ރިޕޯޓް / ކޮވިޑް-19

ކޮންޓެކްޓް ޓްރޭސިން: މިހާރު އެންމެ ބުރަ، އުނދަގޫ ކަންތައް

ލޮކްޑައުނަށް ދިން ލުއިތަކަށްފަހު، ބަޔަކު އިށީންދެލައިގެން: ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އޭޕްރީލް މަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށިއިރު، ބަލި ޖެހޭ މީހުންނާއި އެ މީހުންނާ ދިމާވި އަދި ގުޅުން އޮތް މީހުން ދެނެގަންނާކަށް މާ ބޮޑު ގޮންޖެހުމެއް ނެތެވެ. އޭރު މާ ބޮޑަށް ބަލި އާއްމުވެފައި ނުވާތީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މީހުން ހޯދާކަށް އުނދަގުލެއް ނޫނެވެ. ބަލި ދެކެ ޖެހިލުންވެ، ކިރިޔާ އަލާމާތެއް ފެނުނަސް ރިޕޯޓު ކުރާ މީހުންގެ އަދަދު ގިނަ އެވެ.

އެކަމަކު އާއްމުންގެ ތެރޭގައި ބަލި ފެތުރެން ފެށިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވި އިރު ބަލި މީހުންނާއި އެ މީހުންނާ ދިމާވި މީހުން ހޯދުމުގައި ބުރަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ޖެހިފަ އެވެ. ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި އުޅެނީ މަދު ބައެކެވެ. އެއަށް ވުރެ ބޮޑަށް އެ މީހުންނަށް ކުރިމަތިވެފައިވަނީ މައުލޫމާތު ނުދިނުމާއި ސައްހަ މައުލޫމާތު ލިބުމުގެ އުނދަގުލާ އެވެ.

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު، މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ ބިދޭސީންގެ ތެރެއިންނެވެ. ބަލިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރި އިރު، މި ބަލި އެންމެ ގިނައިން ފެނުނީ ވެސް ބިދޭސީންގެ މެދުގަ އެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ބަލި ފެތުރެމުން ދިޔައިރު، އެ މީހުން ގައިން ފެންނަ އަލާމާތްތަކާއި ދިމާވި މީހުންނާއި ދިޔަ ތަންތަނުގެ މައުލޫމާތު ދޭން އޭރު އެ މީހުން ވަރަށް ބޮޑަށް ފަސްޖެހުނެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވީ، ބިދޭސީންގެ ތެރޭގައި ގިނަ އަދަދަކަށް ގަވައިދާ ހިލާފަށް އުޅޭ މީހުން ހިމެނޭތީ، އެ މީހުންގެ މައުލޫމާތު އެނގި، ފިޔަވަޅު އަޅާފާނެ ކަމުގެ ބިރެވެ.

މާރުކޭޓުގައި ބަޔަކު ހަރަކާތްތެރިވަނީ: ބިދޭސީންނަށް ވުރެ ކޮވިޑް ޖެހޭ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ކޮންޓެކްޓް ޓްރޭސިންގައި އޭރު އެއީ ބޮޑު ގޮންޖެހުމެއް ނޫނެވެ. އެ މީހުން އާއްމުކޮށް ދިރިއުޅެނީ އެއް ތަނެއްގައި ކަމަށް ވެފައި، އަދި އާއްމުކޮށް ގޮސް އުޅުނީ ވެސް އެއް ތަނަކަށް ކަމަށް ވުމުން، އޭގެ ބޭރުން ބަލި އެހެން ބަޔަކަށް ފޯރުމުގެ ފުރުސަތު އޭރު ކުޑަ އެވެ. އަދި އެ ދުވަސްވަރު މާލެ ލޮކްޑައުންކޮށްފައި އޮތުމުން، އެ މީހުންގެ ފަރާތުން ގިނަ ބަޔަކަށް ބަލި ޖެހޭނެ ކަމުގެ ކަންބޮޑުވުމެއް ވެސް ނެތެވެ. އެކަމަކު ބަލި ޖެހޭ ދިވެހިންގެ އަދަދު މިހާރު އިންތިހާއަށް އިތުރުވުމުން، ދިމާވެފައިވާ މީހުން ހޯދުމުގައި ސައްހަ މައުލޫމާތު ނުލިބުމަކީ ބޮޑު ގޮންޖެހުމެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބާއްވާ އެކި ޕްރެސް ކޮންފަރެންސްތަކުގައި، މިކަމުގެ ކަންބޮޑުވުން އެކި ފަހަރު މަތިން ވަނީ ފާޅުކޮށްފަ އެވެ.

ބައްޔަށް ހުށަހެޅުނު ގޮތް ބުނާކަށް ބޭނުމެއް ނޫން

ދޮޅު މަސް ދުވަހުގެ ލޮކްޑައުންއަށް ފަހު ލުއިތަކެއް ދިން ނަމަވެސް، ބަލި ފެތުރުން އިތުރުވުމާ އެކު ހަރުކަށި ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅައިފަ އެވެ. ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑުގެ ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ އުޅުން މަނަ އެވެ. އެކަމަކު އޮފީސްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތައް ހުޅުވައި ހިދުމަތް ދެމުން އަންނައިރު، ބޭނުމެއް ނެތް ގޮތުގައި ވެސް އާއްމުންނަށް މަގުމައްޗަށް ނިކުމެ އުޅެވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވި ގޮތުގައި އާއްމު ގޮތެއްގައި ބަލި ޖެހެނީ، ކޮންމެވެސް ގޮތަކަށް އެ ބައްޔަށް ހުށަހެޅޭ ގޮތަށް އަމަލު ކުރެވިގެންނެވެ. މާސްކް ނާޅައި އުޅެގެން ނުވަތަ ޕާޓީއެއް ނުވަތަ އެފަދަ އެއްވުމެއްގައި ބައިވެރިވެގެންނެވެ. އެހެންވެ، ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ހޯދާއިރު އެކަމަށް އެއްބަސްވާން ނުވަތަ އެ މައުލޫމާތު ދޭން ބައެއް މީހުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ފުރަތަމަ ދޭ މައުލޫމާތާއި، އެހެން ގޮތަކަށް އެކަން އެނގިގެން ދެ ވަނަ ފަހަރަށް ގޮސް އަހައިގެން ދޭ މައުލޫމާތު ތަފާތެވެ. ވަކި ބަޔަކާ ބައްދަލުވި ކަމެއް، ނުވަތަ ގެއަށް ބަޔަކު އައި ކަމެއް ފުރަތަމަ ބުނާކަށް ބޭނުމެއް ނުވެ އެވެ. ގިނަ މީހުން އެކަން ކުރަނީ، ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، އެކަމުގެ ތެރެއަށް އިތުރު ބަޔަކު ވައްދައި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަން ބޭނުން ނުވާތީ އެވެ. އެކަމަކު މި ބަލީގައި އެންމެންނަށް ވެސް ފައިދާ ބޮޑު ވާނީ ވީހާވެސް ތެދަށް މައުލޫމާތު ހާމަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގަނޑު މާލޭގެ މަގެއް: ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"އޭރުން އަޅުގަނޑުމެންނަށް އިނގޭނީ އެއް ކޭސް އަނެއް ކޭސްއާ ގުޅުވަން ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮންޓެކްޓް ޓްރޭސިންގައި ރަނގަޅު މައުލޫމާތު ނުދޭ ނަމަ، ޕޮޒިޓިވްވި މީހަކާ ދިމާވި ނަމަވެސް އެ މީހެއްގެ ފޮލޯއަޕެއް އެޗްޕީއޭއަކުން ނުހަދާނެ އެވެ. އޭނާއަށް ބަލި ޖެހުނުތޯ ނުވަތަ ނޫންތޯއެއް ނުބަލާނެ އެވެ. އެހެންވެ، އެ މީހަކަށް ބަލި ޖެހިއްޖެ ހާލަތެއްގައި ވެސް އެ ބަލާނީ ވަކި ކްލަސްޓާއެއްގެ ގޮތުގަ އެވެ. އެކަމަކު އެންމެ ރަނގަޅު މައުލޫމާތު ލިބިގެން، ކޮންމެވެސް ދިމާއަކުން ގުޅިގެން ދާއިރު ގިނަ ފަހަރަށް ފެންނާނީ ބޮޑު ކްލަސްޓާއެކެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެންމެ މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެތައް ބަޔަކާ ގުޅަން ޖެހޭ ކަމަށާއި އަދި އެ ހުރިހާ މައުލޫމާތެއް ޑޭޓާ ގޮތުގައި ރައްކާކުރާ ކަމަށެވެ. އެކަމަކު މައުލޫމާތު ފުށުއެރުމުން އެ ހުރިހާ މަސައްކަތެއް ވަނީ ބޭކާރެވެ. އަދި ދެ ވަނަ ފަހަރަށް އެ މަސައްކަތް ކުރަން ޖެހޭއިރު ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންޓެކްޓް ޓްރޭސިންގައި މިހާރު ހަރަކާތްތެރިވަނީ 100އެއްހާ މީހުންނެވެ. ލޮކްޑައުންކޮށްފައި އޮތް އިރު، ގިނަ ބަޔަކު ވޮލަންޓަރީކޮށް މަސައްކަތް ކުރި ނަމަވެސް އަލުން އޮފީސްތައް ހުޅުވުމާ އެކު އެ މަސައްކަތަށް ނުކުންނަ މީހުންގެ އަދަދު މަދުވީ އެވެ. މިއީ ވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

މީހަކު ޕޮޒިޓިވްވުމަކީ އޭނާ ކުށްވެރިވާން ޖެހޭ ސަބަބެއް ނޫން. އެހެން އަޅުގަނޑުމެން ނުދެކެން. އެހެންވެ، މައުލޫމާތު ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް

"ދެން ވިސްނަވާ ލައްވާ މިފަދަ ދަނޑިވަޅެއްގައި، ރަނގަޅު މައުލޫމާތު ނުލިބިގެން، ކޮންޓެކްޓް ޓްރޭސިން ދިގުލައިގެންދާނެ ގޮތް. އަޅުގަނޑުމެންގެ އަމާޒަކީ 24 ގަޑިިއިރުގެ ތެރޭގައި މީހެއްގެ ކޮންޓެކްޓް ޓްރޭސް ކުރުން ނަމަވެސް އެކަން އެބަ ދިގުލައިގެންދޭ ދެ ދުވަހަށް ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ފަހަރަށް މީހުން ދޭ މައުލޫމާތު ދިމާނުވެގެން، ފުލުހުން މެދުވެރިކޮށް ވެސް އޭގެ ސައްހަކަން ހޯދަން ޖެހޭ ކަމަށެވެ.

"މީހަކު ޕޮޒިޓިވްވުމަކީ އޭނާ ކުށްވެރިވާން ޖެހޭ ސަބަބެއް ނޫން. އެހެން އަޅުގަނޑުމެން ނުދެކެން. އެހެންވެ، މައުލޫމާތު ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މީހުން ދެނެގަންނަ ގޮތަށް ބޮޑު ބަދަލެއް

ރާއްޖޭގައި އެންމެ ފުރަތަމަ މި ބަލި ފެތުރެން ފެށިއިރު، ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ބަލި މީހާ ބައްދަލުވި ހުރިހާ އެންމެންގެ މައުލޫމާތު ހޯދައި އެއްކުރެ އެވެ. ސީދާކޮށާއި ނުސީދާކޮށް ބައްދަލުވި މީހުން ހޯދަ އެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވުމުން އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިން ހަދާ ގޮތަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ބަލި ޖެހިފައިވާ މީހަކާ ހަ ފޫޓު ދުރުގައި ހުރެގެން ނަމަވެސް ވާހަކަ ދައްކައިފި ނަމަ އެ މީހަކު ބަލަނީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގަ އެވެ. އެކަމަކު ދެ މީހުން ތިބީ މާސްކް އަޅައިގެން ނަމަ އޭގެ ނުރައްކަލެއް ނެތެވެ. އެ މީހަކު ބަލަނީ ލޯ ރިސްކްގެ ގޮތުގަ އެވެ. ނަމަވެސް ރައްކާތެރިކަމުުގެ އެއްވެސް ފިޔަވަޅެއް ނެތި މީހަކާ ދިމާވެއްޖެ ނަމަ އެ މީހަކު ބަލަނީ ކްލޯސް ކޮންޓެކްޓުންގެ ގޮތުގަ އެވެ. ކޮންޓެކްޓް ޓްރޭސިންގައި މިހާރު ހޯދަނީ ކްލޯސް ކޮންޓެކްޓުން އެކަންޏެވެ.

މަގުމަތީގައި ބަޔަކު ވާހަކަދައްކަން މަޑުކޮށްލައިގެން: ބައްދަލުވާ ދެ މީހުން ވެސް ތިބީ މާސްކް އަޅައިގެން ނަމަ، ބަލި ޖެހުމުގެ ފުރުސަތު ކުޑަ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޑރ. އަފްޒަލް ވިދާޅުވީ އެއް ގެއެއްގައި އުޅޭ ހުރިހާ އެންމެން ވެސް ބަލާނީ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ކަމަށެވެ. އެކަމަކު އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހަކަށް ބަލި ޖެހުނު ނަމަވެސް ދެން ތިބޭ މީހުން އޭގެ ތެރޭގައި ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އޮފީހުގައި އުޅޭ މީހަކަށް ބަލި ޖެހިއްޖެ ނަމަ ދެން ތިބޭ މީހުން ވެދާނެ އޭނާގެ ޑައިރެކްޓް ކޮންޓެކްޓަކަށް. އެކަމަކު އެ އެންމެން ވެސް ތިބީ މާސްކް އަޅައިގެން ނަމަ، އެ މީހުން ނުހިމެނޭނެ ކްލޯސް ކޮންޓެކްޓުންގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

"އެމީހުންގެ ކޮންޓެކްޓް ޓްރޭސިންއެއް އަޅުގަނޑުމެން މިހާރަކު ނުހަދާނެ."

މިއީ ކަމުގެ ތަޖުރިބާގެ ތެރެއިން ދަސްކޮށްގެން، ޑަބްލިއުއެޗްއޯގެ ގައިޑްލައިނާ އެއްގޮތަށް ގެނައި ބަދަލެކެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގައި އެންމެ ފައިދާ ހުރި ގޮތަކީ ވެސް އެއީ ކަމަށެވެ. އެއީ ރިސްކް ކުޑަ މީހުން ވަކިކުރުމުން ދެން ސަމާލުކަން ދޭން ޖެހޭ މީހުންގެ އަދަދު މަދުވެ، ފަސޭހަވާނެތީ އެވެ.

މާލެ ލޮކްޑައުންކޮށްފައި އޮތް އިރު، ދިމާވާ މީހުންގެ އަދަދު މަދުވާނެތީ ކޮންޓެކްޓް ޓްރޭސިން ހެދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ގިނަ ހިދުމަތްތަކެއް އަލުން ފެށުމާ އެކު މީހުންގެ ހޭލަމޭލަ އިތުރުވެ، ބަލި ޖެހުނު މީހާއާ ދިމާވި މީހުން ހޯދުމަށް އެތައް ބައެއްގެ ފަހަތުން ދުވެ، އެތައް ތަނަކަށް ވަންނަން ޖެހެ އެވެ. އެކަމަކު މީގައި އެންމެ ނުރައްކާ ބޮޑީ، އިރުޝާދުތަކާ އެއްގޮތަށް މީހުން އަމަލު ނުކުރާތީ އެވެ. މާސްކް އަޅައި، ގައިދުރުކަން ބަހައްޓައި، ގިނަގިނައިން އަތް ދޮންނަ ނަމަ ބަލި ޖެހޭ މިންވަރު ވެސް މަދުކުރެވޭނެ އެވެ. މިކަމުގައި ވެސް އެންމެ ބޮޑީ ފަރުދީ ޒިންމާ އެވެ.

19 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިރު ބެއްޔާ

17 August 2020

ތިޔަ އިދާރާ އަށް ކުރާ އިތުބާރާއި ތިޔަ ފިޔަވަޅުތަކަކީ ރައްޔިތުން ބަލައިގަން ނަން އުދަގޫ ފިޔަވަޅު ތަކަށް ވާތީ ! ކަމާ ނުބެހޭ އެތަށް ބައެއްގެ ދިރި އުޅުން ހަރާބު ވެގެން ގޮސްފި ! އެތަށް މައުސޫމް ފުރާނަ އެއް ދުނިޔެ އާއި ވަކިވެގޮސްފި އެހެން ބަލި ތަކުގައި ! ނެތް ކުރެވޭކަށް އެއްވެސް އިތުބާރެއް ! ތިކަން ވެސް ތަހުގީގު އިދާރާ އަކުން ތަހުގީގު ކޮށްލީމާ އެގޭނީ ތިކަމުގައި ފޮރުވިފައި އޮތް ކަން ކަން !

The name is already taken The name is available. Register?

ޢަހްމަދު

17 August 2020

ތިހެންނެއް ނުވާނެ ބަލިމީހާ އުޅޭ ޝަރަހައްދު ނަމަވެސް އާއްމުކުރާނަމަ ، އެއްވެސް މީހަކަށް މީހަކު ފެންނައިރު ނޭނގެ އެއީ ބަލިޖެހިފަހުރި މީހެއްކަމެއް، އެކަމަކު އެއީ ކާކުކަން ނުވްތަ އެމީހާ ދިރިއުޅޭ ހިސާބެއް އެނގޭނަމަވެސް ދިވެހިން ނުދާނެ އެތާކަށް ، އާއްމުން މިކަހަލަ ކަންކަމުގައި ހޭލުންތެރި ، ދެން ބުނެ ތިމަންނަމެން ބޭރަށް ނުދާށޭ ބުނާއިރުވެސް ދަނިއްޔޭ ، ބަލަ އެންމެންނަކީ ގޭގައި ތިއްބާ އެކައުންޓަށް ފައިސާ ލިބޭ ބަޔެއްނޫން ، ކުރި މަސައްކަތަކުން ފައިސާ ލިބެނީ

The name is already taken The name is available. Register?

ފަރުދު

17 August 2020

ތިމާމެންގެ އުޅުން ހުންނަ ގޮތް އެނގިދާނެތީ ގިނަ މީހުން ލަދުގަންނަނީ. ދެން ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދީގެން ފުލުހުން މެދުވެރިކޮށް މައުލޫމާތު ހޯދަން ޖެހުމުން ލަސްތަކެއް މެދުވެރި ވިޔަސް އެއީ މި ގައުމުގެ ފަރުދުންގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން، އެއީ ތިބޭފުޅުން ޒިންމާ ނަގަންޖެހޭ ކަމެއް. މި ގައުމުގެ ފަރުދުންނަކީ ގޮތެއް ފޮތެއް އުޅުމެއް އެޔެއް މިޔެއް ނޭނގުނަސް މާ ގައްޑާ ބައެއް.

The name is already taken The name is available. Register?

ޖޭމާދޮންތީ ގެ ސާރީ ބޯލޯ

17 August 2020

ބުރަ ކަމަކަށްވީމަ 2 އަތް އުރާލައިގެން ގޭގައި ތިބޭ. (މިއީ އާޓިކަލް ނުކިޔާ ހެޑްލައިނަށް ބަލާފައި ލިޔުނު ކޮމެންޓެއް)

The name is already taken The name is available. Register?

ޢަލިޔާ

17 August 2020

14 ދުވަސް ކަރަންޓީނުވެ، ތިން ހަތަރު ދުވަސް ވާއިރު ނަތީއްޔާ ނުލިބިގެން ގުޅާއިރު ނަގާ ސާމްޕަލްއަށް ވާނުވާ ނޭނގޭ ތަނަކުން ކޮން ކޮންޓްރެކްޓް ޓްރޭސިންއެއްތަ، ހެދޭނީ.. އެޗް.ޕީ.އޭ ގަ މަސައްކަތްކުރާ ކޮއްމެ މީހަކީ ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭ ބައެއް،

The name is already taken The name is available. Register?

ކޮމެންޓޭ1

17 August 2020

ކޮބާ މިއީ އަމީންގެ ޕީއާރު އާރޓީކަލެއްތަ. ކަންކަން ފަޅާ އެރީމަ ކުރަން ޖެހޭ މަސައްކަތުގެ ވަހަކަ ދައްކަނީ. މުސާރަ އާ އިނާޔަތްތަކާއިއެކު މަސްއޫލިއްޔަތާ ހަވާލުވެތިތިބީ ދެން އެމަސައްކަތް ތައް ދިމާވާ މައްސަލަތަކާ އެކު ކުރަންވީ. ނުވަން ޔާ ގެއަށްދާންވީ،

The name is already taken The name is available. Register?

އިހްސާންް

17 August 2020

ކަލޭ ތި ހުންނަނީ ޝައްކު ބަލިން ފޯވެފައިތަ؟ ކަލޭ މޮޔަވެގެން ކުރާނެ ކަމެއް ނޭނގިގެން ކޮމެންޓް ސެކްޝަންގައި އެނބުރުނަސް އެ މީހުން ފާއިތުވި 6 މަސް ދުވަހު ގުދާރު ބިންދައިގެން މި މަަސައްކަތް ކުރުމުގެ ސަބަބުން މި ގައުމު މި އޮތް ހާލަތުގައި މިއަދު މި އޮތީ. ޝުކުރު ކުރަން ނޭނގެންޏާ އަނގަމަޑުން ލައިގެން ހުރެބަލަ، ކޮންފަދަ ކަމެއް

The name is already taken The name is available. Register?

ޖޯން

17 August 2020

ކޮވިޑް19 ގެ ނަމުގައި ހިންގާ ޖަރީމާ ހުއްޓާލުން މުހިއްމު، މިގައުމުގައި މިފެތުރެނީ ކޮރޯނޯކަމާއި މެދު ޝައްކު، އޮޑިޓުންވެސް ހާމަވަނީ ފެތުރުނީ ކޮރަޕްޝަން ކަމައް.

The name is already taken The name is available. Register?

ރިޕޯޓް

17 August 2020

ރިޕޯޓުވެސް ނުކިޔާހެން ހީވަނީ. އޭގައި ނެތް ވައްކަމެއް ކުރި ވާހަކައެއް. އޭގައި ނެތް އެ ތަކެއްޗަކީ ހޯދަން ނުޖެހޭ އެއްޗެއް ކަމަށްވެސް. އޭގައި ގޮތީ ހަމައެކަނި ޑަބްލިއުއެޗްއޯ ރަސްމީ ތައްގަނޑެއް މަދުވި ވާހަކަ. އަދި ބުނަން، އެ ތައްގަނޑު ޖެހި ސިޓީ ނެތަސް، އެތަނުގެ ކަންޓްރީ ރިޕްރެޒެންޓެޓިވް ފޮނުވި އީމެއިލްއެއް އިން ވާޙަކަވެސް އެބައޮތް.

The name is already taken The name is available. Register?

ރައްޔިތު ސޮރު

17 August 2020

އަދިވެސް މިބޮޓުތައް ފޯރި ހުރެއޭދޯ! ކެވިފަ އޮތްއެއްޗެއް އަދިވެސް މަދީތަ؟

The name is already taken The name is available. Register?

ގުދޯ

17 August 2020

ރިޕޯޓަށް ހަވާލާދީ ވައްކަން ކުރި ވާހަކަ އޮތް ތަނެއް ނުދެއްކޭ. ދެން ކަލޭ ތި ވަރު އަރުވަނީ ކޮންކަމަކާ؟ ކޮމެންޓު ސެކްޝަންތައް ހޯދާ ބަލާބަލަ ހެލްތޭ ކިޔައިގެން ކަލޭ ތި ތެޅިބާލާ ގޮތެއް. އެހެންވީމަ އަބަދު ކަލެއަށް ހީވެފައި މި އޮންނަނީ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެއޭ. ރައްޔިތުން އޮޅުވަން ތި ކުރާ މަސައްކަތް ދެންވެސް ހުއްޓާލާ

The name is already taken The name is available. Register?

ޑެބީ

17 August 2020

ރިޕޯޓުގަ ވައްކަން މިބަސް ބޭނުން ނުކުރިޔަސް އެބަ އިނގޭދޯ ވައްކަން ކޮށްފަކަން އޮތީ. ސިޔާސީ މީހުން ތިޖޫރީން ލާރިނަގައިގެނެއް ނޫން ވައްކަން ކުރާނީ. މިރިޕޯޓުން އެބަ އިނގޭ ސިޔާސީ މީހުން ވައްކަން ކުރާ ގޮތް. ދެންވެސް ހެލްތް ކުދިން މިނިސްޓަރު ދިފާއު ކުރަން ނޫޅެ ކޮވިޑު ކޮންޓްރޯލުވޭތޯ އުޅެބަލަ.

The name is already taken The name is available. Register?

ބުރަ ލޮޖިކް

17 August 2020

ބުރަވަނީ ބުރަވާ ގޮތަށް ކުރާތީ. ލޮޖިކަލް ގޮތަކަށް ކޮށްގެން ވާނީ. މަށަކަށް ވެސް ނޭނގެ ލޮޖިކަލް ގޮތެއް. އެކަމަކު ތި މީހުނަށް މުސާރަ އާއި އިނާޔަތް ދީފަ ތި ތިބީ އެމަސައްކަތް ކުރަން ދޯ؟ އެކަމަކު ދިވެހިންގެ ތެރޭގައި ބަލި އެހާ ބާރަށް ފެތުރޭ އިރު 10 އިން 5 އަށް ނޫން ގަޑިތަކުގަ ހަމަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފަ، ކޮންޓްރޯލްކޮށްފަ އޮތް ގައުމުތަކުން އަންނަ މީހުން ކަރަންޓީނުކުރުމަކީ ވަރަށް އިލޮޖިކަލް ކަމެއް.

The name is already taken The name is available. Register?

އަޖައިބު 1

17 August 2020

ކޮބާ ފަރުދީ ޒިންމާ؟ ކޮންމެ ރައްޔިތެއް ފަހަތަށް އެޗްޕީއޭ މީހަކު އިލޮށިފަތި ހިފައިގެން ލާންވީ ދެން؟

The name is already taken The name is available. Register?

ފީފަންކާ

17 August 2020

ތެދު މައުލޫމާތު ދިނީމާ ކަންތައް ކުރަނީ ކިހިނެއް؟ ޢެތައް ދުވަހެއް ވާއިރު ޕޮސިޓިވްމީހަ ނުގެންދެވޭ. ޢާއިލާއެއް އެއްކޮށް ޕޮސިޓިވް ވީމަވެސް އެއީ ފަރުދީ ޒިންމާދޯ

The name is already taken The name is available. Register?

ރައްޔިތު ސޮރު

17 August 2020

އުނދަގޫ ވިޔަސް ކީއްތޯ ކުރާނީ، އަދުރޭ ބުނީ އަދަދުތައް ގިނަކަމަށް ދައްކަނީ ބިރުދައްކަން ވެގެންނޭ، މުޒާހަރާ ކުރަންވާނެއޭ. ނޭނގެ ތި މުޒާހަރާ ކޮށްފައި ދިޔަ ބައެއްގެ ސަބަބުން އަދަދުތައް ދެ ގުނަ ތިން ގުނަ ހަތަރު ގުނަ ނުވާކަމެއްވެސް. އެހެންޏާ، ބައްދަލުވާ ކޮންމެ މީހަކު އަނެއްކާ އިތުރު އެތައް ބަޔަކާ ދިމާވެ ހެސްކިޔާފަ މަލްޓިޕްލައި ވަމުން ގޮއްސަ ހުންނާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454