މާލޭ އުތުރު ބަނދަރުގައި އަޅާފައިވާ ބޯޓުތަކެއް. ދަތުރުފަތުރުގެ މިނިޒާމުގެ ތެރެއިން އަތޮޅުތަކަށް ކޮވިޑް ފެތުރުމުގެ ނުރައްކާ ބޮޑު
06 ސެޕްޓެމްބަރ 2020 - 10:17
ކޮވިޑްގެ އަލާމާތްތައް ހުރެގެން ގއ. ހޯޑެއްދޫން ދެ މީހަކު ޓެސްޓްކުރި އިރު ބައްޔަށް ފޮޒިޓިވްވުމާ އެކު، އެމީހުންނާ ގުޅުން ހުރި 36 މީހެއްގެ ޓެސްޓް ވެސް ހެދި އެވެ. ނަތީޖާ އައީ އޭގެ ތެރެއިން 19 މީހުން/ކުދިން ޕޮޒިޓިވް ކަމަށެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކަންބޮޑުވުމެއް ނަމަވެސް ރޭ އެތަނުން ބުނީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް ކަމަށެވެ.
ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ނުބަލާ ސަބަބެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯޑެއްދޫގެ ކޭސް ބިނާވަނީ އެއް ކްލަސްޓާއެއްގެ މައްޗަށް ކަމަށް ވުން ކަމަށެވެ. އެރަށުގައި އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ވަކިވަކި ކޭސްތަކެއް އަދި ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ކަމަށް ބެލެވޭނީ ގުޅުމެއް ނެތް ކޭސްތައް އިތުރަށް ފެންނަ ނަމަ އެވެ.
"އިތުރު ކޮންޓެކްޓްސްއާ އިތުރު ރެންޑަމް ސާމްޕްލިން އިން އިތުރު އަންލިންކްޑް ކޭސަސް ވަރަށް ބައިވަރު ފެނިއްޖެ ކަމަށް ވަންޏާ ދެން އަޅުގަނޑުމެންނަށް ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ކަމަށް ބެލެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ ކޮންޓެކްޓުން ކަމަށް ބަލަން ދުނިޔޭގައި ގެންގުޅޭ މިންގަނޑުތަކަށް ފެތޭ ގޮތަށް ރާއްޖޭގެ އަތޮޅުތަކުގައި އެ ބަލީގެ ކޭސްތައް ފެނުން ނާދިރެވެ. ރަށްރަށުގައި އިޖުތިމާއީ ގުޅުންތައް އޮންނަ ގޮތުން ދެ ދުވަސް ނުވަތަ ތިން ދުވަސް ހޭދަވެގެންދާ އިރު ރަށުގެ އެހެން ކޮންމެވެސް ބަޔަކާ ބައްދަލުނުވެ ދިއުން ދުރެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނާއި އެމީހުންނާ ބައްދަލުވި މީހުންގެ ކަންތައް ވެސް، ހުންނާނީ އެ އުސޫލަށެވެ. އޭގެ މާނައަކީ ރަށުގެ އެންމެން ވެސް އެކި ގޮތް ގޮތްގޮތުން އެކަކު އަނެކަކާ ގުޅިފައި ވުމެވެ. އެހެންވީމާ އާބާދީ މާ ބޮޑު ނޫން ރަށްރަށުގައި ކްލަސްޓާ ކަނޑައަޅާ ނަމަ މުޅި ރަށަކީ އެއް ކްލަސްޓާއެއް ކަމަށް ބެލިދާނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދުއަށް ކޮވިޑް-19 ދިޔަ ސޯސް މިވަގުތު ފެނިފައި ނެތް ނަމަވެސް އެރަށަށް ބަލި ދާނީ މާލޭން ކަމަށް ވާތީ އެ ސޯސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ ހަގީގަތުގައި ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެކެވެ. ހޯޑެއްދޫގައި ގާތްގަނޑަކަށް 1،200 މީހުން އުޅެ އެވެ. އެ ވަރުގެ ކުޑަ އާބާދީއެއްގައި އެންމެން ވެސް އެކަކު އަނެކަކު ދަނެ އެވެ. ރަށުގެ އެކި މީހުން ދަތުރުކުރާ ރަށްރަށް ވެސް ރަށުގެ އެހެން މީހުންނަށް އޮންނާނީ، އާންމުކޮށް، އެނގިފަ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހަދާފައިވާ އުސޫލުތަކުގެ ސަބަބުން މާލެއިން ބަޔަކު ރަށަށް ގޮސް އައިސް އުޅުމަކީ ނޭނގި ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ހޯޑެއްދުއަށް ނުވަތަ އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް ބަލިފެތުރިދާނެ އެތައް ގޮތްތަކެއް އެބަ ހުއްޓެވެ. ރާއްޖޭގައި ކޮވިޑް ފެތުރިފައި އޮތީ ހަމައެކަނި މާލޭގައި ކަމަށް ބަލާ ބެލުމަށް ބައެއް މީހުން އިތުބާރު ނުކުރަނީ ވެސް އެހެންވެ އެވެ.
ބަލި ފެތުރިދާނެ އެންމެ ގާތް ގޮތަކީ ދަތުރުފަތުރުގެ ނިޒާމެވެ. އޮގަސްޓްމަހުގެ ފަހު ހަފްތާގައި އެޗްްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެތައް ބަޔަކަށް ކޮވިޑް ޖެހުނު އިރު އޭގެ ތެރޭގައި އެންމެ ގިނައީ އެއާޕޯޓް މުވައްޒަފުންނެވެ. މިހެން ކަން އޮތް އިރު، މަތިންދާބޯޓް ކްރޫއިންގެ ތެރޭގައި ވައިރަސް ނުފެތުރޭނެކަން ޔަގީންކަމާ އެކު ކަށަވަރުކުރެވޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ބަލިން ރައްކާތެރިވާން ބޭނުންކުރާ ވަސީލަތްތަކާ އެކު އެކަން 100 ޕަސެންޓަށް ކަށަވަރުކުރެވޭ ނަމަ އެއާޕޯޓް ސްޓާފުން ބައްޔަށް ޕޮޒިޓިވް ވުން ދުރެވެ. އެކަމަކު އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން ތިބެނީ އެއާޕޯޓްގައި ކަމަށް ނުވާތީ، އެ މީހުން އާންމުކޮށް ދިރިއުޅޭ މާހައުލުން ވެސް، ބަލި ފެތުރުން ވަރަށް ކައިރި އެވެ.
އަތޮޅުތަކާ މާލެއާ ދެމެދު އޮތް އަނެއް ގުޅުމަކީ ކަނޑުބޯޓްފަހަރެވެ. އެބޯޓްތަކުގެ ފަޅުވެރިން މާލޭގެ ވަކި ސަރަހައްދަކުން ބޭރަށް ނުގޮސް ތިބޭނެ އިންތިޒާމް ވެސް ހަމަޖެއްސީ ދާދި ފަހުންނެވެ. އޭގެ ކުރީގައި އޮތް ގޮތުން ބޯޓްފަހަރުގެ ފަޅުވެރިންނަށް މާލޭގެ ބާޒާރުމައްޗަށް ވެސްް ދެވެ އެވެ. އެކަން އެގޮތަށް އޮތް އިރު މާލޭގައި ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތު ވެސް ގޯހެވެ. އެހެންވީމާ ފަޅުވެރިންގެ ފަރާތުން އަތޮޅުތަކަށް ބަލި ނުގޮސް އޮވެދާނެ ކަމަށް ބެލެވޭނެ ޖާގައެއް ވެސް ނެތެވެ.
ހޯޑެއްދޫގެ ކޭސްތަކާ މާލެއާ ގުޅޭ ހިސާބެއް ނުހޯދިއްޖެ ނަމަ އެއީ ނުރައްކަލުގެ ރަނގަބީލެކެވެ. އެރަށަށް ބަލި ފެތުރިފައި ވާނީ ރަށުން އެހެން ތަނަކަށް ދަތުރުކުރި ކޮންމެވެސް ބަޔަކު ނުވަތަ އެރަށަށް ޒިޔާރަތްކުރި ކޮންމެވެސް ބައެއްގެ ފަރާތުން ކަމަށް ވުމެވެ. އެގޮތަށް ކަންތައް ވާނީ އެބަޔަކު ދިޔަ ރަށެއްގައި ވެސް ބަލި އުޅޭ ނަމަ އެވެ. އެހެންކަމުން ރަށްރަށުގައި ވެސް ކޮމިޔުނިޓީ ސްޕްރެޑެއް ފެތުރިފައި އޮވެދާނެކަމުގެ ކަންބޮޑުވުން އެތައް ބަޔަކަށް އެބަ އޮތެވެ. ތަހުގީގުކޮށް، ވީހާވެސް ރަނގަޅަކަށް ހޯޑެއްދޫ މައްސަލަ ބަލަން ޖެހެނީ، ކޮވިޑް-19އާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އިތުރު ވިސްނުންތައް ބޭނުންވާ ކަމަށް ފެންނާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Zulfigar
06 September 2020
އެޑިއުކޭޝަން މިނިސްޓަރު ކައިރީ ކޮންމެސް މީހަކު ބުނެބަލަ 2 ހަފްތާއިން 2 ހަފްތާއިން ނުކިޔާ އަހަރުގެ ބާކީބައި އޮންލައިންކޮށް ކިޔަވާދޭން ނިންމާށޭ. ކުދިން ގޮވައިގެން ރަށަށް ދާން ވެއްޖެޔޭ
ތާތި
09 September 2020
މިރަށަށް މިހާރު އެތަށް އާއިލާއެއް މާލެއިން އަތުވެއްޖެ ހަމަ އެކަނި ދަރިންނަށް ކިޔަވަދެން. ބަންދުކުރޭތޯބަލަން ނުހުރެ އަވަހަށް ކިޔެވުން ނުގެއްލުވަ ވޭތޯބަލަން ޗޭންޖުވެލާ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
06 September 2020
ރާއްޖޭގެ މީހުން އުޅޭ ރަށްތަށް ސާފް ދެއްތޮ. ކޮންމެ ރަށެއްގެ މީހުން އުޅޭ އާބާދީ ފިސާރި ސާފް ދެއްތޮ. ހެލްތް އޮތޯރިޓީސްއަށް މުހިންމުތޯ ކޮންމެ ރަށެއްގެ ( ކޮވިޑް ) ނެގެޓިވް ޕޮޒިޓިވް އިގުން؟؟؟؟؟ ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް ޓާސްކްއެށް ގޮތަށް މުޅިރާއްޖެ ޓެސްކޮށް ޕެންޑަމިކް ޑިމޮގްރަފީ ކުރަހާ ސްޓްރެޓެޖީ ބަދަލް ކުރުމުގެ ވަގުތު ނުޖެހޭތޯ ؟؟؟
މުލޭ
06 September 2020
ހޯމް ކަރަންޓީނުގައި ތިބި މީހުން ވަރަށް ބޮޑަށް އިހުމާލު ވެފައި އޮތްކަމަށް ފެނޭ. އެމީން ދޮގުހަދާ އޮޅުވާލަނީ ކަމަށް ގަބޫލުކުރެވެނީ. ތިކަމުގައި ޖިނާއީ ތަހުގީގެއް ވެސް ހިންގަންޖެހޭ.
ނިންނި ނިނާ
06 September 2020
ކަރަންޓީނުގައި ތިބިމީހުންވެ ސް ނިކުމެ އުޅެފަ ހުރީ އަދި ކަރަންޓީނުގަ ތިބި ގެޔައް އެހެންމީހުންވެ ސް ވަދެހެދިކަމަށް ވަނީ ސިއްރުން . އަދި ކަރަންޓީނުގަ ތިބި މީހުން މާލެ އިން ގެންދިޔަ ހަދިޔާ ބަދިޔާ ވެ ސް ބެހިކަމަށް ވޭ .
ނަގިލި
06 September 2020
ބަލި ފެތުރުމުގަ އެއްވެސް އިންތިޒާމުތަކެއްނެތް، އަންނި ޖެޓީއަށް ކައިރިކުރާ އޮޑިދޯނިފަހަރުގެ ފަޅުވެރިންނާ އެހިސާބުގަ އުޅޭ އެންމެނާ ކޮންޓެކްޓްވޭ، އެއްވެސް އުސޫލެއްނެތި އިންތިޒާމެއްނެތި އޮތްތަނެއް އެއީ. އޮޑިފަހަރަށް މުދާ ހިފައިގެންދާ މީހުން އޮޑިފަހަރަށް އަރާ ފަޅުވެރިންނާ ވާހަކަދައްކަންތިބޭ. މިކަންކަން ބަލާނެ ބަޔަކު ނުތިބޭ.
ސިކުނޑި
06 September 2020
މައުލޫމާތު ނުހޯދާ ލިޔުނުކަން ފާހަގަ ކުރެވޭ! ހޯޑެއްދޫގައި ފުރަތަމަ ފައްސިވީ ހޯމްކަރަންޓީނަށް ދިޔަބައެއް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވޭ! އަދި ދެވަނައަށް ފައްސިވީވެސް ކަރަންޓީނަށް ދިޔަ އާއިލާއާއި ގުޅުންހުރި ބައެއް! ފަހުން ފައްސިވި 19 މީހުންނަކީވެސް ގުޅުންހުރި ބައެއް! ރަށްފުށުގެ ދިރިއުޅުމާއި އާދަކާދައަށް ބަލާއިރު އެރަށުގައި މިހާލަތުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަސް ގަބޫލުކުރެވޭ!
ހާލަތު-/1
06 September 2020
އެޗްޕީއޭ އިން ވަނީ ހަރުދަނާ އުސޫލްތަކެއް ގާއިމް ކޮށްފައެވެ. ރާއްޖޭގެ އެހެން ގިނަ ކަންމާ އެއްގޮތަށެވެ. ނަމަވެސް ހަމަ އެ ބީދައިން މައްސަލައަކަށް މިވަނީ އުސޫލުތައް ތަންފީޒު ނުކުރެވޭ މައްސަލައެވެ. ކުރިއްސުރެ ހަމަ ޖެހިފަ އޮތް އުސޫލަކީ ރަށްރަށުން މާލެ އަންނަ އޮޑިފަހަރުގެ މީހުން މާލެއަށް ނުފޭބުމެވެ. އެމީހުން ގޭގެއަށް ނުދިޔުމެވެ. ނަމަވެސް އެމިހުން ހޮޓާތަކަށްވެސް ދަނީއެވެ ފިހާރަތަކަށްވެސް ދަނީއެވެ. ގޭގެއަށްވެސް ދަނީއެވެ. ޑރ. ދައްކަން ވެސް ދަނީއެވެ.
ސިކުނޑި
06 September 2020
އާންމު އިޖުތުމާއީ އުސޫލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޒަރޫރީ ބޭނުންތަކަށް ނުބަލައި ހަދާއުސޫލުތައް ތަންފީޒު ނުކުރެވޭނެ! އެކަން ރާއްޖެއިން މި ފެންނަނީ! ފަރުދީޒިންމާއޭ ކިޔާފަ މިހާރު ދޫކޮށްލެވޭކަށްނެތް! ފަރުދީޒިންމާ އަދާ ނުކުރެވެނީ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއްނެތިގެން! ނަމަވެސް ބައެއްމީހުން ޒިންމާދާރުކަން ކުޑަކޮށް ނޫޅޭ ވާހަކައެއްނޫން!!
މުހައްމަދު...
06 September 2020
އިތުރު އަންލިންކްޑް ކޭސަސް "ވަރަށް ބައިވަރު". ވަަރަށް ބައިވަރު ކަމަށް ނަޒްލާމެން ބަލަނީ ކިހާއަދަދެއްވީމަތަ؟
ބްރޯ!
06 September 2020
ކޮންޓެކްޓްވިގޮތް ވަރަށްސާފު. އެޗްޕީއޭއަށް ދޮގުމައުލާމާތު ދިނުމަކީ ކިށެއް. ކަރަންޓީންގަ ތިބި 4 މީހުން ޕްޒިޓިވް. ދެން އަލާމާތްތައް ފެނިގެން ޓެސްޓް ކޮށް ޕޮޒިޓިވްވީ ރަށުގައި ތިބި ހަމަ އެއާއިލާގެ 2 މީހުން. އޭރުވެސް ކަރަންޓީންގަ ތިބިމީހުންވެސް ހެލްތްސެންޓަރަށް ވަގަށް ބޭސްގެންދިޔަކަމަށް ރުށުގެ ފިހާރަތަކުގެ މީހުން އެބަބުނޭ.
ހިންދުކޮޅު
06 September 2020
ޑރ ނަޒުލާމެން ތިބަލާ މިންގަޑުން ބަލައިގެން މިގައުމުން މިކަންތައް ކޮންޓްރޯލް ނުވާނެ ، ޑރ ނަޒުލާމެންމޮޅީ ދުނިޔޭގަ އެހެންހުރިހާގައުމުތަކައްވުރެ މާބޮޑުތަނުންވެސް މޮޅީ