ތައުލީމީ ގާނޫނު: ތައުލީމީ ދާއިރާއަށް ބޮޑު އުއްމީދެއް

ހުއްދަ ނެތި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ޤުރުއާން ކްލާސްތަކެވެ. ރަޖިސްޓްރީއެއް ނެތި ކިޔަވައިދޭ ޕްރީ ސްކޫލުތަކެވެ. ފެންވަރު ކަށަވަރުކުރެވޭނެ ރަނގަޅު ނިޒާމެއް ނެތި ޖީލެއް ބިނާކުރުމުގެ މުހިއްމު ޒިންމާ އަދާކުރަމުން އަންނަ ޓީޗަރުންނެވެ؛ މި ހުރިހާ މައްސަލަތަކުގެ ހައްލު މިހާރު ގުޅިފައިވަނީ، މިިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ތައުލީމުގެ ގާނޫނާ އެވެ.


އެތައް އަހަރެއްގެ އިންތިޒާރަކަށް ފަހު ތައުލީމުގެ ގާނޫނު ލިބުމާ އެކު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ތައުލީމީ ކަންކަން ކުރިއަރުވައި، މަގު ދައްކައި އެކަން މިސްރާބުކުރާ ޗާޓަކަށް ވުން ކަމަށެވެ. މިއީ ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ގާނޫނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމުގެ ގާނޫނެއް ހަދަން 2005 އިން ފެށިގެން އައީ މަސައްކަތް ކުރަމުންނެވެ. އެކި ދައުރުތަކުގައި ހަ ފަހަރެއްގެ މަތިން އެ ބިލް މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މިިދިޔަ އޮކްޓޯބަރު 26 ގައި ތައުލީމްގެ ގާނޫނު ފާސްކުރުމަކީ، އެ ދާއިރާއަށް ސަރުކާރުން ސަމާލުކަންދޭ ކަމުގެ ހެއްކެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތައުލީމުގެ ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، ސްޓޭޓް މިނިސްޓަރު އާތިޔާ އަދި ޑެޕިއުޓީ މިނިސްޓަރު އިހްސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތައުލީމުގެ ގާނޫނު ހަގީގަތުގައި ފަރުމާކުރެވިފައިވަނީ މައިގަނޑު ސިޔާސަތަކަށް، އަޅުގަނޑުމެން ސަރުކާރުގެ ތައުލީމީ ސިޔާސަތު އޮންނަ ގޮތަށް. އެގޮތުން މި [ގާނޫނު] ބައްޓަން ކުރެވިފައިވާ ގޮތުން ތައުލީމީ ނިޒާމުން ނުކުންނަ ކޮންމެ ދަރިވަރަކީ ސައްހަ އިސްލާމީ އަގީދާގެ މަތީގައި ދެމި ހުންނަ، ހުލްގު ހެޔޮ، 21 ވަނަ ގަރުނުގައި ކާމިޔާބުކަމާ އެކު ދިރިއުޅެން މި ބޭނުންވާ މައުލޫމާތާއި ހުނަރު ހުރި، ދުޅަހެޔޮ، ހަށިހެޔޮ ދަރިވަރުންތަކެއް ތައުލީމީ ނިޒާމުގެ ތެރެއިން ނެރުމަށް ސަމާލުކަން ދިނުމަށް މި ގާނޫނު ފަރުމާ ކުރެވިފައި މި ވަނީ،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ތައުލީމުގެ ގާނޫނެއް މުހިއްމުވާ ބައެއް ސަބަބުތައް އޭނާ ފާހަގަކުރެއްވި އެވެ. ފުރަތަމަ ކަމަކަށް، ތައުލީމުގެ މައިގަނޑު އަސާސްތައް ގާނޫނުގައި ލިޔެފައި އޮތުމުން ހުރިހާ އެންމެންނަށް މާނަކުރުމުގައި އެއްގޮތަކަށް އަމަލުކުރަން ޖެހުމެވެ. ތައުލީމަށް ހޭދަކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް ވާތީ، ހިދުމަތްތައް ރަނގަޅު ނޫން ނަމަ ރައްޔިތުންނަށް ކޯޓުތަކަށް ގޮސް ފައިސަލާކުރުމުގެ ހައްގު އޮތުމެވެ. މިނިސްޓްރީ ޒިންމާދާރުކުރުމުގައި ރައްޔިތުންނަށް ބާރު ލިބުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަނގަޅު ގާނޫނެއް އޮވެއްޖެ ނަމަ ކޮންމެ ސަރުކާރެއް އަޔަސް އެކަންކަން ރަނގަޅަށް ތަންފީޒުކުރާނެ އެވެ.

މި ގާނޫނު ފަރުމާކޮށްފައިވަނީ 10 ބާބެއްގެ މައްޗަށެވެ. ގާނޫނުގައި ހިމެނޭ މުހިއްމު ނުކުތާތަކުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ޕްރީ ސްކޫލާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު އުނގެނުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ އިތުރުން ލައިފްލޯންގް ލާނިންނާއި ކޮންޓިނިއު އެޑިއުކޭޝަން ހޯދުމުގެ ހައްގާއި އަދި މަދަރުސީ ނިޒާމުގެ ތެރެއިން ފަންނީ ނުވަތަ މަސައްކަތްތެރިކަމުގެ ތައުލީމް ލިބުމުގެ ހައްގު ވެސް އެބަ އޮތެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދީ އެ ކަމަށް ގާބިލް ޓީޗަރުންނާއި ތަކެތި ހޯދައިދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

އެ ގާނޫނުން ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާނެ އެވެ. ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ތައުލީމު ދިނުން މަޖުބޫރެވެ.

ދަރިވަރުންތަކެއް ފިލާވަޅަކާ މެދު މަޝްވަރާ ކުރަނީ: ކުރިއަށް އޮތް ތަނުގައި ޓީޗަރުން ހާއްސަ ލައިސަންސެއް ނަގަން ޖެހޭނެ

ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވި ގޮތުގައި ތައުލީމުގެ ގާނޫނުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު، ވަށާ ޖެހޭ ތައުލީމެއް ފޯރުކޮށްދޭން ގާނޫނީ ބާރުވެރިކަމެއް އެބަ ލިބެ އެވެ. ކަންކަމަށް ފާރަވެރިވެ، ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ވެސް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އާތިޔާ ވިދާޅުވީ އަންނަ އަހަރުގެ އޮގަސްޓް މަހު އަމަލުކުރަން ފަށާ ގާނޫނުގެ ސަބަބުން ތައުލީމީ ދާއިރާއަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނުން އެންމެ ބޮޑު ބަދަލެއް އަންނާނެ އެއް ކަމަކީ، ޓީޗިން ލައިސަންސް ހޯދުމާއި ކިޔަވައިދޭ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކުރުމެވެ.

ކުރިން ތަފާތު ގޮތްގޮތަށް ހިންގަމުން ދިޔަ ޕްރީ ސްކޫލުތަކަށް ވެސް ވަކި އުސޫލުތަކެއް ކަނޑައަޅަން ޖެހެ އެވެ. އެއީ ހުރިހާ ކަމެއް ހާމަަވާނެ މިންގަނޑެއް ކަމަށް ވެސް އާތިޔާ ވިދާޅުވި އެވެ.

ޕްރީސްކޫލުގެ ރަޖިސްޓްރީ ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ އެ މިންގަނޑުގައި ހިމެނޭ ހުރިހާ ކަމެއް ހަމަވެެގެންނެވެ.

"ފިޒިކަލީ އާއި ސްޓްރަކްޗާއާ އެމީހުން ޕްރޮވައިޑްކޮށްދޭ ކަރިކިއުލަމާއި ސްކޫލުގައި ހިންގާ ހުރިހާ ކަމެއް އަޅުގަނޑުމެން، މިނިސްޓްރީން ގަބޫލުކުރާ ފެންވަރަކަށް ސްޓެންޑަޑަކަށް އެ ހުރިހާ ކަމެއް ހުރެގެން ރަޖިސްޓްރީވެވޭނީ. އެއީ ތައުލީމު ދޭ ހުރިހާ ތަނެއް، މިނިސްޓްރީ ގަބޫލުކުރާ ފެންވަރެއްގައި، ސްޓެންޑަޑެއްގައި ހުންނާނީ. އެއީ އަންނާނެ ވަރަށް ބޮޑު ބަދަލެއް،" އާތިޔާ ވިދާޅުވި އެވެ.

"ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ މި ގާނޫނުގެ ތެރެއިން."

ރާއްޖޭގައި ޓީޗަރުން މިހާތަނަށް ކިޔަވައިދެމުން އައީ އެއްވެސް ލައިސަންސެއް ނެތި އެވެ. ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ޓީޗާސް ލައިސަންސް ހޯދަން ޖެހޭނެ އެވެ. ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކުގައި ކިޔަވައިދޭ މީހުން ވެސް ލައިސަންސް ހޯދަން މަޖުބޫރެވެ.

ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަހުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަވަން ޖެހެ އެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެވެ. އެ ރަޖިސްޓްރާއަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށް ވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާން ޖެހެ އެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް: ތައުލީމީ ގާނޫނުން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓްރީން އުއްމީދުކުރޭ -- މިހާރު ފޮޓޯ

ރަޖިސްޓްރާގެ އިތުރުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި، އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ތަޖުރިބާކާރަކު ހިމެނެ އެވެ. އާތިޔާ ވިދާޅުވީ ޓީޗަރުންނާއި ކިޔަވައިދޭ މީހުންނަށް ހާއްސަ ލައިސަންސެން ދޭން ފެށުމުން އެ ހޯދަން އެންމެން ވެސް މަސައްކަތްކުރާނެ ކަމަށެވެ. އޭރުން ޓީޗަރުންގެ ކުރިއެރުމަށް އަމިއްލައަށް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.