ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

އަދީބުގެ އިއުތިރާފުން ފައިދާ ވާނެތަ؟ ފައިސާ ހޯދާނީ ކިހިނެއް؟

އަދީބު: އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެ ވަޑައިގެންފައި -- ފޮޓޯ/މިހާރު

މުޅި ދައުލަތް ކިލަނބުކޮށްލި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފް މުހިއްމެއް ނޫނެވެ. އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ. މި ޔަގީންކަން އޮއްވައި، އަދީބާއި ދައުލަތާ ދެމެދު ވީ ޕްލީ ބާގެއިން [ކުށަށް އިއުތިރާފްވުމުގެ] އެއްބަސްވުމުން އޭނާގެ މައްޗަށް ހަތް ދައުވާ އުފުލައި 20 އަހަރުގެ ހުކުމެއް އިއްޔެ ވަނީ އިއްވައިފަ އެވެ. މި ހުކުމާ އެކު އައީ އެންމެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.

އަދީބަށް އިއްވި ހުކުމުން ގައުމަށް ލިބުނު ހިތްހަމަޖެހުމެއް އެބަ އޮތް ހެއްޔެވެ؟

މި ސަރުކާރުން ވެފައި އޮތް ވައުދަކީ ގެއްލުނު ފައިސާ ހޯދައިދިނުމާ އެކު އެ ޚިޔާނާތްވި މީހުންނަށް އަދަބު ދިނުމެވެ. ރޭވުންތެރިކަމާ އެކު ޚިޔާނާތް ހިންގައި، ދައުލަތުގެ ތިން ބާރު، އެ ފައިސާ އިން މުށު ތެރެއަށް ލައި، ސިޔާސީ ބާރުވެރިކަމުގައި އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބަށް ހުކުމް އިއްވިޔަސް ޖަވާބު ނުލިބޭ ސުވާލަކީ ދައުލަތަށް ގެއްލުނު ފައިސާ ހޯދާނެ ގޮތެވެ!

އަދީބުގެ ޝަރީއަތް އިއްޔެ ނިމުމާ އެކު ގާނޫނީ ބައެއް ބޭފުޅުން އުފެއްދެވީ އެ ސުވާލެވެ. ދައުލަތުން އަދީބާ އެކު ވީ އެއްބަސްވުމުގައި، މިހާ ކުޑަ ޖޫރިމަނާއަކަށް މިދިޔަ ސަބަބާ މެދު ވެސް ސުވާލު އުފައްދަވަ އެވެ.

ރައްޔިތުންގެ ބިލިއަނަކަށް ވުރެން ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި އަދީބުގެ ޖޫރިމަނާ ދެ މިލިއަން ރުފިޔާގެ ގޮތުގައި އޮތުން ގަބޫލެއް ނުކުރައްވަ އެވެ. އެ އަދަދު، އޭނާ މަނީ ލޯންޑަކުރި އަދަދާ ގާތް ވެސް ނުކުރެ އެވެ.

އެއްބަސްވުމުން އޮތީ ފައިދާތަ؟

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި އަދީބާ އެކު ދައުލަތުން ހެދީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ. ކުށްކުރާ މީހާ އެ ކުށަށް އިއުތިރާފްވާން އެއްބަސްވުމުން، ދައުލަތުން ދެވެން އޮންނަ ލުޔެއް ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ސިފައެކެވެ.

އަދީބާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ، އެއްބަސްވުމަކަށް ދާން ޖެހޭނީ ދައުލަތަށް ފައިދާވާ ނަމަ އެވެ.

އަދީބަކީ މި ޚިޔާނާތުގެ މޭސްތިރި އެވެ. މިކަން ރޭވި ގޮތާއި ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އަދީބެވެ.

ޕްލީ ބާގެއިން އެއްބަސްވުމުގެ މަތީގައި ހުންނަވައި އެއްފަަހަރު ފިއްލަވައިގެން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި އެވެ. އަނެއް ފަހަރު، ކުއްލި ގޮތަކަށް ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ވެސް ކޮށްލީ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު.---ރައީސް އޮފީސް ފޮޓޯ

މިއާ އެކު ވެސް، އެއްބަސްވުން ކުރިއަށް ގެންގޮސް، އަދީބު މިވަނީ، މުޅި ޚިޔާނާތުގެ މަންޒަރު ސާފުކޮށްދީ، ހެކީގެ ގޮތުގައި އޭނާގެ ފޯނުތަކާއި ލެޕްޓޮޕް ވެސް ހަވާލުކުރައްވައިފަ އެވެ. އަދި ފައިސާ ޖަމާކުރި ފަރާތްތަކާއި އެ ފައިސާ އިން އުފައްދާފައިވާ އެސެޓްތަކާ ގުޅޭ ހެއްކާއި ގަރީނާތައް ވެސް ތަހުގީގަށް ކިޔައިދެއްވާފައިވާނެ ކަަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.

އަދީބާ އެކު ދައުލަތުން ޕްލީ ބާގެއިން އެއްބަސްވުމެއް ނުހެދި ނަމަ، މި މައްސަލަ ޝަރުއީ މަރުހަލާ ތެރޭގައި އަހަރުތަކެއް ވަންދެން އޮތުމުގެ ފުރުސަތު ބޮޑެވެ.

ޖަލު ހުކުމުގެ މުއްދަތާ މެދު ޝަކުވާއެއް ނެތަސް އަދީބުގެ ކުޑަ ޖޫރިމަނާއާ ގުޅުވައި، ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ، އެތައް ދައުވާއެއް ކުރެވެން އޮއްވައި އިއުތިރާފްގެ އެއްބަސްވުމަކަށް ދާން ޖެހޭނީ، ފައިސާ ދައްކަވަން އަދީބު އެއްބަސްވެވަޑައިގަންނަވާ ނަމަ ކަމަށެވެ. އެއީ، ހިޔާނާތުން އެކި މީހުންނަށް ލިބުނު މަންފާ އަނބުރާ ދައުލަތަށް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެތީ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އޭނާގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އެއްބަސްވުމުން ރައްޔިތުންނަށް އޮންނާނެ ފައިދާއަކީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުން ކަމަށެވެ. އެކަން ނުވާ ނަމަ، މި އެއްބަސްވުމުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ފައިސާ ދައުރުވި ގޮތާއި ލިބުނު މީހުން ކިޔައިދެއްވައި، އެ ފައިސާ ހޯދަން އަދިވެސް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ނަމަ އެއީ އެއްބަސްވުމުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ކަމަށް ބެލިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އަދީބަށް އިއްވި] މި ހުކުމަކުން، އަދި ސަރުކާރުން ވީ ވައުދެއް ނުފުއްދޭ. ޚިޔާނާތުން ރައްޔިތުންނަށް ވީ ގެއްލުން ވެސް ފުއްދައެއް ނުދެވޭ. ފައިސާ ހޯދޭނެތޯ ލިބޭނެތޯ، ހޯދާނީ ކޮން ގޮތަކަށްތޯ ސާފެއް ނުވޭ،" އުޝާމް ވިދާޅުވި އެވެ.

ބިލިއަނުން ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަން؟

އަދީބުގެ ދައުވާތައް ލުއިވި، ޕްލީ ބާގެއިނުން ޖަލު ހުކުމްގެ މުއްދަތު ކުޑަވިޔަސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އެކަށީގެންވާ އަދަދެއްގެ ޖޫރިމަނާއެއް އަންނާނެ ކަމަށެވެ.

އަދީބު ޖަލަށްލުމާ އެކު ދެ މިލިއަން ރުފިިޔާއިން ޖޫރިމަނާ ކުރަން އިއްޔެ ހުކުމް ކުރިޔަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެ އެވެ. މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން އޮތް ގޮތަކީ މަދަނީ ވަކި ދައުވާތަކެއް ކުރުމެވެ.

މި މައްސަލައިގައި ވާހަކަ ދެއްކެވި ބައެއް ވަކީލުންގެ ކަންބޮޑުވުމަކީ މި އެވެ؛

މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާކުރެވެން އޮއްވައި ކުޑަ އަދަދަކަށް އެއްބަސްވުމެވެ.

"މާނައަކީ އެ ގާނޫނުގެ ދަށުން އޭނަ އަށް އަދަބު ކަނޑައަޅަން ޖެހޭނީ މަދުވެގެން އެއް ބިލިއަނަށް. ގިނަވެގެން ފަސް ބިލިއަނާ ހަމައަށް. ރައީސް ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދާ ކަމަށް ވަންޏާ ފަސް ބިލިއަނަށް ޖޫރިމަނާކުރަން ޖެހޭނެ. އެއީ ދައުލަތަށް ލިބުނު ގެއްލުމުގެ ފަސް ގުނައަށް ޖޫރިމަނާކުރަން ޖެހޭނެ. އެކަމަކު އޭގެ ބަދަލުގައި އެންމެ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން ގަބޫލެއް ނުކުރެވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

"އޭނާ މަނީ ލޯންޑަ ކުރި އަދަދަށް ވެސް ދައުލަތުން ރިކުއެސްޓެއް ނުކުރޭ."

އަދީބަށް ވަކިވަކިން އިއްޔެ ހުކުމް އިއްވަމުންދިޔައިރު، ނުއަގުގައި ރަށްތައް ލިބުނު މީހުންނަކީ ކޮބައިކަން ސާފެވެ.

ކަރެކްޝަންސް އޮފިސަރުންގެ ބެލުމުގެ ދަށުގައި އަދީބު.-- މިހާރު ފޮޓޯ: ނިޝާން އަލީ

އުޝާމް ވިދާޅުވި ގޮތުގައި ނުއަގުގައި ރަށްތައް ހޯދި މީހުންގެ ކިބައިން ހަމަ އަގު ހޯދުމަކީ ވެސް ކޮށްދޭން ޖެހިފައި އޮތް ކަމެކެވެ. އަދީބަށް ހުކުމް އިއްވުމަކީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުނު ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައުދު ފުއްދުނީ ކަމަށް ވާނީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުން ހޯދޭނެ ގޮތަކީ ކޮބައިތޯ ސާފުކޮށްދިނުން، ސަރުކާރުން ބުނެފައި އޮތީ ބިލިއަނުން އޭނާ އެބަ ހުއްޓޭ ހިޔާނާތްވެފައި. އެހެންވީމަ އެ ފައިސާ ހޯދާނީ ކޮން ގޮތަކަށްތޯ ސާފުކޮށްދޭން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ނަސޭހަތް ލައިދެއްވަމުން ގާޒީ ވެސް އަދީބަށް ހަނދާންކޮށްދެއްވީ، އިންސާފު ގާއިމުވެ، ތައުބާވެވުނު ކަމަށް ވާނީ ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދައިދީ، އެ ޚިޔާނާތުގެ ހަގީގަތް ހާމަކުރުމުން ކަމަށެވެ.

"މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުން. އެހެން ނޫނީ ތައުބާވި ކަމަކަށް ނުވާނެ،" ގާޒީ ހަަސަން ވިދާޅުވި އެވެ.

އެނގެން އޮތް ކަމަކީ، އަދީބާ އެކު ޕްލީ ބާގެއިންނެއް ހެދީ، ޕީޖީ އޮފީހުން ބުނާ ގޮތުން ނަމަ، އޭނާއާ ދެކޮޅަށް ވަރުގަދަ ހެކިތައް ހުއްޓައި ކަމެވެ. އެހެންކަމުން މި އެއްބަސްވުން ހެދީ ބޮޑެތި ޖަރީމާތަކެއް ހިންގި މީހަކަށް ފައިދާވާ ގޮތަށް، ދައުލަތަށް ގެއްލުންވާ ގޮތަށްތޯ ސުވާލު އުފެއްދުމުގެ ފުރުސަތު ލިބެ އެވެ. ބޭނުމަކީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާވި ވަކި ބަޔަކު ހިމާޔަތްކޮށް، ދެން ތިބި މީހުންނަށް އަދަބު ދީ ސިޔާސީ މަގްސަދެއް ހާސިލްކުރުންތޯ ކުރާ ތުހުމަތަށް ވެސް ބާރު ލިބެ އެވެ.

ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަކީ ދައުލަތަށް ބޮޑު "ތަކުލީފަކަށް" ވާނެ ކަމެއްގެ ގޮތުގައި އޮތްއިރު، މަންފާވި 267 މީހުންގެ ލިސްޓު ފަށަން ޖެހެނީ މި ސަރުކާރުގެ ކެބިނެޓާ ހިސާބުންނެވެ. މިނިސްޓްރީތަކާއި ރައްޔިތުންގެ މަޖިލީހުގައި ވެސް މަންފާ ލިބިވަޑައިގަތް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. ދެން ތިއްބެވީ ކުރީގެ ސަރުކާރުގައި، މި ޚިޔާނާތާއި ސިޔާސީ ބާރުވެރިކަމާއި ނުފޫޒުގައި ގަދަ ދެއްކި ބޭފުޅުންނެވެ. މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނެވެ.

ރައްޔިތުންނަށް ހާމަކޮށްދޭން ޖެހިފައި އޮތީ ފައިސާ ހޯދަން ވީ ވައުދު ފުއްދާނެ ގޮތެވެ. ބޮޑެތި ޖަރީމާތަކެއް ހިންގެވި ކަމަށް ތުހުމަތުކުރާ އަދީބަށް ގައިމު ވެސް ލުއިވާނެ ގޮތަށް އިއްޔެ ހުކުމް އިއްވުމަކުން އެ ފައިސާ ހޯދޭނެ ކަމުގެ ޔަގީން ކަމެއް އަދި ނުލިބެ އެވެ. ލަސް ދުވެލީގައި ހިނގާ ތަހުގީގުން، ރައްޔިތުންނަށް އިންސާފު ލިބިދާނެ ކަމާ މެދު ކުރެވޭ ސުވާލު އަދި ހަމަ އޮތީ އެވެ.

39 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 7%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުލްސުމް

06 October 2020

އެފައިސާ މިފައިސާއިން ނަޝީދު މިނިވަންކޮށް އަލީ ވަހީދު އާއި ބޮޑެތި ސިޔާސީ ވެރިން އިނގިރޭސި ވިލާތުގައި އުޅެ ޔާމީނާ އާއި އިބޫ ކޭންޕޭންކޮށް އާންމު ދިވެހި އާއިލާތަކަށް އެ ކަޅު ފައިސާ ބެހީ! ވަރަށް ވާހަކަ! ސާފު ވެއްޖެތޯ؟

The name is already taken The name is available. Register?

ދަރަނި ދަންތުރަ

06 October 2020

ޔާމީނު ފަސްމިލިޔަނުން ބުރޯވީމަ ދެމިލިޔަން އިންސާފު ދިޔާވެގެން ފައިބަނީ

The name is already taken The name is available. Register?

ދަރަނި ދަންތުރަ

06 October 2020

ތިއެއްބަސްވުމުގެ ސަބަބުން ދައުލަތަށްލިބުނު ގެއްލުމުގެ ބަދަލުހޯދަން ޕީޖީ ގެ މަގާމުގައި ހުރި މީހާޔަށް ދައުވާކުރަންޖެހޭ ޔާމީނު ކޭމައިތަ ހަމަ އެކަނި ގެއްލުންވަނީ

The name is already taken The name is available. Register?

ކޯޕަންހޭގަ

06 October 2020

ރައްޔިތުންނަށް އޮންނާނެ ފައިދާއަކީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުން ކަމަށެވެ. އެކަން ނުވާ ނަމަ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ތިޔަބުނާ ފައިސާޔަކީ ނަމުގަ ރައްޔިތުންގެ އެކަމަކު އަސްލު7ގަ އެއިރަކު ދައުލަތުގަ ތިބޭ ވެރިންގެ ތަރިކަ މުދާހެން މިހާތަނައް ފެންނަން އެހެރީ ރައްޔިތުން ބޭނުންވާނީ ހަމަ އެކަނި ވޯޓްލާން އެހިސާބުން ފެނުކެއްކި ބޮލީގެ ސަރަފް އޮންނާނީ މީ ރިޔަލްޓީއަކީ ގަބޫލް ކުރިޔަސް ނުކުރިޔަސް ވެދުން

The name is already taken The name is available. Register?

ޕިޓް

06 October 2020

ރައްޔިތުން ކިތަންމެ ރަތަށް އެރިއަސް ރައްޔިތުންނަށް ފައިދާއެއް ނުކޮށްދޭނެ. ފައިދާކޮށްދޭނީ މިސަރުކާރު ދެމެހެއްޓުމަށާ އަދީބަށް. އަދީބު އެއްބަސްނުވާ އަދަދަކަށް ނޫނީ ޖޫރިމަނާ ކަނޑައެއްނޭޅޭނެ. އަދީބު ފަރާތުން އެންމެ ބޭނުންވާ ކަންތައް ވީމަ ދެން ރައްޔިތުންނެއް ނޯންނާނެ. ޔާމީން ޖަލަށްލެވި ބޮޑު އަދަދުން ޖޫރިމަނާކޮށްލެވޭވަރުވެ އެތައް އަހަރަކަށް ޖަލަށްލެވުމަކީ މިސަރުކާރުން ހޯދަން އުޅުނު އެންމެ ބޮޑު ފައިދާ. އެކަންވެއްޖެ.

The name is already taken The name is available. Register?

ސަމަދު

06 October 2020

ޒީރޯޓޮލަރެންސް ޓު ދާ މެކްސް.

The name is already taken The name is available. Register?

ާކަދުރުގޭ އަހުމަދު

06 October 2020

ދައުލަތައް ކުރީގެ ވެރީން ހާއްސަ ކޮން ޔާމީން، އަދުރޭގެ ، ނިހާންމެންގެ ފްލެޓްތަށް ނަގާފަ ވިއްކީމަ ހުންނާނީ ލާރިވެސް ލިބިފަ. އަދި އަދީބު އާއި އެއްކަލަ ބެންޒް ކާރުތަކާއި ވެލިދޫ ޔާމީންމެންގެ ލޯންކު ތައްވެސް އަދި ރެސްޓޯރެންތައް ކަހަލަ އެސެޓް ވިއްކީމަ ހުންނާނީ ލާރި ހޯދިފަ

The name is already taken The name is available. Register?

ރަންނަބަނޑޭރި

06 October 2020

ހަމަ ކަރަޕްޝަންގެ މައްޗަށް ކަރަޕްޝަން. އަދީބަށް ތުހުމަތުކުރެވެނީ ހަމައެކަނި ފައިސާއަށް ޚިޔާނާތްތެރިވުމެއް ނޫން. ހަތިޔާރު ގެންގުޅުމާއި، ބޮންގޮއްވުމާއި، ރިލްވާނުގެ މަރާއި ގުޅުވާވެސް ތުހުމަތުތަކެއް ކުރޭ. ޕްލީ ބާގެއިން ހެދިއިރު ފަހުން މިދެންނެވި ތުހުމަތުތަކަށް ހައްލެއް ލިބޭނެ ގޮތެއް ހިމަނާފައެއް ނެތް. މިހަމަ ވަކިބައެއް ސަލާމަތްކޮށްފަ ވަކިބައެއް ބައްދަން ހަދާފަ އޮތް ޕްލީ ބާގެއިން އަކާ ވައްތަރީ.

The name is already taken The name is available. Register?

ދޯދެން

06 October 2020

މިސަރީއަތުގެ އެއްވެސް ހިސާބަކުން އަދީބު ބޭނުންކުރި ފައިސާއިން ހޯދި މުދަލާއި، ތަނަވަސްކަމުގެ ވާހަކައެއްނާދޭ. މުޅިންވެސް ހުރީ އޭނާ ބެހި ފައިސާގެ ވާހަކަ. އަދި ދެ މިލިއަން އައީ ވެސް އޭނާކުރި ކުށަށް. އެއްގޮތަކަށް އޭނާ ބޭނުންކުރި ފައިސާގެ ޖޫރިމަނާއެއް ނުވަތަ ބަދަލެއްނޫން އެއީ. އޭނާގެ މުދާ ވިއްކާފަ ވެސް ދައުލަތަށް ފައިސާ ހޯދަންވާނެ. މިހާރު ތިޔަވީގޮތުން އަދީބު އަރާމުގައި ހުންނާނީ ގޭގައި. ނިކަމެތިން ބަލިހާލުގައި ވެސް ޖަލުގައި. އިންސާފު ކޯދުލީ

The name is already taken The name is available. Register?

ތައުބާތައުބާ

06 October 2020

ބަލަގަ މެޖޯރިޓީއޭނާއަށް މާފުދިންކަމުގައިވިޔަސ އަހަރެމެންނެތީމު އޭނާއަށް މާފުދޭކަށް... ދިވެހުނިކަމެތި ރައްޔެތުންލައްވާ މަޖްބޫރުކޮށް ގެން މާފުހޯދަންނުޅޭތި އަދި އޭނާކރިކުށަށް ތައުބާވެވޭނީ ހިޔާނަތްތެރިވި ފައިސާ އަފި ހަރުމުދަލުން އެންމެ ބައިރުފިޔާއެއްވެސް އުނިނުވާގޮތަށް ދައލަތާއެހަވާލުކޮށްގެން..ދުނިޔެއަށް ކޯޗެއްދަންކަންއުޅޭބައެއްތަމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!