ރިޕޯޓް / ކޮވިޑް-19

ރާއްޖޭގެ ކޮވިޑް ކޭސްތައް ނިސްބަތުން މާ ގިނަވާ ދެ ސަބަބެއް

އަވަށްޓެރި ގައުމުތަކާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ނިސްބަތުން ވަރަށް ގިނަ. ސަބަބެއްގެ ގޮތުގައި ދެ ކަމެއް މާހިރުން ފާހަގަކުރައްވާ.

ކޮވިޑް-19 އަށް ޓެސްޓުކުރަން މާލޭ މަގުމަތީގައި މީހެއްގެ ރެންޑަމް ސާމްޕަލް ނަގަނީ. ފޮޓޯ: އަހުމަދު އަޝްވާން އިލްޔާސް/ މިހާރު

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާކަން އެނގުނު މީހުން 2،000 އިން މައްޗަށް ގޮސްފައިވާ އިރު މިއީ އެއް މިލިއަން މީހުންގެ އާބާދީއަކަށް ނިސްބަތް ކުރާ އިރު އެހެން ބައެއް ގައުމުތަކަށް ވުރެ މާ މަތީ މިންވަރެކެވެ. ދެކުނު އޭޝިއާގައި، ޕޮޒިޓިވް މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނައީ ރާއްޖޭގަ އެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ތެރެއިން ވެސް، ސިންގަޕޫރު ފިޔަވައި، ފެނުނު ބަލިމީހުންގެ ނިސްބަތް އެންމެ މަތީ ރާއްޖޭގަ އެވެ.

ކޭސްތައް ގިނަވުމަކީ އެހެން ގައުމުތަކަށް ވުރެ ބޮޑަށް ރާއްޖޭގައި ބަލި ފެތުރުން ކަމަކަށް ނުނިންމޭނެ އެވެ. ރާއްޖޭގެ މަތީ އަދަދު އެންމެ ބޮޑަށް ގުޅިފައިވަނީ، ބައެއް މާހިރުން ވިދާޅުވާ ގޮތުގައި، ޓެސްޓުކުރާ މިންވަރާއި ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ އެވެ. ގިނަ ކޭސްތަކެއް ފެންނާނީ ގިނައިން ޓެސްޓުކޮށްގެން ކަމަށް ވާތީ ރާއްޖޭގެ ނިސްބަތުން އޭގެ ނަތީޖާ ފެންނަ ކަމަށް ދެ ބޭފުޅަކު ވިދާޅުވި އެވެ.

"ކޮންމެ ގައުމެއްގެ ތެރޭގައި ވެސް ބަލި އުޅޭނެ. ބަލި ޖެހިފައި ތިބި މީހުން ހޯދައިގަތުން އެއީ ކޮންމެ ގައުމަކުން ވެސް ކުރަން ޖެހޭ މަސައްކަތަކީ،" ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި އެޕިޑީމިއޮލޮޖީން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. މަރިޔަމް ސުޒާނާ ވިދާޅުވި އެވެ.

ސަރަހައްދުގައި އެންމެ ގިނައިން ޓެސްޓު ކުރާ ގައުމު

ދެކުނު އޭޝިއާގައި ޓެސްޓުކުރާ ނިސްބަތް އެންމެ މަތީ، ވާލްޑޯމީޓާގެ ޑޭޓާ އިން އެނގޭ ގޮތުގައި، ރާއްޖޭގަ އެވެ. ދެވަނައިގައި އުޅޭ ބޫޓާނުގައި ވެސް ޓެސްޓުކުރުން ރާއްޖެ އަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ދަށެވެ. ސިޑްސްގެ ގައުމުތަކުގެ ތެރެއިން ވެސް މޮރިޝަސް އާއި ސިންގަޕޫރު ފިޔަވައި ޓެސްޓުކުރުން، އެއް މިލިއަން މީހުންގެ ނިސްބަތުން، އެންމެ މަތީގައި އުޅެނީ ރާއްޖޭގަ އެވެ.

އެހެންކަމުން ރާއްޖޭގެ ކޭސްތައް ނިސްބަތުން ގިނަވުމުގެ މައިގަނޑު ސަބަބަކީ، ޑރ. ސުޒާނާ ވިދާޅުވި ގޮތުގައި، ޓެސްޓުކުރާލެއް ގިނަވުމެވެ. ފްލޫ ކްލިނިކްތަކުންނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދާ އެންމެންނާއި މާލޭގެ އެކި ދިމަދިމާލަށް ޓީމްތައް ފޮނުވައިގެން މަގުމަތިން މީހުންގެ ސާމްޕަލް ނަގައިގެން ވެސް ޓެސްޓުކުރެ އެވެ. އަދި ލޮކްޑައުން އަށް ލުއިދިނުމާ ގުޅިގެން ބަލި ފެތުރުން އިތުރުވާ މިންވަރު ބެލުމުގެ ދިރާސާއަކަށް ވަކިން ޓެސްޓުކުރުން ވެސް އެބަ އޮތެވެ. ބަލި ޖެހޭ މީހުން ވީހާ ވެސް ގިނައިން ހޯދައި އެހެން މީހުންނާ އެކަހެރިކުރުމަކީ ކޮވިޑް ކޮންޓްރޯލްކުރުމާއި ފުރާނަ ސަލާމަތްކުރުމުގެ އެންމެ މުހިއްމު ފިޔަވަޅެވެ.

"އެހެންވީމާ ޓެސްޓުކުރަން ދިވެހިރާއްޖެ އިން ވަރަށް ބޮޑު އިސްކަމެއް ދީގެން އުޅެނީ. ޓެސްޓިން ގިނަ ކުރާ ވަރަކަށް ގިނަ ކޭސްތައް ހޯދައިގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ކޮވިޑް-19 ޖެހިފައިވާ މީހުން ފެނުނު އަދަދާއި ޓެސްޓުކުރާ މިންވަރު އެއް މިލިއަން މީހުންގެ އާބާދީއެއްގެ ނިސްބަތުން ދައްކައިދޭ ޗާޓެއް

ޑރ. ސުޒާނާ ފާހަގަކުރެއްވި ގޮތުގައި ވާލްޑޯމީޓާގެ ޓެސްޓިން ޑޭޓާއަކީ މީހުންގެ އަދަދެއް ނޫނެވެ. އެހެންކަމުން ހަނދާނުގައި ބަހައްޓަން ޖެހެނީ، އޭނާ ވިދާޅުވި ގޮތުގައި، އެއީ ކުރާ ޓެސްޓުގެ އަދަދުކަމެވެ. އެކަމަކު އޭނާ ވިދާޅުވީ އެހެން ގައުމުތަކުން ވެސް އެ އަދަދުތައް ރިޕޯޓްކުރަނީ ރާއްޖެއެކޭ އެއްގޮތަށް ކަމަށް ވާތީ އަޅާބެލުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ޕަބްލިކް ހެލްތު ދާއިރާގައި މަސައްކަތްކުރައްވާ އެހެން މާހިރަކު ވިދާޅުވި ގޮތުގައި އެކަށީގެންވާ މިންވަރަކަށް ޓެސްޓު ނުކުރެވޭތީ، ގިނަ ގައުމުތަކެއްގައި ކޮވިޑް ފެތުރިފައި އޮތީ ކިހާ ވަރަކަށްކަން ރަނގަޅަށް ވަޒަނެއް ނުކުރެވެ އެވެ. އޭނާ ވެސް ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޓެސްޓުކުރުން ފުޅާވުމަކީ ނިސްބަތުން ކޭސްތައް ގިނަވުމުގެ އެއް ސަބަބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޓެސްޓިން ރޭޓު މަތި ގައުމެއްގައި ޕޮޒިޓިވްވާ އަދަދު މާ މަތިވާނެ،" ހުއްދަ ނުހޯދައި ނޫސްވެރިންނާ ވާހަކަދެއްކުން މަނާ ވަޒީފާއެއްގައި އުޅުއްވާތީ ނަން ނުޖަހަން ޝަރުތުކުރައްވައި އޭނާ ވިދާޅުވި އެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން ކޮވިޑް-19ގެ ކޭސްތައް ފެނުނު އަދަދު އަދި ޓެސްޓުކުރާ މިންވަރު، އެއް މިލިއަން މީހުންގެ އާބާދީއެއްގެ ނިސްބަތުން.

ބިދޭސީންގެ ހާލަތު

ރާއްޖޭގައި ބަލި މީހުން އެހާ ގިނަވުމުގެ ދެވަނަ ސަބަބެއް ކަމަށް މާހިރު ލަފާކުރައްވަނީ ދެކުނު އޭޝިއާގެ އެހެން ބައެއް ސިޓީތަކާ އަޅާބަލާ އިރު މާލޭގެ ބައިބޯކަމާއި ބިދޭސީން ދިރިއުޅޭ ތަންތަނުގައި ތޮއްޖެހުން ބޮޑުކަމުން ގިނަ ބައެއްގެ ތެރޭ ބަލި ފެތުރިގެންދާން މެދުވެރިވި ހާލަތެވެ.

މި ސަރަހައްދުގެ ވަކިވަކި ސިޓީތަކުގެ އާބާދީ، ބިމުގެ ނިސްބަތުން އަޅާބެލޭނެ ފަސޭހަ ގޮތެއް ނެތަސް މާލެއަކީ ދުނިޔެ އަށް ބެލިޔަސް އެންމެ ތޮއްޖެހުން ބޮޑު އެއް ތަން ކަމަށް އަބަދުވެސް ފާހަގަކުރެވެ އެވެ. މާލޭގެ ހަތަރު އަވަށުގައި އެކަނި ވެސް (ހުޅުމާލެ އާއި ވިލިމާލެ އިން ކޮންމެ ދުވަހަކު މާލެ އައިސްގޮސް އުޅޭ އެތައް ހާސް ބަޔަކު ނުލައި) އަކަ ކިލޯމީޓަރަކަށް 21،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ޑާކާ، މުމްބާއީ އަދި ކަތުމަންޑޫއަކީ ވެސް މި ސަރަހައްދުގެ ބައިބޯ ސިޓީތަކެވެ. މާލޭގައި ދިމާވެފައި އޮތް އަނެއް މައްސަލައަކީ އިންތިހާ އަށް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ރާސްލާފައި ބަލި ފެތުރިގެންދިޔުމެވެ. ރާއްޖޭގެ ކޭސްތަކުގެ 65 ޕަސެންޓަކީ ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ އެކު މާލޭގައި ބިދޭސީންގެ ހާލަތު ބަލައި އެހީތެރިވެދިން މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނާ ގޮތުގައި ބިދޭސީން އާއްމު ގޮތެއްގައި ދިރިއުޅެނީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއެއްގައި 6-10 މީހުންނެވެ. ބައެއް މީހުން ފާހާނާ ތެރޭގައި ވެސް ނިދަ އެވެ.

"... [ބިދޭސީންގެ ހާލަތުގެ ސަބަބުން] ވަރަށް ބައިވަރު މައްސަލަތަކެއް އަޅުގަނޑުމެންނަށް ދިމާވި. ހާއްސަ ގޮތެއްގައި ބަލި ކޮންޓްރޯލްކުރުމުގައި، އެ މީހުން ދިރިއުޅެން ޖެހިފައިވާ ތަނުގެ ސަބަބުން ވަރަށް ބައިވަރު ދަތިތައް ހުރި،" ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތުމަތު ހިމްޔާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ވެބިނާއެއްގައި، ވިދާޅުވި އެވެ.

"އެވްރެޖް ގޮތެއްގައި މިއިން ތަނެއްގައި 40-100އާ ދެމެދުގެ އަދަދަކަށް [މީހުން އުޅޭ]. އެންމެ ގިނަ ނަމްބަރަކަށް އަޅުގަނޑުމެންނަށް ލިބިފައި މި އޮތީ 200އާ ގާތްކުރާ އަދަދެއް."

މި ބަލިން ރައްކާތެރިވެ ތިބެން ސާފުތާހިރުކަން ނުހަނު މުހިއްމު ނަމަވެސް، ހިމްޔާ ވިދާޅުވީ، ބިދޭސީން އުޅޭ ތަންތަނުގެ ސާފުތާހިރުކަން ވެސް ވަރަށް ދަށް ކަމަށެވެ.

"ސާފުތާހިރުކަމުގެ ހާލަތު ދެރަވަނީ އެ ތަންތަނުގައި އެހާ ބައިވަރު މީހުން އެއް ތަނެއްގައި އުޅުމާއި ބައެއް ތަންތަނުގައި ފާހާނާ ތެރޭގައި ނިދަން އެ ތަންތަން ތައްޔާރުކުރެވިފައިވާ ކަމާއި، ބެލްކަނީގައި ވެސް ނިދުމަށް ތަންތަން ތައްޔާރުކުރެވިފައިވާކަން،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ ތެރޭ ބަލި ފެތުރިގެން ދިޔަދިޔުމަށް ބަލާ އިރު، ސަބަބެއްގެ ގޮތުގައި ޑރ. ސުޒާނާ ބޮޑަށް ފާހަގަކުރެއްވީ ބައްޔާ ބެހޭ ގޮތުންނާއި ކަން ކުރަންވީ ގޮތުގެ މައުލޫމާތު އެ މީހުންނަށް ފުދޭ މިންވަރަށް ނުލިބި ހުރުން އެކަށީގެންވުމެވެ. އޭނާ ވިދާޅުވީ ބިދޭސީންނަށް އެ މީހުންގެ އަމިއްލަ ބަހުން ވެސް ކޮވިޑް-19ގެ މައުލޫމާތު ދޭން މޯލްޑިވިއަން ރެޑް ކްރެސެންޓުން މަސައްކަތްތަކެއް ކުރިޔަސް މި ކަމުގެ މައުލޫމާތު ފެތުރުން ބޮޑަށް އޮތީ ފޯނާއި މީޑިއާ މެދުވެރިކޮށް ކަމަށްވާ އިރު ބިދޭސީންނާ ހަމައަށް މެސެޖުތައް ފޯރާލެއް ކުޑަ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"ވެދާނެ އެ މީހުންގެ ފޯނުގައި ޑޭޓާއާ އެއްޗެހި ނުހުންނަނީ ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

"ބިދޭސީންގެ އިތުރުން ދިވެހިން ވެސް ތޮއްޖެހިގެން ވަރަށް ކުދިކުދި ތަންތަންކޮޅުގައި އުޅޭ. އެކަމަކު ބިދޭސީންގެ ތެރޭ ބަލި ޖެހޭލެއް ގިނަވީ، އެއީ ވެދާނެ ދިވެހިންނަށް އެ މެސެޖު ފޯރުކޮށްދެވުނު މިންވަރަށް ބިދޭސީންނަށް ނުކޮށްދެވުނީމަ ކަމަށް."

މަރުވާ ރޭޓު ދަށް

އެއް މިލިއަން މީހުންގެ ނިސްބަތުން ކޭސްތަކުގެ އަދަދު ބެލުމަކީ އަޅާކިޔަން ރަނގަޅު ގޮތެއް ކަމަށް ފެނުނަސް ގައުމެއްގެ ހާލަތު ވަޒަންކުރަން އެއަށް ވުރެ ރަނގަޅު މިންގަނޑަކީ މީހުން މަރުވާ އަދަދު ކަމަށް މާހިރުން ބުރަވެ އެވެ. އެހެންކަމުން އެންމެ މުހިއްމު އެއް ނަމްބަރަކީ ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ އަދަދު ނުވަތަ ކޭސް ފޭޓަލިޓީ ރޭޓެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވާ ރޭޓު ހުރީ، ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާ ނަމަ، މި ބަލީގައި މީހަކު މަރުވެފައި ނުވާ ބޫޓާނާއި ނޭޕާލް ފިޔަވައި އެހެން ގައުމުތަކަށް ވުރެ ދަށުގަ އެވެ. ސިޑްސްގެ 27 ގައުމެއްގެ ތެރެއިން 16 ގައުމަކަށް ވުރެ ރާއްޖޭގެ ހާލަތު ރަނގަޅެވެ.

COVID-19 case fatality rate in SIDS member countries (%)

ސިޑްސްގެ މެމްބަރު ގައުމުތަކުގައި މީހުން މަރުވާ ރޭޓު

ޑރ. ސުޒާނާ ވިދާޅުވި ގޮތުގައި މަރުވާ ރޭޓު ދަށްކޮށް ހުރުމުގެ ފަހަތުގައި ތަފާތު ސަބަބުތަކެއް ހުރެދާނެތީ ވަކި ކަމެއް ފާހަގަކުރުން ރަނގަޅުވާނީ ދިރާސާއަކަށް ބިނާކޮށެވެ. އެކަމަކު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން ފެންނަލެއް މަދުވެފައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ނިސްބަތުން ޒުވާން، ސިއްހަތު ރަނގަޅު އާބާދީގެ މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ. އުމުރު ހާމަކޮށްފައިވާ ކޭސްތަކުގެ 63 ޕަސެންޓަކީ 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

"އެ އުމުރުފުރާގެ މީހުން ބަލިތަކުން ދިފާއުވުމުގެ ފުރުސަތު ބޮޑުވާނެ. އެހެންވީމަ އެއީ އެއް ކަންތައް،" އޭނާ ވިދާޅުވި އެވެ.

"ދެން އަނެއް ކަމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މެޑިކަލް ޓީމުގެ ވަރުގަދަކަމޭ."

ވާހަކަދެއްކެވި އަނެއް މާހިރުގެ ބަހުން ވެސް ދޭހަވާ ގޮތުގައި މަރުވާ ރޭޓު ދަށްކޮށް ހުރީ ރާއްޖޭގައި ފަރުވާދިނުން ރަނގަޅުވީމައޭ ބުނެވިދާނެ އެވެ.

"ޖުމްލަކޮށް ބަލާ އިރު ކޮވިޑަށް [ގައުމަކުން] އިޖާބަދޭ ގޮތް، ވަކިން ހާއްސަކޮށް ބަލި މީހުން މެނޭޖުކުރާ ގޮތް، މަރުވާ ރޭޓުން މާ ރަނގަޅަށް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

34 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 3%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިމާން މީ

21 June 2020

ރާއްޖޭގަ ޓެސްޓުކުރާވަރު އިތުރުކަމަށް ދައްކަން ވެގެން ޕޮސިޓިވްވާ މީހުން 14 ދުވަސް ކަރަންޓީންގަ ބައިތިއްބާފަ ދޫކޮށްލަނީ ޓެސްޓެއްވެސް ނުހަދާ. އަލާމާތެއް ފެނިއްޖިއްޔާ އަލުންދައްކަން އަންނާށޭ ކިޔާފަ. އޭރަށް އެ ޓެސްޓް ކިޓްއިންވެސް އާމީހެއް ޓެސްޓްކޮށްލެވޭނެ އެއްނުން. އަހަރެން ކުރިން ވަރަށް އިތުބާރުކުރިން އެޗްޕީއޭއަށް. އަދި ރައީސްގެ ފުރަތަމަ އިންޓަވިއުގަ ރުއިމަ ވަރަށް ދެރަވި. އެކަމް އަހަރެންގެ ބޭބެއެއް ޕޮސިޓިވްވެގެން ކަންތައްކުރިގޮތް ފެނިފަ އިތުބާރު ގެއްލިއްޖެ.

The name is already taken The name is available. Register?

849 ސާމްޕަލް

20 June 2020

ދިވްހިންނަށް އޮތީ ގައުމީ ރޫހުގަ ބަންގާޅީން ބޭރުކުރުން އެކަން ނުކުރަންޏާ ކޮވިޑާއި އެކު އުޅުން

The name is already taken The name is available. Register?

ރަގަޅެއްނު

20 June 2020

ބަލިޖެހޭކަމަށް އެންމެ ގިނައިން ދައްކާ. ހާލުބޮޑުވި މީހުން އެންމެ މަދު. ހޮސްޕިޓަލް ފަރުވާދިން މީހުން އެންމެ މަދު. މަރުވި މީހުން އެހާމެ މަދު. ބަލިޖެހުނަސް ބޮޑުވަރުނުވާ މީހުން އެހާ ގިނަ. މިހާރު ބަލިން ރަގަޅުވާލެއް އެހާ އަވަސް. 100އާ ގާތްކުރާ އެހެން ބަލިތައް ބޮޑު މީހުންވެސް އެޑްމިޓްކޮށްގެން މަރުނުވެ ރަގަޅުވި. ދެން ކޮންކަމަކާބާ އެހާ ބިރެއް ގަންނަންވީ ދިވެހިން؟

The name is already taken The name is available. Register?

ޥާނުވާ

19 June 2020

ދެން ތިބުނަނީ ނިސްބަތުން ރާއްޖޭގައި ކޮވިޑްކޭސްތައް މަދުކަމަށްތޯ! ނޫނީ ރާއްޖެއިން މިކަމަށް އަޅަމުންދާ ފިޔަވަޅު ރަނގަޅީތޯ! ނޫން ދިރާސާ ފުރިހަމަ އެއްނޫން ، ރާއްޖޭގެ އަބާދީ މަދުވީމަ ކޭސްތައް މަދީ އަދި ކޮންޓްރޯލީ ، އަދި ރަށްތަކަކަށް ބެހިފަ އޮންނާތީ ރައްކާތެރީ ، މިލިޔަނުން މީހުން އުޅޭނަމަ ތިޔެއް އެނގޭނެ

The name is already taken The name is available. Register?

ލ.އަތޮޅު

19 June 2020

ތިޔަ ވާހަކަ ހުއްޓާލާފައި ކިޔަމާ ދިވެހިރާއްޖެއަށް ކޮރޯނާ ވަތް ސަބަބު . މައިގަނޑު އެއްސަބަބަކީ ސަރުކާރުގެ ގޮއްދޫނުކުރުން..

The name is already taken The name is available. Register?

ޔެސް

19 June 2020

އާބާދީގެ ނިސްބަތުން ގިނަ ނަމަވެސް އެއްތަނެއްގައި ތޮއްޖެހިގެން ތިބި ކުޑަކުޑަ ތަންކޮޅަކަށް ބަލާއިރު އެހެން ޤައުމުތަކަށްވުރެ ހާސްބައި ކުޑަވާނެ. މުޅި ދުނިޔޭގެ ނިސްބަތުން ބެލިއަސް އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ މިންވަރު މާލެއަށްވުރެ ބޮޑު އެއްވެސް ބިމެއް ނޯންނާނެ. ލޭންޑް އޭރިޔާއިން ބަލާއިރު އާބާދީގައި މީ ދުނިޔޭގެ ރެކޯޑެއް. އަދި ބިދޭސީން މިން ކުރިއަސް މި ރެކޯޑް އެބައޮތް. މީ ސަރުކާރުގެ ބޮޑު އިހުމާލެއް.

The name is already taken The name is available. Register?

ރ‫ަންނަ

19 June 2020

‫އިހުމާލެއްނޫން. ދުރާލާރޭވިގެން ގަސްތުގަ ހިންގާފައޮތް ޖަރީމާއެއް މާލެ ތޮއްޖެހުމަކީ

The name is already taken The name is available. Register?

ކަޓޭ

19 June 2020

ކޮން ސަރުކާރެއްގެތޯ. މި ސަރުކާރުން ދެއްތޯ؟

The name is already taken The name is available. Register?

ބިދޭސީ

19 June 2020

ދިވެހިންގެ ކަންނެއްކަން ނުފިލަ ބިދޭސިންގެ މައްސަލަ ރަންގަޅެއް ނުވާނެ.... ދިވެހިންނަކީ މުޅީ އޭސިޔާ އިން ވެސް ކަންނެއް ބައެއް

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 June 2020

އަކަ ކިލޯމީޓަރަކަށް 21،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ދެންތިހެންވިއާ ތިކަން ހައްލުކުރެވޭނިީ ހުމާލެޔާ ގުޅީފަޅައް މީހުންޖަމާކުމުގެ ވިސްނުން ހުއްޓާ ލައިގެން

The name is already taken The name is available. Register?

ލީލާ

19 June 2020

ރާއްޖޭގައި ކޮވިޑް ޖެހިފައިވާކަމަށް ބުނާ ޢަދަދުތަކަކީ އެންމެ ޞައްޙަ ޢަދަދުތޯ ކިހިނެއްތޯ ޔަޤީން ކުރަނީ؟

The name is already taken The name is available. Register?

ތަރަކާ ބިންތު

21 June 2020

ހަމަ ގައިމުވެސް ރަގަޅުވި މީހުންނޭ އެބުނާ އަދަދަކީ ސައްހަ އަދަދެއްނޫން މިހާރަކު. 14 ދުވަސް ކޮއްލާފަ ދޫކޮށްލަނީ އަލާމާތެއް ފެނުނީމަ އަލުން ދައްކަން އަންނާށޭ ކިޔާފަ. ދެން ދާއިރު އޮންނަނީ އަލުން ޕޮސިޓިވްވެފަ. ކުރި އިތުބާރު މުޅިން ގެއްލިއްޖެ.

The name is already taken The name is available. Register?

މޫޗީ/މީދޫ

19 June 2020

ސައްހަ ޑޮކިއުމެންޓް ނެތް ހުރިހާ އެއްމެން ފޮނުވާލަންވީ. ގައުމުގައި ދައުރުވާނެ ޑޮލަރެއްނެތް. މިއީ ފުރުސަތަކީ އަރައިގަންނަން ވީހާއަވަހަކަށް މިމީހުން ބޭރުކޮއްގެން. އަސްލު ވެރިކަމަށް އައްނަ ސަރުކާރުތަކުން ބޭނުންނުވަނީ މިކަން ހައްލުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454