ކޮވިޑް-19

ކޮވިޑް-19ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް

ކެންގަރޫކިޑްސްގެ ދައިވަރުންތަކެއް ލައިންގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުން ދައްކައިފި އެވެ.

ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)އާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރާއި އަމިއްލަ އަދި ކޮމިއުނިޓީ ތަންތަނާއެކު 315 ސްކޫލު ހިމެނެ އެވެ.

ނާސަރީ އާއި ބޭބީ ނާސަރީ- 5،597 ދަރިވަރުން

ޕްރީ ސްކޫލު- 14،893 ދަރިވަރުން

ކީ ސްޓޭޖް 1 އަދި 2 (ގްރޭޑުު 1-6) - 43،937 ދަރިވަރުން

ކީ ސްޓޭޖް 3 (ގްރޭޑު 7 އަދި 8) - 12،695 ދަރިވަރުން

ކީ ސްޓޭޖް 4 (ގްރޭޑު 9 އަދި 10) - 10،904 ދަރިވަރުން

ކީ ސްޓޭޖް 5 (ގްރޭޑު 11 އަދި 12) - 3526 ދަރިވަރުން

ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުން (ސެން) ކްލާސްތަކުގައި - 120 ދަރިވަރުން

ޖުމްލަ ދަރިވަރުންގެ އަދަދު: 91،672

މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މުޅި ތައުލީމީ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އެގޮތުން މުޅި ތައުލީމީ ދާއިރާއަށް ކުރި އަސަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުކޮށްފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ.

އެ ދާއިރާތަކަކީ؛

* ސްކޫލު މާހައުލުގެ ސަލާމަތްތެރިކަން

* ކިޔަވައިދިނުމުގެ ކަންކަން ނުހުއްޓި ކުރިއަށް ދިއުން

* މުޖުތަމައުގައި ތަފާތު ސަބަބުތަކާ ހުރެ ބާކީވެފައި ތިބި ކުދިންނަށް އެހީތެރިވުން

* ރައްކާތެރިކަމާއި ދުޅަހެޔޮކަން

* ނުރައްކަލާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރުމާއި ތަފާތު ދާއިރާތަކާ އެކުގައި ކުރާ މަސައްކަތް ހަރުދަނާކުރުން

ރަސްމީ ތައުލީމް ނިޒާމުގައި ނާސަރީ ނުހިމެނޭތީ 86،000 އަށްވުރެ ގިނަ ދަރިވަރުންނަށް އެކަމުގެ އަސަރުކޮށްފައި ވެ އެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށެވެ. ޕްލޭނުގައި ބުނެފައިވާ ގޮތުން، އެ ހުރިހާ ދަރިވަރުންގެ ކިޔެވުމަށް އެކި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ. އޭގެ އިތުރުން ވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނަށް އެއަށްވުރެ ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވާ ދަރިވަރުންގެ އަދަދު އުޅެނީ 86،075 ގަ އެވެ.

ސާނަވީ ދަރިވަރުންނަށް ކުރި އަސަރު

ސާނަވީ ގްރޭޑުތައް ބަހާލާފައިވަނީ ކީ ސްޓޭޖް 3 (ގްރޭޑު 7، 8) އަދި ކީ ސްޓޭޖް 4 (ގްރޭޑު 9، 10) ގެ މައްޗަށެވެ. އޭގެ ތެރެއިން ދަށު ސާނަވީ ގްރޭޑުތައް ކަމުގައިވާ ގްރޭޑު 6 އަދި 7 ގައި 12،695 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ. އެއީ 6،157 އަންހެން އަދި 6،538 ފިރިހެން ކުދިންނެވެ.

ގްރޭޑު 10 ނިމުމާ ކައިރީގައި، އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން އިށީންނަ ކަމަށާއި އެގޮތުން އަންނަ އޮކްޓޯބަރު/ ނޮވެމްބަރު މަހަށް މީގެ ކުރިން ތާވަލްކޮށްފައި އޮތް ކެމްބްރިޖް އަދި އެސްއެސްސީ އިމްތިހާނު، އަންނަ އަހަރުގެ މެއި ޖޫން މަހަށް ފަސްކުރީ ވެސް ދަރިވަރުން ތައްޔާރުވަމުން ދަނިކޮށް ކަމަށް ބުންޏެވެ. ނަމަވެސް ދިމާވަމުންދިޔަ މައްސަލަތަކަށް ވެސް އޯ ލެވެލް އިމްތިހާނު ފަސްކުރުމުން ހައްލުތަކެއް ލިބިފައިވެ އެވެ.

އޯ ލެވެލް ނިމެންދެން އެ ދަރިވަރުން ތިބޭނީ އެ ސްކޫލުތަކުގައި ކަމަށްވާތީ ޖާގައިގެ މައްސަލަތައް ހައްލުކުރަން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ވެސް އަންނަ އަހަރުގެ މެދުތެރެއަށް ވަނީ ފަސްކޮށްފަ އެވެ.

މަތީ ސާނަވީގައި 3،526 ދަރިވަރުން އެބަ ތިއްބެވެ. އިދާރީ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި ނެތުމުން އޭ ލެވެލް ހަދާ ދަރިވަރުންގެ އަދަދު ވަނީ މަދުވެފަ އެވެ. ސްކޫލުތައް ބަންދުކުރިއިރު ބައެއް ސްކޫލުތަކުން ދަރިވަރުން ގްރޭޑު 11 އިން 12 އަށް ޕްރޮމޯޓުނުކުރެވޭ ކަމަށް ވެސް ބުންޏެވެ.

އޯ ލެވެލް އިމްތިހާނު ފަސްކުރުމުން، މަތީ ސާނަވީއަށް ނުވަތަ އެއަށްވުރެ މައްޗަށް ކިޔެވުމުގައި ދަރިވަރުންނަށް އަސަރުކުރާނެ ކަމަށާއި ކޮވިޑް-19 ގެ ކުރިން ވެސް ދަށު ސާނަވީ އިން ފެށިގެން މަތީ ސާނަވީއަށް ބަދަލުވުމަކީ ދަރިވަރުންނަށް ވަރަށް ހާސްކަން ކުރިމަތިވާ ކަމެއް ކަމަށް ބުންޏެވެ. އެގޮތުން މަތީ ސާނަވީއަށް ބަދަލުވާ ދަރިވަރުންގެ ކިޔެވުމަށް އެކި ސަބަބުތަކާ ހެދި އަސަރުކުރެ އެވެ. އޭގެ ތެރޭގައި ސްކޫލު ބަދަލުވުމާއި ބެލެނިވެރިންގެ އުއްމީދުތަކާއި އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގުޅިގެން ތައާރަފްކުރި ކިޔެވުމުގެ އާ މާހައުލަށް ދަރިވަރުން ނުހޭނެ ކަމަށާއި އަދި އެ އާ ނިޒާމަށް، އެކަށިގެންވާ ގޮތެއްގައި ގުޅުން ބާއްވައިފައެއް ނުވެ އެވެ.

އޮންލައިންކޮށް ކްލާސްތައް ބޭއްވި ކަމުގައި ވިއަސް ނަފްސާނީ އަދި އެކަމިކް އެހީތެރިކަމާ ނުލައި ގްރޭޑު 11 ގެ ދަރިވަރުން ކިޔެވުމުގައި ފުރިހަމައަށް ބައިވެރިއެއް ނުވާނެ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ކިޔެވުމުގައި ހުރި ޝައުގު ގެއްލުމާއި ސްކޫލުން ކެނޑޭ ކުދިން އިތުރުވުން

ސްކޫލުތައް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ހިނގައްޖެ ނަމަ ކިޔެވުމަށް ޅަކުދިންގެ ޝައުގު ގެއްލިގެން ދިއުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ކިޔެވުމުގައި ބައިވެރިވުން ނެތުމުގެ ނަތީޖާއަކީ ސްކޫލު ނިޒާމުން ވަކިވުމުގެ ބިރު ކަމަށާއި އެކަމުގެ ސަބަބުން ސްކޫލަށް ނުދާ ކުދިންގެ މައްސަލަ އިތުރަށް ގޯސްވެ އެކުދިންނާ ހަމައަށް ވާސިލްވުމަށް ގޮސްޖެހުންތަކާ ދިމާވާނެ ކަމަށް ރިޕޯޓްގައި ވެ އެވެ.

ކިޔެވުމުގައި އޮތް ބައިވެރިވުން ކުޑަވުމުގެ ފުރުސަތު ބޮޑަށް އޮންނާނީ އާލީ ސެކަންޑްރީ ފެންވަރުގެ ދަރިވަރުންނަށެވެ.

އެޑިއުކޭޝަން ސެކްޓާގެ މިދިޔަ އަހަރުގެ އެނަލިސިސް ރިޕޯޓު ދައްކާގޮތުން، ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެގެންދިއުމުގެ ފުރުސަތު އެބަ އޮތެވެ. ޔުނިސެފުން މީގެ ކުރިން ދިރާސާއަކާ ހަވާލައިދީ އެ އެނަލިލިސްގައި ބުނީ ޕްރައިމަރީ އާއި ތިރީ ސާނަވީގައި ކިޔަވަމުން އަންނަ އުމުރުގެ ސްކޫލަށް ނުދާ 600 ތިއްބެވެ. އޭގެ ތެރެއިން 40 ޕަސެންޓް ހިއްސާކުރަނީ އަންހެން ކުދިންނެވެ. ސްކޫލަށް ނުދާ ފިރިހެން ކުދިންގެ އަދަދު އުޅެނީ 60 ޕަސެންޓުގަ އެވެ. މިހާރު އޮތް ހާލަތަށް ބަލާއިރު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްކޫލަށް ނުދިއުމުގެ ސަބަބުން ދިރިއުޅުމުގެ ހުނަރާއި ކުށްކުށަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ވެގެން ދެ އެވެ.

އެ ރިޕޯޓުގައި ބުނާގޮތުން ޕިޒިކަލް އެޑިއުކޭޝަން ކްލާސްތަކަށް ހާޒިރުނުވުމުގެ ސަބަބުންނާއި އިތުރު ހަރަކާތްތަކާއި ގޭތެރޭގެ ހާލަތު އޮތްގޮތުން ކިޔެވުމަށް ދަރިވަރުން އޮތް ޝައުގަށް އަސަރުކުރެ އެވެ. ކިޔެވުމަށް އޮތް ޝައުގު ކުޑަވެ، ސްކޫލުން ވަކިވުމުގެ މައްސަލައަކީ ކުރިއަށް އޮތް މަދު އަހަރުތަކަށް ގާތުން މޮނީޓާކުރަންޖެހޭ ކަމެއް ކަމަށް ބުންޏެވެ.

މީމިސް މެދުވެރިކޮށް ވެސް އެކަން ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އެންރޯލްމަންޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ރިޕޯޓުކުރަން ވެސް ޕްލޭނުގައި ހިމަނާފައި ވެ އެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް އެސެމްބްލީގައި.--

ސްކޫލު ނާސްތާ ނުލިބުމުން ކުރާނެ އަސަރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ، ނާސްތާ ފޯރުކޮށްދިނުމަށް އަސަރުކުރާ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ފެށި ނާސްތާ ޕްރޮގްރާމު ސްކޫލު ބަންދުކުރުމާ ހަމައަށް ކުރިއަށްގެންދިޔަ އެވެ.

މިޑްޓާމް ބްރޭކާ ހަމައަށް 48،021 ދަރިވަރުން ނާސްތާ ނެގި ކަމަށާއި އެއީ ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވާ 64 ޕަސެންޓް ދަރިވަރުން ކަމަށް ބުންޏެވެ.

ނާސްތާއަށް އެވްރެޖް ގޮތެއްގައި މަހަކު (1.4 މިލިއަން ޑޮލަރު) 22.5 މިލިއަން ރުފިޔާ ހަރަދުވި އެވެ. ތަފާތު އެކި ފަރާތްތަކުން، ސަރުކާރުގެ 213 ސްކޫލަށް ނާސްތާ ފޯރުކޮށްދިނުމަށް 193 ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ.

ޕްލޭނުގައިވާ ގޮތުން، މާލީ ހާލަތު ދަށް ކުދިން ވަނީ އެ ނާސްތާއަށް ބަރޯސާ ވާން ފަށައިފަ އެވެ. ދުވާލެއްގެ މައްޗަށް އެ ކުދިންނަށް ލިބޭ ރަނގަޅު ހަމައެކަނި ކާނާއަކީ ސްކޫލުން ފޯރުކޮށްދޭ ނާސްތާއަށް ވުމަކީ އެކަށީގެންވާ ކަމަށް ބުންޏެވެ.

ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ނުލިބެ، ދުޅަހެޔޮ ސިއްހަތާއި ނިއުޓްރިޝަނާއި ކިޔެވުމުގައި ބައިވެރިވުމުގެ ހުނަރަށް އަސަރުކޮށްފާނެ އެވެ.

"ޕްލޭން ތައްޔާރުކުރުމުގައި ބައިވެރިވި ޕްރިންސިޕަލުން ހިމެނޭހެން ސްޓޭކް ހޯލްޑަރުން ވަނީ މިހާރު ނާސްތާ ފޯރުކޮށްދެމުން އަންނަ ގޮތް ރިވިއުކުރަން ޖެހޭކަން ފާހަގަކޮށްފައި. ނާސްތާގެ މެނޫ އާއި އެ ފޯރުކޮށްދެމުން އަންނަ ގޮތް ރިވިއުކުރަންޖެހޭ ކަން ވެސް ފާހަގަކުރި،" ޕްލޭނުގައި ފާހަގަކުރި އެވެ.

އާއްމު ސިއްހަތުގެ ނަޒަރަކުން ބަލާއިރު، ސްކޫލުތައް އަލުން ހުޅުވާއިރު މީގެ ކުރިން ނާސްތާ ފޯރުކޮށްދިން ގޮތަށް ނާސްތާ ފޯރުކޮށްދިނުމަކީ އުނދަގޫވާނެ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދަރިވަރުން އެންރޯލްމަންޓާއި ގްރޭޑު ބަދަލުވުމުގެ މަރުހަލާ

މި ފަހުން އާއްމުކުރި އެޑިއުކޭޝަން ސެކްޓާގެ އެނަލިލިސްގައިވާ ގޮތުން، 2018 ވަނަ އަހަރު އަންހެން ކުދިންގެ ޕްރީ ޕްރައިމަރީގެ އެންރޯލްމަންޓް ރޭޓް ހުރީ 92.6 ޕަސެންޓުގަ އެވެ. ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ .792 ޕަސެންޓުގަ އެވެ.

އެ އަހަރުގެ ޕްރައިމަރީ އެންރޯލްމަންޓުގައި އަންހެން ކުދިންގެ ނިސްބަތް 96.3 ޕަސެންޓު އަދި ފިރިހެން ކުދިންގެ އަދަދު އުޅުނީ 95.5 ޕަސެންޓުގަ އެވެ.

މީގެ 10 އަހަރު ކުރިއާ އަޅާ ބަލާއިރު، ދަށު ސާނަވީ އެންރޯލްމަންޓަށް ވެސް ބޮޑު ކުރިއެރުމެއް އައިސްފައިވެ އެވެ.

"ދަށު ސާނަވީ އެންރޯލްމަންޓް ރޭޓު 2008 ވަނަ އަހަރު އުޅެނީ 69.2 ޕަސެންޓުގައި. ނަމަވެސް 2018 ވަނަ އަހަރު އެ އަދަދު 90.5 ޕަސެންޓަށް އިތުރުވެފައިވޭ. އަންހެން ކުދިންގެ ނިސްބަތް، 87 ޕަސެންޓް އަދި ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ 92 ޕަސެންޓުގައި،" ރިޕޯޓުގައި ބުންޏެވެ.

އެ އަދަދުތައް އިތުރުވި ނަމަވެސް، މަތީ ސާނަވީއަށް ބަދަލުވާ ދަރިވަރުންގެ އަދަދު އަދި ވެސް މަދެވެ. އެކަމަކު އެ އަދަދަށް ވެސް ކުރިއެރުމެއް އައިސްފައި ވެ އެވެ.

މަތީ ސާނަވީއަށް ދާ ދަރިވަރުންގެ އަދަދު 2008 ވަނަ އަހަރު ހަ ޕަސެންޓުގައި ހުރިއިރު 2018 ވަނަ އަހަރު އެ އަދަދު ވަނީ 44.5 ޕަސެންޓަށް އަރައިފަ އެވެ. އަންހެން ކުދިންގެ އަދަދު 50 ޕަސެންޓް އަންހެން ކުދިން އަދި ފިރިހެން ކުދިންގެ ނިސްބަތް އުޅެނީ 38 ޕަސެންޓުގަ އެވެ.

ސަރުކާރުގެ ސްކޫލުތަކަށް ކޮށްފައިވާ އަސަރު

ސަރުކާރުގެ ސްކޫލުތަކުގައި 74،806 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އެ ހުރިހާ ދަރިވަރުންގެ ކިޔެވުމަށް އަސަރުކޮށްފައި ވެ އެވެ.

އަމިއްލަ ސްކޫލުތަކަށް ކުރި އަސަރު

އަމިއްލަ ސްކޫލުތަކަށް އެންރޯލްވާ ދަރިވަރުންގެ ތެރެއިން 70 ޕަސެންޓަކީ އާލީ ޗައިލްޑްހުޑް އުމުރުގެ ކުދިންނެވެ. ނާސަރީ އާއި ޕްރީ ސްކޫލުގައި 8،000 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ތިބެ އެވެ. އަމިއްލަ ސްކޫލުތަކުގެ ތެރެއިން ޕްރީ ސްކޫލު ހިންގާ ތަންތަނަށް ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި މާލެ ސަރަހައްދުގެ މަދުވެގެން އަމިއްލަ ތިނެއް އަދި ކޮމިއުނިޓީ ދެ ޕްރީ ސްކޫލަކުން މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ފަސް ސްކޫލުގައި، 1،745 ދަރިވަރުން ތިބެ އެވެ.

މިދިޔަ އޭޕްރީލް މަހާ ހަމައަށް ޕްރައިވެޓް ސްކޫލުތަކުގައި 11،173 ދަރިވަރުން ތިއްބެވެ. އެއީ ދަރިވަރުންގެ މުޅި ޖުމްލަ އަދަދުގެ 12 ޕަސެންޓެވެ.

ޕްރީ ސްކޫލު ކުދިންގެ އުމުރު

ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ސްކޫލުތަކަށް ފީ ދެއްކުމަށް ބެލެނިވެރިން ދެކޮޅު ހަދާކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ބުންޏެވެ. މިހާރު އޮތް ކޮވިޑް-19 ގެ ހާލަތު ދެމިގެންދާ ނަމަ މުވައްޒަފުންގެ މުސާރަ އާއި ކުލި ނުދެއްކިގެން ސްކޫލުތައް ބަންދުކުރަން ޖެހިދާނެ ކަމަށާއި އޭގެ މާނައަކީ، ޕްރީ ސްކޫލު އެންރޯލްމަންޓުގެ އަދަދު ބޮޑަށް މަދުވެގެންދާނެ ކަމަށާއި ޕްރައިމަރީ ގްރޭޑުތަކަށް ބަދަލުވާއިރު އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައެއް ނުހުންނާނެ ކަމަށެވެ.

ސްކޫލު ފީ ދެއްކުމުގައި ހުރި ގޮންޖެހުން

ސްކޫލުތައް ވެސް ބަރޯސާވެފައިވަނީ ދަރިވަރުންގެ ފީ އަށް ކަމަށާއި އެ ފީ ނުދައްކާ ކަމުގައިވާނަމަ މުވައްޒަފުންގެ މުސާރަ ނުދެއްކޭނެ ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެ ހާލަތު ގޯސްވާ ކަމުގައި ވާނަމަ މުސާރަ ދީގެން މުވައްޒަފުން ބައިތިއްބަން ގޮންޖެހުންތަކާ ދިމާވާނެ އެވެ.

އެ މައްސަލަ، މާލޭގެ އަމިއްލަ ސްކޫލުތަކަށް ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށާއި އެ ސްކޫލުތަކުން، ސަރުކާރުގެ ސްކޫލުތަކަށް ވުރެ ބޮޑު މުސާރައެއްދޭ ކަމަށް ވެސް ބުންޏެވެ. ލޮކްޑައުންގެ ތެރޭގައި ވެސް އެ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދީފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

6 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 83%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

26 June 2020

ކޮވިޑްގެ އަސަރުތޯ ކުދިންނަށްކުރީ. ނޫނީ ކޮވިޑްގެސަބަބުން ކިޔެވުމުގެ ކަންކަމަށްތޯ އަސަރުކުރީ.

The name is already taken The name is available. Register?

ޢާފަނުބެ

26 June 2020

ކިޔެވުމުގައި ހުރި ޝައުގު ގެއްލުމާއި ސްކޫލުން ކެނޑޭ ކުދިން އިތުރުވުން ، މިގޮތް ވެސް ރަނގަޅު ވާނެ އެ މް ޑީޕީގެ ބޭފުޅުން ނައް

The name is already taken The name is available. Register?

ބޯގަޅި

26 June 2020

މިދެން ކޮން ދިރާސާެއެއް، ގޭގައޮތް މީހާއައްވެސް އެނގޭނެ ތިވަރު، މުޅިގައުމުގެ ހުރިހާ ސްކޫލެއްބަންދު ކުރީމަ ދިރާސާނެހެދިއަކަސް އެގޭ ކިޔަވާކުއްޖެއްވިއްޔާ އެހެރީ އަސަރުކޮއްފަކަން.

The name is already taken The name is available. Register?

1968

26 June 2020

ނާސްތާއާ ބެހޭގޮތުން މިހަދަނީ ހުސް ދޮގު. އެޑިޔުކޭޝަން މިނިސްޓްރީން ހަދާ ރިޕޯޓް ހަދާނެތަ އެމީހުން ބޭނުން ނުވާ ގޮތަކަށް. މިނިވަން ބަޔަކަށް ތި ރިޕޯޓް ހަދަން ހަވާލު ކޮށްބަލަ.

The name is already taken The name is available. Register?

ގަޓް ބްރޯ

26 June 2020

މިކަހަލަ ދިރާސާއެއް ކުރި ރާއްޖޭގަ އެންމެ ފުރަތަމަ މޮބައިލް ފޯންގެ ޚިދުމަތް ދިން ކޭބަލް އެންޑް ވަޔަރލެސް އިން ވެސް. އެމީހުން ކުރި ދިރާސާގަަ ޕޯސްޓްޕެއިޑް ފޯން ބޭނުންކުރާނީ އާބާދީގެ 500 ވަރަކަށް މީހުން ކަމަަަށް ބަލާ 500ރ ގެ ރޭޓް އިން ފުރަތަމަ ވިއްކި 500 ސިމް ވެސް ގަޑިއެއްހާ އިރުތެރޭ ވިކި ހުސްވި.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

26 June 2020

ރާއްޖޭގާ ދިރާސާހަދަނީ ބޮޑުކަބަޑުގާ ބާއްވާން ސުވެނިޔައަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!