ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގައި އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ ކަރަންޓީނުވެގެން ތިބެން ޖެހުމެވެ. ރާއްޖޭގައި ވެސް ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ މާލޭގައި ތިބި މީހުން ރަށްރަށަށް ދާން ބޭނުންވިޔަސް ރަށަށް ގޮސް ދެ ހަފުތާގެ ބަންދެއްގައި ތިބެން ޖެހޭއިރު ބައެއް މީހުންނަށް މި އުސޫލު ނުހިނގާ ކަމުގެ ޝަކުވާ އާއި އުސޫލުތަކަށް ތަބާ ނުވުމުގެ މައްސަލައާ އެކު ކަރަންޓީނާ ދެކޮޅަށް ދައްކާ ވާހަކަ ހޫނުވެއްޖެ އެވެ؛ ފިނިކޮށްލެވޭ ވަރުގެ ޖަވާބެއް އެޗްޕީއޭ އަކުން އަދި ނުލިބެ އެވެ.

އެންމެ ފަހުން ބުރާސްފަތި ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ޕްރެސް ބްރީފިންގައި ވެސް ކަރަންޓީނުގެ މުހިންމު ކަމާއި މިހާރު އޮތް 14 ދުވަހުގެ ކަރަންޓީނު، ސައިންޓިފިކް އާ ހެކި ލިބުމުން ނޫނީ ކުރު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ކޮވިޑް ފެތުރެން ފެށިތާ ކުރީކޮޅުން ފެށިގެން ބަލަމުން އަންނަ ކަރަންޓީނު މުއްދަތެކެވެ. ބަލި ކޮންޓްރޯލްކުރުމުގައި މިއީ ކަރަންޓީނަށް އެންމެ އެކަށީގެންވާ މުއްދަތު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

"ބަލީގެ ހާލަތު ޗޭންޖް ވުމަކުން ނޫން އިނގޭތޯ ކަރަންޓީނުގެ މުއްދަތު ޗޭންޖު ކުރާނީ. އަޅުގަނޑުމެން ބަލީގެ ހާލަތު ޗޭންޖު ވީމާ، ފުރަބަންދު ކަރަންޓީނު ބާއްވާނީތޯ ނޫނީ އުވާލާނީތޯ އެ ޑިސިޝަން ނެގުމަށް މާލޭގައި ބަލި ފެތުރިފަ އޮތް މިންވަރު މި ބަލަނީ،" އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކަރަންޓީނު މުއްދަތު ޗޭންޖުކުރުމަށް ހަމަ އޭގެ ސައިންސަށް އަޅުގަނޑުމެން ޑިޕެންޑްވާން މި ޖެހެނީ. އެހެންވެ އޭގެ މާނަ އަކީ އިންކިއުބޭޝަން މުއްދަތަކީ އެންމެ ދިގުވެގެން ގާތްގަނޑަކަށް 14 ދުވަހޭ މި ބެލެވެނީ."

އެކަމަކު އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު ވަނީ ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންގެ ކަރަންޓީނަށް އޮންނަ 14 ދުވަހުގެ ކަރަންޓީނު ކުރުކޮށްލަން ނިންމައިފަ އެވެ. މީގެ ދެތިން ދުވަސް ކުރިން އެތަނުން ބުނީ މިއީ މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތާއި ހަދާފައިވާ މޮޑެލްތަކަށް ބެލުމަށް ފަހު ގެންނަ ބަދަލެއް ކަމަށެވެ. އެކަމަކު ކަރަންޓީނު ކުރުކުރާނީ ކިތައް ދުވަހަކަށް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ސީޑީސީގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އަލަށް ކަނޑައަޅާ ކަރަންޓީނު މުއްދަތު އުޅޭނީ 7-10 ދުވަހާ ދެމެދުގައި ކަމަށެވެ. އެމެރިކާ ނޫނަސް އިނގިރޭސި ވިލާތާއި އެހެން ބައެއް ގައުމުތަކުން ވެސް މުއްދަތު ކުރުކޮށްފި އެވެ.

އަޅުގަނޑުމެން ގަބޫލުކުރަނީ މިހާތަނަށް ކޮށްފައިވާ މަސައްކަތާއި ދިރާސާތަކާއި މޮޑެލިން ޑޭޓާތަކަށް ބަލާއިރު، ޓެސްޓްކުރުމާ އެކު ކަރަންޓީނު މުއްދަތު މިހާރަށްވުރެ ކުރުކޮށްލެވިދާނެ ކަމަށް ފެންނަ ކަމަށް: ސީޑީސީ

ސީޑީސީގެ ޕްރިޕެއާޑްނެސް އެންޑް އިމާޖިން އިންފެކްޝަންސްގެ ޑިރެކްޓަރު ޑރ. ހެންރީ ވޯކީ ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވީ ކަރަންޓީނު މުއްދަތު ކުރުކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ކުރިން ކޮވިޑް-19 އަށް ކުރި ޓެސްޓްތަކަށް ވުރެ މިހާރު ކުރާ ޓެސްޓްތަކުގެ ޔަގީންކަން ބޮޑުވުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިހާތަނަށް ކޮށްފައިވާ މަސައްކަތާއި ދިރާސާތަކާއި މޮޑެލިން ޑޭޓާތަކަށް ބަލާއިރު، ޓެސްޓްކުރުމާ އެކު ކަރަންޓީނު މުއްދަތު މިހާރަށް ވުރެ ކުރުކޮށްލެވިދާނެ ކަމަށް ފެންނަ ކަމަށް،" ވޯކީ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ. ރާއްޖޭގައި ބަލަމުން އަންނަނީ އެހެން ގިނަ ގައުމުތަކުގައި ވެސް ބަލަމުން އަންނަ ގޮތަށް 14 ދުވަހުގެ ކަރަންޓީނަކަށް ފަހު ޓެސްޓްކުރުމުން، ބަލި ޖެހިފައިވާ މީހުންގެ 99 ޕަސެންޓް ދެނެގަނެވޭނެ ކަމަށް އޮންނަ މިންގަނޑުންނެވެ. އެޗްއީއޯސީގެ އެންމެ ފަހުގެ ޕްރެސްގައި ޑރ. ނަޒްލާ މުސްތަފާ އެކަން ފާހަގަކުރައްވައި ތަފުސީލް ދެއްވި އެވެ. އެއީ ފަސް ދުވަހުގެ ކަރަންޓީނަކަށް ފަހު ޓެސްޓްކުރާ ނަމަ ފަސް ޕަސެންޓް، ހަތް ދުވަހުގެ ކަރަންޓީނަކުން 80 ޕަސެންޓް، 11 ދުވަހުގެ ކަރަންޓީނަކުން 93 ޕަސެންޓް އަދި 14 ދުވަހުގެ ކަރަންޓީނަކުން 99 ޕަސެންޓް ދެނެގަނެވުމެވެ.

އެކަމަކު ބަލީގެ އިންކިއުބޭޝަން މުއްދަތާއި ބައްޔަށް ކުރާ ޓެސްޓުގެ ބާވަތާއި އޭގެ ޔަގީންކަން އިތުރުވެފައިވާ މިންވަރުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާ ނަމަ މި ޕަސެންޓޭޖްތައް ތަފާތުވެދާނެ އެވެ. އެމެރިކާ އިން އެ ބަލަނީ އެ މައުލޫމާތަށް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ސީޑީސީން ކަރަންޓީނު ކުރުކޮށްލި ނަމަވެސް ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ހަދައި ނެގެޓިވްވުމުން ކަމަށާއި މިހާރު އޮތީ އާ ގައިޑްލައިންގެ ފަހު މަރުހަލާގައި ކަމަށެވެ.

"14" ބަދަލުވާ ވަރުގެ ހެކި އެބަހުރިތަ؟

ކޮވިޑް-19 ގެ އިންކިއުބޭޝަން މުއްދަތު ނުވަތަ މި ބަލި ޖައްސާ ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ވައިރަސް ގިނަވެ، ހަށިގަނޑުގައި ބަލި ހުރިކަން އެނގެން ނަގާ މުއްދަތަކީ ޓެކްނިކަލް ގޮތުން 14 ދުވަހެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން މިހާރު ވިދާޅުވަނީ މީޑިއަމް ނުވަތަ އެވްރެޖް އިންކިއުބޭޝަން މުއްދަތަކީ ފަސް ދުވަސް ކަމަށް ބެލެވޭނެ ހެކި މިހާރު އެބަހުރި ކަމަށެވެ. ނަމަވެސް މީގެ މާނަ އަކީ މި މުއްދަތުގައި ބައްޔަށް ޕޮޒިޓިވް ނުވެއްޖެ ނަމަ އޭގެ ފަހުން ޕޮޒިޓިވް ނުވުމެއް ނޫނެވެ. ވައިރަސް ހަށިގަނޑަށް ވަންނަތާ 10 ދުވަސް ނުވަތަ 14 ދުވަސް ފަހުން ވެސް ޕޮޒިޓިވް ވެދާނެ އެވެ. އެކަމަކު ނާދިރެވެ.

މި ފުރުސަތު އެހެން އޮތް ކަމުގައި ވިޔަސް ސީޑީސީން ކަރަންޓީނު މުއްދަތު ކުރުކޮށްލަން އުޅެނީ، އެވްރެޖް އިންކިއުބޭޝަން މުއްދަތުގެ ފަހުން ކޮވިޑަށް ޕޮޒިޓިވްވުން ވަރަށް ނާދިރު ކަމަށް މިހާތަނަށް ހުރި މައުލޫމާތުން އެނގޭތީ ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ ޔަހޫ ލައިފްގައި ބުނެފައިވެ އެވެ.

"ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގެ އަލާމާތް ފެންނަ މީހުންނާއި ބަލި ފަތުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވައިރަހަށް ހުށަހެޅޭތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ޕޮޒިޓިވްވާ މީހުން،" ޖޯންސް ހޮޕްކިންސް ސެންޓަ ފޯ ހެލްތު ސެކިއުރިޓީގެ ސީނިއާ ސްކޮލާ ޑރ. އަމޭޝް އަދަލްޖާ ވިދާޅުވި އެވެ.

"އެހެންވީމާ ކަރަންޓީނުގައި އޭގެ ފަހުން ހުއްޓަސް ޕޮޒިޓިވްވުން ވަރަށް ނާދިރުކަމުގެ ބައިވަރު ހެކިތައް މި އަންނަނީ ލިބެމުން."

އެމެރިކާގެ ޖޯޖް މޭސަން ޔުނިވަސިޓީގެ އެޕިޑެމިއޮލޮޖިސްޓް އަދި އިންފެކްޝަން ޕްރިވެންޝަނިސްޓް ޑރ. ސަސްކިއާ ޕޮޕެސްކޫ މި ވާހަކަ އަށް ބާރު ދެއްވި އެވެ.

"ފެންނަނީ އިންކިއުބޭޝަން މުއްދަތު ކުރުވުން އާންމުވަމުން އަންނަތަން. [ސީޑީސީގެ] އާ ގައިޑެންސް ބިނާވަނީ އެކަމަށް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ވެންޑަބިލްޓް ޔުނިވަސީޓީގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް ޑރ. ވިލިއަމް ޝަފްނާ ވިދާޅުވީ ކަރަންޓީނުކުރުމުގައި ގެންގުޅޭ އުސޫލު ބަދަލުކުރުމަށް، އޭނާ އާއި އެހެން ތަޖުރިބާކާރުން ކުރިން ވެސް އެދެމުން އައި ކަމަށެވެ. ޝަފްނާ ވިދާޅުވީ އެއީ މިހާރު ފަސޭހައިން، ޔަގީންކަން ބޮޑު ޓެސްޓް ހެދުމާއި އިންކިއުބޭޝަން މުއްދަ ކުރުވުމުން އެކަނި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓީނު ކުރުކުރަން ޖެހެނީ މީހުންނަށް ކުރެވޭ ވަރުގެ ފަސޭހަ ކަމެއްގެ ގޮތުގައި އެކަން ބާއްވަން ޖެހޭތީ ކަމަށެވެ.

"ސާދަ ދުވަހަކީ ކަރަންޓީނުވެގެން ހުންނަން ކޮންމެ މީހަކަށް ވެސް ވަރަށް ގިނަ ދުވަސް،" ޝަފްނާ ވިދާޅުވި އެވެ.

"ދަރިވަރަކަށް ވިޔަސް، ޓީޗަރަކަށް ވިޔަސް އެއީ ވަރަށް ދިގު މުއްދަތެއް. މި މުއްދަތު ދެ ބައިކުޅަ އެއް ބަޔަކަށް ކުރުކޮށްލިޔަސް އެއީ ވަރަށް ބޮޑު ލުޔެއް."

ގިނަ މީހުން ތަބާވެގެން ތިބޭ ވަރުގެ ފަސޭހަ ކަރަންޓީނަކަށް ތަޖުރިބާކާރުން ބާރުއަޅުއްވަނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭއިރު ވެސް، އެހާ ގިނަ ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެތީ އެކަން ސިއްރުކޮށް އާންމުންގެ ތެރޭގައި މީހުން އުޅޭ މައްސަލަ ބޮޑުކަމުންނެވެ. އެއީ ގިނަ މީހުން ތަބާނުވާ ގައިޑްލައިނެއް އޮތުމަށް ވުރެ، އެންމެންހެން ނުވަތަ ގިނަ ބަޔަކު ތަބާވާނެ ވަރުގެ މިންވަރެއް އޮތުމުން، ބަލި މީހުންނާ ކޮންޓެކްޓްވާ މީހުން އާންމުންގެ ތެރޭގައި އުޅޭ މިންވަރު ނިސްބަތުން މާ ބޮޑަށް މަދުވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

ތަބާނުވާ ނުވަތަ އަމަލު ނުކުރެވޭ އުސޫލަކަށް ވުރެ، ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް އޮތް އުސޫލެއްގެ ނަތީޖާ ރަނގަޅުވާނެތީ އެވެ.