ރިޕޯޓް / އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީ ލަސްކަމުން އިތުބާރު ގެއްލެނީ؟!

އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ކުރީގެ ސަރުކާރުގައި ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިފައި އޮތް މިނިވަން މުއައްސަސާ އެވެ. ނުފޫޒާ ހެދި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގެއް ނުކުރެވުނެވެ. ޚިޔާނާތުގެ މޫތައް ދައުލަތުގެ ތެރޭގައި ވަރުގަދަވެ ކުރީގެ ސަރުކާރުގައި އެތައް ފައިސާއެއް ގެއްލުނު އިރު ވެސް އެ ކޮމިޝަނަށް ކުރެވުނު ކަމެއް ނެތެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އޭސީސީ އަށް އާ މެމްބަރުންތަކެއް އައްޔަންކުރުމާ އެކު މި ތުހުމަތުތަކުގެ އަޑު ކެނޑި މުއައްސަސާއާ މެދު އުއްމީދު އާވި އެވެ. ތަހުގީގުކުރި މައްސަލައަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ސިޔާސީ ބޭފުޅަކު ކުރެއްވި ފޯން ކޯލަކާ ހެދި ކޮމިޝަންގެ މެމްބަރުން ހިތްހަމަނުޖެހި އެ ވާހަކަ އާއްމުކުރުމަކީ އެ މެމްބަރުން ނުފޫޒަށް ނުގުޑާނެ ކަމަށް އާއްމުންނަށް ޔަގީންކަން ލިބި، އިތުބާރު ވެސް އުފެދުނު ކަމެކެވެ.

އެކަމަކު، ހަތް މަސް ވި އިރު މި އިވެނީ އަނެއްކާވެސް ނާއުއްމީދީ ވާހަކަތަކެކެވެ. ކޮމިޝަނާ މެދު އިންތިހާ އަށް ކަންބޮޑުވުން އޮތް ތަނެވެ. މިފަހަރު، އޭސީސީ މިސްރާބު ގޯސްކަން ދައްކަވަން ނުކުމެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.

ނުބެލި ފުނިޖެހިފައި ހުރި މައްސަލަތައް ބަލައި ދައުލަތަށް ބިލިއަނުން ގެއްލުނު ފައިސާ ހޯދުމުގައި އޭސީސީން ނަތީޖާ ނެރެދޭނެ ކަމަށް ކުރި އުއްމީދާ މެދު މަޖިލީހުގެ ބައެއް މެމްބަރުން މާޔޫސްވެވަޑައިގެންފި އެވެ. ކޮމިޝަންގެ ފަސް މެމްބަރުން "ފޭލްވެއްޖެ" ކަމަށް ނިންމައި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުން ދެއްވައިފި އެވެ.

އެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ލަސްވުމެވެ. ޚާއްސަކޮށް ކުރީގެ ކޮމިޝަނުން ވެސް އެކަށީގެންވާ ގޮތެއްގައި ނުބެލި އޮތް އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ އެވެ. މިއާ އެކު ކޮމިޝަނުން ޔަގީންކަން ދިން ގޮތަށް އިސްވެ ހާމަކުރާ މައްސަލަތަކުގެ އަދަދު މަދުވުމެވެ. ތަހުގީގުކުރާ މައްސަލަތަކުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމާއި މަސައްކަތުގެ ސްޕީޑު މާ ބޮޑަށް ލަސްވުމެވެ.

އޭސީސީގެ އާ މެމްބަރުން: ނުފޫޒުގެ ދަށު ނުވެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ މެމްބަރުން އިއްޔެ ފާޅުކުރެއްވީ މި ކަންބޮޑުވުންތަކެވެ. އެ މެމްބަރުން ފާޅުކުރެއްވި ޝުއޫރުތަކުން ސާފުކޮށްދެއްވީ، އޭސީސީއާ މެދު އިތުބާރު ގެއްލިއްޖެ ކަމެވެ.

މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކޮމިޝަނާ މެދު ހުރީ ކުރީގެ ސަރުކާރުގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތެއް ނޭނގި ލަސްވުމެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ކުރުމުގައި ހިންގި ކަމަށް ބެލެވޭ ކޮރަޕްޝަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ ކޮރަޕްޝަންތައް ތަހުގީގު ކުރާ ކަން ކޮމިޝަނުން އޮތީ ހާމަކޮށްފަ އެވެ. އެކަމަކު މިއިން އެއްވެސް މައްސަލައެއްގައި އޭސީސީގެ ނިންމުމެއް މިހާތަނަށް އާއްމުވެފައެއް ނުވެ އެވެ. ދައުވާކުރަން ފޮނުވި ކަމެއް، ތަހުގީގު ނިމުނު ކަމެއް ވެސް ސާފެއް ނޫނެވެ.

އެކަންކަން ބެލުމަށް އޭސީސީގެ އޮޑިޓެއް ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ވަނީ ނިންމަވައިފަ އެވެ.

އޭސީސީން މައްސަލަތައް ނުބަލާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިސާލެއްގެ ގޮތުގައި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ދެއްކެވީ އޭސީސީ އަށް ހުށަހަޅާފައި އޮތް ހިޔާ މަޝްރޫއާ ގުޅޭ 56 މައްސަލަ އެވެ. ބޭއިންސާފާއި ނުފޫޒުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރާ އެ މައްސަލަތައް އެ ކޮމިޝަނުން ބަލައިގެންފައިވާ އިރު މިހާތަނަށް އެއްވެސް މައްސަލައެއްގައި ކަން ހިނގައިދިޔަ ގޮތް ސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ސްޕީޑު ލަސްކަމާއި ނަތީޖާ ނެރުމުގައި ނުކުޅެދިފައިވާކަން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް، ދެއްކެވީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފާސްހިސާބުންނެވެ. މިދިޔަ އަހަރު 710 މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ އިރު 707 މައްސަލައިގައި ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ނިންމާފައި ވަނީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދައުވާކުރަން ޕޮރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ ތިން މައްސަލައެއް ކަމަށާއި ކޮރަޕްޝަންގެ މައްސަލައެއްގައި މި އަހަރުގެ މިހާތަނަށް ޖިނާއީ ދައުވާކުރަން ހުށަހަޅާފައި ވަނީ އެންމެ މައްސަލައެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެކި ގޮތްގޮތަށް އެބަ މައުލޫމާތު ލިބޭ އިދާރީ މައްސަލަތައް ކަމަށް މި ބޭފުޅުން ބަލަމުންދަނީ. އެކަމަކު އޭސީސީގެ ގާނޫނުގައި އޮންނަނީ ޖިނާއީ މައްސަލަތައް ބަލަން. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ، އޭސީސީ އަށް މި ސަރުކާރުން އަޅުގަނޑުމެން އަލަށް ލީ ހުރިހާ މެމްބަރުން ފެއިލްވެއްޖެ،" ހަލީމް ވިދާޅުވި އެވެ.

"ކަނޑައެޅިގެން އެމްއެމްޕީއާރުސީ މައްސަލަ އާއި މިހުރި ޖިނާއީ މައްސަލަތަކުގެ ލިސްޓެއް ހަދައި ފޮނުވަން ބުނެގެން ވެސް އޭސީސީގެ ރައީސް ލިއުމުން އަންގަވާފައި އެބަ އޮތް އެކަމެއް ނުކުރައްވާނަމޭ."

"ނަތީޖާ ނެރެވޭނެ"

މެމްބަރުންގެ ކަންބޮޑުވުންތަކާއި އޭސީސީއާ މެދު ކުރާ ތުހުމަތުތަކަށް އެސްއީއޯ ކޮމިޓީގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގަތްއިރު 800 އަށް ވުރެ ގިނަ މައްސަލަ އޮތް ކަމަށާއި އިންވެސްޓިގޭޓަރުން އަންނަނީ ތަހުގީގުތަކުގައި ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ. މި 800 މައްސަލައިގެ ތެރެއަށް ކޮންމެ މަހަކު ވެސް އެތައް މައްސަލައެއް އިތުރަށް ހުށަހަޅާކަން ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ޖެނުއަރީ 20 އިން ފެށިގެން 360 އަށް ވުރެން ގިނަ ޝަކުވާ ހުށަހަޅާފައިވާއިރު، 413 ކޭސް އިވެލުއޭޝަން ހަދާފައިވެ އެވެ. އަދި 33 ތަނަކަށް އެކި ކަންކަން އިސްލާހު ކުރަން އެނގި އެވެ.

ސެޕްޓެމްބަރު 2019 އިން ފެށިގެން 289 ތަހުގީގު ނިންމާފައިވާ ކަމަށާއި ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި 13 ކޭސްއެއް އޮތް އިރު، އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހަތް މައްސަލައެއް ހިމެނޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތައް މަޑުޖައްސާލަން އޭސީސީން އަންގާތީ އުފެދުނު ހިތްހަމަނުޖެހުމަށް ވެސް ޝިއުނާ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އާ މެމްބަރުން ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން، މަޑުޖައްސާލަން އެންގީ އެންމެ ފަސް މަޝްރޫ އެވެ. މަޝްރޫއު މަޑުޖައްސަން އަންގަނީ ދައުލަތަށް ލިބިދާނެ ގެއްލުމަށް ވުރެން ފައިދާވާނެ ކޭސްތަކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަންގައި 44 އިންވެސްޓިގޭޓަރުން ތިބިއިރު މައްސަލަތަކުގެ އަދަދު އެއިން ކޮންމެ މީހަކަށް ނުތަކާ ވަރަށް ގިނަ އެވެ. އެއާއެކު ވެސް މަސައްކަތުގެ ސްޕީޑު އަވަސްކުރަން ކޮމިޝަނުން ބާރުއަޅާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގައި ހުރި ކުންފުނިތަކުގެ މައްސަލަތައް:

ފެނަކަ: 77 މައްސަލަ

ޖީއެމްއައިޒެޑް: 10 މައްސަލަ (ތިލަފުށީގައި ގުދަން ހަދަން ބީލަމަށް ނުލައި ދިން މައްސަލަ އަންނަ މަސް ނިމެންވާއިރަށް ނިމޭނެ، ސީހޯމްސަފަޔާ ކޭސްގައި ބަޔާން ނަގައި ޑޭޓާ އެނަލިސިސް ކުރިއަށް ދަނީ)

ސްޓެލްކޯގެ: ހަތް މައްސަލަ

މޯލްޑިވް ގޭސްއާ ގުޅޭ ގިނަ މައްސަލަތަކެއް

އެމްޑަބްލިއުއެސްސީ: 10 މައްސަލައެއް

މައްސަލަތަކުގައި ދައުވާކުރަން ފޮނުވުން ލަސް މައްސަލައިގައި، ޝިއުނާ ވިދާޅުވީ އެ ކަންތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ޕްރޮސިކިއުޓަ ޖެނެރަލްއާ ވާހަކަ ދައްކައިގެން ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެތައް އަހަރެއް ވަންދެން އެއް ސަގާފަތެއްގައި އޮތް އިންސްޓިޓިއުޝަނެއް ރިފޯމްކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން މަގާމާ ހަވާލުވިތާ 10 މަސް، އޭގެތެރެއިން 3 މަސް ލޮކްޑައުންގައި ތަހުގީގުގެ ބަޔާން ނަގާ ހިސާބުގައި ހުރި ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވުނު. --ޝިއުނާ

ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު އަނޫލާ ވިދާޅުވީ އޭސީސީން ޕީޖީ އޮފީހަށް ފޮނުވާ އަދަދުތަކުގެ މައްސަލަތައް މަދުކަމަށް ފެންނަން އޮތް ނަމަވެސް އިދާރީ ގޮތުން އިސްލާހު ކުރަން ގިނަ އެންގުންތަކެއް އަންގާފައިވާނެ ކަމަށެވެ. ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނުހުންނަ މައްސަލަތަކުގައި އޭސީސީން އެންގުންތައް އަންގަނީ ކޮރަޕްޝަނަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުކުރަން ކަމަށް ވިދާޅުވި އެވެ.

"ޕްރޮސިކިއުޝަން މައްސަލަތައް މިހާ މަދުވީ ކޮރަޕްޝަންގެ އަމަލުތައް ނެތިގެން ނޫނޭ ދަށްވަނީ. ތަހުގީގުތަކުގައި ހުރި ގޮންޖެހުންތައް ރަނގަޅުކޮށް، ހަރުދަނާކޮށް އެބައި ރަނގަޅުކުރަން މަސައްކަތްތަކެއް ކުރަން ފަށައިގެން މިއުޅެނީ،" އަނޫލާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ އޭސީސީ އަށް އިތުބާރު އުފެއްދުމަކީ އިސްކަން ދެއްވާ ކަމެއް ކަމަށެވެ. ކޮމިޝަނާ ހަވާލުވި ހިސާބުން އެކަން ކުރަމުން އަންނައިރު، ބަރިބަރިއަށް ހުރި މައްސަލަތައް ބަލަން އަވަސް އަރުވާލައިގެން ރަނގަޅު ތަހުގީގެއް ނުހިންގުމަކީ ވެސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. މުއައްސަސާ އިސްލާހު ކުރާ ނަމަ މުއައްސަސާގެ އޮނިގަނޑު ބަދަލުކުރަން ޖެހޭތީ އެކަން ވެސް ކޮށް، އެތަނުގައި ތިބި މަދު މުވައްޒަފުންނާ އެކު ބުރަ މަސައްކަތްތަކެއް އޭސީސީން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭސީސީއާ މެދު ހިތްހަމަނުޖެހުން ހުއްޓަސް ނުބެލި 10-12 އަހަރުވީ 800 މައްސަލައާ އެކު ކޮމިޝަނާ ހަވާލުވި މެމްބަރުންގެ މަސައްކަތާ މެދު ސުވާލު އުފައްދަން ހަ މަސް އަދި މާ އަވަސް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަނެ އެވެ. އެކަމަކު ތަހުގީގުކުރާ، ޚާއްސަކޮށް ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މައްސަލަތަކާއި އަވަހަށް ނިންމަން ޖެހޭ މައްސަލަތަކުގައި ކޮމިޝަނުގެ ސްޕީޑު ލަސްކަމުގެ ކަންބޮޑުވުން އޮތީ އެވެ. ކޮމިޝަންގެ މެމްބަރުންނަށް، މައްސަލަތައް ބެލުމުގައި ނުފޫޒެއް ނެތަސް ލަސްވުމަކީ އިތުބާރާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.

އޭސީސީ އަށް އޮތީ ނުފޫޒަށް ނުގުޑާނެ ކަމަށް ދިން ޔަގީންކަމާ އެކު ތަހުގީގުތަކުގެ ސްޕީޑު ބާރު ކުރުމެވެ. ވައުދުވި ގޮތަށް ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މައްސަލަތައް ހާމަކުރުމެވެ. ދެފުށް ފެންނަ ގޮތަށް މައްސަލަތައް ނިންމައި އަވަހަށް ނަތީޖާ ނެރެދިނުމެވެ.

13 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު ހަލީމް

26 July 2020

1.3 ބިލިއަން ރުފިޔާ ގެ މައްސަލައަކީ އޭސީސީއާ، ޕޮލިހުންނާ، ޕީ.ޖީ އޮފީހާ އޮޑިޓަރ ޖެނެރަލްއާއި، ޕާލަމެންޓާއި އެންމެން ބެލި މައްސަލައެއް. މި މުއައްސަސާ ތަކުން ޓޫރިޒަމަށް އެންގުމުން ފައިސާ ނުދައްކާ މަކަރާއި ހީލަތް އެކުލެވޭ ރަށްތަކާއި ފަޅުތަކުގެ ލީސް އެގްރީމެންޓް ތައްވަނީ ބާތިލް ކޮށްަފައި. ބަލަންވީ އެމްއެމްޕީއަރސީ އަށް ދެއްކިފައިސާ ނަހަމަގޮތުގައި ބޭނުންކުރި މީހުންގެ މައްސަލަ. އެއެއްނުބަލާ. ބަލަނީ މިއިން ފައސާ ފޮއްޗެއް ނުލިބޭ މީހުންގެ މައްސަލަ.

The name is already taken The name is available. Register?

ޒެނިތު

07 July 2020

ތިމާ ހިތްރުހޭ ބަޔަކު ލައިގެން ތިމާ ބޭނުންގޮތަކަށް ރިޕޯޓު ނެރެގެން ތިމާ ބުނާ ގޮތް ނުހަދާތީ މިހާރު އެވެރިން ގޯސްވީ ދޮތަ

The name is already taken The name is available. Register?

ދެތިކިޕީ

07 July 2020

އަޖައިބު އަންތަރީސް މިގައުމުގެ ހަމަ ކޮންމެކަމަކަށް ކއލޭމެން ދަނޑިބާނަން ޖެހޭތޭ.. މިނިވަންކަންމަތީ އެވރިންނަށް މަސައްކަތްކުރިޔަ ނުދޭތި

The name is already taken The name is available. Register?

ޒީތު

07 July 2020

ޖޭއެސްސީގަ އިނދެއެއްނު ސިޔާސީނޫން ނަސީދެއް އެގޮތަށް މިނިވަން ނަސީދެއް ތިތަނަށް ލާންވީ

The name is already taken The name is available. Register?

ޛި މް

07 July 2020

ކޮބާ ޕީއެސްއެ މްގެ މައްސަލަތައް؟ ކޮބާ އިކުރާ މް

The name is already taken The name is available. Register?

ނާބީން

07 July 2020

މިސަރުކާރު މިހާތަނައް ފެއިލް ވެފައިވަނީ އަންހެނުންގެ ސަބަބުން ސިދާތާ މިނިސްޓަރ އާތިފާ މިނިސްޓަ މިހާރު އޭސީސީ ވެސް ދުޗަސްދިޔައީ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

07 July 2020

ތިޔާއީ ޒަމާނަށް ނުފެތޭ ކަހަލަ ބަހަނާއެއް.އަދި އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ޒަމާނެއްގަ ކުރި މަލާމާތެއް.އަންހެން ކަނބަލުން އެއީ ކުޅަދާނަ ބައެއް.އެމީހުންނަށް ކުރެވޭނެ.އެމީހުން ކުރާނެ.ދުނިޔޭގެ ތާރީހް ހެކިދޭ އަންހެން ކަނބަލުން އެއީ ވަރަށް މޮޅަށް ގައުމުތައް ހިންގާފަ ހުރި ބައެއް.

The name is already taken The name is available. Register?

މުރާސިލް

07 July 2020

ތިކަހަލަ ތަންތަނައް އަނހެނަކު ލުމަކީ ތަން ފެއިލްވުމުގެ އަސްލު ހީވާގި ފިރިހެން ނިކަން ލާބަލަ

The name is already taken The name is available. Register?

ދޮން މަނިކު

07 July 2020

އޭސީސީ އެކަނިތަ ލަހީ... މިގައުމުގެ މުއައްސަސާތަކަށް ޑިޕްރެޝަން މައްސަލަތަކެއް އުޅޭހެން ހީވަނީ. ކަސްރަތުކުރުވައި އެކްޓިވް ކޮއްލާނެ މީހަކު ނެތީތަ؟

The name is already taken The name is available. Register?

ދޮންކަލޯބެ

07 July 2020

ނުފޫޒަށް ނުގުޑީމާ ވީގޮތް. ވަރަށް ވާހަކަ

The name is already taken The name is available. Register?

ސޮބުރީ

07 July 2020

ތިއުޅެނީ ލަސްވެގެނެއްނޫން ތިއުޅެނީ ތިމާމެން ބޭނުންވާ ކަމެއް ބޭނުންގޮތަކަށް ނުނިންމިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454