އައިމަންގެ ހުރިހާ ވަގުތެއް ސިއްރުކުރުމުގެ ސަގާފަތާ ދެކޮޅަށް

އަހުމަދު އައިމަން ލަތީފު، އެހެން މީހުންނެކޭ އެއްގޮތަށް ހެނދުނުން ހަވީރަށް އުޅެނީ މަސައްކަތުގަ އެވެ. އެކަމަކު އޭނާގެ "ވަޒީފާ" ތަފާތެވެ. އައިމަން އަމިއްލަ އަށް އުފުލާ އުޖޫރައެއް ނެތް ޒިންމާއަކީ ސަރުކާރުގެ އިދާރާތަކުން، އާއްމު މަސްލަހަތު ހިމެނޭ މައުލޫމާތު ހޯދައި އާއްމުކުރުމެވެ.


އައިމަން، 26، ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ ތިން މަސް ތެރޭ 100 ފޯމު ހުށަހަޅައިފަ އެވެ. މިއީ، އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް)ގެ އޮފީހަށް އެނގިގެން، އެ ހައްގުގެ ދަށުން އެކަކު މައުލޫމާތަށް އެދުނު އެންމެ މަތީ އަދަދެވެ.

ވަޒީފާއެއް ހޯދަން އުޅެއުޅެ ނާކާމިޔާބުވަމުންދާ މި ދަނޑިވަޅުގައި އައިމަން މައުލޫމާތު ހޯދުމުގެ މަސައްކަތުގައި އުޅެނީ ފުލްޓައިމް ވަޒީފާއެއް އަދާކުރާހާ އަވަދިނެތި އެވެ. ލިބޭ މައުލޫމާތުތައް، އޭނާ އަމިއްލަ އަށް ހަދާފައިވާ ވެބްސައިޓެއްގައި ޝާއިއުކޮށް އެންމެންނަށް ހާމަކުރެ އެވެ. އިދާރާތަކާއި ވެރިން ޒިންމާދާރުކުރަން އެހީތެރިވެދިނުމުގެ މަގްސަދުގަ އެވެ.

"ބައެއް މުއައްސަސާތަކަށް ހީވަނީ މިއީ ސިއްރު މައުލޫމާތޭ. ދިވެހިރާއްޖޭގެ ސަގާފަތުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކަންނޭނގެ ޑޭޓާ އާއި މައުލޫމާތު ސިއްރުކޮށްގެން، ހިފަހައްޓައިގެން އުޅުން. އެ ސަގާފަތް މިކަމުގެ ތެރެއިން ވަރަށް ބޮޑަށް ތަޖުރިބާކުރެވިއްޖެ."

އައިމަންގެ ކަމަކީ މައުލޫމާތަށް އެދެން ބޭނުންކުރާ "މަހޯލި" ފޯމު ފޮނުވުމަށް ފަހު ވާނުވާ ބަލައި ލަސްކުރާ އޮފީސްތަކަށް އީމެއިލް ފޮނުވައި ހެދުމެވެ. މައުލޫމާތު ނުދީފި ނަމަ ނުވަތަ ބައެއް މައުލޫމާތު ހިފަހައްޓައިފި ނަމަ އެ ނިންމުމެއް މުރާޖައާކޮށްދޭން އެދި ޝަކުވާގެ ސިޓީ ފޮނުވަ އެވެ. އެ ވަރުން ވެސް މައުލޫމާތު ނުލިބިއްޖެ ނަމަ އައިކޮމް އަށް މައްސަލަ ހުށަހަޅަ އެވެ. ލިބޭ މައުލޫމާތުތައް އޭނާގެ ވެބްސައިޓް "ޒިންމާދާރު.ކޮމް" އަށް އަޅަ އެވެ. އެ މައުލޫމާތުތައް ދިރާސާކުރެ އެވެ. އައިމަން ދުވާލުގެ ވަގުތުތައް ހޭދަކުރަނީ އެ ކަމުގަ އެވެ.

"އެކި ތަންތަނަށް ބައިވަރު ފޯމު ލާފައި ހުރީމަ ހެނދުނު އަންނާނެ ވަރަށް ބައިވަރު ފޯނު ކޯލް އޮފީސްތަކުން. ސުވާލުކުރާނެ ކީއްވެހޭ ތި ފޮނުވީ، ކޯއްޗެއްހޭ ތި ފޮނުވީ. އެހެންވެ ހެނދުނު ނިދަން ބޭނުންވިޔަސް ނުއެއް ނިދޭ. އެހެންވީމާ އެބަ ޖެހޭ ހެނދުނު ހޭލައިގެން ހަވީރު ވަންދެން މި މަސައްކަތްކުރަން ކޮންމެހެން ވެސް،" ޖުލައި ކުރީކޮޅުން ފެށިގެން އިދާރާތަކަށް "މަހޯލި" ފޯމު ލަމުން އަންނަ އައިމަން ބުންޏެވެ.

ތިމާވެށީގެ ދާއިރާ އިން ކިޔަވައި އަދި މަސައްކަތް ކޮށްފައިވާ އައިމަން އިޖުތިމާއީ އަދި ފަންނުވެރިކަމުގެ ހަރަކާތްތަކުގައި ވެސް އުޅެ އެވެ. އެކަމަކު ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުން، އޭނާގެ އެފަދަ އެއްވެސް ކަމަކާ ގުޅުމެއް ނެތެވެ. އައިމަން މި ކަމުގެ ތެރޭގައި އުޅެމުން އަންނަ ގޮތް އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒު މޫސާ އަށް އެނގިގަވަޑައިގަތީ މިދިޔަ މަހު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރި އިރު އެވެ. އައިމަންއަކީ "ރައިޓް ޓު އިންފޮމޭޝަން" ނުވަތަ އާރުޓީއައި އެކްޓިވިސްޓުންގެ ގޮތުގައި އައިކޮމްގެ އޮފީހުން ބަލާ ހަތަރު މީހެއްގެ ތެރެއިން އެކެކެވެ.

ފިޔާޒު ވިދާޅުވީ އައިމަން މައުލޫމާތުގެ ހައްގު ބޭނުންކުރަމުންދާ މިންވަރާ މެދު ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އައިމަންގެ މަސައްކަތަކީ އައިކޮމްގެ ޒިންމާ އަދާކުރަން އަންނަ "ޕްރެޝަރެއް" ވެސް މެ އެވެ. ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން މިދިޔަ އޮގަސްޓް މަހު ފިޔާޒު އެންގެވީ އައިމަން އެ މައުލޫމާތު ހޯދަން މަސައްކަތް ފެށުމުންނެވެ.

"މުސާރަ ހާމަކުރުމުގެ މަސައްކަތް ފެށީ އައިމަން ލަތީފު. އެއަށް ފަހުގައި އަޅުގަނޑުމެން ދައުލަތުގެ އިދާރާތަކަށް އެންގީ ހުރިހާ ތަނަކުން ޖެހޭނެއޭ އިސްވެ މުސާރަ އެ ބައެއްގެ ވެބްސައިޓުގައި ހާމަކުރަން. އެއީ އައިމަން ލަތީފުގެ މަސައްކަތާ އެކުގައި އަޅުގަނޑުމެންނަށް ވެސް ކުރަން މަޖުބޫރުވީ ކަމެއް،" ފިޔާޒު ވިދާޅުވި އެވެ.

ފުރަތަމަ އަމާޒު: މުސާރައިގެ ފަރަގު ބެލުން

އައިމަން ވަނީ އެކި މިނިސްޓްރީތަކުގެ ސިޔާސީ މީހުންގެ މުސާރައިގެ އަދަދުތައް ހޯދަން ބޮޑެތި މަސައްކަތްތަކެއް ކޮށް ގިނަ މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. ދައުލަތުގެ އިދާރާތަކުގެ ހުރިހާ މުވައްޒަފުންގެ ވަކިވަކި އުޖޫރަ އާއި އިނާޔަތްތައް މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން އެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް އާއްމުކުރަން ޖެހެ އެވެ. އެކަމަކު އެ ގޮތަށް މައުލޫމާތު ހާމަކޮށްފައި ނުހުންނާތީ އައިމަން އުޖޫރައިގެ އަދަދުތައް ހޯދަނީ ފޯމު ލައިގެން ނުހަނު އުނދަގުލުންނެވެ.

"މުއައްސަސާތަކަށް ވެސް އަދި މި ހައްގު ހޯދަން ބޭނުންވާ ރައްޔިތުންނަށް ވެސް ރަނގަޅު ކުރިމަގެއް އޮތީ މީހުން ރިކުއެސްޓް ފޮނުވައިގެން އެ ތަޖުރިބާ ހުރިހާ މުއައްސަސާތަކަށް ލިބުނު ވަރަކަށް."

މުސާރައިގެ މައުލޫމާތުތައް ހޯދައި އެއްކުރުމުގައި އައިމަންގެ މުހިއްމު އަމާޒެއް އެބަ އޮތެވެ. އެއީ ސިޔާސީ މީހުންނަށް ދޭ މުސާރަ ކުޑަކޮށް އާއްމު މަސައްކަތްތެރިންގެ އުޖޫރު ބޮޑުކުރުވަން ބާރު އެޅުމެވެ.

"އެކަމަކު އެ ވާހަކަ ދެއްކުމުގެ ވެސް ކުރިން ބޭނުންވަނީ މުސާރައިގެ ފަރަގު މީހުންނަށް އަންގައިދޭން. އެހެންވެގެން ފުރަތަމައިނުން މުސާރައިގެ މައުލޫމާތަށް މި އެދުނީ. މިހާރު ވެސް އެނގޭ އުޖޫރައިގެ ވަރަށް ބޮޑު ތަފާތެއް އެބަ އޮތްކަން. އެއީ ކިހާ ވަރެއްގެ ފަރަގެއްކަން ހޯދަން ބޭނުންވަނީ،" އައިމަން ބުންޏެވެ.

މިހާރު އެންމެ މިނިސްޓްރީއެއް ފިޔަވައި އެހެން ތަންތަނުން މައުލޫމާތު ލިބިފައިވާތީ އައިމަން އަށް އެކަން ހާސިލްވުން އޮތީ ދާދި ކައިރީގަ އެވެ.

އައިމަން، ސިޔާސީ މަގާމުތަކުގެ މުސާރަތައް ޓްވިޓާގައި އާއްމުކޮށްފައި

ސިއްރުކުރުމުގެ ސަގާފަތެއް

މައުލޫމާތުގެ ހައްގުގެ ދަށުން އައިމަން އެންމެ ފުރަތަމަ އެދުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭނެ ގޮތުގެ ތަފްސީލްތަކަށެވެ. އެކަމަކު މަޖިލީހުގެ އިދާރާ އިން މެމްބަރުންގެ ފޯނު ނަމްބަރުތައް ހާމަކުރަން ދެކޮޅު ހަދައި އީމެއިލް އެޑްރެސް އެކަނި ދިނުމުން އޭނާ އަށް ކާމިޔާބުވީ އެ މަސައްކަތުގެ ދެބައިކުޅަ އެއްބަ އެވެ. އޭގެ ފަހުން ރައްޓެއްސަކާ ދެކެވުނު ވާހަކައެއްގެ ތެރެއިން އުފެދުނު ޝައުގުވެރިކަމެއްގައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަނީ ކޮން ކަމެއްތޯ ބަލަން އެ މިނިސްޓްރީ އަށް އޭނާ ފޯމު ލި އެވެ. މަސައްކަތް ފުޅާކުރަން އައިމަން އަށް ހިތްވަރު ލިބުނީ އެ މިނިސްޓްރީން އޭނާގެ ސުވާލަށް ދިން ތަފްސީލް ޖަވާބަށް ފަހު އެވެ.

މައުލޫމާތުގެ ހައްގަށް ކުރިންސުރެ އައިމަން ހޭލުންތެރި އެވެ. ޔޫތު ލީޑަޝިޕް ޕްރޮގްރާމްގެ ދަށުން 2013ގައި ޔޫތު ޕާލަމެންޓް ބޭއްވި އިރު ބައިވެރިވާން ފުރުސަތު ލިބި ބަހުސްކުރަން ޖެހުނީ އެ ހައްގު ލިބިދޭ ގާނޫނުގެ ބިލަށެވެ. އެ ގާނޫނުން އައިމަން އަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ ބައިވަރު މައުލޫމާތުތަކެއް ހުއްޓަސް ހާމަނުކުރާ ކަމެވެ.

"ގާނޫނުގެ ދަށުން އާއްމުކޮށް ފެންނަން ހުންނަން ޖެހޭ މައުލޫމާތު ހޯދަން ވެސް މި ޖެހެނީ އައިމަންގެ އައިޑީ ކާޑާއި ޒާތީ މައުލޫމާތު ހުށަހަޅަން. މިއީ ވަރަށް ހިތްހަމަނުޖެހޭ ކަމެއް،" އައިމަން ބުންޏެވެ.

އައިމަން އަށް، މައުލޫމާތަށް އެދޭ ފޯމު އީމެއިލުން ފޮނުވާލަން ކިތަންމެ ފަސޭހަޔަސް މައުލޫމާތު ލިބެނީ ނުހަނު ލަހުން އަދި އުނދަގުލުންނެވެ.

އައިމަން ހުށަހެޅި ފޯމުތަކުގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި ފޯމަށް މައުލޫމާތެއް ނުލިބެ އެވެ. އަދި ގާނޫނުގައި އޮންނަ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި މައުލޫމާތު ލިބުނީ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު ފޯމަށެވެ.

"ބައެއް މުއައްސަސާތަކަށް ހީވަނީ މިއީ ސިއްރު މައުލޫމާތޭ. ދިވެހިރާއްޖޭގެ ސަގާފަތުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކަންނޭނގެ ޑޭޓާ އާއި މައުލޫމާތު ސިއްރުކޮށްގެން، ހިފަހައްޓައިގެން އުޅުން. އެ ސަގާފަތް މިކަމުގެ ތެރެއިން ވަރަށް ބޮޑަށް ތަޖުރިބާކުރެވިއްޖެ،" އައިމަން ކިޔައިދިނެވެ.

އައިމަން އަށް މައުލޫމާތު ނުލިބުމުގެ އެއް މިސާލަކީ ރައީސް އޮފީހުގެ ސިޔާސީ މީހުންނާއި މުވައްޒަފުންގެ މުސާރަ ހާމަކުރަން އެދި އޭނާ ފޮނުވި ދެ ފޯމެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހު އައިކޮމް އިން ނެރުނު މަޖައްލާއަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލިޔުއްވައި، މައުލޫމާތު ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރެއް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ނެތް ކަމަށް ވިދާޅުވި އިރު ރައީސް އޮފީހުން މައުލޫމާތުތަކެއް ނުދީ ހުރުމުން އައިމަން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"ރައީސް އޮފީހުގައި ވެސް ރިކުއެސްޓް ހުއްޓާ ރައީސް މި ވިދާޅުވަނީ މުއައްސަސާތަކުން މައުލޫމާތު ދޭން ޖެހޭނެއޭ. އެހެންވީމާ އެއީ އައިމަން އަށް ވަރަށް ހެއްވާ ކަމަކަށް ވީ،" އޭނާ ބުންޏެވެ.

އައިމަން ފޯމު ހުށަހަޅައި ނުލިބި ހުރި އެހެނިހެން މައުލޫމާތުތަކުގެ ތެރޭގައި، ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާ އާއި ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވީނުވީއެއް ނޭނގުން ހިމެނެ އެވެ. ފޮރިން މިނިސްޓްރީގެ ޖިންސީ ފުރައްސާރަ ބަލާ ކޮމިޓީން އެ މައްސަލަ ނިންމި ގޮތެއް ވެސް އަދި ފުލުހުންގެ ތަހުގީގު ނިމުނު ގޮތެއް ވެސް ހާމައެއް ނުކުރި އެވެ. ފޮރިން މިނިސްޓްރީން އައިމަން އަށް ޖަވާބުދިނީ އެ މައުލޫމާތު ހޯދަން އެންމެ ރަނގަޅުވާނީ ފުލުހުން އަތުން ކަމަށެވެ. ފުލުހުންގެ ބަހަނާއަކަށް ވީ އެއީ ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތަކަށް ވާތީ ހާމަނުކުރެވޭނެ ކަމެވެ.

އައިމަން ދެކޭގޮތުގައި ގާނޫނުގެ މާއްދާއެއްގެ އަކުރަކާ ހަވާލާދީ ފުލުހުން އެ ގޮތަށް ޖަވާބުދިނީ އެ އަކުރާ ޖެހިގެން އޮތް އަކުރުގައި، އާއްމު މަސްލަހަތު ހިމެނޭ މައުލޫމާތު ހާމަކުރަން ހިތްވަރުދީފައި ނެތް ކަމަށް ހަދައިފަ އެވެ.

"ޖިނާއީ ތަހުގީގެއް ނިމުނު ގޮތް އެއީ ޒާތީ މައުލޫމާތަކަށް ވެގެން ނުވާނެ. އަމުދުން ސަރުކާރުގެ އެހާ މަތީ މަގާމެއްގައި ހުރި މީހެއްގެ ތަހުގީގު. އެ ގޮތަށް ޖަވާބުދީފައި އޮތީ އަދި ވިކްޓިމްސް ހިމާޔަތްކުރުމުގެ މާނައަކު ވެސް ނޫން، ތުހުމަތުކުރެވޭ މީހާ ހިމާޔަތްކުރަން،" އައިމަން ބުންޏެވެ.

"މި ކަމަށް ދެ އަހަރު ވެފައި އޮތީމަ ހިތަށްއެރީ އެދިއްޖެއްޔާ މި ތަހުގީގުގެ ނަތީޖާއަކީ ކޮބައިކަން ފަހަރެއްގައި އެނގިދާނެއޭ. ފުލުހުން މައުލޫމާތު ނުދިނަސް، ނުދޭނީ ޒާތީ މައުލޫމާތެކޭ ކިޔާފައި ކަމަކަށް ހިއެއް ނުކުރަން."

އެމްޓީސީސީ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުން މައުލޫމާތު ނުދީ ހިފަހައްޓަނީ އެ ކުންފުނިތަކަށް މައުލޫމާތުގެ ގާނޫނު ހިނގާ ކަމަށް ގަބޫލު ނުކުރާތީ އެވެ.

ވަޒީފާއެއް ލިބުމަށް ހުރަސް

ފިޔާޒު ވިދާޅުވި ގޮތުގައި މައުލޫމާތުގެ ހައްގުގެ ބޭނުން އެކަކު ހިފިޔަސް ފައިދާ ބޮޑުކަން އައިމަންގެ މަސައްކަތުން އެނގެ އެވެ. އައިމަން ހޯދާ މައުލޫމާތުގެ އިތުރުން އޭނާގެ ތަޖުރިބާ އިން ވެސް މުހިއްމު ކަންތައްތަކެއް އެނގެމުންދާކަން ފިޔާޒު ފާހަގަކުރެއްވި އެވެ. އައިކޮމްގެ ދިރާސާއަކަށް އައިމަންގެ ތަޖުރިބާ އަންނަނީ ބޭނުންކުރަމުންނެވެ.

"އައިމަން ލަތީފު އެކަނި މި ވަގުތު އެ ކުރާ މަސައްކަތުން ވެސް ދައުލަތުގެ އިދާރާތަކުގެ ހިންގުން ވެސް ހަރުދަނާ ވުމަށް ބާރެއް ލިބިގެންދާނެ،" ފިޔާޒު ވިދާޅުވި އެވެ.

"އައިމަން ކުރަމުންދާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ދައުލަތުގެ އިދާރާތަކުން ކިހާ ވަރަކަށްތޯ މި ގާނޫނު އެބިއުސްކުރަނީ، ކިހާ މިންވަރަކަށްތޯ ގާނޫނުގައި މި ހުރި މުއްދަތުތަކަށް އެ މީހުން އިހުތިރާމްކުރަނީ. ގާނޫނުން އިސްތިސްނާކުރަން ނުޖެހޭ ހާލަތްތަކުގައި އިސްތިސްނާކުރާކަން ވެސް އެބަ ފާހަގަކުރެވޭ."

އެކަމަކު އައިމަން އާއްމު ޚިދުމަތެއްގެ ގޮތުގައި އަދާކުރާ މި ދައުރުގެ ސަބަބުން އަމިއްލަ ގޮތުން ހުރަސްތަކެއް ކުރިމަތިވެ އެވެ. އެއް ކަމަކީ ވަޒީފާއެއް ހޯދަން އުނދަގޫވުމެވެ. މައުލޫމާތު ހޯދުމުގެ މަސައްކަތާއި ލިބޭ މައުލޫމާތުތަކާ ބެހޭ ގޮތުން ޓްވީޓްކުރަމުންދާ އައިމަން އަށް މި ފަހުން ދެ ވަޒީފާއެއް ނުލިބުނު އެއް ސަބަބަކީ އޭނާ ކުރާ ޓްވީޓްތައް ކަމަށް، އެ ފުރުސަތުތައް ހުޅުވާލި ދެ ތަނުން އޭނާ ގާތު ބުންޏެވެ. އަދި މިދިޔަ ތިން މަހެއްހާ ދުވަހު ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ އެކި މަގާމުތަކަށް ސިޓީ ލައިގެން ވެސް އިންޓަވިއު ފުރުސަތެއް ނުލިބުނީ ވެސް، އައިމަން ޝައްކުކުރާ ގޮތުގައި، މި މަސައްކަތާ ހެދި އެވެ.

"އެއީ މިސާލަކަށް، އައިމަންގެ ކުރީގެ ކްލާސްމޭޓެއް ވެސް މި ކުރިމަތިލަނީ އެއް ވަޒީފާއަކަށް. ދެ މީހުންގެ ތައުލީމީ ފެންވަރު އެއްވަރުވެފައި އޭނާގެ ތަޖުރިބާ މަދަސް އޭނާ އަށް އިންޓަވިއު އަށް ގުޅާފާނެ، އައިމަން އަށް ނުގުޅާ. އެކަހަލަ ކަންތައްތައް ވާތީ ކޮންމެވެސް ވަރަކަށް ހީވޭ މި މުއައްސަސާތަކުން އެހާ ބޭނުމެއް ނުވެއޭ އައިމަން ކަހަލަ މީހަކަށް ވަޒީފާ ދޭކަށް، މިނިސްޓްރީތަކުގެ ކަންކަން ކޮނެ، މިނިސްޓްރީތަކާ ބެހޭ ގޮތުން ޓްވީޓްކުރާތީ،" އައިމަން ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ވަޒީފާއެއް ނެތަސް ދިރިއުޅެވޭހާ ނަސީބު ރަނގަޅު މީހަކަށް ވާތީ އުޅެވެނީ އެވެ. އެކަމަކު ވަޒީފާއެއް ލިބޭތޯ ކުރާ މަސައްކަތް އޭނާ ހުއްޓައެއް ނުލަ އެވެ.

"ކޮންމެ ދުވަހަކު ވެސް ބަލަން އިތުރު ވަޒީފާއެއް އެބައިންތޯ. ވަޒީފާއެއް އިނިއްޔާ އެޕްލައި ވެސް ކުރަން. ފެންނަހާ ތާކަށް ސިޓީ ލަން،" އައިމަން ބުންޏެވެ.

ހުރަސްތައް ކުރިމަތިވިޔަސް އައިމަން ހުރީ މައުލޫމާތުގެ ހައްގު ބޭނުންކުރުން ހުއްޓާލާ ގޮތަކަށް ނޫނެވެ. އިދާރާތަކުގެ އިސްނެގުމަށް ހާމަކުރަން ޖެހޭ 13 ބާވަތެއްގެ މައުލޫމާތު ގާނޫނުގައި ހިމެނޭ އިރު، އޭގެ ތެރެއިން ފަހަރަކު ކަމެއްގެ މައުލޫމާތު ހޯދަން އޭނާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އައިމަން މިހާރު ވަނީ ސިޔާސީ މަގާމުތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ މަގާމުތަކުގައި ތިބޭ މީހުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ މައުލޫމާތު ހޯދަން ފޯމު ލާން ފަށައިފަ އެވެ.

އެހެން މީހުން ވެސް މި ހައްގުގެ ބޭނުން ހިފާ ތަން ދެކެން އޭނާ ބޭނުންވެ އެވެ.

"ކުރިއަށް އޮތް ތާނގައި މުއައްސަސާތަކަށް ވެސް އަދި މި ހައްގު ހޯދަން ބޭނުންވާ ރައްޔިތުންނަށް ވެސް ރަނގަޅު ކުރިމަގެއް އޮތީ މީހުން ރިކުއެސްޓް ފޮނުވައިގެން އެ ތަޖުރިބާ ހުރިހާ މުއައްސަސާތަކަށް ލިބުނު ވަރަކަށް،" އައިމަން ބުންޏެވެ.

"މައުލޫމާތު ދޭން ޖެހޭނެ ކަމަށް މި މުއައްސަސާތަކުން ގަބޫލު ނުކުރަންޏާ މައުލޫމާތަށް އެދޭ މީހުން މުއައްސަސާތަކަށް ހަނދާންކޮށްދޭންވީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ. އެއީ ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައިކަން."