މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ މިނިސްޓްރީ 700ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

އައިކޮމްއިން ނެރުނު ބަޔާނުގައި ބުނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ދެ ޝަކުވާއެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތައް ބަލަން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ތާވަލް ކުރުމުން އެ އަޑުއެހުން ފަސްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެ ބައްދަލުވުން އިއްޔެއަށް ތާވަލްކުރި ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބައްދަލުވުމަށް ވެސް ހާޒިރުވެވެން ނެތް ކަމަށް އެ މިނިސްޓްރީން ބުނުމުން މިއަދަށް އެ ބައްދަލުވުން ތާވަލްކުރި ކަމަށް އައިކޮމްގެ ބަޔާނުގައިވެ އެވެ.

އައިކޮމް އިން ބުނީ މިއަދަށް ތާވަލްކުރި ބައްދަލުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ހާޒިރުނުވާތީ އެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅުނު ހުރަހެއް ކަމަށް އެ އޮފީހުން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު ބުނާގޮތުން، އައިކޮމް އިން ބާއްވާ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރުވެވެން ނެތް ނަމަ، އެ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެ އެވެ.

ނަމަވެސް، އެއާ ހިލާފުވެފައިވާތީ އިސްލާމިކް މިނިސްޓްރީ ވަނީ 700ރ. އިން ޖޫރިމަނާކޮށްފަ އެވެ.

އެ ބައްދަލުވުންތަކަށް ހާޒިރުނުވެގެން ބައެއް އިދާރާތައް މީގެ ކުރިން ޖޫރިމަނާކޮށްފައިވެ އެވެ.