ރިޕޯޓް / ދުބާއީ

އެންމެ މީހެއްގެ ދުލުން، މި އުފާވެރި މަންޒަރު

ޓޫރިސްޓުންގެ ބަޔަކަށް އަމީން މައުލޫމާތު ދެނީ: މި ދުވަސްވަރު ޓޫރިސްޓުން އަައުން ގިނަވިޔަސް ބިރު އަދި ފިލައިގެންނެއް ނުދޭ --ފޮޓޯ:ނިޝާން އަލީ/މިހާރު

01 ޖެނުއަރީ 2021 - 08:20

15 comments
happy icon 88%

"ދުވަހަކު ވެސް، ދުވަހަކު ވެސް ހިތަކަށް ނާރާ މިކަހަލަ ދުވަހެއް އަތުވެދާނެއޭ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި، ރިސޯޓްތަކަށް ހާއްސަކޮށްފައި ހުރި ކައުންޓަރުތަކުގެ ތެރެއިން އެއް ކައުންޓަރުންގައި އިނދެ، މުހައްމަދު އަމީން ބުންޏެވެ. "އެއާޕޯޓް ހުސްވެދާނެ ކަމަކަށް ހިޔާލަށް ވެސް ނުގެނެވޭ."

އެކަމަކު އެއީ މާޗު 30 ވަނަ ދުވަހެވެ. ދުނިޔެއަށް ބާރު ސްޕީޑްގައި ފެތުރެމުން ދިޔަ ކޮރޯނާާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓި، އެންމެ ބޮޑު އެއާޕޯޓް ހުސްކޮށް އޮތް ދުވަސްވަރެވެ.

ރާއްޖޭގައި ތިން ރިސޯޓެއް ހިންގަމުން އަންނަ ބަންޔަންޓްރީގެ އެއާޕޯޓް ސާވިސަސް ކޯޑިނޭޓަރުގެ މަގާމުގައި ހުރި އަމީން، 44، އެ ދުވަހު، އެ ހުސްކަމުގެ ވާހަކަ ދެއްކީ ހިތާާމަވެރިކަމާ އެކުގަ އެވެ. އެއީ އޭނާ އާއި އޭނާއާ އެކު އެއާޕޯޓްގައި ބުރަކޮށް މަސައްކަތްކުރަމުން އައި އެތައް ސަތޭކަ ރެޕުންގެ ވެސް ހާލެވެ.

އެކަމަކު މިދިއަ އަންގާރަދުވަހު ވީއައިއޭއަށް ގޮސް، ބަލައިލި އިރު، މަންޒަރު އޮތީ ބަދަލުވެފަ އެވެ. ބިޒީ ރެޕުން، އެ ބިޒީކަމުގަ އެވެ. ބޯޓަކަށް ފަހު ބޯޓެކެވެ. އެތައް ހާސް ޓޫރިސްޓުން، ޓާމިނަލުން ނުކުމެ، ރެޕުންގެ ސަރަހައްދު ފުރާލައިފަ އެވެ.

ހަމަޖެހިލައިގެން ވާހަކަ ދައްކާނެ ފުރުސަތެއް އަމީނަކަށް ނުލިބުނެވެ. އޭނާ ނިސްބަތްވާ ރިސޯޓްތަކަށް އަންނަމުން ދިޔަ ޓޫރިސްޓުންނަށް މައުލޫމާތު ދީ، ރިސޯޓަށް ފުރުވުމުގައި، އުޅުނީ އަވަދިނެތި އެވެ.

ކޮވިޑްގެ ބިރުގައި ހުއްޓުނު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ދިރުމެއް އައިސް، މައި އެއާޕޯޓް ފުރިއްޖެ އެވެ. އިގުތިސާދު ހިނގައިގަތުމުގެ ފުރަތަމަ މަރުހަލާއަށް ރާއްޖެ ވަދެގެންފި އެވެ. ޓޫރިސްޓުންނަށް ފުރަތަމަ މަރުހަބާ ކިޔައި، އަދި ފަހުގެ ވަދާއީ ސަލާމްކުރުމުގެ މަސައްކަތުގައި ތިބި ރެޕުންނަށް ވެސް އާ އުއްމީދުތަކެއް ގެނެސްދީފި އެވެ.

އަމީނަށް މިހާރު ބުނެވެން އޮތީ ކުރިން ބުނި ވާހަކައާ ތަފާތު އެއްޗެކެވެ.

"ހިއެއް ވެސް ނުކުރަން ކުއްލިއަކަށް މިވަރުގެ ދުވަަސްތަކެއް އަތުވެދާނެއެކޭ،" ޑިއުޓީއަށް ފަހު ރޭގަނޑު "މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކޮށް އަމީން ބުންޏެވެ.

މާޗު 30 ވަނަ ދުވަހު "މިހާރު"އަށް އިންޓަވިއު ދިން އިރު އަމީން އެކަނިމާއެކަނި ކައުންޓަރެއްގައި: --ފޮޓޯ/ނިޝާން އަލީ/މިހާރު

މާޗު މަހު ވާހަކަ ދައްކަމުން ވެސް އޭނާ އުއްމީދުކުރީ އޮގަސްޓް ހިސާބުގައި ޓޫރިޒަމް ރަނގަޅުވާން ފަށާނެ ކަމަށެވެ. ކަންކަން ވަމުން އައީ އެ މަގުންނެވެ. ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލުމުން މަދުމަދުން ޓޫރިސްޓުން އަންނަން ފެށި އެވެ. ފުރަތަމަ ދުވަހު ވެސް ޑިއުޓީއަށް ނުކުތް މީހުންގެ ތެރޭގައި އަމީން ހިމެނެ އެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އޭރު ޓޫރިސްޓުން އައީ "ދުވާލަކު ދެ ކޮޓަރި ތިން ކޮޓަރި"އަށެވެ.

ދުނިޔެ ދެއްކި ބަދުނަސީބު އަދި ބިރުވެރި އަހަރެއް ނިމި، އުއްމީދީ އާ އަހަރަކަށް މިއަދު އަލިވިލުނު އިރު، ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ވަނީ ފުރިފަ އެވެ. މިދިއަ ދެ ހަފުތާ ދިއައީ ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީ ހޭދަކުރަން ރާއްޖެ އައި އެތައް ހާސް ބަޔަކަށް ހިދުމަތްކުރުމުގައި، އެއާޕޯޓް ރެޕުން އެހާމެ ބިޒީކޮށް އުޅެނިކޮށެވެ. ފުރަތަމަކޮޅު ދުވާލަކު ސަތޭކައެއްހާ ޓޫރިިސްޓުންނަށް ހިދުމަތް ދެމުން އައިސް މިހާރު އެ އަދަދު ވަނީ 4،000 އާ ގާތްކޮށްފަ އެވެ. ޑިސެމްބަރު 27 ވަނަ ދުވަހު، 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ޓޫރިސްޓުން ވެސް ތަފާތު

އަމީން ބުނި ގޮތުގައި މިހާރު ރާއްޖެ ގިނައިން އަންނަނީ އަތްމަތި ވަރަށް ތަނަވަސް މީހުންނެވެ. ކުރިން އާންމުކޮށް ނާންނަ ބައެއް ގައުމުތަކުގެ ޓޫރިސްޓުން ވެސް، ރާއްޖޭގެ ރީތިކަމަށް ލޯބި ޖެހި، އަރާމުކޮށްލަން އަންނަކަން އޭނާ ފާހަގަކުރި އެވެ.

"އަންނަ ޓޫރިސްޓުން ވެސް ބަދަލުވެއްޖެ. މިހާރު އާންމުކޮށް މި ފެންނަނީ ހަމަ ލާރި ހުރި މީހުން،" އަމީން ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި ދިވެހިންގެ ނަސީބު ރަނގަޅެވެ. ކޮވިޑްގެ ނުރައްކަލުގައި އަދިވެސް ދުނިޔެ އޮތް އިރު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ އެކު އެހާ ގިނަ ބަޔަކު އެ އަންނަނީ "މި ރީތިކަން ހަމަ ހަގީގަތުގައި ވެސް ރީތިވެގެން" ކަމަށް، އޭނާ ގަބޫލުކުރެ އެވެ. އަނެއްކާ ކޮވިޑްގެ ހާލަތުގައި ޗުއްޓީއެއް ހޭދަކުރަން ރާއްޖެ ވަރުގެ ތަނެއް ނޯންނާނެކަން ވެސް، މިދިއަ 15 އަހަރު ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ، އައްޑޫ ހިތަދުއަށް އުފަން، އަމީނަށް ޔަގީނެވެ.

"ވަކިވަކިން އޮންނަ ރިސޯޓްތަކެއް. ރިސޯޓްތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެހާ ރަނގަޅު. އެހެންވެގެން އަސްލު މީހުން ގިނަވަނީ،" އަމީން ބުންޏެވެ.

އެކަމަކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ވަރަށް އެއާޕޯޓް ތަރައްގީވެފައި ނެތްކަމުގެ އުނިކަން އެބަ އޮތެވެ. މިސާލަކަށް ވީއައިޕީން ޖާގަ ނުލިބޭތީ، އެތައް މަހުޖަނުންނަކާއި އެ މީހުންގެ އާއިލާއިން ޗުއްޓީ ފަސްކޮށް ނުވަތަ ކެންސަލްކުރިކަން އަމީނަށް ވެސް އެނގިފައިވެ އެވެ.

ޓޫރިސްޓުންތަކެއްގެ ފޮށިތަކެއް ކައިރީގައި އަމީން: މިއީ އަނެއްކާވެސް އޭނާގެ މަސައްކަތުގައި ވަރަށް ބުރަ ދުވަސްކޮޅެއް: ފޮޓޯ:ނިޝާން އަލީ/މިހާރު

އެމްއޭސީއެލްއިން ހިންގާ މާހަމި އެގްޒަކްޓިވް ލައުންޖުގެ، ސީއައިޕީގެ ކެޕޭސިޓީއަކީ 75 މީހުންނެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޗުޕީއޭ އިން ހަދާފައިވާ އުސޫލުގެ ދަށުން އެ އަދަދަށް އެތަނުން މިދުވަސްވަރު ޖާގައެއް ނުލިބެ އެވެ.

ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށް 2018ގެ ކުރީކޮޅު މަސައްކަތް ފެށި އާ ވީއައިޕީ އިމާރާތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ. އެކަމަކު އެތަން ބޭނުންކުރަން ފެށޭވަރުވާނީ، އެނގިފައިވާ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ނުވަތަ މެދު ތެރޭގަ އެވެ. އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތް ލިބޭ ގޮތަށް ހަދާ ވީއައިޕީ އިމާރާތުގެ މަސައްކަތް ފެށުމުގެ ކުރިން އޭރުގެ އެމްއޭސީއެލްގެ މެނޭޖްމަންޓުން ބުނެފައިވާ ގޮތުގައި، އެއީ ރާއްޖެ އަަންނަ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހިދުމަތް ދޭން ލިބޭނެ ފަސޭހައެކެވެ.

އެކަމަކު އެ ފަސޭހަ މިވަގުތަކު ނެތެވެ. އެހެންކަމުން، އަމީން ކަހަލަ، ޓޫރިސްޓުންގެ ޝަކުވާތައް އަބަދު އަހަން ޖެހޭ ރެޕުންނަށް، އެއާޕޯޓްގެ ހިދުމަތްތަކަށް ހުރި ހުރަސްތައް ކޮންމެ ދުވަހަކުހެން ފެންނާނެ އެވެ.

އެ ހުރިހާ މައްސަލަތަކެއްގެ ތެރެއިން ވެސް ޓޫރިސްޓުން ރާއްޖެ ދެކެ އެވާ ލޯތްބަކީ، "ހަމަ އަޖައިބެކެ"ވެ.

އޭގެ މިސާލެއް ދައްކަމުން އަމީން ބުނީ ދުބާއީ ކަހަލަ މުޅި ދުނިޔެއަށް ވެސް ނަމޫނާ އެތައް ޑިޒައިނަކަށް އިމާރާތްތައް ތަރައްގީކޮށްފައި ހުރި ސިޓީތައް ވެސް، ކޮވިޑް ތެރޭގައި "މި ވަރު ނޫން" ކަމަށެވެ.

"ރާއްޖެއަށް ވުރެ މާ ކުރިން ދުބާއީ ހުޅުވާލައިފި. އެކަމަކު ރާއްޖެއަށް މި ލިބޭ ވަރުގެ ސަމާލުކަމެއް ނުދޭ ޓޫރިސްޓުންނެއް،" އަމީން ބުންޏެވެ.

ކުރީ ދުވަހެއްގައި 34 އަމިއްލަ ޖެޓް ޖެއްސުމަކީ، އޭނާ ބުނި ގޮތުގައި، ދުނިޔޭގެ މަހުޖަނުންނަށް ރާއްޖެ ހާއްސަވާކަމުގެ ހެއްކެކެވެ. ކްރިސްމަސް އާއި އާ އަހަރަށް ރާއްޖެ އައި މަތީ ފަންތީގެ ޓޫރިސްޓުންގެ ޖެޓްތަކަށް އެއާޕޯޓްގެ އާންމު އޭޕްރަންތަކުން ޖާގަ ހުސްވެ، މިހާރު ބާއްވާފައި އޮންނަނީ އާ ރަންވޭ މަތީގަ އެވެ. އަދި ބައެއް ޖެޓްތައް ޕާކްކުރަން ސަރަހައްދީ ބައެއް އެއާޕޯޓްތަކަށް ވެސް ފޮނުވާލަ އެވެ.

"އަސްލު ވަރަށް އުފާވޭ ރާއްޖެ އެހާ މަޝްހޫރުވީމާ،" އަމީން ބުންޏެވެ.

ރެޕުން ކުރަނީ ވެސް ގައުމީ މަަސައްކަތެއް

އެއާޕޯޓްގެ އެންމެ ބިޒީ އެއް ބަޔަކީ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ރެޕުންނެވެ. އެއީ ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ ތަންތަނުން އެންމެ ފުރަތަމަ މަރުހަބާ ކިޔާ މީހުންނެވެ. އަދި އުފާވެރި ޗުއްޓީއަށް ފަހު ރާއްޖެއަށް ވަދާއީ ސަލާންކުރާ އިރު ވެސް، ކައިރީގައި ތިބެނީ އެމީހުންނެވެ.

އެކަމަކު އަމީން ބުނީ އެއާޕޯޓް ރެޕުންގެ މަސައްކަތުގެ އަގު، އާންމުންނަށް އެހާ ބޮޑަށް ވަޒަންނުކުރެވޭ ކަމަށެވެ. އަދި މާލެއަށް ކޮވިޑް ފެތުރެން ފެށި ފުރަތަމަ ދުވަސްކޮޅު އެއާޕޯޓް ރެޕެއްގެ ބޮލުގައި އިލްޒާމްތަކެއް އަޅުވައިގެން، ރެޕުންގެ އަގުވެއްޓޭ ގޮތަށް ދެއްކި ވާހަކަތަކުން "އަހަރެމެން އެންމެން ވަރަށް ދެރަވި" ކަމަށް އޭނާ ބުންޏެވެ.

އެއާޕޯޓް ރެޕުންތަކެއް އުފާވެރިކަމާ އެކު: ވަޒީފާއަށް ބުރޫއެރި ދުވަސްތަކަކަށް ފަހު، ކަންކަން ހަމަޔަކަށް އެޅިދާނެކަމުގެ އުއްމީދު މިހާރު ވަނީ ބޮޑުވެފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

"އަސްލު އަހަރެން ބުނާނީ ރެޕުން ކުރާ މަސައްކަތް ވަރަށް ބުރައޭ. އެއީ ވެސް ހަމަ ގައުމީ މަސައްކަތެއް،" އަމީން ބުންޏެވެ.

"ބަދުނާމްކޮށް އެގޮތަށް ވާހަކަ ފެތުރުނީމާ ވަރަށް ދެރަވޭ."

ކޮވިޑާ ގުޅިގެން ރިސޯޓްތަކުން މުވަައްޒަފުން މަދުކުރުމުން މިހާރު އެއާޕޯޓްގައި އުޅޭ ރެޕުންގެ ދުވަސްތައް ވަނީ ކުރިއަށް ވުރެ ވެސް ބިޒީވެފަ އެވެ. އެކަމަކު ކުރީގެ ވެއްޓުމުން އަރައިގަންނަ އިރު އޭގެ ފަހަތުގައި ހުރި ދަތިތައް ދެނެގަނެ، އެކަން އެމީހުން ގަބޫލުކުރެ އެވެ. އެހެންކަމުން ކުރިން ދެ މީހުން ނަގަމުން އަންނަ ޑިއުޓީ އެކަކު ނަގަން ޖެހުނަސް، ޝަކުވާއެއް ނެތި އެގޮތަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ބައެއް ރެޕުންނަކީ ރިސޯޓުން އެއާޕޯޓަށް ގޮސް، އަނެއްކާ ޓޫރިސްޓުންނާ އެކު ރިސޯޓަށް ދާ މީހުންނެވެ. އެ މީހުންގެ ދިރިއުޅުން، ކޮވިޑްގެ ހުރަސްތަކުގެ ތެރޭގައި، އަދި ތަފާތެވެ. އެމީހުން ރިސޯޓަށް ގޮސް ތިބެނީ އެހެން މުވައްޒަފުންނާ ވެސް މުޅިން ވަކިންނެވެ.

ރެޕުންގެ އިތުރުން، ކޮވިޑާ ގުޅިގެން އެޅި ހާއްސަ ފިޔަވަޅުތަކުގެ އެންމެ ބޮޑު ބުރައަކާއި ބޮލުގެ ރިހުން ވެސް ތަޖުރިބާކުރަނީ ރިސޯޓްތަކުގެ މުވައްޒަފުންނެވެ. އެ މީހުންނަށް ރިސޯޓަކުން ނުއެއް ފޭބެ އެވެ. އެގޮތަށް ގިނަ މުވައްޒަފުން ތިބޭތާ ނުވަ މަސް ވަނީ އެވެ.

"އެއީ ވެސް އަސްލު ހާދަ ބޮޑު ގުރުބާނީއެކޭ،" އަމީން ބުންޏެވެ.

މިކަހަލަ ކޮންމެ ކާރިސާއެއްގައި ވެސް އެހެން އެންމެންނާ ނުބައްދަލު ބުރަތަކަކާއި ހިތްހަމަނުޖެހުންތަކެއްގެ ތެރޭގައި އުޅެން ޖެހޭ ބަޔަކު ތިބެ އެވެ. އެގޮތުން މިފަހަރު އެންމެ ބޮޑަށް އެކަން ލައިގަތީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. އެކަމަކު އެ މީހުންގެ "އެ ބަންދުން" އެހެން އެންމެންނަށް ސީދާކޮށާއި ނުސީދާކޮށް ލިބޭ ދިރުމާއި ތަނަވަސްކަން ބޮޑެވެ.

އެ ދިރުމުގެ އުފާވެރި މަންޒަރު އެންމެ ސާފުކޮށް ފެންނާނީ އެއާޕޯޓުންނެވެ. މިއީ މާޗު މަހުން ފެށިގެން ރާއްޖެ ވެއްޓުނު އިގުތިސާދީ ވަޅުގަނޑުން އަރައިގަތުން ބިނާވެފައި އޮތް ދިރުމެވެ. އަމީނެކޭ އެއްގޮތަށް ހުރިހާ ރެޕުންނާއި އެއާޕޯޓްގެ އެހެން މުވަައްޒަފުންނަށް ވެސް، އިހުސާސްކުރެވޭނީ ކޮވިޑްގެ ކުރީގެ ހާލަތަށް އެނބުރި ދެވެނީ ކަމަށެވެ.

ނަމަވެސް އެހެން ބުނަން އަދި މާ އަވަހެވެ. އަމީންގެ ހިތުގައި ވެސް އޮތް ބިރަކީ، އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި އަނެއްކާ މާ ބޮޑަށް ކޮވިޑް ފެތުރެމުން ދިއުމެވެ. އަދި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރިސޯޓްތަކުގެ އޮކިއުޕަންސީއަށް އަންނާނެ ވެއްޓުމެވެ.

"ރަނގަޅުވާނެ ކަމަށް އަބަދުވެސް އުއްމީދުކުރަނީ. އެކަމަކު [ފެތުރޭ އަޑުތަކުން] ދެން ވާނެ ގޮތް ނޭނގޭތީ ބިރު ވެސް ގަނޭ،" އަމީން ބުންޏެވެ.

ނަމަވެސް އޭނާ ދެކޭ ގޮތުގައި ޗައިނާގެ ފްލައިޓްތައް ފެށިއްޖެ ނަމަ، އެ ހުރިހާ ކަމެއް ވެސް ބަދަލުވާނެ އެވެ.

"ޗައިނާގެ ޓޫރިސްޓުން ނެތި މިހާރު އެ އޮތީ ރިސޯޓްތައް ފުރިފައި. ދެން ޗައިނާއިން އަންނަން ފަށައިފިއްޔާ އަދި މާ އުފާވެރިވާނެ،" އަމީން ބުންޏެވެ.

އެކަމަކު އެއީ އަމީން އާއި ޓޫރިޒަމް ދާއިރާގެ މީހުންގެ އަތްމަތީގައި އޮތް ކަމެއް ނޫނެވެ. ޗައިނާގެ ޓޫރިސްޓުން ރާއްޖެ އައުމާއި ނައުން އޮތީ، ސިޔާސީ ނިންމުންތަކެއްގެ ތެރޭގަ އެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުން، ޖުލައި 15ގެ ފަހުން މިހާތަނަށް އަދި އެންމެ ޓޫރިސްޓަކު ވެސް ނާދެ އެވެ.

ޓޫރިޒަމްގެ އުފާވެރި މަންޒަރު މުޅިން ފުރިހަމަވާނީ ޗައިނާއިން ވެސް ޓޫރިސްޓުން ޒިޔާރަތްކޮށްގެންނެވެ.

15 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫބި

01 January 2021

ކޯޗެއްތަ މި ފަތުރުވެރިކަމުން ދިވެހިންނަށްލިބެނީ ހުރިހާ ފައިދާއެއް ބިދޭސީންނަށް. ދެރަ

The name is already taken The name is available. Register?

އޫއްހޫއްހޫއް

01 January 2021

އެންމެ މީހެއްގެ ދުލުން، މި އުފާވެރި މަންޒަރު ކިޔާދޭނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ދެން ވަރަށް އަވަހަށް އެނބޫދޫ ފަޅު ތެރޭގައި މިހާރު ނަހަދާ ހުރި ނުވަ ފަޅުގައި 50 ބުރިއަށް އިމާރާތް ތައް ކޮށްގެން ހުރިހާ އިމާރާތް ތަކުގެ ފްލޯރސް ތައް 100 އަހަރަށް ކޮންމެ ފްލޯރ އެއް ވިއްކާލާނެ ކަމަށް ސިންގްހާ އެސްޓޭޓް އިން އެއިރުން ދެން އެތަން ތަނަށް ރާއްޖޭގެ ހުރިހާ މީހުންނަށް ބަދަލު ވެވޭނެއޭ މިހާރު ޓޫރިޒަމް ގާނޫނު އޮތް ގޮތުން އެކަން ވާނެއޭ އޫއްހޫއް

The name is already taken The name is available. Register?

ޙިނި

01 January 2021

ތ ޓުވަރިޓުމީހާ މިތަ ހަރަދުކުރާ ފައިސަގެ %99.99 ދަނީ ބޭރައް އިންޕޯޓު މުދަ އެތެރެކުރަން

The name is already taken The name is available. Register?

ބަރީ

01 January 2021

އެއީ ދޯ ބޭނުމަކީ، ޓޫރިސްޓުން އަތުން ނަގާ ޑޮލަރު ބޭނުންކޮށްގެން ދިވެހިން ކައިގެން މި އުޅެނީ. ފައިސާ ހޯދަނީ އިމްޕޯޓްކުރަން، ފޮރުވާފަ ބަހައްޓާކަށް ނޫން.

The name is already taken The name is available. Register?

ކޮވެލި

01 January 2021

ޓޫރިޒަމް މިނިސްޓަރަކަށް ހުރީ ކުޅަދާނަ ތަޖްރިބާ ހުރި ދިވެއްސެއް. އެކަމަކު އެއަރޕޯޓް ހިންގަން ބޭންކް ހިންގަން އަދި ޕެންޝަން ފަންޑު ހިންގާކަށް ދިވެހިންނަކަށް ނޭގެޔޯ. ބޮޑު އަރަތެއް.

The name is already taken The name is available. Register?

ލުބްލާ123

01 January 2021

ޓޫރިޒަމް މިނިސްޓަރު ކަމަކީ ސިޔާސީ މަގާމެއް. ސިޔާސީ މަގާމުތަކާ ކޮމްޕެއަރ ނުކުރެވޭނެ ބޭންކް މެނޭޖަރު ކަމެއް.

The name is already taken The name is available. Register?

އެހަނދާން.....

01 January 2021

އެކަމަކު އޭރު ރިސޯރޓް މުވައްޒަފުން ކެތްތެރިވިއެކޭ ނުބުނެވޭނެ އެވެ. މީހަކަށް ކުޑަވެސް ބާރެއް ނުފޯރުވޭ ޤުދުރަތީ ބަލިމަޑު ކަމެއްގައި ލިބުނު ހީނަރު ކަމުގައި ކެތްނުކުރެވި ކިހައި އެތިވަރެއް ގޮވިހެއްޔެވެ؟ އޭރު ވަރަށް ދެރަވި އެވެ. މިހާރު ވަރަށް އުފާވެއެވެ. ދެންވެސް ﷲއަށް ޝުކުރުވެރިވެ އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރާށެވެ! އިންސާނުންނަށް ބާރު ނުފޯރުވޭ ކަންކަމުގައި ކެތްތެރިވާށެވެ.

The name is already taken The name is available. Register?

ހށނރބާ

01 January 2021

ރާއްޖެ ހުޅުވިޔަސް ޗައިނާ އިން މީހުންނަށް އާދެވޭނީ ޗައިނާ އިން ބޭރަށް ދާން ޗައިނާ ހުޅުވައިގެން.

The name is already taken The name is available. Register?

ތިމާވެށި

01 January 2021

ދެތިން އަހަރު ކުރިން އެއަރޕޯޓް ރެޕުންނަކީ 90 ޕަސެންޓް ދިވެހީންނެވެ. މިހާރު އެއީ 35 ޕަސެންޓް ދިވެހީންނެވެ. އެތާ ވެސް ބަނގްލަދޭޝް މީހުން ގިނަ އެވެ. ގިނައީ ގެސްޓް ހައުސްތަކުގެ ބިދޭސީ މީހުންނެވެ. އަލުން ދިވެހީން ނަށް ރެޕުންގެ ވަޒީފާ ހޯދަދޭން މަސައްކަތް ފަށަން ވީ އެވެ.

The name is already taken The name is available. Register?

އައްޔާބެއްޔާ

01 January 2021

30ހަކައް އަހަރުކުރިން ހޮޓާތަކުގަ ވެއިޓަރުންނައްތިބީ ދިވެހިން ދެން އެމީހުންބޭނުންވީ ރިސޯޓުވަޒީފާ، ހޮޓާހިންގާމީހާ މިކަހަލަ ކަމެއްނުލިބޭނަމަ ގޭގަމަޑުކޮއްލަން ބޭނުންވީ. މިއަދު ގެސްޓުހައުސް ރެޕްކަން ގިނަ ދިވެހި ޒުވާނުން ބޭނުމެއްނުވޭ ގެސްޓުހައުސް ހިންގާމީހާ ވެރިމީހާ، އޮފީހެއްގެވަޒީފާ ފަދަކަމެއް ނުލިބޭނަމަ ގޭގަމަޑުކޮއްލަން ގިނަ ޒުވާނުން ބޭނުންވަނީ.

The name is already taken The name is available. Register?

އަލީގ

01 January 2021

އެންމެ މީހެއްގެ ދުލުން، އެކަމަކު ގިނަމީހުންގެދުލުން ނޫނީ މިތަނުން ފެންނަގިނަ ކޮމެންޓުތަކުންފެނަންނީ ތި ފަތުރުވެރިކަމުން ދިވެހި ރައްޔިތަކައްވާ ފައިދާއެއްނެތޭ ހަމައެކަނި ފައިދާވަނީ މަހުޖަނުންނަށޭ.

The name is already taken The name is available. Register?

ކަރުން

01 January 2021

ޗައިނާ ޓޫރިސްޓުން ނާންނަނީ މިތާ އުޅޭ ކޮން ބޯ ބުރާންތިއަކާ ހެދި ކަން ގައުމުދެކެ ލޯބިވާ ދިވެހިނަށް އެނގޭނެ

The name is already taken The name is available. Register?

އަލީގ

01 January 2021

ޗައިނާ ޓޫރިސްޓުންނާންނަނީ އެމީހުންގެ ބޯޑަރުތައް އަދި ހުޅުވާނުލާތީ. އެދުވަސްޖެހުނީމަ އެމީހުންވެސް ދުނިޔޭގެ އެތައްމިތަނައް ދަތުރުކުރަންފަށާނެ މިގައުމައްވެސް އަންނާނެ.

The name is already taken The name is available. Register?

ޙިކާމް

01 January 2021

އެބޯބުރާންތި ފަހަތުން ދުވާ ފޫކޮޅުބުރާންތިންވެސް މަދެއްނޫން. އެހެންވެ އޭނައަށް އެހެން ތެޅެވެނީ

The name is already taken The name is available. Register?

ރިއްޗަޅޭ

01 January 2021

ދިވެހި އިގްތިސާދުގެ ހަކަތައަކީ ފަތުރުވެރިކަމުގަ މަސައްކަތްކުރާ ދިވެހިން. ސަރުކާރާ އެހެން އިންޑަސްޓރީގަ މަސައްކަތަކުރާ މީހުންނަށް ހަޖަމްނުވިޔަސް މިއީ ހަގީގަތް. މިއަދުވެސް ފުލް އޮކިއުޕެންސީގަ ވިއްސާ ތިރީހާ ދޭތެރޭގެ ޕޭ ކަޓެއްގަ ސަތާރަ އަށާރަ ގަޑިއިރު ހިނިތުނވުމާއެކު އެމީހުން މަސައްކަތް ކުރާތީ މިތަން ބަނޑަށް ނުޖެހި މިއޮތީ. ހެޓްސް އޮފް ޓު ޔޯލް ހެޓެލިއަރސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454