އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އޮތް އިޚްތިޔާރެއް ނޫން: ރައީސް

ދައުލަތުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަނާއި ޚިޔާނާތާއި މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް އެ އިދާރާތަކުން ހާމަކުރުން ކަމަށާއި މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންނަށް އޮތް އަމިއްލަ އިޚްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ މަޖައްލާއަކަށް ރައީސް ލިއުއްވާފައިވާ ގޮތުގައި، މައުލޫމާތު ހާމަކުރަން ފަސްޖެހޭ ވަރަކަށް އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވެ އެވެ. އެ ބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދަނީ މައުލޫމާތު ހާމަކުރަން އިސްކަންދިން މިންވަރަކުން ކަމަށް ވިދާޅުވި އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އަސާސީ ހައްގުތަކެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ އެ ހައްގު ރައްޔިތުންނަށް ލިބިގެން ކަމަށް ވާތީ އެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫނެވެ.

އެއީ، ރައްޔިތުންގެ ހައްގެކެެވެ. އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ. --ރައީސް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް ގާއިމްކުރީ ވެސް އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމުގައި އިދާރާތަކުން އެއްބާރުލުން ދޭން ރައީސް ގޮވާލެއްވި އެވެ.

ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ލިބިގަތުމުގެ ހައްގުު ވެސް ހަގީގީ މާނައިގައި ރައްޔިތުންނަށް ދޭން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމަކީ އަސާސީ ހައްގަކަށް ވުރެން ނިޒާމީ ގޮތެއްގައި ދައުލަތެއް ހިނގަހިނގާ އޮތުމަށް ވެސް މުހިއްމު ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. މައުލޫމާތު ލިބިދިނުމާއި އާއްމުކުރުމުގެ ނިޒާމްގެ މުހިއްމު ހައްގު ކަށަވަރުވެގެން ދަނީ ގާނޫނުއަސާސީގެ 27، 28،29 ވަނަ މާއްދާ އެކުގައި މާނަކުރުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ތިން މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، ދައުލަތުގެ އެންމެހައި އިދާރާތަކާއި ވެރީންނާއި މުވައްޒަފުން ޒިންމާދާރުކުރުމަށް، ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތަކުން ގެތިފައިވާ ސިލްސިލާގެ، ވަކި ނުކުރެވޭ ވަރަށް ލާމެހިފައިވާ ތިން ބޮޅެވެ.

"ނަމަވެސް މި ތިން މާއްދާގައި ބަޔާންކޮށްފައި އެ ވަނީ، ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމާއި ހައްގުތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. އެއިން ކޮންމެ މާއްދާއެއްގެ ދެލިގަނޑުގައި ހައްގުތަކެއްގެ ވާހަކަ އޮތް އިރު، އެއިން ކޮންމެ މާއްދާއެއްގެ ރޫހަކީ އެ ހައްގުތަކާ ގުޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމެވެ،" ރައީސް ވިދާޅުވި އެވެ.