ރިޕޯޓް

އަލީ ވަހީދު ފުރުވާލުން: ކޯޓުގައި ދެން ވާނީ ކިހިނެއް؟

ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެތޯ އާއި ހުންނެވި ތަނެއް ނޭނގުމާއި ރެޑް ނޯޓިސް ނެރެގެން ވެސް ރާއްޖެ ގެނެވިދާނެތޯ ސުވާލު އުފެދޭތީ ދެން ވާނެ ގޮތަކާ މެދު ވެސް އޮތީ ސުވާލު.

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ހަތަރު މަހަށް.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމަކީ އޭނާ އެނބުރި ރާއްޖެ ވަޑައިނުގަތުމަށް ދިން "ހުއްދައެއް"ގެ ގޮތުގައި ބައެއް މީހުން ތިބީ ގަބޫލުކޮށްގެންނެވެ. ހަތް ދައުވާއިން "ސަލާމަތްކުރަން" އޭނާ ފުރުވާލީ ކަމުގެ ތުހުމަތުކުރާ ސަބަބުތަކެއް އެބަ ހުއްޓެވެ. އެކަމަކު ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވެސް ނުދެކޭތީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފި އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިގަތުމާ މެދު ރަޖިސްޓްރާ އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ބައެއް ލިޔެކިޔުންތައް ފުރިހަމަކުރަން މިހާރު ވަނީ އެދިފަ އެވެ. އެނގިފައިވާ ގޮތުގައި އެކަން ޕީޖީ އޮފީހުން ކުރިއަށް އެބަ ގެންދެ އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަކުގެ ޝަރީއަތް ފެށިތަނުން ބޭސްފަރުވާ އަށް ބޭރަށް ފޮނުވައިދޭން އަލީ ވަހީދުގެ ފަރާތުން ކޯޓަށް ހުށަހެޅުއްވުމުން ޕީޖީ އޮފީހުން އެދުނީ ވަކި މުއްދަތަކަށް ޓްރެވަލް ޑޮކިއުމެންޓެއް ދީ ފަރުވާގެ ފުރުސަތު ދޭށެވެ. ކުރިން ވެސް ތަހުގީގާއި ޝަރީއަތަށް ފިލި މީހަކަށް ވާތީ އެފަދަ ނިޔަތެއް އޮވެދާނެތީ ކަމަށް ބުނެ އެވެ. އެ ނުކުތާއަށް މާ ބޮޑަށް ރިއާޔަތްކުރެއްވުމެއް ނެތި އަދި މި ބާވަތުގެ އަމުރު ނެރުމުގައި ކޯޓުން ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ފަނޑިޔާރު ހަސަން ސައީދު ޕާސްޕޯޓް ދޫކުރެއްވީ ކަމަށް ޕީޖީ އޮފީހުން މި މައްސަލައިގައި ނެރުނު ބަޔާނުން ސާފެވެ.

އަލީ ވަހީދު ފުލުސް އޮފީހުގައި: އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ދޮގު ކުރައްވާ.

އަމުރު ނެރުއްވުމުގައި ފަނޑިޔާރު އަމަލުކުރެއްވި ގޮތުގެ މައްސަލަ ޕީޖީ އޮފީހުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

ހަތަރު މަހަށް އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލި މައްސަލައިގައި އުފެދިފައިވާ ސުވާލުތައް ގިނަ އެވެ. އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ގެންދެވިދާނެތޯ އާއި ހުންނެވި ތަނެއް ނޭނގުމާއި ރެޑް ނޯޓިސް ނެރެގެން ވެސް ރާއްޖެ ގެނެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ޣައިރު ހާޒިރުގައި އިސްތިއުނާފް ހިންގޭނެ؟

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފް ހައި ކޯޓަށް ހުށަހަޅާފައި އޮތަސް އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންގޮސްފާނެތޯ ސުވާލު އުފެދެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ސާފުވާން އެބަ އޮތެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައެއްގައި ކުރެއްވި ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ)ގައި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. މި ހައްގު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ގާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް ހައި ކޯޓުން މި އަހަރު ކުރި ހުކުމެއްގައި ވެސް "ޖިނާއީ ކުށެއްގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފް ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންވެފައި ނުވާކަން" ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ބާރުދެއްވައި ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ޕީޖީ އޮފީހުން ހުށަހެޅި އިސްތިއުނާފް މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމާއި އަލީ ވަހީދު އަދި ފަނޑިޔާރު ހަސަން ސައީދު.

އެކަމަކު އިސްތިއުނާފް ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި، ހައި ކޯޓުން ޑްރަގު މައްސަލައެއް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ، ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން ދޫކުރި މައްސަލަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކުރުމުން ކުރިއަށް ގެންދިޔައީ، އިސްތިއުނާފް ރައްދުވާ ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ޣައިރު ހާޒިރުގަ އެވެ. އެއީ ކޯޓުގެ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފްކުރާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު އެ މައްސަލަ ތާވަލްކުރެވިފައި އޮތީ އިސްތިއުނާފް ހަތް ދުވަހުގެ މުއްދަތުގައި، އެންމެ ފަހު ދުވަހު ކަމަށް ވާތީ އެވެ.

"ހައި ކޯޓުގެ މި ހުކުމުން އެބަ އެނގޭ އިސްތިއުނާފަށް ނައިސްފާނެކަން. އޭރުން ދެން ހަދާނެ ގޮތް ވެސް އެބަ އޮތޭ،" ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.

ސީރިއަސް ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރުގެ އިސްތިއުނާފް ކުރިއިރު އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ގާނޫނީ ހުރަހެއް ނެތް ކަމަށް ސާބިތުކުރަން ޕީޖީ އޮފީހުން ހެކި ހުށަހަޅާފައި ވެސް ހުރެދާނެ އެވެ.

އަލީ ވަހީދު ހުންނެވި ގައުމެއް ވެސް ޔަގީނެއް ނޫން!

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމުގެ އަމުރާ އެކު ހަމަ އެ ރޭ ޓާކިޝް އެއާލައިނުން ފުރާވަޑައިގަތީ، އޭނާގެ ވަރަށް ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި، އިނގިރޭސިވިލާތަށެވެ. އެކަމަކު އޭނާ އެ ގައުމަށް ވަޑައިނުގަންނަވާ ކަމަށް ވަރަށް ސާބިތުކަމާ އެކު ވިދާޅުވާ ބޭފުޅުންތަކެއް ވެސް އެބަ ތިއްބެވި އެވެ.

އަލީ ވަހީދު ހުންނެވި ތަނަކާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ އޭނާއަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އޭނާގެ ވަކީލުންގެ ފަރާތުން ވެސް މިކަން އަދި ސާފެއް ނުވެ އެވެ.

އަލީ ވަހީދު ދަތުރުކުރެއްވި ގައުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އިނގިރޭސިވިލާތަށް އެތެރެވުމަށް ކުރިމަތިވި ހުރަސްތަކާ އެކު އޭނާ މިހާރު ހުންނެވީ ދުބާއީގަ އެވެ. އެކަމަކު ކޯޓުން ކުށް ސާބިތުވެފައި ނުވާ އަލީ ވަހީދު ޕާސްޕޯޓުގައި ޔޫކޭއަށް ވަޑައިގަތުމުން އިމިގްރޭޝަނުން ޕާސްޕޯޓް ރިޖެކްޓްކޮށް އެތެރެވުމުގެ ފުރުސަތު ނުދީފާނެތޯ ސުވާލު އުފެދެ އެވެ.

ހަތް ދައުވާއަށް ވެސް އަލީ ވަހީދު ވަނީ އިންކާރުކުރައްވައިފަ އެވެ. ކްރިމިނަލް ކޯޓުގައި އޭނާ އެދިވަޑައިގަތީ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ފޮނުވައިދޭށެވެ. ބޭސްފަރުވާ ހޯދުމަކީ ޕާސްޕޯޓަކުން ކުރާ ކަމަކަށް ނުވާތީ ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން އަލީ ވަހީދުގެ ވަކީލު އެކަމަށް އިއުތިރާޒްކުރެއްވީ އެވެ. ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ މީހެއްކަން އެނގޭ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރެއް ކަމަށާއި އެހެން އޮތުމުން އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދަން ދަތުރުކުރަން ހުރަސްއެޅޭ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.

އަލީ ވަހީދާ ޖާމިނުވި އޭނާގެ އެކުވެރިޔާ އައްސަދު: ހަތަރު މަސް ތެރޭގައި އަލީ ވަހީދު ވަޑައިނުގެންފި ޒިންމާ އައްސަދު ޒިންމާ ނަންގަވާ ގޮތަށް ވަނީ އިގުރާރެއްގައި ސޮއިކުރައްވާފައި.

އަލީ ވަހީދުގެ ގާތް ބޭފުޅަކު މިއަދު ވެސް ވިދާޅުވީ އޭނާ ވަޑައިގަތީ، ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ތަހުގީގާއި ކުރަން އުޅުނު ދައުވާތަކުން ސަލާމަތްވާން 2016 ގައި ހިމާޔަތް ހޯއްދެވި އިނގިރޭސިވިލާތަށް ކަމަށެވެ. އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް އޭރު އެ ގައުމަށް ވަޑައިގަތް ސިޔާސީ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ އަށް ހިމާޔަތް ލިބުނީ 1951ގެ ރެފިއުޖީ ކޮންވެންޝަންގެ ދަށުންނެވެ.

މޭ 1، 2015 ގައި ބޭއްވި "މޭޑޭ މުޒާހަރާ"އާ ގުޅިގެން ނުހައްގު ދައުވާއަކުން ޖަލަށް ލާން އުޅުމުގެ ސަބަބުތައް ދައްކަވައި ހިމާޔަތް ހޯއްދެވި ނަމަވެސް ޖިންސީ ކުށުގެ ތުހުމަތުކުރެވޭ ނަމަ ޔޫކޭގައި ދިރިއުޅުއްވުން ފަސޭހަނުވާނެ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އިނގިރޭސި ވިލާތަށް އެތެރެވާން އުނދަގޫތައް ކުރިމަތިވިއްޔާ އޭގެ ސަބަބަކީ ވެސް، އެ ތުހުމަތުތައް ކަމަށް، އެ މީހުން ދެކެ އެވެ.

"ނޫން، އޭނާ ޔޫކޭއަށް ދިޔައީ،" އަލީ ވަހީދުގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.

ރާއްޖެ އިން ފުރާވަޑައިގަތް ރޭ އަލީ ވަހީދު ވަނީ އޭނާ ޔޫކޭގައި ދިރިއުޅުއްވިއިރު ބޭނުންކުރެއްވި އެ ގައުމުގެ ސިމް އެކްޓިވޭޓް ކުރައްވައިފަ އެވެ.

އަލީ ވަހީދު ވަޑައިގަތީ ދުބާއީ އަށް ނަމަ، ފަސޭހައިން އެތެރެވެވޭނެ އެވެ. އެ ގައުމުން ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބެ އެވެ. ކޮވިޑް-19އާ ހެދި ސްރީ ލަންކާ ބަންދުކުރުމުން ގިނަ ދިވެހިން ޔޫކޭ ވިސާ ނަގަން ދަނީ ވެސް ދުބާއީއަށެވެ. އެތަނަށް ދާ ދިވެހިންނަށް ވެސް އެކްސްޕްރެސް ޚިދުމަތުން 3-4 ދުވަހުގެ ތެރޭގައި ވިސާ ލިބެ އެވެ. އާއްމު އުސޫލުގެ ތެރެއިން ގާތްގަނޑަކަށް ހަފުތާއެއް ހޭދަވެ އެވެ.

އެކަމަކު ޔޫކޭގައި ވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭތީ ކޮންމެހެން ވިސާ ނެންގެވުމަށް އަލީ ވަހީދު ދުބާއީއަށް ވަޑައިގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެ އެވެ.

"އެއްވެސް ގައުމެއް އަލީ ވަހީދަށް ފަސޭހައެއް ނުވާނެ، ރެފިއުޖީކަން ނުލިބޭނެ"

ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ކުރިއަށް ނުގެންދެވުނަސް ޕާސްޕޯޓް ދޫކުރި ހަތަރު މަސް ހަމަވުމުން ރާއްޖެ ވަޑައިނުގެންފި ނަމަ އަލީ ވަހީދާ ދެކޮޅަށް ރަސްމީ އިދާރާތަކަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ.

"ހަތަރު މަސް ހަމަވުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އަނެއްކާވެސް އެދެވިދާނެ. އިމިގްރޭޝަން މެދުވެރިކޮށް ވިސާ ކެންސަލް ކުރެވިދާނެ، ދެން އެ ހުރި ގައުމެއްގައި ވިސާ އެކްސްޓެންޑެއް ނުކުރެވޭނެ، ވަކި މުއްދަތެއް ހޭދަވެ އޯވަސޭޓޭވުމުން ޑީޕޯޓްކޮށްލުމަކީ ވެސް ހިނގާފާނެ ކަމެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ވަކި މުއްދަތަކަށް އިނގިރޭސިވިލާތުން ކުރިން ހިމާޔަތް ދީފައި އޮތް ނަަމަވެސް މިފަހަރު އެ ހިމާޔަތުގައި އެ ގައުމުގައި ދިގު މުއްދަތަކަށް އުޅުއްވަން އަލީ ވަހީދަށް ފަސޭހައެއް ނުވާނެ އެވެ. ގައުމުތަކުން ރެފިއުޖީ ސްޓޭޓަސް ދިނުމުގައި ބަލާ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެއްވެސް ގައުމަކުން ހިމާޔަތް ހޯއްދަވަން އުނދަގޫވާނެ ސަބަބަކީ އޭނާއާ ދެކޮޅަށް ދައުލަތުން ބޮޑު ކުށެއްގައި ދައުވާ އުފުލާފައި އޮތުމެވެ. ސިޔާސީ ފްރޭމްކުރުމެއްގެ ގޮތުގައި ސިފަކުރެއްވޭ ވަަރަށް ވުރެން ދައުވާތައް ސީރިސް ކަމުންނެވެ.

ޖިންސީ ކުށްތަކުގެ ލިސްޓަށް އަރާފައި ތިބޭ މީހުން ބައެއް ގައުމުތަކަށް އެތެރެވުން މަނަލެވެ. ޕާސްޕޯޓް ދޫކޮށްދެއްވަން ކޯޓުގައި އަލީ ވަހީދު އެދިވަޑައިގަތީ އުފުލާފައިވާ ދައުވާއާ ހެދި ޓްރެވަލް ޑޮކިއުމެންޓެއްގައި ނަމަ ގައުމުތަކުގައި އޭނާގެ އަބުރަށް ހުތުރުވާނެ ކަން ފާހަގަކުރައްވަމުންނެވެ.

ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ބައެއް ބޭފުޅުންނަށް އެބަ އޮތެވެ. މިފަދަ ސީރިއަސް ތުހުމަތެއްގައި ހިމެނޭ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ވުރެން ގައުމުތަކުން ވެސް ބުރަވާނީ އެ ގައުމެއްގެ ސަރުކާރުން އެ މީހަކާ މެދު ހުށަހަޅާ ކަންތައްތަކެއްގެ މައްޗަށް ކަމަށް އެއް ބޭފުޅަކު ވިދާޅުވި އެވެ.

"އިންޓަޕޮލްގައި ވެސް އެދެވިދާނެ، އެ މީހަކު ހުރި ގައުމެއްގައި ވެސް އެދެވިދާނެ. ސެކްޝުއަލް އޮފެންޑާއެއްގެ ގޮތުގައި ލޭބަލްކުރެވިފައި ހުރީމަ އުނދަގޫވާނެ އެ މީހަކަށް އެ ގައުމެއްގައި ހުންނަން. އިންޓަނޭޝަނަލް ޑޭޓާ ބޭސްތަކުގައި ޝެއާ ވެސް ކުރާނެ ސެކްޝުއަލް އޮފެންޑާސްގެ މައުލޫމާތު،" މިކަމުގައި "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފި ނަމަ އެނބުރި ވަޑައިގަތުމަށް އަލީ ވަހީދަށް ރަސްމީ އިދާރާތަކަށް އެންގިދާނެ އެވެ. ބައެއް ކޭސްތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި އަންނަން އަންގާފައި ވެސް އެބަ ހުއްޓެެވެ.

މި ހާލަތުގައި ވެސް ރާއްޖޭގެ އިމިގްރޭޝަން މެދުވެރިކޮށް ޕާސްޕޯޓް ކެންސަލްކޮށްލެވޭނެ އެވެ. ކޮންމެ ގައުމެއްގައި ހުންނެވިޔަސް ޕާސްޕޯޓް ކެންސަލްކޮށްލުމުން ދެން ދަތުރެއް ނުކުރެއްވޭނެ އެވެ. ސައްހަ ޕާސްޕޯޓަކާ ނުލައި އެ ގައުމެއްގައި ހުރެވޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެން އިތުރަށް ހުރެއްޖެ ނަމަ އޯވަސްޓޭވީ ކަމަށް ބަލައި ޑީޕޯޓްކޮށްލުން ފަދަ ފިޔަވަޅު ވެސް އެޅިދާނެ އެވެ.

އަލީ ވަހީދު ނުގެނެވިދާނެ ކަމުގެ ކަންބޮޑުވުން!

މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭރުގެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގާތެވެ. ޚާރިޖީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ވެސް ރާއްޖެއިން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދެ އެވެ. މިހެންވިޔަސް ހައި ކޯޓުން އިސްތިއުނާފް މައްސަލަ ބަލައިނުގެންފި ނަމަ އަލީ ވަހީދު ރާއްޖެ ގެނައުމަކީ ކަމާ ބެހޭ އިދާރާތަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެއް ބޭފުޅަކު ވިދާޅުވީ ރުހުމުގައި އަލީ ވަހީދު ވަޑައިނުގެންފި ނަމަ ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ. ޕާސްޕޯޓް ދޫކޮށްލައި "ފުރުވާލީ" ކަމުގެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް އޭނާ ވިދާޅުވީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށް ޕާސްޕޯޓް ދޫކޮށްލިޔަސް އެއީ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް.-- މިހާރު ފައިލް ފޮޓޯ

އޭނާގެ ވެސް އަނެއް ކަންބޮޑުވުމަކީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އިސްތިއުނާފް ކުރިއަށް ގެންދެވިދާނެތޯ އުފެދޭ ސުވާލެވެ. އެގޮތަށް ގެންދިޔައަސް އެއީ ގާނޫނުއަސާސީގެ ދަށުން އެކަން ކުރެވޭނެ ގޮތެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ނެރުނަސް އެ މީހަކު ހުރި ގައުމަކުން ރާއްޖެ ގެނައުމުގައި ވެސް ހުރަސްތަކެއް ދިމާވެފައިވާ ކަމަށާއި ބޭރުގައި ތިބި ގިނަ ކުށްވެރިން ގެނައުމުގައި މިހާތަނަށް ދިމާވެފައި އޮތް ހުރަހަކީ އެކްސްޓްރެޑިޝަން ނުވަތަ ކުށްވެރިންގެ ބަދަލުކުރުމުގެ ގާނޫނުގެ ދަށުން ގައުމުތަކާ އެކު ހަދަން ޖެހޭ އެއްބަސްވުންތައް ނުހަދައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ގައުމުތަކާ އެކު މި އެއްބަސްވުން އެކުލަވާލާފައި ނެތުމުން އެއް ސަރުކާރަކުން އަނެއް ސަރުކާރުގައި އެދުނަސް މިގޮތަށް މީހުން އެއް ގައުމުން އަނެއް ގައުމާ ހަވާލުކުރުމުގައި ގިނަ ފަހަރަށް އެއްބާރުލުމެއް ނުދޭނެ އެވެ.

އަލީ ވަހީދަށް ކުށް ސާބިތުވެފައި ނުވާތީ، އޭނާ އަކީ ކުށްވެރިއެއް ނޫނެވެ. އެހެންކަމުން އެ ގާނޫނުގެ ދަށުން އޭނާ ގެންނަން ޖެހިދާނެ ހާލަތެއް މެދުވެރި ވެދާނެ ކަމަކަށް ނުބެލެވެ އެވެ. ހައި ކޯޓުން މައްސަލަ ބަލައިނުގެންފި ނަމަ ކަމާ ބެހޭ އިދާރާތަކަށް އޮންނާނީ އަލީ ވަހީދު ރާއްޖެ ގެނެވޭނެ ގާނޫނީ އެހެން މަގެއް ހޯދާށެވެ.

13 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

22 February 2021

ހީކުރިއްޔޯ މި ހުރިހާ ކަމެއް ޓުއަރިޒަމް މިނިސްޓްރީގަ ހުރެގެން ހިލުވާލީމާ، އޭނާއަށް މިނިސްޓަރުކަން ލިބޭނެ ކަމަށް! ދެން އަލީ ވަހީދުވެސް އެކަހަލަ ދަންތުރައެއްގައި ޖެހޭނެ ކަމަކަށް ހިއެއް ނުކުރަން! ކީކޭ ދެން އަޅެފަހެ ބުނާނީ!

The name is already taken The name is available. Register?

ސަރުކާނު

18 February 2021

މައިބަދައިގެ މައްސަލަތަކަށް ތެރެޕީ ދެއްވާނެ ކެނެރީގޭ ނަޝީދު. އޭނާއަކީ ގޮނޑިދުއްވައިގެން އެ ތެރެޕީ ހޯއްދަވާ ރަގަޅުވެފަހުރި ބޭފުޅެއް. ރާއްޖޭންވެސް އެކަން ކުރވޭނެނޫންތޯ؟

The name is already taken The name is available. Register?

ލަތީފާ

18 February 2021

ނުވާނެ އެއްކަމެއްވެސް! ބޮޑުން ނަށް މޮޅުގޮތް އޮތް ގައުމެއް މިއީ! ބޮޑުން ނާއި ބޮޑުންގެ އައިލާ އަކީ ދިވެހި ގާނޫން އަސާސީގެ މާ މަތީގަ ތިބި ބައެއް! މިސާލަކަށް ބަލާބަލަ، ރައީސް ނަޝީދު. ރައީސް ނަޝީދު ވަނީ ކިތަންމެ ފަހަރަކު ގާނޫންތަށް އަދި އާންމު ދިވެހި މުޖުތަމައުގެ އުސޫލްތަށް ގޮންޖަހާފަ! އެކަމަކުވެސް ހިސާން، ސަމީމް، ރިއްފަތު ކަލަ މީހުންނަށް އޯކޭ! ޗުއްފުވެސް ނުބުނެވޭނެ! ގާޒީއެއް ގާނޫނުން ބޭރުން ހައްޔަރު ކުރީ!

The name is already taken The name is available. Register?

ނޫރާނީ މާ

18 February 2021

ހުދުމުހުތާރު ސަރުކާރެއްގަ ފެންނާނީ މި ކަހަލަ ފީކަޅާ އަމަލުތަ

The name is already taken The name is available. Register?

ޕާސްޕޯޓް

17 February 2021

އެހެންވީމާ އަސްލު ވީތަނެއްވެސް ނޭނގެދޯ؟ ބޭސްފަރުވާކުރަން ގޮސްވީޔާ އެކަން ކުރަން ފުރުސަތުދީ! 4 މަސްފަހުން ނައިމަ ދޯ ފިލިކަމަށްވާނީ. ކުށް ސާބިތުވެފައި ނުވާތީ، އޭނާ އަކީ ކުށްވެރިއެއް ނޫން! ހަޤީގަތް ދެނެވޮޑިގެން ވަނީ މާތް ﷲ

The name is already taken The name is available. Register?

ސަސި

17 February 2021

ހުރިހާ ވުޒާރާއެއްގުޅިގެން އެވަރު ޖަރީމާއެއް ހިންގި ބަޔަކަށް އެނގޭނެ ދެންވެސް ސަލާމަތްވާނެގޮތް.

The name is already taken The name is available. Register?

ވިއްސާރަ ކޯޓް

17 February 2021

ދެން ކޯޓުން ހުކުމް މައްސަލަބަލާނީ ބޮޑުވާބިއްލޫރި ބޭނުންކޮށްގެން، ދެން ހުކުމް ކުރާނީ މާކުރިން އަލީވަހީދު އޮޅިގެން ހެދި ޕީސީއާރު ޓެސްޓްްގެ ނަތީޖާ. ދެން އަލީވަހީދު ތުރުކީގައި ހުންނާނީ މަހެއް ދެމަހެއް ވަންދެން އޭރަށް ދިވެހިން ތިބޭނީ އިންތިޚާބެއްގަ ޖެހިފައި، ދެން އަލީވަހީދު ދާނީ ގޮނޑި ދުއްވަން ޔޫކޭ އަށް

The name is already taken The name is available. Register?

ދޮގުކޮބާ

17 February 2021

އޭނާ ސިއްހީ ފަރުވާއެއް ހޯދަންވެގެން ޕާސްޕޯޓްދޫކޮށްލިއިރު އެ ގައުމަކަށްގޮސް ފަރުވާ ހޯދާކަމުގެ ހެކި ކަމާބެހޭ ފަރާތްތަކަށް ފޮނުވާކަށް ނޯވޭތަ؟ އެއްވެސް ގައުމެއްގެ އެއްވެސް ހޮސްޕިޓަލެއްގައި ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަނުޖައްސާ ހުރެ ހަމަ ގައުމުން ބޭރަށް ދާށޭ ބުނެލައިގެން އެހެން ކޮންމެ މީހަކަށް ދެވޭނަމަ ކަންކަން އޮންނަލެއް ހާދަ ފަސޭހައޭ. 4 މަސްވާއިރު އޮޕަރޭޝަން ނުކުރާނަމަ އޭނާ ކޯޓަށް ދޮގުހެދިކަމުގެ މައްސަލައެއްވެސް ނުބެލޭތަ؟

The name is already taken The name is available. Register?

ކިކި

17 February 2021

ޔޫކޭ އަށް ދުބާއީ މަގަކުން ނުވަދެވޭ މިދުވަސް ކޮޅު

The name is already taken The name is available. Register?

ތަރަބެ

17 February 2021

ކަސޯޓީ ސަރުކާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454