މައުމޫންގެ ތާއީދު ގެއްލުން، ކިހާ ބޮޑު ގޮންޖެހުމެއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ބޮޑު އިއްތިހާދަކާ އެކުގަ އެވެ. އެކަމަކު، ދުވަސްކޮޅެއް ފަހުން އެ އިއްތިހާދު ރޫޅި، ނަޝީދު އެކަނިވެރިވި އެވެ. އެ މަނިކުފާނުގެ ވެރިކަން ވެއްޓުނު އިރު ފަހަތްޕުޅުގައި މާ ގިނަ ސިޔާސީ ލީޑަރުންނެއް ނެތެވެ. ފަހަރަކު ބޭފުޅަކު ދުރަށް ޖެހިވަޑައިގަންނަވަމުން ގޮސް، އެންމެ ފަހުން ނަޝީދު ހުންނެވީ ގިނިކަންޏާ އެވެ. ޑިމޮކްރެޓިކް އުއްމީދުތަކާ އެކު ވަޑައިގެންނެވި ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވީ ތަނާ ނިމިގެން ދިޔައީ އެވެ.


އެއީ، ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލި ކޮމިޝަން އޮފް ނެޝެނަލް އެންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، 2008 ގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ފަރާތްތައް އަޑީގައި ތިބެގެން ނަޝީދުގެ ވެެރިކަން ބަގާވާތަކުން ވައްޓާލި ކަމަށް ބުނެ ދައްކާ ވާހަކަތައް ގަބޫލުނުކުރެވޭނެ އެއް ސަބަބެވެ. ނަޝީދުގެ އެމްޑީޕީ އެކަނި ނުކުމެގެން ވެސް އިންތިހާބެއް ކާމިޔާބު ކުރެވިދާނެ ކަމަށް ނުފެންނާތީ އެވެ.

ނަޝީދު ފަދައިން، ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ގިނަ ސިޔާސީ ލީޑަރުންގެ އެހީތެރިކަމާ އެކުގަ އެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމަަށް ތިން އަހަރު ފުރެން ކައިރިވެފައި ވާއިރު، ނަޝީދުގެ ކޯލިޝަން ރޫޅުނު ގޮތަށް ރައީސް ޔާމީންގެ އިއްތިހާދު ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އިންތިހާބުގެ ތެރޭގައި މިތުރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުން ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެންފައި ވާއިރު، އޭގެ ތެރެއިން ގިނަ ލީޑަރުންތަކެއް ތިއްބެވީ ވެސް ޖަލުގަ އެވެ.

"... ސަރުކާރު ލީގަލް ތޯ، އިލީގަލް ތޯ އެއީ ވަކި ކަމެއް. ހަމަ ޔަގީނުން ވެސް ސަރުކާރުގެ ގާނޫނީ ސައްހަކަން މި ގެއްލުނީ." -- ޖަމީލް

އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަމެއް ރައީސް ޔާމީނަށް މިހާރު ވަނީ ކުރިމަތިވެވަޑައިގެންފަ އެވެ. އެއް އިރެއްގައި އެންމެ ވަރުގަދަކޮށް ދެއްކި ރައްޔިތުންގެ މަޖިލީހަށް ގުޑުން އައިތާ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަފުޅު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކައުންސިލްގެ ގިނަ މެމްބަރުންތަކެއްގެ ތާއީދު ވަނީ ގެއްލިފަ އެވެ. ޕާޓީގެ ފަރާތުން ސަރުކާރު ހިންގަވަން ހުންނަވާ ބޭފުކަށް ޕާޓީގެ ތާއީދު ގެއްލުނު ފުރަތަމަ ވެރިޔާގެ ގޮތުގައި ރައީސް ޔާމީން ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަނީ ވަދެވަޑައިގެންފަ އެވެ. މިއީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

"ސަރުކާރުގެ ސައްހަކަން ގެއްލިއްޖެ"

އެހެންވެ، ސަރުކާރުގެ "ސައްހަކަން" މިހާރު އެއްކޮށް ގެއްލިފައިވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގަބޫލުކުރައްވަ އެވެ. ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމުގައި ވެސް ރައްޔިތުން ކައިރި އަށް ވޯޓު ހޯދަން ދަނީ ޕާޓީގެ ތެރެއިން ލިބޭ ހައިސިއްޔަތަކާއި ތާއީދަކަށް ބެލުމަށް ފަހުކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އެ ހުރިހާ އެއްޗެއް ގެއްލިފައިވާ ކަމަށެވެ.

ރައީސް ޔާމީނާއި މައުމޫން ގުޅުން ރަނގަޅު އިރު ސަލާމް ކުރައްވަނީ: ދެ ބޭފުޅުން ގެންދަވަނީ ޕީޕީއެމް ވަކިން ހިންގަވަމުން.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ޖަމީލް ވެސް ނަންގަވާ އެންމެ ބޮޑު މައްސަލައަކީ ރައީސް ޔާމީން އެކަހެެރިވެވަޑައިގަތުމެވެ. އެމަނިކުފާނުގެ ނަޒަރުގައި 2013 ގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު ދިނީ މެނިފެސްޓޯގެ އިތުރުން ޕާޓީގެ، ހާއްސަކޮށް ޕާޓީގެ ރައީސް މައުމޫންގެ ތާއީދާއި ރަނިން މޭޓަކަށް ހުންނެވި ބޭފުޅަކަށް ބެލުމަށް ފަހު، މުޅި ޓީމަށެވެ. އޭގެ ތެރެއިން މައުމޫންގެ ތާއީދު މި ގެއްލުނީ، އެންމެ ގިނަ ރަށްރަށަށް ދަތުރުކުރައްވައި އެންމެ ގިނަ މަސައްކަތްތަކެއް އަމަލީ ގޮތުން ކުރެއްވި ޖަމީލުގެ އިތުރުން ވެސް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އަމިއްލަ ގޮތުން ރައީސް ޔާމީނާ އެއްކޮށް މަސައްކަތް ކުރެއްވި ލީޑަރުން ވެސް ދުރަށް ވަޑައިގެންފައި ވަނިކޮށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ފުރިހަމަ ކޮމާންޑެއް ނެތް. ޕާޓީ ބައިބައިވެ، ޕާޓީގެ އެންމެ އިސް ބޭފުޅާ އަދި ޕާޓީގެ [މަޖިލިސް] މެމްބަރުންނާއި ކައުންސިލްގެ ވަރަށް ބޮޑު ބައެއްގެ ތާއީދު ގެއްލިއްޖެ. އެހާ ހިސާބުން ރައީސް ޔާމީންގެ ބުރަދަނެއް ނެތް. ސަރުކާރު ލީގަލްތޯ، އިލީގަލްތޯ އެއީ ވަކި ކަމެއް. ހަމަ ޔަގީނުން ވެސް ސަރުކާރުގެ ގާނޫނީ ސައްހަކަން މި ގެއްލުނީ،" އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޖަމީލް ވިދާޅުވި އެވެ.

"ސަރުކާރަށް ލޮޅުމެއް ނާރާނެ"

އެކަމަކު ސަރުކާރުން އެކަމެއް ގަބޫލެއް ނުކުރެ އެވެ. ކުރީގެ ރައީސް މައުމޫންގެ ތާއީދު ގެއްލުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން ބަދަލުވެގެން ދާނެ ކަމަށް ޖަމީލް ފަދަ އިދިކޮޅު ލީޑަރުން ދެކެވަޑައިގެންނެވިޔަސް، ސަރުކާރަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި އެވެ. އަދި މައުމޫންގެ ނިންމެވުމުގެ ސަބަބުން ސަރުކާރަށް އެތެރޭންނާއި ބޭރުން ވެސް އެއްވެސް ފިއްތުމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ސަރުކާރު އޮތީ ވަރަށް ހަރުދަނާ ކަމާ އެކު. ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ވެސް ހުއްޓުމެއް ނާންނާނެ. ހިންގުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ،" ސަރުކާރުގެ އެންމެ ބާރުގަދަ އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާކަން ވެސް ކުރައްވާ ޝައިނީ ވިދާޅުވި އެވެ.

ރައީސް ޔާމީން ފެކްޝަންގެ ގިނަ ބޭފުޅުންގެ ފާޑުކިއުންތައް ގޮސް ގުޅެނީ ދަރިކަލުން ފާރިސް މައުމޫނަށް ވެރިކަން ހޯއްދަވައިދެއްވުމަށް މައުމޫން ކުރައްވާ މަސައްކަތް ކަމަށް ދެކެވޭ ވާހަކައާ އެވެ. އެ ވާހަކަ އަށް އިޝާރާތް ކުރައްވައި ޝައިނީ ވެސް ވިދާޅުވީ ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅެއްގެ ދަރިކަލުން ނެރެގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. މައުމޫން ދައްކަވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާ ޒަމާން މާޒީވެއްޖެ ކަމަށް ޝައިނީ ގަބޫލުކުރައްވަ އެވެ. އޭގެ ބަދަލުގައި، މިހާރުގެ ސިޔާސީ ހަގީގަތަކީ ރައްޔިތުންނަށް ކަންތައްތަކެއް ދައްކައިދޭން ޖެހުން ކަމަށާއި މިއަދު ބަލައިގަންނާނީ ރައްޔިތުން ކުރިމަތީގައި މަސައްކަތް ކުރާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު އޮތީ ވަރަށް ހަރުދަނާ ކަމާ އެކު. ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ވެސް ހުއްޓުމެއް ނާންނާނެ. ހިންގުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ." -- ޝައިނީ

ދެ ހާސް އަށާރަ އޮތީ ކިހިނެއް؟

އެހެންވެ، މިހާރު އުފެދޭ ސުވާލަކީ މައުމޫނާ ނުލާ ރައީސް ޔާމީނަށް ވެރިކަން ދެމެހެއްޓުނަސް، ކުރިމަތީގައި އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިދާނެތޯ އެވެ.

ރައީސް ޔާމީންގެ ކޮޅުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ އެމަނިކުފާނު އެކަނި ނުކުމެވަޑައިގެން ވެސް 2018 ގެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެ ފަރާތްތަކުގެ މެސެޖު ވަރަށް ސާފެވެ؛ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ވާގިވެރި ވާން ބޭނުން ނުވާ އެންމެން "ގޭގައި މަޑުކުރާށެވެ". އެއީ ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން ވިޔަސް ހެވެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގޮސް އިންތިހާބު ކާމިޔާބު ކުރާ ނަމެވެ.

"[މިދިޔަ] އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލެއްވިއިރު އެއް ގޮންޖެހުމަކަށް ވީ މައުމޫން އަރިހުގައި ހުންނެވުން. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތަސް، މައުމޫން ކަމަށް އަސްލު ވެރިކަން ކުރައްވާނީ،" ޝައިނީ ވިދާޅުވި އެވެ.

"މި ޒަމާނުގައި އާއިލީ ވެރިކަމެއް ނުހިނގާނެ. އެ މީހެއްގެ ކުޅަދުންތެރިކަން ހުރި މިންވަރަކުން ވެރިކަމަށް އަންނާނީ."

ކޯޓުގެ ހުކުމާ އެކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތު ރައީސް ޔާމީން ބަލަހައްޓަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެއީ ނުވާނެ ކަމެއް ކަމަށް މައުމޫން ފެކްޝަންގެ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވިވަޑައިގަތީ ސީދާ މައުމޫންގެ ސަބަބުންނެވެ. އެ ހަގީގަތް އަދިވެސް ބަދަލު ނުވާ ކަމަށާއި ޕީޕީއެމްގެ ގިނަ އާއްމު މެމްބަރުންގެ ތާއީދު ވެސް އޮތީ މައުމޫނަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެެހެންވެ، އެ ފަރާތްތަކުން ވިދާޅުވަނީ މައުމޫނާ ނުލާ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައި ނުގަންނަވާނެ އެވެ.

އެ ދުވަސް އައުމުގެ ކުރިން ރައީސް ޔާމީނަށް އެޅުއްވޭނެ އެއް ފިޔަވަޅު، ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، އެބަ އޮތެވެ. އެއީ ޔޫރަޕްގެ އިއްތިހާދު (އީޔޫ)ން ވަކިވާން ބޭނުންވާ ކަމަށް ގިނަ އިނގިރޭސިން ބުނުމުން އެ ގައުމުގެ ބޮޑުވަޒީރަކަށް އޭރު ހުންނެވި ޑޭވިޑް ކެމަރަން ހެއްދެވިހެން އިސްތިއުފާ ދެއްވުމެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލު ކުރާ ރިވެތި ގޮތަކީ، ޖަމީލް ފާހަގަކުރެއްވި ގޮތުގައި، އެ ބޭފުޅަކު ވަކާލާތު ކުރައްވާ ކަމެއް ނުވަތަ އަދާކުރައްވާ މަގާމަކަށް ވަޑައިގެންނެވުމުގެ އަސާސްތައް ނެތި ދިއުމުން އެކަމުން ދުރަށް ވަޑައިގަތުމެވެ.

"ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުގެ ހުރިހާ އަސާސްތަކެއް މި ވަނީ ގެއްލިފައި. މައުމޫނާ ނުލާ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

ބައިބައިވެފައިވާ ޕާޓީއަކަށް ވެރިކަން ދޭން ރައްޔިތުން ބޭނުންވާނެތޯ ކުރާ ސުވާލު ވެސް އަދި އެބަ އޮތެވެ. މި މި އާއިލީ ގަދަހިފުމުގައި މޮޅުވާނީ ކޮން ކޮޅެއްކަން ބުނަން ނޭނގޭއިރު، މައުމޫން ދެން އަމަލު ކުރައްވާނެ ގޮތެއް ވެސް އަދި ހާމައެއް ނުކުރައްވަ އެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އިންތިހާބުގައި އަބަދުވެސް ލިބިވަޑައިގަންނަވާ ފުރުސަތު ރައީސް ޔާމީނަށް އެބަ އޮތެވެ. އެކަމަކު މައުމޫނަކީ ސިޔާސީ ގޮތުން ވެސް ބާރުހުރި ފަރާތެއް ކަމާ މެދު ޝައްކެއް ނެތެވެ. އެހެންކަމުން، ރައީސް ޔާމީނަށް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާންކުރެއްވުމުން އާންމުންގެ ހިތުގައި އުފެދުނު ސުވާލުތައް އޮތީ އެވެ. އެއީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މޮޅުވާނީ ކޮން ބައެއް ހެއްޔެވެ؟ ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މިއީ އަދި ޖަވާބު ނެތް ސުވާލުތަކެކެވެ.