މާލޭގައި އަދާކުރާ ވަޒީފާ އިން ޗުއްޓީ ނަގައިގެން ރަށަށް ގޮސް، ކޮވިޑް-19ގެ ކަރަންޓީނު ނިމުނު އިރު އޮތީ ޗުއްޓީ ހަމަވެ މާލެ އަންނަން ޖެހިފައި ހެއްޔެވެ؟ އެހެންވީ މާލެއިން ރަށަށް ގޮސް ކަރަންޓީނުގައި ހުންނަން ޖެހުނު މުއްދަތު ވެސް ޗުއްޓީގެ ބައެއްގެ ގޮތުގައި، ވަޒީފާ ދިން ތަނުން ބެލީމާ ދޯ އެވެ؟

މި މައްސަލަ އެތައް ބަޔަކަށް އެބަ ދިމާވެ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެ އިން ރަށްރަށަށް ދާ މީހުން ތިބެން ޖެހޭ 10 ދުވަހުގެ ކަރަންޓީނަކީ މި ހާލަތަށް އަމާޒުކޮށް ފާސްކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ ދަށުން، ހާއްސަ ޗުއްޓީއެއް ކަމަށް ބައެއް އޮފީސްތަކުން ނުބަލަނީ އެވެ. މިއީ ކޮވިޑް ބަލިމަޑުކަމުގައި ކުރިމަތިވާ އިގްތިސާދީ ދަތިކަމުގައި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މަގްސަދުގައި ހެދި ގާނޫނެއް ނަމަވެސް މި ގާނޫނުގެ އެންމެ މުހިންމު އެއް ކަންތައް ކަމަށްވާ "ހާއްސަ ޗުއްޓީ" ހާއްސައެއް ނުވި އެވެ.

ނިކަމެތިކަން ލިބުނު މުވައްޒަފުންނަށް ވަޒީފާއަށް ވުރެ މުހިންމު ކަމެއް މި ވަގުތު ނެތީމާ، ވަޒީފާ ދޭ މީހުން ބުނި ގޮތަކަށް ރުހިގެން ތިބެން ޖެހިއްޖެ އެވެ. އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހަކު ބުނީ އެތަނުގެ މުވައްޒަފުންނަށް ޗުއްޓީ ދެނީ ރަށަށް ގޮސް ކަރަންޓީނުވާ ނަމަ ކަރަންޓީނުގައި ހުންނަ މުއްދަތު ވެސް ޗުއްޓީގެ ގޮތުގައި ބަލައިގެން ކަމަށެވެ. އެހެން ނުހެދޭނެ ކަމަށާއި ޗުއްޓީ ގުނަން ޖެހޭނީ ކަރަންޓީނުގައި ހުންނަ މުއްދަތު ނުހިމަނައި ކަމަށް ބުނުމުން އޮފީހުގެ ވެރިން ގާނޫނު މާނަކުރީ އެހެން ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.

"ބުނަނީ ގާނޫނުގައި އެ ބުނާ ހާއްސަ ޗުއްޓީ އަކީ ކޮވިޑަށް ޕޮޒިޓިވް ވެގެން ނުވަތަ ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވާ ހާލަތުގައި ކަރަންޓީނުގައި ހުންނަން ޖެހޭ މީހުންނަށް ލިބޭ ހާއްސަ ޗުއްޓީއެއް ކަމަށް. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޗުއްޓީތަކުން ކަރަންޓީނު މުއްދަތު އުނި ނުވާ ގޮތަށް ދެވޭނީ އެޗްޕީއޭ އިން އަންގައިގެން ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔައީމައޭ ބުނަނީ. ޗުއްޓީގައި ރަށަށް ގޮސް ގޭގައި ކަރަންޓީނުވުން ބަލާނީ ޗުއްޓީއަށް ކަމަށޭ އެ މީހުން ބުނަނީ،" މިގޮތަށް ބަލާތީ ޗުއްޓީ ނުނަގަން ހުރި އެ މުވައްޒަފު ބުންޏެވެ.

އަމިއްލަ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އެކި ކޯޓުތަކުން ވެސް މި ކަމުގައި އެކި ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ އެބަ އޮތެވެ. ނަމަވެސް ސިވިލް ސާވިސް އިން ވަނީ ޗުއްޓީގައި ރަށަށް ދާ މީހުން ކަރަންޓީނުގައި ތިބޭ މުއްދަތު ޗުއްޓީން އުނިނުކުރާ ގޮތަށް ގަވައިދު ހަދައި ގެޒެޓް ވެސް ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހާއި އެހެން ބައެއް ރަސްމީ އިދާރާތަކުން ވެސް އެގޮތަށް އަމަލުކުރެ އެވެ. އެހެންވެ، މި ގާނޫނު އެކި ތަންތަނުން މާނަ މި ކުރަނީ އެކި ގޮތަށެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ ޗުއްޓީގެ މައްސަލާގައި ވަރަށް ގިނައިން ސުވާލު އަންނަ ކަމަށެވެ.

"ގާނޫނުގައި މި އޮންނަނީ ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިޔުމަށް ހުރަސްއެޅޭ ފަރާތްތަކަށް ޗުއްޓީ ހަމަޖައްސައިދިނުމާއި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުމާއި އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދިނުން. ބައެއް ކުންފުނިތަކުން މި ބުނަނީ ޗުއްޓީ ނަގައިގެން ރަށަކަށް ގޮސް ކަރަންޓީނުވުމަކީ އަމިއްލަ އިހްތިޔާރުގައި ކުރާ ކަމެއް ނޫންހޭ އެހެންވެ އެއީ ޗުއްޓީގެ ދުވަސްތަކެކޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެގޮތަށް މާނަނުކުރެވޭނެ ކަމަށާއި އެކަން ގާނޫނުން ސާފު ކަމަށެވެ. އޭނާ ހަވާލާ ދެއްވީ އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ. އަށެވެ. އެއީ؛

"އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު އެ ރަށް ދޫކޮށްދިޔުމުގެ ސަބަބުން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ކަރަންޓީނުވާން ޖެހޭ މުވައްޒަފުންނަށް، އެފަދަ މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ ތަނެއްގައި މަޑުކުރަން ޖެހޭ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީއެއް ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭންވާނެ އެވެ."

މި މާއްދާގައި "ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު އެ ރަށް ދޫކޮށް ދިއުމުގެ ސަބަބުން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ކަރަންޓީނުވާންޖެހޭ މުވައްޒަފުން" ކަމަށް ބުނެފައި ވާތީ ޗުއްޓީގައި ނުވަތަ އެހެން ކަމެއްގައި ގޮސްގެން ވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ކަރަންޓީނުވާ ނަމަ ކަރަންޓީނުގެ މުއްދަތު އެއީ ޗުއްޓީ ކަމަކަށް ނުބެލޭނެ އެވެ.

މިހާ ސާފުކޮށް އޮންނައިރު ވެސް، ކޮވިޑުން ކުރިމަތިވި ހާސްކަން ފިލުވައިލަން މުވައްޒަފުންނަށް ކުޑަކުޑަ ލުޔެއް ދޭން ވެސް ބައެއް މީހުން ބޭނުން ނުވަނީ އެވެ.

ޗުއްޓީއެއް ނަގާ އެންމެ އާންމު އެއް ބޭނުމަކީ އާއިލާއާ ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ކަމަށް ވާތީ، މާލޭގައި އުޅޭ މީހުން ރަށަށް ދާން އެބަ ޖެހެ އެވެ. އެކަމަކު، ވަޒީފާ އަދާކުރާ ތަނުން ދޭ ކުރު ޗުއްޓީކޮޅު ގޭގައި އެކަހެރިވެ ހުރެ ނިންމާލަން ޖެހުމަކީ އިންސާފެއް ނޫނެވެ.