

ޑޯންޓު ނޯ މޭން

27 May 2020

އަހުލާގޭ؟ އެއީ ކޯއްޗެއް؟ އަހަރުން ދިވެހިން ނުދަންނަމު ތިޔަހެން ކިޔާއެއްޗެއް. އޮކާޒު ބާޒާރުގަ ވިއްކާ އަހެއްގެ ވާހަކަތަ މިދައްކަނީ؟

The name is already taken The name is available. Register?

އިހުބަހާ ފަހުބަސް

27 May 2020

މި ސަރުކާރުގެ ފެއިލް ވުމަކީ މި ލޮކްޑައުންގެ ދޯހަޅި ސިޔާސަތުތަކާ ރައްޔިތުންނަށް ހަދަމުންދާ ބުހުތާނު ދޮގުތައް. އަޚްލާޤެއްނެތީ ސަރުކާރުގެ.

The name is already taken The name is available. Register?

ބަބުރުލް ސަލީމް

27 May 2020

އަޚުލާގު ވަރަށް ދަށްކޮށް އުޅެނީ. އެކަމަކު ވީވަރެއް ކުރާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454