ރިޕޯޓް / ކުޑަކުދިން

ކުދިން ސްކޫލަށް ފޮނުވަން ފަސްޖެހެންޏާ އެނގުން މުހިއްމު ފަސް ކަމެއް

އާ އާއްމު ހާލަތަށް ރާއްޖެ ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެންމެ ބޮޑު އެއް ބަދަލަކީ އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާލުން. ބަލިމަޑުކަމާ މެދު މައިންބަފައިން ކަންބޮޑުވޭ. އެކަމަކު ސްކޫލްތަކުގައި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ އިރު ސިއްހީ މާހިރުން ވިދާޅުވަނީ މި ހާލަތަށް ކުދިން ތައްޔާރުކުރަން ބެލެނިވެރިންގެ ދައުރު ބޮޑު ކަމަށް.

މި އަހަރުގެ ދިރާސީ އަހަރު ފެށި ދުވަހު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލަށް ދިޔުމުގެ މަގުމަތީގައި: އާ ހާލަތުގައި އަންނަ ބުދަދުވަހު އަނެއްކާވެސް ސްކޫލްތައް ހުޅުވައިލަން މިހާރު ދަނީ ތައްޔާރުވަމުން. ފައިލް ފޮޓޯ: ނިޝަން އަލީ/ މިހާރު

ކޮވިޑް-19ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލަން ތައްޔާރުވަމުންދާ އިރު ބައެއް މައިންބަފައިން ތިބީ ނުތަނަވަސްވެފަ އެވެ. ދަރިންގެ ކިޔެވުމަށް ބުރޫއެރުމާއި ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ކަންބޮޑުވުން އިހުސާސް ކުރިޔަސް، މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ސްކޫލަށް ފޮނުވަން ފަސްޖެހޭ މީހުން ގިނަ އެވެ.

"މިހާރު"ން ކުރިއަށް ގެންދާ ޕޯލްއަކަށް މިހާތަނަށް ލިބުނު ވޯޓުގެ 63 ޕަސެންޓަކީ ބުދަދުވަހު ސްކޫލްތައް ހުޅުވައިލިޔަސް ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނެފައިވާ ވޯޓެވެ. އަދި 19 ޕަސެންޓް ވޯޓު ލިބިފައި ވަނީ ގޮތެއް ނިންމަން ދަތި ކަމަށެވެ.

މިއީ މި ދަނޑިވަޅުގައި ކުދިން ސްކޫލަށް ފޮނުވަން ފަސްޖެހޭ މައިންބަފައިންނާއި އެހެން ބެލެނިވެރިން ވެސް އެނގެން ބޭނުންވެދާނެ ފަސް ކަމެކެވެ.

"އަޅުގަނޑުމެން މި ދޭ ކުދިކުދި، ވަރަށް މުހިއްމު، ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބަލައިގެން އެކަން ކޮށްފި ކަމަށްވާ ނަމަ އަޅުގަނޑަށް ހީވަނީ އެ ކުދިން ތިބޭނީ ރައްކާތެރިކޮށްހެން."

1. ކޮވިޑްގެ ކުޑަކުދިން ފެނިފައި ވަނީ ކިހާ ވަރަކަށް؟

ކޮވިޑް-19 ޖެހޭ ކުޑަކުދިން، ބޮޑެތި މީހުންނަށް ވުރެ މާ މަދެވެ. އެކަމަކު އެއީ ވަކި ކަހަލަ ސަބަބުތަކަކާ ހުރެ ކަމަށް ވެދާނެ އެވެ. މިސާލަކަށް ޓެސްޓުކުރާ ކުޑަކުދިން މަދުވުމާއި ބޮޑެތި މީހުން ނުކުންނަ ވަރަށް ވެސް ބޭރަށް ނުނުކުމެ ކުޑަކުދިން އަބަދު ގޭގައި ތިބޭތީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވުމެވެ. ޖުމްލަކޮށް ބަލާ އިރު، ކުޑަކުދިންނަށް ކޮވިޑް ޖެހުމާއި ކުޑަކުދިންގެ ފަރާތުން ކޮވިޑް ފެތުރުން އޮތް ގޮތް އަދި އެހާ ބޮޑަކަށް ދިރާސާއެއް ނުކުރެވެ އެވެ.

އެކަމަކު، އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލްގެ ވެބްސައިޓުގައި ފަސް ގައުމެއްގެ ހާލަތު އެނގޭ ދިރާސާތަކަކާ ހަވާލާދީ ޝާއިއުކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ކޮވިޑް ކޭސްތަކުގެ ތެރޭގައި ކުޑަކުދިންގެ ނިސްބަތް އުޅެނީ ތިން ޕަސެންޓަށް ވުރެ ދަށުގަ އެވެ. އެމެރިކާގެ ކޭސްތަކަށް ބަލާ އިރު 18 އަހަރުން ދަށުގެ ކުދިންނަކީ ދެ ޕަސެންޓެވެ. ޗައިނާގައި ފެނިފައި ވަނީ 19 އަހަރުން ދަށުގެ 2.2 ޕަސެންޓް، އިޓަލީގައި 18 އަހަރު ނުވަތަ އެ އަށް ވުރެ ހަގު 1.2 ޕަސެންޓު އަދި ސްޕެއިންގައި 18 އަހަރުން ދަށުގެ 0.8 ޕަސެންޓެވެ.

މި ގައުމުތަކާ އަޅާބަލާ އިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ކުޑަކުދިން ނިސްބަތުން ގިނަ އެވެ. އުމުރު ހާމަކޮށްފައިވާ ކޭސްތަކުން އެނގޭގޮތުގައި (ރާއްޖޭގެ ކޭސްތަކުގެ 10 ޕަސެންޓުގެ އުމުރު އެނގޭކަށް ނެތް) 18 އަހަރު ނުވަތަ އެއަށް ވުރެ ހަގު ކުދިންގެ އަދަދު ހަ ޕަސެންޓަށް އަރަ އެވެ. އެއީ 140 ކުދިންނެވެ.

އެކަމަކު ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި ރާއްޖޭގައި ކޮވިޑްގެ ކުޑަކުދިން ނިސްބަތުން ގިނައީ ބޮޑަށް ބަލި ފެތުރިފައި އޮތް މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށް ވެދާނެ އެވެ.

"އެހެންވީމާ މިއީ އިތުރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ރަނގަޅު ތަންކޮޅަކީ މިހާތަނަށް އެޑްމިޓްކުރަން ޖެހުނީ އެންމެ ދެ ކުދިންކަން އަދި އެ ދެ ކުދިން ވެސް ރަނގަޅުވެފައިވާކަން،" އައިޖީއެމްއެޗުގެ ޑޮކްޓަރު ވިދާޅުވި އެވެ.

ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކޮވިޑް-19 ޖެހޭތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ސިއްހީ މާހިރުންގެ އިރުޝާދަކީ އެންމެން ވެސް މި ބަލިން ރައްކާތެރިވެ ތިބެން މަސައްކަތްކުރުމެވެ.

"ދަރިވަރުންނަށް އަޅުގަނޑުމެން ދެ ފަރާތުން ވެސް ހެޔޮ އެދޭތީ އަޅުގަނޑު ހަމަ އެދެނީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވައިދެއްވުން."

އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިދިޔަ ހަފްތާގައި ނޫސްވެރިންނަށް ވިދާޅުވިގޮތުގައި ދަރިން ސްކޫލަށް ފޮނުވަން ޖެހިލުންވާ ބެލެނިވެރިން ވެސް ސަމާލުކަން ދޭންވީ އެ ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. އަތް ދޮވުމުގެ މުހިއްމުކަން ކުދިންނަށް ވިސްނައިދީ ބޭރުތެރޭގަ އާއި ސްކޫލުގައި އުޅޭ އިރު ގައިދުރުކުރަން ބަހައްޓައި މާސްކު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަން އިރުޝާދުދޭން އޭނާ ބާރުއެޅުއްވި އެވެ.

"އަޅުގަނޑުމެން މި ދޭ ކުދިކުދި، ވަރަށް މުހިއްމު، ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބަލައިގެން އެކަން ކޮށްފި ކަމަށްވާ ނަމަ އަޅުގަނޑަށް ހީވަނީ އެ ކުދިން ތިބޭނީ ރައްކާތެރިކޮށްހެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ކުއްޖާ ސްކޫލަށް ނުފޮނުވަން ވެސް އޭނާ އިރުޝާދުދެއްވި އެވެ.

ޑރ. އަފްޒަލް ނިއުސް ކޮންފަރެންސެއްގައި

2. ކުޑަކުދިންނަށް ނުރައްކާ އޮތީ ކިހާ ވަރަކަށް؟

ގައިން ގަޔަށް އަރާ ހުރިހާ ބަލިތަކެއްގައި ވެސް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަކީ "ރިސްކު ގްރޫޕަށް ލައިގެން އަޅުގަނޑުމެން އުޅޭ ބައެއް" ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. ކޮވިޑް-19ގައި ވެސް ބަލަނީ އެ ގޮތަށެވެ. އެކަމަކު މި ހާލަތުގައި އެ އުމުރުގެ ކުދިން ސްކޫލަށް ދިޔުމެއް ނެތެވެ. ސްކޫލަށް ދާން ތިބޭނީ ބަލި ނުފެތުރޭ ރަށްރަށުގައި ގްރޭޑް އެކަކުން މަތި އަދި މާލޭގައި ނުވަޔަކުން މަތީގެ ދަރިވަރުންނެވެ.

"އަޅުގަނޑު ދަންނަވާނީ ސްކޫލް ހުޅުވާނީ ސަރުކާރުން ވަރަށް ބަލާފައޭ. އެހެންވީމާ ހުޅުވައިފިއްޔާ އޭގެ ރެކޮމެންޑޭޝަނަކީ ސްކޫލަށް ފޮނުވުން. އަޅުގަނޑަކަށް ހިއެއް ނުވޭ ސަރުކާރުން ސްކޫލު ހުޅުވާނެހެނެއް ރިސްކު ހައި ކަމަށް ވަންޏާ. ދެން ބެލެނިވެރިންގެ ދައުރެއް އޮންނާނެ، ކުދިންނަށް ކަންތައްތައް ދަސްކޮށްދޭން."

މިހާތަނަށް ކުރެވުނު ތަޖުރިބާ އަށް ބަލާ އިރު މި ބަލީގައި ގިނައިން ހާލު ދެރަވަނީ އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތަކުގައި ދިގު މުއްދަތަށް ފަރުވާ ހޯދަން ޖެހޭ މީހުންނާއި ބައްޔެއް ނުވަތަ އެހެން ސަބަބަކާ ހުރެ ނަމަވެސް ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނެވެ.

ޑރ. ފައިސަލް ވިދާޅުވިގޮތުގައި ކޮވިޑް ޖެހޭ ކުޑަކުދިންގެ ތެރެއިން ހާލު ދެރަވަނީ އެއް އަހަރުން ދަށުގެ ތުއްތުކުދިން ކަން ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް ފާހަގަކުރެވެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެ ކުދިންނަކީ ވެސް އަހަރު ނުފުރޭ ދެ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ކުޑަކުދިންގެ ގާތްގަނޑަކަށް 95 ޕަސެންޓު ކުދިންގެ ފަރާތުން ބަލީގެ އަލާމާތްތަކެއް މާ ބޮޑަކަށް ނުފެންނަކަން ވެސް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

"ބައެއް ކުދިން ހުމެއް އައިސް ކެއްސުމެއް ހުރެދާނެ. މަދު ކޭސްތަކެއް ފިޔަވައި ކުޑަކުދިންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނަގައިގެން ޕޮޒިޓިވްވެފައި ތިބި ކުދިން،" ޑރ. ފައިސަލް ވިދާޅުވި އެވެ.

3. ސްކޫލް ރައްކާތެރި ވާނެތަ؟

ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ދެއްވައިފަ އެވެ.

މި ކަމުގައި މިނިސްޓްރީ އަށް އެހީތެރިވެދޭ ޔުނިސެފުން ވެސް ބުނިގޮތުގައި ރައްކާތެރިގޮތުގައި ސްކޫލްތައް ހުޅުވަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ މިނިސްޓްރީ އާއި ކަމާބެހޭ އެހެން ފަރާތްތައް ގުޅިގެން ދަނީ ކުރަމުންނެވެ. ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ސަފީލްދީން ވިދާޅުވީ އެ ޖަމާއަތުގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ އިމަޖެންސީ ރެސްޕޮންސް ޕްލޭނާ އެއްގޮތަށް ސްކޫލް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދާ އިރު އަވަސްއަރުވާލުމެއް ނޯންނާނެ ކަމަށެވެ.

"މި ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަމުން މި ދަނީ ސްކޫލުތައް ހުޅުވަނީ ރައްކާތެރިގޮތުގައިކަން ކަށަވަރުކުރަން. އެހެންވީމާ ސްކޫލްތައް ހުޅުވާނީ ރައްކާތެރިގޮތުގައި ކަމުގެ ޔަގީންކަން މައިންބަފައިންނަށް ދޭން އަޅުގަނޑު ބޭނުން،" ޑރ. މުނީރު ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ސްކޫލު ހުޅުވާނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުވާނެ ހާލަތަކަށް ބަލިމަޑުކަން ދިޔުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މި ހާލަތަށް ކުދިން ހާނަން މައިންބަފައިންގެ ދައުރު މުހިއްމު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ސްކޫލް ހުޅުވާނީ ސަރުކާރުން ވަރަށް ބަލާފައޭ. އެހެންވީމާ ހުޅުވައިފިއްޔާ އޭގެ ރެކޮމެންޑޭޝަނަކީ ސްކޫލަށް ފޮނުވުން. އަޅުގަނޑަކަށް ހިއެއް ނުވޭ ސަރުކާރުން ސްކޫލު ހުޅުވާނެހެނެއް ރިސްކު ހައި ކަމަށް ވަންޏާ. ދެން ބެލެނިވެރިންގެ ދައުރެއް އޮންނާނެ، ކުދިންނަށް ކަންތައްތައް ދަސްކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް:

- ކްލާސްރޫމެއްގައި އެއްކޮށް ތިބޭ ދަރިވަރުން ދެބައިކުޅަ އެއްބަޔަށް ނުވަތަ 16 ކުދިންނަށް މަދުކުރުން. މިނިސްޓްރީން ބުނިގޮތުގައި މި އަދަދުން، ހުރިހާ ކްލާސްރޫމްތަކެއްގައި ވެސް ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެ. ކްލާހުގެ އަނެއް ބައި ކުދިން ތިބޭނީ އެހެން ކްލާސްރޫމެއްގައި ނުވަތަ ސްކޫލަށް ދާނީ އެހެން ސެޝަނެއްގައި. ހުރިހާ ދަރިވަރުން ބޭނުންކުރާ އާއްމު ތަންތަނުގައި ގައިދުރުކުރަންވީ ގޮތް ފާހަގަކޮށްފައި ހުންނާނެ.

- ސްކޫލުގައި އަތް ދޮންނަ ތަންތަން ހަދައި ސައިބޯންޏާއި ސެނިޓައިޒަ އަދި ޑިސްއިންފެކްޓެންޓް ބެހެއްޓުން އަދި ސާފުކުރާ މުވައްޒަފުން ތަމްރީންކުރުން.

- ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލަށް ވަންނަ އެހެން މީހުން ވެސް މާސްކު އެޅުން މަޖުބޫރު

- ސްކޫލަށް ދަރިވަރުން ވައްދާނީ ހުން ބަލާފައި

- ސްކޫލުގައި ކިޔަވައިދޭ ވަގުތު ހަ ގަޑިއިރުން ހަތަރު ގަޑިއިރަށް ކުޑަކޮށްފައި ޓެލެކިލާސް މެދުވެރިކޮށާއި އޮންލައިންކޮށް ވެސް ކިޔަވައިދިނުން.

- މާލޭގައި ބެލެނިވެރިން ކުދިން ސްކޫލަށް ލުމާއި ބަލާދިޔުމުގައި މަގުމަތީގައި ގައިދުރުކަން އޮންނާނެ ގޮތް ހަމަޖެއްސުން

- ސްކޫލުގައި ހެނދުނުގެ ނާސްތާ ނުބޭއްވުން އަދި ކުދިން ސްކޫލަށް ދާނީ ބޯނެ ފެން ހިފައިގެން

ސްކޫލް ހުޅުވޭ ދުވަހަށް ތައްޔާރީތައް ނިމި ހުރިހާ ކަމެއް ހުންނާނީ ހަމަޖެހިފައިކަން އެޑިއުކޭޝަން މިނިސްޓްރީން ޔަގީންކޮށްދެ އެވެ.

ބައެއް މައިންބަފައިންގެ ކަންބޮޑުވުމަކަށް ވާނީ ސްކޫލުގައި އުޅޭ އިރު ކުދިން އަމިއްލަ އަށް ރައްކާތެރިކަމަށް ސަމާލުކަން ނުދެވި ހިނގައިދާނެ ކަމާއި ދަރިވަރުން އުޅޭ ގޮތް ސްކޫލަށް ނުބެލިދާނެ ކަމެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި "ވަރަށް ރަނގަޅަށް، ދަރިވަރުން ކްލާހުގައި އުޅޭ ގޮތް ބެލިގެންދާނެ" އެވެ. އަދި އެ ދައުރު އަދާކުރާނީ ޓީޗަރުންނެވެ.

"ކްލާހެއްގައި ތިބޭނީ 15 ކުދިން. އެހެންވީމާ މުދައްރިސަށް ދަރިވަރުން އުޅޭ ގޮތް ވަރަށް ރަނގަޅަށް ބެލެހެއްޓޭނެ،" ޑރ. އައިޝަތު ވިދާޅުވި އެވެ.

ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމަކީ އަމުދުން ކުޑަކުދިންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު ޑރ. ފައިސަލް ވިދާޅުވިގޮތުގައި މިއީ ތަފާތު ހާލަތެއްކަން ދަނެ، މާސްކު އަޅައިގެން އުޅެން ދުރާލާ ކުދިން ތައްޔާރުކުރުން މުހިއްމު ކަމަށެވެ.

"މާސްކަކީ އަޅައިގެން އުޅެން ފަސޭހަ އެއްޗެއް ނޫން، ބޮޑެތި މީހުންނަކަށް ވެސް. މާސްކު އަޅައިގެން އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭނީ. ސްކޫލަށް ދިޔުމުގެ ކުރިން އެ ބައިތައް ކުދިންނަށް ދަސްކޮށްދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

4. ކުދިންނަށް ސްކޫލަށް ނުދެވުމުގެ ގެއްލުމަކީ ކޮބާ؟

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސްކޫލް ބަންދުކުރަން ޖެހުމަކީ ކުދިންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ޑރ. އާއިޝަތު ވިދާޅުވީ މި ހާލަތުގައި ބައިވަރު ކަންކަމުން ކުދިން މަހުރޫމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާއީ ހުނަރުތަކަށް ސްކޫލުން ލިބޭ ފުރުސަތާއި ބައެއް ދަރިވަރުންނަށް ލިބޭ ރައްކާތެރި ހަމައެކަނި މާހައުލަކީ ސްކޫލުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ތިން މަސް ދުވަސް ވަންދެން ސްކޫލަށް ހާޒިރު ނުވެ ތިބުމުން އެ ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ހަގީގަތުގައި ލިބިފައި މި ވަނީ. އަޅުގަނޑުމެންނަށް އެ ގެއްލުންތައް މިހާރު ނޭނގިދާނެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ކުދިންގެ ލާނިން ލޮސް އާއި ސޯޝަލް ކަންތައްތަކަށް އެ އައި ހީނަރުކަން އަޅުގަނޑުމެންނަށް ފާހަގަވެގެންދާނެ،" މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. އައިޝަތު ވިދާޅުވި އެވެ. "އެހެންވީމާ ދަރިވަރުންނަށް އަޅުގަނޑުމެން ދެ ފަރާތުން ވެސް ހެޔޮ އެދޭތީ އަޅުގަނޑު ހަމަ އެދެނީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވައިދެއްވުން."

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިދިޔަ ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުން އަނބުރާ ސްކޫލަށް ދާން ފަށައިގަންނަ އިރު ފިލާވަޅުތަކަށް އަހުލުވެރިވާން ވަގުތު ނަގާ ކަމާއި ސްކޫލަށް ހާޒިރު ނުވެ ތިބުމަކީ ކުދިންގެ ލިޔެކިޔުމާއި ހިސާބުގެ ހުނަރުތައް ދަށަށް ދާ ކަމެއްކަން ދިރާސާތަކުން އެނގެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރަން ޖެހުމުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރި ގޮތް ޑރ. މުނީރު ސިފަކޮށްދެއްވީ ގެއްލިގެންދާ ވަގުތުގެ އަންދާޒާއަކުންނެވެ.

"ޕްރައިމަރީ ސްކޫލް ފެންވަރުގެ ކޮންމެ ދަރިވަރަކަށް މަހަކު 120 ގަޑިއިރުގެ ކިޔެވުން ގެއްލިގެން އެބަ ދޭ. ޖުމްލަކޮށް ބަލަންޏާ ރާއްޖޭގައި ޕްރައިމަރީ ސްކޫލް ފެންވަރުގައި ކިޔަވާ ކަމަށް އަންދާޒާކުރެވޭ 86،000 ދަރިވަރުންނަށް މަހަކު 10.3 މިލިއަން ގަޑިއިރުގެ ކިޔެވުން މިދަނީ ގެއްލިގެން. މި ވާނީ އަނބުރާ ހޯދައިގަންނަން ވަރަށް ގޮންޖެހުން ބޮޑު ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ސްކޫލް ބަންދު ހާލަތުގައި ޓެލެކިލާހާއި އޮންލައިންކޮށް ދަނީ ކިޔަވައިދެމުންނެވެ. އެކަމަކު އެކަން ފަށަގަތް އިރު ދިމާވި ގޮންޖެހުންތަކާ އެކު ދުވަސްތަކަކަށް ޓެލެކިލާސް މެދުކަނޑައިލި އެވެ.

5. ސްކޫލަށް ނުދާ ކުދިންނަށް ވާނީ ކިހިނެއް؟

ސްކޫލަށް ނުދެވުނަސް ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭނެ ކަމުގެ ޔަގީންކަން ޑރ. އައިޝަތު ވަނީ ދެއްވައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް ޓެލެކިލާހާއި އޮންލައިން ކްލާސްތައް ނަގައިދީ ޓީވީ އާއި އިންޓަނެޓު ބޭނުންކުރެވެން ނެތް ދަރިވަރުންނަށް ކަރުދާހުގައި ފިލާވަޅުތައް ފޯރުކޮށްދޭ ގޮތަށް އަދިވެސް އެ ކަންކަން ކުރިއަށް ގެންދާނެ އެވެ.

"އެއްވެސް ކުއްޖަކަށް ތައުލީމު ނުލިބި، އުނގެނޭނެ ފުރުސަތު ނުލިބި ތިބިޔަކަ އަޅުގަނޑުމެން ނުދޭނަން،" މިދިޔަ ހަފްތާގެ ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލަށް ނުދާ ދަރިވަރުންނާ ދެތެރޭ ފިޔަވަޅުއަޅައިފާނެ ކަމުގެ ބިރެއް ވެސް ނެތެވެ.

"އަޅުގަނޑުމެން ވަރަށް ލީނިއެންޓްކޮށް މި ދޫކޮށްލަނީ. އަޅުގަނޑުމެންނަށް އެނގޭ އެ ކަންބޮޑުވުންތައް ހުންނާނެ. ބައެއް ބެލެނިވެރިން ހަމަ ދަރިވަރުން ސްކޫލަށް ފޮނުވަން ބޭނުން ނުވެދާނެ. ނަމަވެސް ސްކޫލަށް ނުފޮނުވުމަކުން އަޅުގަނޑުމެން ފިޔަވަޅެއް ނާޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން އިލްތިމާސްކޮށްލަން ހަމަ ހުރިހާ ބެލެނިވެރިންނަށް ވެސް ދަރިވަރުން ސްކޫލްތަކަށް ފޮނުވައިދެއްވާށޭ."

7 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 8%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަންކާ

27 June 2020

ހަމަ ކޮންމެ ކުއްޖަކަށް ޕާމަނަންޓް ގޮނޑިއެއް ޕްރައިވްޓް ކޮށް ތޯ ހުންނާނީ. ނުހުންނަ ނަމަ ކޮންމެ ކުލާހެއް ނިމިގެން ޑިސްއިންފެކްޓް ކުރާނެބާ

The name is already taken The name is available. Register?

ލަންކާ ޑޯގް

27 June 2020

އެއްވެސް ކަމެއް ރައްކާތެރި އެއް ނުވާނެ މިގައުމުގަ ، ނުފޮނުވާނައް ސޮކޫލަކައް މަގޭ ދަރިން

The name is already taken The name is available. Register?

މުދައްރިސުން އަދި ބެލެނިވެރިން

25 June 2020

ތި ފަސްކަމުގެ ތެރޭގައި ކޮންކަމެއްތޯ އޮތީ މައިންބަފައިންގެ އަތްމަތީގަ. ލިޔުމުގަ އެބަބުނޭ : "އަޅުގަނޑުމެން މި ދޭ ކުދިކުދި، ވަރަށް މުހިއްމު، ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބަލައިގެން އެކަން ކޮށްފި ކަމަށްވާ ނަމަ އަޅުގަނޑަށް ހީވަނީ އެ ކުދިން ތިބޭނީ ރައްކާތެރިކޮށްހެން." ކޮބާތަ ތިޔަބުނާ ފިޔަވަޅުތަކަކީ؟

The name is already taken The name is available. Register?

ޢައިސްތު

25 June 2020

އަތް ދޮވުމުގެ މުހިއްމުކަން ކުދިންނަށް ވިސްނައިދީ ބޭރުތެރޭގަ އާއި ސްކޫލުގައި އުޅޭ އިރު ގައިދުރުކުރަން ބަހައްޓައި މާސްކު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރަން އިރުޝާދުދޭން އޭނާ ބާރުއެޅުއްވި އެވެ.

The name is already taken The name is available. Register?

ގަޓް ބްރޯ

25 June 2020

ރާއްޖޭގެ ހުރިހާވެސް މައްސަލައަކީ ސަރުކާރުތަކަށް ރައްޔިތުންނަށް އިތުބާރު ނުކުރެވޭވަރަށް އިތުބާރު ގެއްލުވާލާފަވުން. ދެފަހަރު ހަމަޔަށް އިސް ދެ ވެރިޔަކަށް އެކައްޗެއް ނުކިޔޭ. ސަރުކާރުން ކަމެއްކުރަން ބޭނުންވީމަ އެދައްކާ ވާހަކައާ އޭގެ ކުރިން ހަމަ އެއްކަމެއްގަ ދެއްކިފަހުރި ވާހަކަތައް މިޒަމާނުގަ އެހުންނަނީ ރިކޯޑްކުރެވި ބޭނުން އިރަކު ބަލާލެވޭގޮތަށް ފެންނަން. ސަރުކާރުތަކަށް އިތުބާރު ކުރެވޭނީ ދެފަހަރު އެކައްޗެއްކިޔާ ސާބިތުކަމަކާ ހަރުދަނާކަމެއްވެސް ހުރެގެން.

The name is already taken The name is available. Register?

ސަސި

25 June 2020

އެތެރޭގެ ދަތުރުތަށް ހުޅުވާލަން ލަސްވަނީ ކީއްވެތޯ،؟ އެތައް ބައިވަރު ކުދިންވީ އަތަޮޅުތެރޭ

The name is already taken The name is available. Register?

ކަސަބު

25 June 2020

ތައުލީމީ އަހަރެއް ގެއްލުމަށްވުރެ އަދި ހުރިހާ މޮޅަކަށްވުރެ ދަރިއެއްގެ ފުރާނަ މާ މުހިންމު. ސްކޫލް ރައްކާތެރިވާނެނަމަ ސައުތުކޮރެއާ ގެ ސްކޫލުތައް ރާއްޖެއަށްވުރެ ރައްކާތެރިވާނެ. އެކަމަކު އެގައުމުން ސްކޫލު ހުޅުވާފަ ބަންދުކުރަންޖެހުނީ. މިހާރުވެސް އަހަރެން މިއުޅެނީ ލޮކްޑައުން އޮތްއިރު އުޅުނު ގޮތަށް. ސަޔަކަށް، ބައްދަލުވެލަން ގުޅާ. ނުދަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!