ޚިޔާލު

ށަވިޔަނި: ބޯހިޔާވަހިިކަން، މި ވާހަކަ ހުއްޓާލައިގެނެއް ނުވާނެ!

ދިރިއުޅުމައިގެން ހޭބޯނާރާ އުޅޭ އިރު އެންމެ ބޮޑު ހާސް ކަމަކީ ގެދޮރުގެ މައްސަލަ އެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމެވެ. ދައްކަން ޖެހޭ ކުލި ބޮޑުވަމުން ދިޔުމެވެ. މި ވަނީ ކިހިނެއްތޯ ވިސްނާލެވޭ ހެއްޔެވެ؟ މި ގޮތަށް ގަނަތެޅެން ނުޖެހޭނެކަން ގަބޫލުކުރެވޭ ހެއްޔެވެ؟

އެތައް ފަހަރަކު ހިތަށް އަރައިފި އެވެ: މާލޭގެ ގެދޮރުގެ ކުލި ސަރުކާރުން ކޮންޓްރޯލްކުރަންވީ އެވެ. ނުވަތަ އެ ތަނެއްގެ ފެންވަރުން ކުލީގެ އިންތަކެއް ކަނޑައަޅަންވީ އެވެ. ގަވާއިދެއް، ގާނޫނެއްގެ ތެރެއިން މިކަން ކުރެވިދާނެ އެވެ.

ދުނިޔޭގެ އެހެން ތަންތާނގައި ނުކުރާ ކަމެއް ނޫނެވެ. މާލެ ފަދައިން، އެއްވެސް ހިފެހެއްޓުމެއް ނެތި ގެދޮރުގެ ކުލި މައްޗަށް އަރަމުންދާ ބައެއް ސިޓީތަކުގައި ސަރުކާރުން މިންގަނޑުތަކެއް ކަނޑައަޅައި ހިފެހެއްޓުންތަކެއް ގެންގުޅެ އެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ. ފުދުންތެރިކަން ކުޑަ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ފިޔަވަޅެކެވެ. އެކަމަކު މިއީ، ކުލި ދައްކައިގެން މާލޭގައި ދިރިއުޅޭ އާދައިގެ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ވިސްނޭ ގޮތެވެ. އިގްތިސާދީ މާހިރުންގެ ވިސްނުން މުޅިން ތަފާތެވެ. އެމީހުންގެ ނަޒަރުގައި ސަރުކާރުން މި ގޮތަށް ކުލީގެ ތެރެއަށް ވަނުމަކީ "މުޅިން މަނާ" ކަމެކެވެ. އެ ގޮތަށް ދެކޭ ސަބަބުތައް ގަބޫލު ވެސް ކުރެވެ އެވެ. އެހެންވީމާ މިހާ ހިސާބުން އެ ވާހަކަ ބާއްވާނީ އެވެ.

ދައްކަން މި އުޅެނީ އަޒޫގެ ވާހަކަ އެވެ؛ އޭނާގެ އާއިލާ އާއި އޭނާގެ ކޮއްކޮގެ އާއިލާ ދިރިއުޅޭ ދެ ކޮޓަރީގެ އެޕާޓްމެންޓްގެ ބޮޑުމިނަކީ 540 އަކަފޫޓެވެ. ކުއްޔަށް މަހަކު 15،000 ރުފިޔާ ދައްކަން ޖެހެ އެވެ. ސިޓިން ރޫމާއި ކާ ތަނާއި ބަދިގެއަކީ ކުޑަކުޑަ ގޮޅިއެކެވެ. އެކަމަކު ސިވިލް ސާވިސްގެ ވަޒީފާ އިން ލިބޭ އާމްދަނީން ކުލި ދައްކައިގެން އެއަށް ވުރެ ބޮޑު ތަނެއްގައި ދިރިއުޅެވޭނެ ގޮތެއް އަޒޫއަކަށް ނެތެވެ. ބިލްތަކާއި ކެއިންބުއިމާއި ދަރިފުޅުގެ ހަރަދުތަކާއި އެހެނިހެން ހަރަދުތައް އަދި ހުރީ އެވެ.

"ގެއަށް ވަންނަ އިރަށް މަގޭ ޑިޕްރެޝަން ލެވެލް ސަތޭކައަށް އަރާ،" ދިރިއުޅޭ ތަނުގެ ހާލަތު އޭނާ ސިފަކޮށްދެމުން އަޒޫ ބޭރުކޮށްލާ އުދާހަކީ މި އެވެ. އެކަމަކު އެ ހާލުގައި ވެސް މާލޭގައި ދިރިއުޅުމަކީ އޭނާ އަށް މިހާރު "މަޖުބޫރު" ކަމެކެވެ.

ބޮޑެތި އާބާދީތައް ހުރި ހަތަރު ފަސް ސަރަހައްދެއް އެބައޮތެވެ. އެ ތަންތަނުގައި ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމްކޮށް ފުރުސަތުތައް ހުޅުވާލަންވީ އެވެ. ބޯހިޔާވަހިކަން ފުޅާކުރަންވީ އެވެ. އެހެން ނޫނީ މާލެ ސަރަހައްދަށް މީހުން ޖަމާވުން ދުވަހަކު ވެސް ނުހުއްޓޭނެ އެވެ.

އަޒޫ އެ ދައްކަނީ އަޅުގަނޑުމެން "ރާއްޖެތެރޭ" މީހުން މާ ރަނގަޅަށް ވެސް ދަންނަ ވާހަކައެކެވެ. ކުޑައިރު މޮޅަށް ކިޔަވަން މާލެ އައި ގޮތަށް މިތާނގައި މި ތިބީ ތާށިވެފަ އެވެ. ވަޒީފާ އަށް ގޮސްގެން ލިބުނު އެއްޗެއް ވެއްޖެއްޔާ ހޭދަކުރީ މި ތަނަށެވެ؛ ރަނގަޅު ވާނީ ކުލި ދައްކާށޭ ބުނިއްޔާ އެވެ. އެނބުރި ރަށަށް ދިޔަޔަސް ދިރިއުޅޭނެ ތަނެއް، އާމްދަނީ ހޯދަން އަދާކުރާނެ ވަޒީފާއެއް ނެތެވެ. އަނެއްކޮޅުން، މި ތަނުގައި ވިއްކާ މާވަހަރަށް ވުރެ ތަދު ގެދޮރު ރަނަށް ވުރެ އަގުބޮޑެވެ. ދަރާ ވިކުނަސް އެއިން ފްލެޓެއްގެ ޑައުންޕޭމެންޓް އަތްފޯރާ ފަށަކަށް ނާދެ އެވެ.

އާބާދީގެ ތިންބައިކުޅަ އެއްބައި މި އޮތީ މާލޭގައި ތޮއްޖެހިފަ އެވެ. މި ކުޑަކުޑަ ސިޓީގެ ހަނި ގޯޅިތަކުގައި ފިތި ބާރުވެފަ އެވެ. މާލޭ މީހުންނާއި ރަށްރަށުގެ މީހުންނެވެ. މި ކޮންކްރީޓް ޖަންގަލީގެ ހާސްކަމުގައި އަޅުގަނޑުމެން އެންމެންގެ ސިކުނޑިތައް ސުމަކަށް ހިނގައްޖެ އެވެ. އެހެންވީމާ ހިތަށްއަރާފާނެ އެވެ؛ "މި ނޫން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟" އެކަމަކު ގޮތެއް ނެތިފައި ތިބޭކަށް ނުޖެހެ އެވެ. ގޮތެއް އޮތް ވާހަކަ ގިނަގިނައިން ދައްކަންވީ އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް: ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހޭ

ދާދި ފަހުން ދެއްކި ޓީވީ އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވި އެއްޗެއް އިވިފައި އަޅުގަނޑު ކުޑަކޮށް ސިއްސައިގެން ދިޔަ އެވެ؛ އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ އެއާޕޯޓް ތަރައްގީކުރަން ފެށީ ވަރަށް "ބާރުގަދަ ބޭފުޅުންކޮޅެއް" ދެކޮޅު ހަދަމުން ދަނިކޮށެވެ. ހިތަށްއެރި އެވެ؛ އެއީ އަނެއްކާ ކޮން ބައެއް ބާވަ އެވެ؟ އެހެން ރަށްރަށް ތަރައްގީ ނުވެ ހުރީ މާލޭގެ ބޮޑުން އެކަމަށް ހުރަސްއަޅާތީއޭ ބުނާ އަޑު ކުރިންސުރެ އަހަމެވެ. އެކަމަކު އެއީ ހަގީގަތެއް އޮވެދާނެ ތުހުމަތެއް ކަމަކަށް ނުބަލަމެވެ؛ ވަހީދު އެހެން ވިދާޅުވުމާ ހަމައަށެވެ. އެ ވިދާޅުވި އެއްޗެއްގެ މާނަ އަޅުގަނޑަށް ނެގުނު ގޮތަކީ އެއީ އެވެ. ހަގީގަތުގައި ވެސް ބައެއްގެ އަމިއްލަ ފައިދާ އަށްޓަކައި ގަސްދުގައި މާލެ ތޮއްޖައްސައިގެން އުޅެނީ ނޫން ބާވައޭ މިހާރު ހިތަށް އަރަން ފަށައިފި އެވެ.

ހުޅުމާލޭގައި އިތުރު އެތައް ހާސް ފްލެޓެއް އަޅަން ސަރުކާރުން މިހާރު އޮތީ އިއުލާންކޮށްފަ އެވެ. ކުދި ރަށްރަށުގައި ތިބި މީހުން އެ ތަންތަނަށް އަންނަން ދައުވަތު ވެސް ދީފަ އެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ ސިޔާސަތެކެވެ. ރަށްފުށުގެ އަރާމު މާހައުލުން ވަކިކޮށް ބުރިބުރި އަށް ނަގާފައިވާ އިމާރާތްތަކެއްގައި މީހުން "ތާށިކޮށްލަން" އުޅޭތީ އެވެ. ދިވެހިވަންތަ ދިރިއުޅުމާއި ވައްޓަފާޅި އުވިގެން ހިނގައިދާނެތީ އެވެ. ދެން ހިތަށް އަރާފާނެ އެވެ؛ "ކުރާނީ ކީއް ހެއްޔެވެ؟ ހުރިހާ މޮޅެއް ނުލިބޭނެ އެވެ. ހޮޅުއަށީގައި އަނގަ ނަގައިގެން ތިއްބާ ތަރައްގީ އައިސް ފައިގައި ބޮހެއް ނުދޭނެ އެވެ." އެކަމަކު މި ވިސްނެނީ ރަނގަޅަށް ހެއްޔެވެ؟

ދައްކަން މި ބުނަނީ ނުދައްކާ އޮތް ވާހަކައެއް ނޫނެވެ. އަތޮޅުތައް ތަރައްގީކޮށްގެން ނޫނީ ރާއްޖޭގެ މައްސަލަތައް ހައްލު ނުވާނެ ކަން އެންމެން ވެސް ދަނެ އެވެ. މައްސަލައަކީ އެއްވެސް ސަރުކާރަކުން އެކަން ނުކުރުމެވެ. އެއީ، ރައްޓެހި އިގްތިސާދީ މާހިރަކު މިފަހުން އަޅުގަނޑު ގާތު ބުނި ފަދައިން، ސިޔާސީ ކަމެކެވެ؛ ފައިސާ ނެތިގެން، ނުވަތަ ގޮތެއް ނުފެނިގެން ނުވެ އޮތް ކަމެއް ނޫނެވެ.

އޭނާ ވެސް ބުނަނީ ރަނގަޅަށެވެ؛ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ކުރާކަށް ނުޖެހެ އެވެ. ބޮޑެތި އާބާދީތައް ހުރި ހަތަރު ފަސް ސަރަހައްދެއް އެބަ އޮތެވެ. އެ ތަންތަނުގައި ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމްކޮށް ފުރުސަތުތައް ހުޅުވާލަންވީ އެވެ. ބޯހިޔާވަހިކަން ފުޅާކުރަންވީ އެވެ. އެހެން ނޫނީ މާލެ ސަރަހައްދަށް މީހުން ޖަމާވުން ދުވަހަކު ވެސް ނުހުއްޓޭނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ އެކު ފްލެޓުގެ އަދަދު އިތުރުވެދާނެ އެވެ. އެކަމަކު އެއީ ކުލިތައް އަތްފޯރާ ފަށަށް އަންނާނެ ކަމެއް ނޫނެވެ. އަގުތައް ތިރިވިޔަސް އެ ވާނީ ވަގުތީ ކަމަކަށެވެ. ބޮޑުވާ ޑިމާންޑާ އެކު ކުލިތައް އަނެއްކާވެސް އަރާނީ މައްޗަށެވެ. ސަރުކާރުން ކުލި ކޮންޓްރޯލް ކުރިޔަސް އެކަން ދާނީ ފެއިލްވެގެންނެވެ. ނުކުންނާނީ އިތުރު މައްސަލަތަކެކެވެ.

މި ކޮންކްރީޓް ޖަންގަލީގެ ހާސްކަމުގައި އަޅުގަނޑުމެން އެންމެންގެ ސިކުނޑިތައް ސުމަކަށް ހިނގައްޖެ އެވެ. އެހެންވީމާ ހިތަށް އަރާފާނެ އެވެ؛ "މި ނޫން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟" އެކަމަކު ގޮތެއް ނެތިފައި ތިބޭކަށް ނުޖެހެ އެވެ. ގޮތެއް އޮތް ވާހަކަ ގިނަގިނައިން ދައްކަންވީ އެވެ.

އިހަކަށް ދުވަހު އަޅުގަނޑުގެ ތިމާގެ މީހަކު ގެއަށް އައިސް ކިޔައިދިނެވެ؛ އޭނާގެ ތިން ކުދިން ކިޔަވައި ނިމެނީ އެވެ. ދެން މުޅި އާއިލާ ބަދަލުވާނީ މާލެ އަށެވެ. އެ ކުދިން ބޭނުންވާ ރޮނގުރޮނގުން ކުރިއަށް ދެވޭނީ އޭރުންނެވެ. ރަށުގައި ތިބެގެނެއް އެކަމެއް ނުވާނެ އެވެ. ކޮންމެ އަހަރަކު މާލެ އަށް ހިޖުރަކުރަނީ މިކަހަލަ ކިތައް އާއިލާ ހެއްޔެވެ؟ މިއީ ހުސް "އަޒޫތަކެ"ވެ. އަނެއްކޮޅުން މާލޭގެ ކުލިތައް އަހަރުން އަހަރަށް ދަނީ މައްޗަށެވެ. މަދުވެގެން ކޮންމެ ދެ އަހަރަކުން ދެތިން ހާސް ރުފިޔާ އެބަ އިތުރުވެ އެވެ. އެކަމަކު ކޮންމެ ހާލެއްގައި ވެސް މި ތަނުގައި އުޅުން ނޫން ގޮތެއް އަދިވެސް ނެތެވެ.

އެކުގައި ކިޔަވަން އުޅުނު މީހުންނާއި ރައްޓެހިންގެ ފޭސްބުކް ޕޭޖުތަކުން އަޅުގަނޑަށް ސިފަވަނީ މިހާރުގެ "ރަން" ޖީލެވެ. މޮޅަށް ކިޔަވައިގެން ސްކޮލަޝިޕްތަކުގައި ބޭރަށް ގޮސް މަތީ ފާސް ހޯދައިގެން އައިސް ގައުމު ހިންގުމުގައި ހޭބޯނާރާ އުޅޭ މަސައްކަތްތެރިންނެވެ. އިލްމުވެރި ހުނަރުވެރިންނެވެ. ތަސައްރަފް ފުދި ނިމިފައިވާ ބުއްދިވެރިންނެވެ. އަމިއްލަ ދިރިއުޅުން ފައްޓައި ދަރިންގެ ކުރިމަގު ބައްޓަންކުރުމުގައި އަވަދިނެތި އުޅޭ ޒުވާން މައިންބަފައިންނެވެ. މިފަދަ ބަޔަކު ހުވަފެނެއްގައި ތިބޭކަށް ނުޖެހެ އެވެ. ނިދިން ހޭލައި ހުވަފެން ހަގީގަތަކަށް ހަދަންވީ އެވެ.

ހަމަ ނޭވާ ލެވޭ އަބުރުވެރި ދިރިއުޅުމެއް އަޅުގަނޑުމެންނަށް ހައްގެވެ. އެ ހައްގު ހޯދަން އުޅޭނެ ފެންވަރު އަޅުގަނޑުމެން ކިބާގައި އެބަ ހުއްޓެވެ.

10 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 35%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ

04 June 2016

ސާބަހޭ އާސިޔަތޫ. ކަނބުލޮއަށް ރަހުމަތް ލައްވާށި! އާމީން

The name is already taken The name is available. Register?

ހުސްނާާާ

04 June 2016

ނިކަން ބައްލަވާ! ދުނިޔޭގެ ކޮންގައުމެއްގެ ބޭންކަކުންތޯ ހަމައެކަނި އެގައުމުގެ ކެޕިޓަލް ސިޓީގަ އިމާރާތް ކުރަން ކުޑަ އިންޓަރެސްޓުގައި ލޯނުދޫކުރަނީ. އެއީ ދިވެހިރާއްޖެ. މާލޭގައި އިމާރާތްކުރާ ކަމަށްވާނަމަ %5 އިންޓަރެސްޓުގައި، ރާއްޖެތެރޭގައި އިމާރާތްކުރާނަމަ 11% އިންޓަރެސްޓު، މިހިރީ ތަފާތުކުރުން.

The name is already taken The name is available. Register?

ސާޔަން

07 March 2018

ތިބުނާ ގައުމަކަށް ގޮސް ރަގަޅަށް ބަލާލަބަލ އެމީހުންގެ ބޭންކިން ގައިޑް ލައިން ތައް

The name is already taken The name is available. Register?

ސަރޭ

04 June 2016

ކުލިވެސް ކޮންޓްރޯލް ކުރަންޖެހޭ. 10ވަރަކަށް ބުރީގެ އިމާރާތެއް އަޅަން ބޭންކުން 16 ވަރަކަށް މިލިއަން ރުފިޔާ ދިނުމުން ގެއަޅާނިންމައި 5ވަރަކަށް އަގަރުތެރޭ ލޯނު ހަލާސްލޮށް ދެން ގޭގެ އޯނަރު ބޮޑުއަގުގައި ކުލި ނަގައި ނުހައްގުން މުއްސަނދިވަނީ. ސަރުކާރުން އެަވަރު ބޮޑުކަމެއްކޮށްދިނީމާ ސަރުކާރަށް ލޯލާރިވެސް ޓެކްސްގެ ގޮތުގައި ނުލިބޭ. ކުލިން ޓެކްސް ނަގަންޖެހޭ ކުލި ކޮންޓްރޯލްވެސް ކުރަންޖެހޭ. ޑައުންޕޭމަންޓްވެސް ކުޑަކުރަންޖެހޭ. ފްލެޓްވިއްކާ އަގުވެސް އެންމެނަށް ގަނެވޭ ފެންވަރަށް ހަދަންޖެހޭ.

The name is already taken The name is available. Register?

މުހައްމަދު

04 June 2016

ވަހީދު ކޮންމެ އެއްޗެކޭ ބުންޏަސް ވަހީދަކީ ގެދޮރުވެރިކަމުގެ ކަންތައްތައް އެކޮޅުކޮޅުން ޖަހައި ހިތުހުރިހައި ގޮތަކަށް ގެދޮރުގެ ސިޔާސަތު ބައްޓަންކުރި މީހެކެވެ. މާލޭގެ ރައްޔިތުންގެތެރެއިން ޝަރުޠު ހަމަވާ މީހުންނަށް ދިނުމަށް އެޅި ފްލެޓްތައް ބަޔަކު ރުއްސަންވެގެން އެބަޔަކަށް ބަލައިލީވެސް ވަހީދެވެ.

The name is already taken The name is available. Register?

ިހިޔާލު

04 June 2016

އަޅުގަނޑުގެ ހިޔާލަކީ މާލޭގައި ދިރިއުޅެނީ ހަމަ އެކަނި އެހެން ގޮތެއްނެތް މީހުން އެކަންޏެއް ނޫނެވެ. އަޅުގަނޑު ސްކޫލް ނިންމުމަށްފަހު 9 އަހަރު މާލޭގައި އުޅުނީ އެހެން ގޮތެއްނެތިގެން ނޫނެވެ. މާލޭ މޮޅުކަމަށް ހީކޮށްގެނެވެ. ރައްޓެހިން ދޫކޮށްލަން ޖެހޭތީއެވެ. ނަމަވެސް 9 އަހަރު ފަހުން ވިސްނުނީ ބުރަމަސައްކަތް ކޮށްގެން ހޯދާ ލާރީގެ 70% ހަމައެކަނި ނިދުމަށް ހަރަދު ކުރުމަށްވުރެ ރަށުގައި މަހަށްދިއުންވެސް މާރަނގަޅު ކަމަށް. އެހެންވެ ސިވިލްސާވިސްގެ އެންމެ މުސާރަ ބޮޑު އެއް އިދާރާ ދޫކޮށްލުމަށްފަހު ރަށައް ބަދަލުވީ. މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ. ވަޒީފާވެސް ލިބުނު. ސްޓްރެސް ފިލައިގެން ދިޔަ. އަބަދުވެސް ބޭނުންވާ ދިރިއުޅުން ލިބުނު. ހިންހަމަޖެހުމާއި އަމާންކަން ލިބުނު. ބުނެލަން ބޭނުންވަނީ މާލޭގައި ލިބޭ 15000 އަށްވުރެ ރަށުގައި ހުރެގެން ލިބޭ 5000ވެސް މާ ރަނގަޅޭ.

The name is already taken The name is available. Register?

އަލީ

04 June 2016

ހައްލަކީ ވިލިގިއްޔާއި، ގުޅީފަޅާއި، ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓް އަޅާ، ހެޔޮއަގުގައި ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ލިބޭނެ ގޮތް ހެދުން. އޭރުން ޑިމާޑް ވެއްޓޭނެ. ކުލީގެ އަގުވެސް ދަށް ވާނެ. އަމިއްލަ މީހެއްގެ މުދަލެއް ސަރުކާރުން ކޮންޓްރޯޅު ކުރާކަށްވެސް ނުޖެހޭނެ. މައްސަލަ ހައްލުވީ.

The name is already taken The name is available. Register?

ވޮޗްޑޯގް

04 June 2016

ހައްލަކީ ކުޅުދުއްފުށީ، ދ. މީދޫ، ލ. ގަން، ތިމަރަފުށި، ތިނަދޫ، ވިލިގިލި، ފުވައްމުލައް، އައްޑޫ ތަރައްގީ ކުރުން، އެ ސަރަހައްދުގެ ރިސޯޓުތައް ތަރައްގީކޮށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން، ގެދޮރު އަޅާނެ ބިން ދޫކޮށް އެކަމަށް ބޭނުންވާ ލޯނު ދޫކުރުން. ރަށުގައި ތަފާތު މަސައްކަތް ކުރެވޭނެ މަގު ފަހިކޮށް ދީ ރަށްރަށުގައި ޓޫރިޒަމް ކުރިއަރުވުން. އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވަނީ އަހަރެމެން ކާބަފައިން ފެށިގެން ދިރިއުޅުނު އަމިއްލަ ގޯތީގައި ދިރިއުޅެން ކުޑަކުޑަ ފްލެޓެއް ބޭނުމެއް ނޫން.

The name is already taken The name is available. Register?

އަންމަގެ މަހާނަ

04 June 2016

އޭރުން ރަށްތައްފަޅުވެ ގެސްޓް ހައުސް މަދުވެ، ކުޑަޔަސް ބޮޑަސް ބޯހިޔާވަހިކަމަށް ފައިސާދީގެން ވަރަށް ފައްކާވާނެ. ތިޔަ ކޮމެންޓް ކުރާ މީހާ ނޭގެނީއެއް ނޫން.

The name is already taken The name is available. Register?

ޖައިސަމް

04 June 2016

އަތޮޅުތެރެ ތަރައްގީކޮށް މާލޭ ތޮއްޖެހުން ކުޑަ ކުރާނެ ގޮތެއް ނޭނގިނެނެއްނޫން ސަރުކާރުން އުޅެނީ. ތޮއްޖެއްސުމަކީ ސަރުކާރުގެ ސިޔާސަތު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454