ދައްކާނެ ވާހަކައެއް ނެތި، މައްސަލަތައް ހައްލުވީތަ؟

ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވަނީ ހަމައެކަނި ބޭރުގެ ގައުމުތަކަކުންނެއް ނޫނެވެ. އެއީ ދިވެހިން ކޮންމެ ދުވަހަކު ވެސް ތަޖުރިބާކުރަމުން އަންނަ ހަގީގަތެކެވެ. އަދި އަސާސީ ބައެއް ހައްގުތައް ނިގުޅައިގެންފައިވުމަކީ ވެސް ދައްކާ ދޮގު ވާހަކައެއް ނޫނެވެ. މި ކަންކަމާ ދެބަސްވަނީ ސަރުކާރުންނެވެ.


ރާއްޖެއާ މެދު ފިޔަވަޅު އަޅަން ކޮމަންވެލްތުން ދިން ފަހު އިންޒާރާ އެކު، އެކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ. ޝަރުތެއް ނެތި މަޝްވަރާ އަށް ވެސް އެއްބަސްވި އެވެ. އެކަމަކު ކެބިނެޓުގެ ކުއްލި ނިންމުމަކުން ރާއްޖެ މިވަނީ ކޮމަންވެލްތުން ވަކިވެފަ އެވެ. އެއީ މިހާރު ސަރުކާރުން ދަންނަ ޖަމާއަތެއް ނޫނެވެ.

އެ ޖަމާއަތުން ކުރިމަތިކުރުވި ޕްރެޝަރުތަކުން ރެކެން ސަރުކާރުން ހޯދީ ފަސޭހަ އަދި އަވަސް ހައްލެކެވެ. ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް، މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދާކަށް މިހާރު ނުޖެހޭނެ އެވެ. އެ ޖަމާއަތުން އެކަހަރިވުމާ އެކު ގައުމުގައި ހުރި މައްސަލަތައް ހައްލުވީ ހެއްޔެވެ؟ ޕާޓީތަކާ އެކު އިށީނދެ ދައްކަން ޖެހޭ ވާހަކައެއް ވެސް ނެތީ ހެއްޔެވެ؟

އިސްލާހު ކުރަން ސީމެގުން ހުށަހެޅި ކަންކަން:

- ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުން. - ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުން. - ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުން. - ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުން. - މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން. - ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދިނުން.

މަޝްވަރާ އަށް ވީނުވީއެއް ނޭނގެ!

ރާއްޖެއާ ގުޅޭ ގޮތުން ކޮމަންވެލްތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން، ފަށަން އުޅުނު މަޝްވަރާތަކަށް ވީނުވީއެއް މިހާރަކު ނޭނގެ އެވެ. ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ އެކު، ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ނޫސްވެރިންނަށް މަޝްވަރާއާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ހާމަކުރިއަސް އެކަމާ ގުޅޭ ގޮތުން މިހާރު މާ ގިނަ ވާހަކައެއް ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުދައްކަވަ އެވެ.

މަޝްވަރާއާ މެދު ސަރުކާރުގެ ވިސްނުން ޕާޓީތަކަށް ވެސް ސާފެއް ނޫނެވެ.

ކޮމަންވެލްތުން ވަކިވި ފަހުން މަޝްވަރާއާ ގުޅޭ އެއްވެސް ކަމެއް މި ޕާޓީއަށް އަންގާފައެއް ނެތް. ސަރުކާރުން ކަންކަން ކުރާ ގޮތަކީ، ސިޔާސީ ލީޑަރަކު މަޝްވަރާކުރަން ޖެހެޔޭ ވިދާޅުވެއްޖިއްޔާ ޖަލަށް ލަނީ، ބޭރުގެ ޖަމާއަތަކުން ގޮވާލައިފިއްޔާ އެ ބަޔަކާ ގުޅުން ކަނޑާލައި އެކަހެރި ވަނީ. --އަލީ ނަޒީރު

މަޝްވަރާތަކުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ޑރ. މުހައްމަދު ޝައިނީ އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ހުންނެވީ ކުރު ޗުއްޓީއެއްގަ އެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ އެވެ.

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް މަޝްވަރާކޮށްގެން ކަންކަން ހައްލުކޮށް، ޝައިނީ ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން އޮތީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދޭން ކެތްމަދުވެފަ އެވެ. އެކަމަކު ކޮމަންވެލްތުން ވަކިވުމާ އެކު، ސަރުކާރުން ދެއްކި މި ވާހަކަތައް ދެކޮޅެއް ނުޖެހެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޝަރުތަކާ ނުލައި މަޝްވަރާ ކުރަން ކޮމަންވެލްތުން ގޮވާލީ އދ. އިން ކުރިއަށް ގެންދަން އުޅުނު މަޝްވަރާ ވެސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާ އެކު ކަމަށެވެ. ޕާޓީތަކާ އެކު މި ފަހަރު މަޝްވަރާ ކުރިއަށް ގެންދާނީ އދ. ގެ މަންދޫބާ އެކު ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އޭގެ ހަގީގަތެއް އަދި މަޝްވަރާ ބާއްވާނެ ކަމެއް ވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީތަކަށް އދ. އިން އަދި ނާންގާ ސަރުކާރުން މަޝްވަރާ ކުރަން އުޅޭ ކަމަކަށް. އަޅުގަނޑުމެންނަކަށް މިހާރު ޔަގީނެއް ނޫން މަޝްވަރާ ކުރާނެ ކަމަކަށް ވެސް. އެއީ، އެކަމަށް އެންމެ ބޮޑަށް ބާރު އެޅި ޖަމާއަތުން ވެސް މިއޮތީ ވަކިވެފައި،" ޝިފާޒް ވިދާޅުވި އެވެ.

މައްސަލަތައް ހައްލުކުރަން ލިބުނު ފުރުސަތުގެ ބޭނުން، ޝިފާޒް ވިދާޅުވި ގޮތުގައި، ސަރުކާރަކުން ނުހިފި އެވެ. އޭގެ ބަދަލުގައި، އެ ހުށަހެޅުންތައް ބޮލާލައި ޖަހައި ސަރުކާރުން އިހްތިޔާރުކުރީ ދެން ވެސް އޮތް އެންމެ ގޯސް މަގު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާހުވުމުގެ ބަދަލުގައި ސަރުކާރު ހައްދުފަހަނައަޅައިދާ މަންޒަރު މި ފެންނަނީ. ސިޔާސީ އެއްވެސް ލީޑަރަކަށް މިނިވަންކަމެއް ނެތް. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމާ ބެހި، ޖުޑިޝަރީ ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގެ ނިޒާމް ވެސް މިދަނީ ނެތިކޮށްލަމުން،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނިގޮތުގައި ޝަރުތެއް ނެތި މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު، ޝަރުތަކަށް ފަހު ޝަރުތެއް ސަރުކާރުން ކުރިމަތި ކުރުވީ އެވެ. މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމަކީ އެ ޕާޓީއެއްގެ އަމިއްލަ ނިންމުމަކަށް ވާއިރު އެކަމަށް ވެސް ސަރުކާރުގެ ނުފޫޒު ވައްދަން ސިޓީ ފޮނުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ފޮނުވަން ޖެހޭނީ އެ ޕާޓީއެއްގެ ކައުންސިލް ބާއްވައި ކައުންސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ކަމަށް ބުނެ ރައީސް އޮފީހުން ޕާޓީތަކަށް އެންގި އެވެ. އެގޮތަށް ސަރުކާރަށް ނޭންގޭނެ ކަމަށް ގިނަ ޕާޓީތަކުން ގަބޫލުކުރާއިރު، މި ނިންމުން އަމާޒުކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރި ނުކުރަން ވެގެން ކަމަށް ބެލެވެ އެވެ.

މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އެއީ ސަރުކާރުން ކުރިމަތިކުރުވި ފުރަތަމަ ޝަރުތެވެ. ދެ ވަނަ ޝަރުތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން އެންގުމެވެ. އެ ގޮތަށް ދެ ޕާޓީ އަށް އެންގީ ޕާޓީތަކުން ހުށަހަޅާ މަންދޫބުންނާ އެކު ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން އެއްބަސްވުމަށް ފަހު އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް ކަމަށެވެ. މަޝްވަރާ އަށް ޕާޓީތަކަށް ގޮވާލުމަށް ފަހު، ދެން ކަން ކުރާ ގޮތުން އެކަން ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމަންވެލްތުން ވަކިވި ފަހުން މަޝްވަރާއާ ގުޅޭ އެއްވެސް ކަމެއް މި ޕާޓީއަށް އަންގާފައެއް ނެތް. ސަރުކާރުން ކަންކަން ކުރާ ގޮތަކީ، ސިޔާސީ ލީޑަރަކު މަޝްވަރާކުރަން ޖެހެޔޭ ވިދާޅުވެއްޖިއްޔާ ޖަލަށް ލަނީ، ބޭރުގެ ޖަމާއަތަކުން ގޮވާލައިފިއްޔާ އެ ބަޔަކާ ގުޅުން ކަނޑާލައި އެކަހެރި ވަނީ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ އަމަލުތަކަށް މުޅި ދުނިޔޭގެ ލޯ އަމާޒުވެފައި އޮތް އިރު، ކޮމަންވެލްތުން ވަކިވެ، މަޝްވަރާ އިން ސަރުކާރަށް ރެކެވޭކަށް ނެތެވެ. އަދި ހުރިހާ ގުޅުންތަކެއް ކަނޑާލައި އެކެހަރި ގައުމެއްގެ ގޮތުގައި ވެސް ކުރިއަކަށް ނުދެވޭނެ އެވެ.

"ނުފޫޒު ގަދަ އެތައް ގައުމުތަކަކުން ވެސް ތަކުރާރުކޮށް އެ ދަނީ ގޮވާލަމުން މައްސަލަތައް ހައްލުކުރަން. މަޝްވަރާނުކޮށް ފިލަން އުޅުނަސް ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހުރިހާ އަމަލުތަކަކާ އެކު އަދިވެސް އަޅުގަނޑުމެން މިތިބީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ތައްޔާރަށް."

ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން!

މަޝްވަރާއާ މެދު ސަރުކާރުގެ ވިސްނުން ހުރި ގޮތެއް ނޭނގޭއިރު، އެ މަޝްވަރާތައް ކުރިއަށް ގެންދަން އުޅުނުު ގޮތުން ވެސް ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އަނެއްކޮޅުން، ޕާޓީތަކުން ހުށަހަޅާ ހުރިހާ ކަމަކަށް ސަރުކާރު ދޫނުދޭނެ ކަން ވެސް ކުރިން ބާއްވަން އުޅުނު މަޝްވަރާތަކުން ސާފުކޮށް އޮތީ ފެންނާށެވެ.

އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާއެއްގައި ދެ ޕާޓީގެ މެމްބަރުން --ފޮޓޯ:އަދާލަތު ޕާޓީ

މިފަހަރު ވެސް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ޝަރުތުތަކެއް އެބަ ހުއްޓެވެ. ހުރިހާ ޕާޓީތަކެއްގެ އެންމެ ބޮޑު އަމާޒަކީ މަޝްވަރާ އިން ސިޔާސީ ލީޑަރުން މިނިވަން ކުރެވޭނެ ގޮތެއް ވުމެވެ. އެކި "މަޅިތަކުގައި ބައްދާފައި" ތިބި ލީޑަރުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ މަގެއް ފަހިވުމެވެ. މީގެ ތެރޭގައި ގިނައީ ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައިވާ ބޭފުޅުންނެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މިއީ މަޝްވަރާގެ މޭޒުން ހައްލު ހޯދޭނެ މައްސަލަތަކެއް ނޫނެވެ. އެއީ، ތިން ބާރު "ވަކިވެފައިވާ" ނިޒާމެއްގައި، ޖުޑިޝަރީގެ ނިންމުންތަކަށް ސަރުކާރަށް އަތް ބޭނެން ނޯންނާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކަންކަމަށް ބަލާއިރު، މަޝްވަރާ އަށް މިހާރު ކަނޑައަޅާފައި އޮތް ފޯމިއުލާއަކުން ލިބޭނެ ހައްލެއް ނެތެވެ. މަޝްވަރާތައް ކާމިޔާބުވުމަށް ވުރެ ގާތީ ފެއިލްވުމާ އެވެ.