ރިޕޯޓް

މެނޭޖަރެއްގެ ނަޒަރުން ކަރަންޓީންގެ ހިދުމަތް: މިއީ ގައުމަށް ކޮށްދޭ ކަމެއް

އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ހުރި މީހެއްގެ ކޮޓަރި.

އެކަކު ސޯޝަލް މީޑިއާގައި އާންމުކުރީ ހަލާކުވެފައި ހުރި ކްރީމްކޭކަރު ބިސްކޯދުތަކެކެވެ. އަނެއް މީހަކު އާންމުންނާ ހަމައަށް ގެނެސްދިނީ، ރިހަ އާއި ރޮއްޓާ އެކުވެފައި ހުރި ފޮޓޯއެކެވެ. މިހެން ގޮސް ހިތްހަމަނުޖެހުމާއި ޝަކުވާގެ އެތައް މަންޒަރެއް، ސޯޝަލް މީޑިއާގައި ދައުރުވެ، ކޮރޯނާވައިރަސްގެ ކަރަންޓީންގެ ހިދުމަތަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އެކަމަކު ހަގީގަތަކީ، އެ ހުރިހާ ކަމެއް އެހެން ހުއްޓަސް، ކަރަންޓީންގައި ތިބޭ މީހުންނާއި އާންމުންނަށް ވެސް އިހުސާސްކޮށްލަން ނޭނގެނީ މި ކުއްލި އޮޕަރޭޝަންގައި ރިސޯޓްތަކުގެ މުވައްޒަފުންނާއި އެމްއެންޑީއެފް ފަދަ އިދާރާތަކުން ކުރަމުން އަންނަ ބޮޑު މަސައްކަތެވެ. ރާއްޖޭގެ ބޮޑު ރިސޯޓެއްގެ އެންމެ އިސް އެއް މުވައްޒަފު، ނަން ނުޖަހާ ގޮތަށް، ބުނީ މިއީ ޓުއަރިޒަމް ދާއިރާގައި އޭނާ ހޭދަކުރި 25 ހަކައަށް އަހަރު ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެންމެ ކަމެއް ނޫނެވެ. ކޮރޯނާވައިރަސްއާ އެކު މުޅި ޓޫރިޒަމް ހުއްޓި އެ ރިސޯޓް ވެސް ގާތްގަނޑަކަށް އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު ސަރުކާރުގެ އެދުމަށް ގާތްގަނޑަކަށް 150 ކޮޓަރި ކަރަންޓީންއަށް ދޫކުރަން ނިންމީ، މި ހާލަތުގައި ގައުމަށް އެހީވުމުގެ މަގުސަދުގައި ކަމަށް އޭނާ ބުންޏެވެ. އޭރު ރިސޯޓްގެ އާންމު އޮޕަރޭޝަން ހުއްޓާލާފައި އޮތުމުން، ގިނަ މުވައްޒަފުންތައް ފޮނުވާލައި، ބައިތިއްބާފައި ތިބީ ރިސޯޓްގެ މަރާމާތް ފަދަ ކަންކަމަށް ކޮންމެހެން ހިފަހައްޓަން ޖެހޭ މަދު ބައެކެވެ.

"ދެން ކުއްލިއަކަށް މި ޖެހުނީ މިކަމާ ހަވާލުވާން. ފުރަތަމަ ވެސް 100 އެއްހާ ކޮޓަރި ތައްޔާރުކުރަން އެންގީ. އެހާ ހިސާބުން ވެސް މިކަމުގެ ބޮޑުކަން އެނގިއްޖެ،" އޭނާ ބުންޏެވެ.

އެހާ ގިނަ ބަޔަކު ކުއްލިއަކަށް އައުމުން ކާ އެއްޗެހި ތައްޔާރުކުރުމާއި އެއަށް ބޭނުންވާ ސާމާނު ވެސް ފުދޭވަރަކަށް ނެތެވެ. އަދި މާލެ އިން ގެންނަން ބަލާއިރު ލޮކްޑައުންގައި އޮތުމުން އެއީ ވެސް ކުރިމަތިވި ބޮޑު މައްސަލައެކެވެ.

"ދެން ވަރަށް އުނދަގޫވި ހުރިހާ ކަމެއް ވެސް. އަޅުގަނޑުމެން މެނޭޖަރުން ވެސް ނުކުމެ، މަސް ކަނޑައި، ރޮށި ދަމާ، ރޮށި ފިހެ، މިހެން ގޮސް އެ ހުރިހާ ކަމެއްގައި އުޅެގެން މިކަން މި ކުރެވެނީ،" އޭނާ ކިޔައިދިނެވެ.

އެޗްއައިއެޗްގައި ތިބި މީހުންގެ ހެނދުނު ސައި

އޭނާ ބުނި ގޮތުގައި ރިސޯޓްގެ އޮޕަރޭޝަން ހުއްޓާލުމުން ރޮށި ދަމާނެ، ފިހާނެ މީހުން ވެސް ރިސޯޓްގައި އޭރު ނެތެވެ. ދިވެހިންނަކީ މަސް ކާ ބަޔަކަށް ވާތީ، ކޮންމެ އިރަކުހެން މަސް ބޭނުންވެ އެވެ. އެކަމަކު ރިސޯޓްގައި މަސް ނެތުމުގެ އިތުރުން ކައިރި ރަށްރަށުގެ މަސްވެރިން ވެސް ތިބީ މަހަށް ނުނިކުމެ، ރަށުގަ އެވެ. އެކަމަކު ކަރަންޓީންގައި ތިބި ދިވެހިންގެ ހައްގުގައި އެ ރިސޯޓްގެ އިސް މުވައްޒަފުންނާ ވެސް އެކު، މަހަށް ނުކުމެ މަސް ބާނަން ޖެހޭ ހިސާބަށް ކަންކަން ދިޔަ އެވެ.

"އަޅުގަނޑުމެން ގޮސްގެން ނަމަވެސް މިކަން އެބަ ޖެހޭ ނޫންތޯ ކުރަން. އެހެންވެ ތިބި ބަޔަކާ އެކު މަހަށް ވެސް ދިޔައީ، މާ ކަނޑަށް ވެސް ނުކުތީ،" އޭނާ ބުންޏެވެ.

މިއީ ގައުމީ ހިދުމަތެއް

އެ ރިސޯޓުން ހާއްސަކުރި ކޮޓަރިތައް އިސާހިތަކު ފުރިއްޖެ އެވެ. ކަރަންޓީންގައި ތިބި ގިނަ މީހުންނަށް އަސްލު ހާލަތު އެނގި، ޝަކުވާ ނުކުރި ނަމަވެސް މަދު ބައެއްގެ ސަބަބުން މުޅި މަސައްކަތަށް ލިބޭ ބަދުނާމަކީ، އޭނާ ބުނި ގޮތުގައި، އާންމުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމެވެ.

"ޝަކުވާކުރާ ޕަސެންޓެއް އެބަ އުޅޭ. އެމީހުން އެ ފޮނުވާ ފޮޓޯތަކާއި ދައްކާ ވާހަކަތަކުން މި ބޮޑު މަސައްކަތް އާންމުންނަށް އޮޅިގެންދަނީ. އަސްލު މިއީ އާދައިގެ އޮޕަރޭޝަނެއް ނޫން،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެންމެން މި މަސައްކަތްކުރަނީ ވީހާވެސް ރަނގަޅަކަށް ކަންކަން ކޮށްދޭން. އެކަމަކު މި ކަހަލަ ދުވަސްވަރެއްގައި އެބަ ހުރި ގޮންޖެހުންތައް. ކިތައްމެ ރަނގަޅަށް ކަމެއް ކުރަން އުޅުނަސް ހުރަސްތައް ވެސް އެބަ ހުރި. އެކަން އަންޑަސްޓޭންޑިން ނުވާ ބަޔަކު އުޅޭ. އެމީހުންގެ ސަބަބުން މުޅި އެތީގެ ނުބައި މަންޒަރެއް ފެންނަނީ."

އޭނާ ބުނި ގޮތުގައި ކާ އެއްޗެހި ވަކި ގޮތަކަށް އަޅައި، ޕެކްކޮށް، ފޯރުކޮށްދޭ އިރު އޮޅިގެން، އެ ހުންނަން ޖެހޭ ގޮތް ނޫން ގޮތަކަށް ހުރެދާނެ އެވެ. އަދި އެނޫން މައްސަލަތައް ވެސް ދިމާވެދާނެ އެވެ. އެކަމަކު ޝޯޝަލް މީޑިއާއާ ހަމައަށް ގެންގޮސް މުޅި އޮޕަރޭޝަން ކަމުނުދާކަން ދެއްކުމަށް ވުރެ، "އަހަރެމެން ކައިރީގައި ބުނެލުމުން" ވެސް އެކަންކަން ބަލައި، ރަނގަޅުކޮށްދޭނެ އެވެ.

އޭނާ ބުނި ގޮތުގައި ރިސޯޓަކަށް ވުމާ އެކު ބައެއް މީހުން ދެކޭ ގޮތް ވެސް އެބަ ތަފާތުވެ އެވެ. ބޭނުންހާ އެއްޗެއް ލިބެން ހުންނާނެ ކަމާއި ބޭނުން އިރަކު އެ އެއްޗެހި ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް، މަދު ބަޔަކު ދެކޭ ކަމަށް އޭނާ ބުންޏެވެ.

އޮޅުވެލި ކަރަންޓީން ފެސިލިޓީގެ ރޯދަވީއްލުން: މި މެނޫއާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބި.

"އެކަމަކު އަޅުގަނޑުމެން މި ތިބީ ވަރަށް ލިމިޓެޑް އެތި ކޮޅަކާ އެކު ވަރަށް ލިމިޓެޑް ބައެއް ގޮވައިގެން. އަސްލު ރިސޯޓެއް ނޫން މި ހިންގަނީ. އެކަމަކު ބައެއް މީހުންނަށް ހީވަނީ ރިސޯޓަކަށް އައިމާ ދެން ކޮންމެ އެއްޗެއް ވެސް ލިބެން ޖެހޭނޭ،" އޭނާ ބުންޏެވެ.

އެކަމަކު ކަރަންޓީންގައި ތިބޭ މީހުންނަށް ކެވޭ ގޮތަށް އެއްޗެހި ތައްޔާރުކޮށްދެ އެވެ. މިސާލަކަށް އެ ރިސޯޓްގެ ފަންސާހަކަށް ކޮޓަރީގައި ތިބި މީހުންނަށް ފޯރުކޮށްދެނީ ހާއްސަ ކެއުންތަކެވެ. އޭގެ ތެރޭގައި އާޓާ ފުށުގެ ރޮއްޓާއި ކުޅި މަޑުކޮށް ހުންނަ އެއްޗިއްސެވެ. އެ ނޫން ވެސް، ބައެއް ކަންކަން، މިވަގުތު ކޮށްދެވެން ހުރި ވަރަކުން ކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

"ހަގީގަތުގައި ވެސް މިއީ ގައުމަށް ކޮށްދޭ ކަމެއް. ދިވެހިން ވީމާ ދިވެހިންނަށް ވީހާ ވެސް ރަނގަޅަށް ކޮންމެ ކަމެއް ވެސް ކޮށްދެވޭތޯ މި ބަލަނީ،" އޭނާ ބުންޏެވެ.

"މިތާ ތިބި މީހުންނަކަށް ނޭނގޭނެ މެނޭޖަރުން މަހަށް ގޮސްގެން މަސް ހޯދި ކަމެއް. މެނޭޖަރުން މަސް ކަނޑާ ކަމެއް. މިއީ އެމީހުންނަށްޓަކައި އަޅުގަނޑުމެން ކޮށްދޭ ކަންތައް."

ސަރުކާރުގެ ވަރަށް ރަނގަޅު ނިންމުމެއް

ދެން އޮތީ ކަރަންޓީންގައި ތިބޭ މީހުންނަށް ސަރުކާރުން ދައްކާ އަގެވެ. ބޮލަކަށް 750ރ ރިސޯޓަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު މިއީ، އޭނާ ބުނި ގޮތުގައި، އެ ރިސޯޓްގެ ފެންވަރަށް ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. އޭގެ ސަބަބުތައް ވެސް ދެއްކި އެވެ. މިސާލަކަށް ރަށުގެ އިންޖީނުގެ ގެ އާއި ފެން ޕްލާންޓް ހިންގުމާއި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި ރިސޯޓްގެ އަސްލު އޮޕަރޭޝަން ނެތުމުން ފޮނުވާލަން ޖެހޭ އެތައް ބަޔަކު ފޮނުވާނުލެވި، ކަރަންޓީންގެ މަސައްކަތުގައި ބޭތިއްބުމަކީ ވެސް ބޮޑެތި ހަރަދުތަކެއް ކަމަށް އޭނާ ބުންޏެވެ.

އެކަމަކު މިއީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި، ސަރުކާރަކުން ޖުމްލަކޮށް ކުރާ ވަރަށް ބޮޑު ހޭދައެއް ކަމަށް އޭނާ އެއްބަސްވެ އެވެ. އޭނާ ދެކޭ ގޮތުގައި އާންމު ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭނީ، ސަރުކާރުން އެ ހޭދަކުރަނީ އެންމެންގެ ރައްކާތެރިކަމަށް ކަމެވެ.

"ސަރުކާރުން މިގޮތަށް ކަރަންޓީން ކުރަން ފެށީމާ ބަލި މިވަރަށް ވެސް ކޮންޓްރޯލްވެފައި މި އޮތީ،" އޭނާ ބުންޏެވެ.

"މިއީ ދުރާލާ ސަރުކާރުން ނިންމި ވަރަށް ރަނގަޅު ނިންމުމެއް. އެހެން ނޫން ނަމަ މި ބަލި ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވީސް."

މިހާރު ވެސް ކަރަންޓީންގެ އެކި ފެސިލިޓީޒްތަކުގައި 1،500 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ރިސޯޓުން އަންނަނީ އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދެމުންނެވެ.

ކުޑަ ބަނޑޮހުގައި ކަރަންޓީނުކޮށްފައި ހުރި މީހަކު ކޮޓަރީގައި ލެޕްޓޮޕް ބޭނުންކުރަނީ.

އޭނާ ބުނި ގޮތުގައި މިއީ މުޅި ގައުމަށް ވެސް ވަރަށް ހިތާމަވެރި ވަގުތެކެވެ. އިގުތިސާދީ ގޮތުން އެހާ ބޮޑު ވެއްޓުމެކެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އާންމުންގެ ވިސްނުން ވެސް ގެންގުޅެން ޖެހޭނީ "އެ ހަމާގައި" ކަމަށް އޭނާ ދެކެ އެވެ.

"ކިތައްމެހާ ވެސް އުނދަގޫ މި ކަން. ފުރަތަމަ ކޮޅު މި ރަށުގެ މުވައްޒަފުން ބިރުގަނޭ މަގަކުން ދާން ވެސް މާސްކް ނާޅާ. ކޮންމެ ދުވަހަކު ވެސް ބަލާނެ ކިތައް މީހުންނަށްތޯ ބަލި ޖެހުނީ،" އޭނާ ކިޔައިދިނެވެ.

"އެކަމަކު މިހާރު ކޮޓަރިތަކާ ދުރު ހިސާބުތަކުގައި މާސްކް ނާޅާ ވެސް އުޅޭ. ކޮންމެ ދުވަހަކު ނުބަލަ ކިތައް މީހުންނަށް ބަލި ޖެހިއްޖެތޯ. މިހާރު އެ ބިރު މިދަނީ ފިލަމުން."

އޭނާ ބުނީ ކަރަންޓީންގައި ތިބޭ މީހުންނަށް ވީހާވެސް ރަނގަޅަށް ހިދުމަތް ފޯރުކޮށްދޭން ކޮންމެ ފެސިލިޓީއަކުން ވެސް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް އާންމުން އުއްމީދުކުރާ ވަރަށް ނުވަތަ އެ ފެންވަރުގައި އެއްޗެއް ނުލިބޭ ކޮންމެ ފަހަރަކު އެކަން ސޯޝަލް މީޑިއާގައި، ޝަކުވާއެއްގެ ގޮތުގައި އާންމުކުރުމުން، އަސްލު އެ މަސައްކަތުގެ އަގު ވެއްޓޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ހަގީގަތުގައި ވެސް މިއީ ހަމަ ގައުމީ ހިދުމަތެއް. ގައުމީ ކަމެއްގެ ގޮތުގައި މިކަން ކުރަނީ. އަނެއްކާ ހަމަ ގިނަ މީހުން އެކަން ގަބޫލު ވެސް ކުރޭ. ވަރަށް މަދު ބަޔަކު މި އުޅެނީ."

އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ތިބޭ މީހުންގެ މެންދުރު ކެއުން

ޝަކުވާތައް ހުންނާނެ އެވެ. ފަހަރެއްގައި ބައެއް މީހުންނަށް ބައެއް ފެސިލިޓީޒްތަކުން ތަކުރާރުކޮށް މައްސަލަތައް ދިމާވީ އެވެ. ރަނގަޅު ކުރަން އެދުމުން ވެސް، ނުކެވޭ ފަދަ އެއްޗެހި ފޯރުކޮށްދިނީ އެވެ. މިއީ ވެސް ވެދާނެ ގޮތެކެވެ. އެކަމަކު އެ ހުރިހާ ކަމަކާ އެކު ވެސް، ކަރަންޓީންކުރުމަކީ ބަލި ފެތުރުން ހުއްޓުވުމުގެ މުހިންމު ފިޔަވަޅަކަށް ވާތީ ކޮންމެވެސް ގޮތަކުން އެ ބައި ކުރިއަށް ގެންދަން ޖެހެ އެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް، ރިސޯޓެއްގެ ކޮޓަރިއެއްގައި ދެ ހަފުތާ މަޑުކޮށްލުމަކީ، ވެރިރަށް މާލެ ލޮކްޑައުންގައި އޮތް ދުވަސްވަރެއްގައި، އެބަޔަކަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އުނދަގޫތަކެއް ހުއްޓަސް މެ އެވެ. ހީކުރާ ވަރަށް ވުރެ ކެއުންތައް "ގޯސްވިޔަސް" މެ އެވެ.

އޭނާގެ ބަހުން ނަމަ "މިއީ ހަމަ ކޮންމެ މީހަކު ވެސް ގައުމަށް ކަމެއް ކޮށްދޭންވީ" ވަގުތެވެ.

48 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 1%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންސާ

01 June 2020

ކަރަންޓީން ކުރަންވީ ފަޅުރަށެއްގަ އޭރުން ހިތްމައިތިރިވެދާނެ ބޮޑާކަމާކިބުރުވެރިކަންފިލާ ހަމަބިމައް ތިރިވާނެ??

The name is already taken The name is available. Register?

ދެރަ

01 June 2020

އަސުލުވެސް ޝުކުރުކިރަންޖެހޭނެ. މިއީ އެކަކުވެސް ގެނައި ހާލަތެއްނޫން. ބައެއްގައުމުތަކުގައި ވަރަށް ހާލުގައި ގިނަމީހުން އުޅެނީ.

The name is already taken The name is available. Register?

ފިސާރިތެދު

01 June 2020

މާލެފިޔަވާ އެންމެގިނަމީހުން ޕޮޒިޓިވްވި ށ.ނަރުދޫ އެންމެންތިބީ ފަސްތަރީގެ ހައިޑަވޭ ބީޗް ރިޒޯޓުގަ މިހާރުއެންމެން ޝިފާލިބި އެނބުރި ރަށަށްގޮސް މައުލޫމާތު ދިންގޮތުން ހުރިހާކަމެއްވެސް ވަރަށް ރަނގަޅު އެމީހުންގެ ތެރޭގައި ރިޒޯޓު ތަޖުރިބާހުރި މީހުންވެސް ތިބި

The name is already taken The name is available. Register?

ޢަރުސީފް

31 May 2020

މުސްކުޅީންނާއި ކުޑަކުދީންނައި މާބަނޑު އަންހެނުންނަށް އެކިއެކި ބަލިމީހުނަން ވެސް ހަމަ ކުޅިމަހާއި ރޮށި އައިލެންޑް ހޮޓަލުން ލިބެނީ. ތިޔަ މެނޭޖަރު ވަރަށް ބަރާބަރު.

The name is already taken The name is available. Register?

ދާއިރަ

31 May 2020

ކޮވިޑް ނެތަސް ދުނިޔޭގެ ކިތަށް އިންސާނުންތޯ ބޯނެ ފެންފޮދެއް ނުލިބިގެނަ އެ މަރުވަނީ ؟ އަދި މި ނިކަމެތި ޙާލިގަ އެ ފަރާތްތައް އުޅޭނެގޮތް ވިސްނާލެއްވިންތޯ ؟ އަދި އާދާއިގެ ރަނގަޅު ޙާލަތުގެ އުޅު ކިތައް މީހުންތޯ އެތިބީ ކާނެ އެއްޗެއް ނެތުފަ،ﷲ އަށްޓަކާ ކެއްތެރިވޭ!! ޝުކުރުވެރިވޭ

The name is already taken The name is available. Register?

ަައާރިޝް

31 May 2020

މާލޭގެ ބޮޑުންނާއި އެމީހުންގެ ދަރިންނާއި އެމީސްމީހުންގެ ގާތްތިމާގެ މީހުން ކަރަންޓީނުގަ ބައިތިއްބަނީ ފައިވް ސްޓާރ ރިސޯރޓުތަކުގަޔާއި ހުޅުލޭ އައިލެންޑު ހޮޓަލުގެ. އެމިހުންނަށް އެމީހުނަށް ހަމަޖައްސާފަ ހުންނަނީ ޚާއްސަ ފަރީކޮޅެއް. އާދައިގެ މީހުން ގެންގޮސް މިލަނީ އެންމެ ފެންވަރުދަށް ރިސޯރޓު ތަކަށާ ފަރުކޮޅުފުށިކަހަލަ އާދައިގެ ތަންތަނަށް.

The name is already taken The name is available. Register?

ތެދެއް

31 May 2020

ވަރަށް ބޮޑު ތެދު ވާހަކައެއް!

The name is already taken The name is available. Register?

ރާއްޖެތެރޭ މީހާ

31 May 2020

ތި ވަރަށް ބޮޑު ދޮގެއް. އަހަރު މެން އާއިލާގެ ބަޔްކު އިންޑިއާ،އައިސް އެތިބި ހަ މަ ތިބުނާ ރިސޯޓު ތަކުގައި. ފިތުނަ ނުފަތުރަާ

The name is already taken The name is available. Register?

އޭނަ މީނަ

31 May 2020

ތިއީ ކަނޑައެޅިގެން ދޮގެއް. އަހަންނަށް އިނގުމުން އަހަރެންގެ ރައްޓެހި އަދި ތިމާގެ ކިތަންމެ ބަޔަކު އެބަހުރި ފައިވް ސްޓާރ ފެންވަރުގެ ރިސޯރޓްތަކުގައި ބަހަށްޓާފައި. އަދި އެމީހުން ބުނި ޚިދުމަތްތައްވެސް ރަނގަޅޭ. ކަލޭ ފިތުނަ ނުއުފައްދާ ތެދު މަޢުލޫމާތު ހާމަކުރުމަށް ގޮވާލަން. މި އޮޕަރޭޝަނަށް މީހުން އައިސޮލޭޓްކުރަންށާ ކޮންޓެކްޓުން ކޮރަންޓީންކުރަން ސަރުކާރުން ނެގީ ފެންވަރު ރަނގަޅު ރިސޯރޓްތައް. ކަންކަން އިނގިގެން ކޮމެންޓް މިކުރަނީ.

The name is already taken The name is available. Register?

ސަފާރީ

31 May 2020

މި އެސެޓްތައް ރާއްޖޭގަ ހުރެގެން ބައްޔަށް މިހާގިނަ ބަޔަކު ފައްސިވީ ސަރުކާރުން އެސެޓްތަކުގެ ބޭނުން ނުކޮށް ލަސްކުރުމުން.އެކަމަކު ސަރުކާރުން ބޮލަކަށް 750 ރުފިޔާ ދިނީމަ މެނޭޖަރު އެބަޖެހޭ ޝުކުރުވެރިވާން.ބައެއް ރިސޯޓްތަކަށް އެއްވެސް އެއްޗެއް ނުލިބި މުސާރަ ދެނީ.

The name is already taken The name is available. Register?

މމ މޮޅުވާހަކަ

31 May 2020

ކިތަން މެ ރީތި ފޮޓޯއެއްވެސް ޖެހިދާނެ. ކިތަން މެ މޮޅު ވާހަކައެއް ވެސް ދެއްކިދާނެ. އަޅުގަޑު މިއައީ 3 ހަފްތާއަށްވުރެ ގިނަ ދުވަހު ފަރުކޮޅުފުށި އައިސޮލޭޝަންގައި ވޭތުކޮށްފައި. އަޅުގަނޑު މެންނަށް ލިބޭ ކާތަކެތި އަޅުގަޑު މެންނާ ހަ މައަށް ލިބޭ އިރު ހުންނަ ގޮތުގެ ފޮޓޯ އަޅުގަޑު އަތުގައި އެބަހުރި. ނޫސްވެރިން ސަރވޭއެއް ކޮށްލައްވަންވީ ނޫންތޯ އެތަނުން އައި މީހުން ގެ ހިތްހަ މަޖެހުން އެ ތަނުގެ ޚިދު މަތާ މެދު ހުރިވަރެއް ބައްލަވާލައްވަން.

The name is already taken The name is available. Register?

މަމޮޅު ރަދީފު

31 May 2020

ބަލަ މިއީ ކަލޭ ހިތްހަމަ ޖައްސައިގެން ކަރަންޓީނުގައި ހުންނަންޖެހޭ ވަގުތެއް ނޫނޭ ކަލޭ ނޫނަސް އަހަރެމެންވެސް ހިތްހަމަ ނުޖެހޭ ބައިވަރު ކަންކަން ހުރެމެ ކެތްތެރިވެގެން މިތިބީ މިއީ އެއްވެސް ގައުމަކަށް ފަސޭހަ ވަގުތެއްް ނޫން މިއައްވުރެ މާ ހާލުގަ މީހުން އެބައުޅޭ.. ތިއީ ޝުކުރުރުވެރިވާންވެސް ނޭނގޭ މީހުން...

The name is already taken The name is available. Register?

ހަގީގަތްވާނީ

31 May 2020

ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން އައިސޮލޭޝަނުގަޔާއި ކަރަންޓީނުގައި މީހުން ބައިތިއްބާއިރު އެ ބަޔެއްގެ ހާލަތާ ގުޅޭ ގޮތަށް ކަންތައްތައް ހަމަޖައްސައިނުދެވުނު ތާނގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ކަންތައްކުރާ ކަން އެގެންޏާ ޝަކުވާވެސް ކުރާނެ. ސަރުކާރުގެ "ހެޔޮފުޅުކަމަށް ޝުކުރުއަދާކޮށް،އާދެ މަސާހިބު" ކިޔައި އުޅުނު ޒަމާން ފާއިތުވެއްޖެ.

The name is already taken The name is available. Register?

ފތއސ

31 May 2020

މަމޮޅު ރަދީފު ގެ މަސައްކަތް ބަރާބަރު ލިބޭ އެއްޗަކާ އެއްވަރަށް ކޮމެންޓުތައް ނަފީކޮށްފަ ބަހައްޓާ. ސަރުކާރަށް އޮތްތާއިދެއް ދެނެގަތުމަށްޓަކާ ވޯޓެއްނަގާބަލަ މަމޮޅު ރަދީފުގެ ތިހާމުޅަދާނަ ކަމެއް ހުރިއްޔާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

ދަރަނި ދަންތުރަ

31 May 2020

މިންވަރަށް އީމާންވާން ދަސްކުރަންވީ ލޮކުޑައުންގެ ހާލަތުގައި ރަން އިލޮށިން ކަދުރު ކާންނުލިބިދާނެ ، އަޅުގަނޑު ވެސްމިއީ ލޮކުޑައުންގައި އިން މީހެއް އަދި މިއަދު ސައިނުބޮން އެއީ މިއަދުގެ ހާލަތު....

The name is already taken The name is available. Register?

ސާބީ

31 May 2020

ދަރަނި ދަންތުރަ ތިޔަޖެހެނީ ދަރަނި ދަންތުރާއިގަ ލޯބޮޑަށް ހުޅުވާލައިގެން ކުރިއަށް ދިއުން ބުއްދިވެރިވާނެ ަަޭަަަަޭަަަޭަަަަޭަަޭަަަަޭަަަޭަަަަަަޭަަަަޭަަަޭަަަަޭަަޭަަަަ ަަަަަަ އޭރުން އަހަރެންނަށް ބައިވަރު އެއްޗެހި ފެނި ދަސްވެ ޝުކުރު ކުރަންވެސް ދަސްވާނެ.

The name is already taken The name is available. Register?

އަހްމަދު 55

31 May 2020

ފެސިލިޓީގެ ކަންކަން ވަރައްގާތުން ދެކޭ މީހެއްގެ ހައިސިއްޔަތުންބުނަން. ގިނަދިވެހިންނަކީ ކެތްތެރި ޝުކުރުކުރާ ހިތްތިރިމީހުން. އެހެންނަމަވެސް ވަރަށްމަދުން ނަމަވެސް އުޅޭ ޝުކުރުނުކުރެވޭ ފޮނިމީހުން. މިކަހަލަ އުޅޭނެ އަބަދުވެސް %3 މީހުން

The name is already taken The name is available. Register?

ހަޖަމުކުރަންްދަސްކުރޭ

31 May 2020

ދިވެހިންގެ ކެތްތެރިކަމާއި ހިތްތިރިކަމާއި ޝުކުރުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި ވަކި ބަޔަކު ބޭނުންހާ ނިކަމެތި ހާލެއް ވަކިބަޔަކަށް ޖައްސާފައި އަނެއް ބަޔަކު ހަމަ ރައްޔިތުންގެ ފައިސާގައި އަރާމުގައި ބޭތިއްބުމަކީ އިންސާފެއްނޫން! ހަޖަމު ނުވިޔަސް މީ ހަގީގަތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454