ދުންޔާގެ ހުރިހާ ވަގުތެއް ކޮވިޑްގެ ބަލި މީހުންނާ އެކު

މިދިޔަ މާޗު މަހުން ފެށިގެން ދުންޔާ މުހައްމަދު އެންމެ ގިނަ ވަގުތު ހޭދަކޮށްފައިވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ހެދުމުގަ އެވެ. ބޮލާއި މޫނާ އެކު މުޅި ހަށިގަނޑު ނިވާކޮށް، އަންގި ލައްވައި ބަރު ގަންބޫޓުގައި، އޭނާ ބައެއް ދުވަސް ދުވަހު ދިހަ ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރަން ޖެހެ އެވެ. އެ އުނދަގޫ ހެދުމުގައި، އާއިލާއާ ދުރުގައި ވޭތުވެ ދިޔަ މަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.


ދުންޔާ އަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް އައިސޮލޭޝަން ފެސިލިޓީއަށް ފޮނުވަން އައިޖީއެމްއެޗުން އިޚްތިޔާރުކުރި ފުރަތަމަ ދިވެހި ނަރުހެވެ. އޭރުން ފެށިގެން އޭނާ އަންނަނީ ކޮވިޑް-19 ޖެހޭ ބަލިމީހުން ބައިތިއްބާ އެކި ފެސިލިޓީތަކުގައި މަސައްކަތް ކުރަމުންނެވެ. އޭނާގެ ދުވަސް ފެށި ނިމެނީ، ފަރުވާއެއް އަދި ހޯދިފައި ނުވާ އެ ބަލީގެ މީހުންނަށް ހިދުމަތް ކުރުމުގަ އެވެ.

ހއ. އިހަވަންދުއަށް އުފަން ދުންޔާ ބުނިގޮތުގައި މިއީ ބުރަބޮޑު، ގޮންޖެހުންތައް ގިނަ އަދި ބިރުވެރި ތަޖުރިބާއެކެވެ. ރާއްޖޭގައި ބަލި ނުފެތުރެނީސް، އަދި ބަލީގެ ހަގީގަތް އެހާ ބޮޑަށް ނޭނގެނީސް، ބަލި މީހުންނަށް ފަރުވާ ދޭން ދާން ޖެހުމަކީ އާއިލާގެ މީހުންނަށް ކުރިމަތިވި ކަންބޮޑުވުމެކެވެ. އެކަމަކު ދުންޔާ އެކަމަށް އެއްބަސްވީ އިތުރު ސުވާލެއް ކުރުމަކާ ނުލަ އެވެ.

ދުންޔާ މަސައްކަތުގައި: މާޗު މަހުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަނީ އެކި ފެސިލިޓީތަކުގައި، ކޮވިޑްގެ ބަލި މީހުންނަށް ހިދުމަތް ކުރުމުގައި

މާޗު މަހުގެ ކުރީކޮޅު، ފަރުކޮޅުފުށީގައި ހެދި ފެސިލިޓީއަށް އޭނާ ދާން ޖެހުނުއިރު ބައެއް މެޝިންތައް ބަހައްޓައި، މުޅިން ނުވެސް ނިމެ އެވެ. އެކަމަކު ތައްޔާރުވުމުގެ ގޮތުން އެތަނަށް ދާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ބައްޔަށް ޝައްކު ކުރެވިގެން ޓޫރިސްޓުން ގެންނަން ފެށި އެވެ. ރާއްޖޭން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ، ކުރެއްދޫ ރިސޯޓުގެ ޓޫރިސްޓަށް ފަރުވާ ދޭން ޖެހުނު ދުވަހަކީ، ދުންޔާ ބުނިގޮތުން، ހަނދާނުން ފޮހެލަން ދަތިވި ދުވަހެކެވެ.

"ޕޮޒިޓިވް ކޭހަކަށް ތައްޔާރުވެގެން ތިބި ނަމަވެސް އެ ދުވަހު ބިރުގަތް. އެއީ ފަރުވާ ދޭން ޖެހޭތީއެއް ނޫން. އެކަމަކު އޭނާއަށް ފަރުވާ ދީފައި ދެން ދާން ޖެހޭނީ ގެއަށް ކަމުން، ޖެހިލުންވީ،" ތިން ކުދިންގެ މަންމަ ބުންޏެވެ.

ޕޮޒިޓިވްވި މީހުންނަށް ފަރުކޮޅުފުށީގައި ފަރުވާ ދޭން ފެށި ފުރަތަމަ ދެ ހަފުތާއެއްހާ ދުވަހު، ޑިއުޓީ ނިންމާލުމަށް ފަހު ދުންޔާ ކޮންމެ ދުވަހަކު ވެސް ދާން ޖެހުނީ ގެއަށެވެ. އެކަމަކު ގޭގައި ތިބި ދަރިންނާއި، ދުވަސްވީ މައިންބަފައިންގެ ރައްކަލަކަށްޓަކައި އޭނާ ގޮސް ކޮޓަރީގައި ބަންދުވަނީ އެވެ. ބަލި ފެނުނު ފުރަތަމަ ދުވަސްކޮޅަށް ވުމުން، މީހުންނަށް ހިދުމަތްކޮށްފައި އަންނަ ގޮތަށް އެހެން ކޮޓަރީގައި އެކަނި އޮންނަން ޖެހުމަކީ ނަފްސާނީ ގޮތުން ވެސް އަސަރު ކުރި ކަމެކެވެ.

ފަރުކޮޅުފުށީގައި ހިދުމަތް ދޭން އުޅޭތާ ދެ ހަފުތާ ފަހުން، މަރާމާތަށް އެތަން ބަންދުކުރުން ދެން އޭނާއަށް ދާން ޖެހުނީ އއ. ވެލިދޫ ރިސޯޓްގައި ހިންގަން ފެށި އައިސޮލޭޝަން ފެސިލިޓީއަށެވެ. އޭރު އަދި މާލެތެރެއިން ބަލި މީހަކު ނުފެނެ އެވެ.

އުނދަގޫ ދުވަސްތަކެއް، ހިތްދަތި މަންޒަރުތަކެއް

ދުންޔާގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ. ދަރިން ނުފެނި މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ހުއްޓާ، މާލެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނެ އެވެ. އެ ކުއްޖާއަށް ފަރުވާދިނުމަކީ އޭނާއަށް ވެސް އަސަރުކުރުވި ކަމެކެވެ. ދުންޔާ ބުނިގޮތުގައި ބަލި މީހުންނާ ވަކި ދުރުމިނެއް ބަހައްޓަން ޖެހުނު ނަމަވެސް، ކުޑަކުއްޖާ ފެނުމުން އޭނާއަށް ފުރަތަމަ ވެސް ބައްދާލެވުނީ އެވެ.

ދުންޔާ ޕީޕީއީ އަޅައިގެން: ގިނަ ވަގުތުތަކެއް މި ހެދުމުގައި ހޭދަކުރަން ޖެހޭ

"ދަރިން މަތިން ވަރަށް ހަނދާންވެފައި ހުއްޓާ ފެނުނީ. ހިޔެއް ނުކުރަން އެހާ ކުޑަކުއްޖަކު ބަލި ވެދާނެ ކަމަކަށް. އެހެންވެ، ކޮންޓްރޯލް ނުކުރެވިގެން ގޮސް ބައްދާލެވުނީ،" ދުންޔާ ކިޔައިދިނެވެ.

އޭނާ ބުނީ ފަރުވާ ދޭން ދިޔުމުން ބައެއް މީހުން ރޮއެރޮއެފައި އެ މީހުންގެ ވާހަކަތައް ކިޔައިދިން ކަމަށެވެ. ޕޮޒިޓިވްވުމުން އެކަހެރި ކުރުމަށް ގެންދާއިރު، އެތަން ބަލަން ތިބޭ މީހުން ބައެއް ފަހަރު، ވަރަށް ގޯސްކޮށް ދެކޭ ކަމަށް ބުނެ އެވެ. އަދި ބަލިވެގެން އެކަހެރިކުރުމުން އާއިލާގެ އެހެން މީހުންނާ މެދު ކަންބޮޑުވެގެން ވެސް އުޅެ އެވެ.

އެތަނަށް ގެންދިޔަ ބައެއް ބަލި މީހުން ހަޅޭއްލަވައި އަނިޔާކޮށް ހަދަން އުޅުނު ކަމަށް އޭނާ ބުނެ އެވެ. ބައެއް ފަހަރު މާސްކް ނެއްޓި، ރައްކާތެރިކަމުގެ ހެދުން ވެސް ވީދޭ ކަމަށް، އޭނާ ކިޔައިދިނެވެ.

ދުންޔާ ބުނިގޮތުގައި ބަލި ކުޑަކުދިންނާއި ދުވަސްވީ މީހުންނާ ބައްދަލުވެ، ވަރަށް ހިތްދަތިވާ ފަދަ އެތައް މަންޒަރެއް ފެނުނެވެ. ބައެއް ފަހަރު އޭނާއަށް ވެސް ރޮވެ އެވެ. އެކަމަކު ދުންޔާ ދެކޭގޮތުގައި އެއީ، ވަރަށް ގިނަ ކަންކަން ދަސްވި ތަޖުރިބާއެއް ވެސް މެ އެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށް ފަހު، 2011 އިން ފެށިގެން އައިޖީއެމްއެޗުގައި ވަޒީފާ އަދާކުރަމުން އަންނަ ނަރުސް ބުނިގޮތުގައި އޭނާގެ އެ ތަޖުރިބާގައި އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކަމުގެ ހެދުން ނުވަތަ ޕީޕީއީ އެވެ.

ބަލި މީހުންނާ ކުރިމަތިލާން ޖެހެނީ އެ ހެދުމުގަ އެވެ. އެކަމަކު އެއީ ފަސޭހައިން ބޭލޭ އެއްޗަކަށް ނުވުމުން، ޕީޕީއީ ލުމުގެ ކުރިން ފެންބޮއެ، ފާހާނާކޮށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެ އެވެ. ދުންޔާ ބުނިގޮތުގައި އެ ހެދުމުގައި، މާ ބޮޑު އުނދަގުލެއް ނެތި އޭނާއަށް މަސައްކަތް ކުރެވޭނީ 4-6 ގަޑިއިރު އެވެ. އެއަށް ވުރެ އިތުރުވެއްޖެ ނަމަ ބޮލުގައި ރިއްސާ، ކަރުހިއްކައި، މާ ބޮޑަށް ހޫނުވެ ދާހިއްލަ އެވެ. އެކަމަކު ބައެއް ދުވަސް ދުވަހު 12 ގަޑިއިރު ވާންދެން އެގޮތުގައި ހިފަހައްޓާލަން ޖެހެ އެވެ.

"ފެން ބޯން ވިޔަސް ހެދުން ޖެހޭނީ އެއްކޮށް ބާލަން. އަދި އެއީ ދެ ވަނަ ފަހަރަށް ބޭނުންކުރެވޭ އެއްޗަކަށް ނުވާތީ، ހަރަދު ކުޑަކުރުމުގެ ގޮތުން ވެސް ހެދުން ބޭލޭކަށް ނޯވޭ. އެހެންވެ، ކިތަންމެ ކަރުހިއްކައިގަތަސް، ބަނޑުހައިވިޔަސް ޖެހޭނީ ޑިއުޓީ ނިމެންދެން މަޑުކުރަން،" ދުންޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ހެދުމާ އެކު އަރަން ޖެހެނީ ބަރު ގަންބޫޓަކަށް ކަމަށް ވުމުން، އެހާ ގިނަ އިރުވަންދެން، ގިނަ ދުވަސްދުވަހު އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމަކީ އިންތިހާއަށް ވަރުބަލިވާ ކަމެކެވެ. ޑިއުޓީ ނިމޭއިރު ހުންނަނީ ވެއްޓެން ކައިރިވެފަ އެވެ.

"ދެ ގަޑިއިރުގެ ތެރޭގައި 10،000 ސްޓެޕް އެބަ އެޅޭ. އެހާ ވަރަށް ދުވަން ޖެހޭ. މިހެން ބުންޏަސް ހިއެއް ނުވޭ މީހަކަށް ވަޒަން ކުރެވޭނެހެން އޭގެ ބުރަކަމެއް،" ދުންޔާ ބުންޏެވެ.

ދުންޔާ ޕީޕީއީ އަޅައިގެން: މިއީ އޭނާގެ މި ތަޖުރިބާގައި އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނި

ކޮވިޑް-19އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 2،000 އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ކުރިއަށް ވުރެ ވަރަށް ބޮޑަށް މިވަނީ މަދުވެފަ އެވެ. އެހެންވެ، ދުންޔާ ދެން އެންމެ އަވަހަށް ބޭނުންވަނީ އާއިލާގެ ކައިރިއަށް ދާށެވެ. އޭނާ ދެކޭގޮތުގައި އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ހިތްވަރު ލިބިގެން، އޭނާއަށް ގައުމަށް ހިދުމަތް ކޮށްދެވިއްޖެ އެވެ. ތިން މަހަށް ވުރެ ގިނަ ދުވަހު ކުޑަ ތިން ދަރިންނާ ދުރުގައި ހުރުމަކީ އޭނާއަށް އިންތިހާއަށް އުނދަގޫވި ކަމެކެވެ. ނަމަވެސް ސަރުކާރުން ބޭނުން ވަންދެން، ބަލި މީހުންނަށް ހިދުމަތް ކުރަން އޭނާ މަޑުކުރާނެ އެވެ.

"އެހެންވެ، އަޅުގަނޑު އެދެން އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށްގެން، މި ބަލިން ސަލާމަތްވާން މަސައްކަތް ކުރުން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުދިން ވެސް ފެންނާނެ،" ދުންޔާ ބުންޏެވެ.