ރިޕޯޓް / މީހުން

އެތައް ފަހަރަކު "މަރުވި" ޒުވާނާ އެހެން ސިފައެއްގައި!

ސުހެއިލް އާދިއްތަ ދުވަހުގެ ރޭ އިންޓަވިއު ދެނީ -- ފޮޓޯ :އަހުމަދު އަވްޝަން/ މިހާރު

އިންޓަވިއު ނިމުމާ އެކު އޭނާ އަށް ރޮވެން ފެށި އެވެ. މި ވާހަކަތައް އިތުރަށް ހަނދާން ކުރާކަށް އިބްރާހިމް ސުހެއިލް ބޭނުމެއް ނުވެ އެވެ. ސަބަބުތައް ވަރަށް ބައިވަރެވެ. ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު އެއް އެކްސިޑެންޓުން އޭނާ އެނބުރި ދުނިޔެ އަށް އައީ ހަމަ ކިރިޔާ އެވެ. ލިބުނު ޒަހަމްތަކާ އެކު، ޑޮކްޓަރުންނަށް އެތައް ފަހަރަކު އޭނާ "މަރުވި" އެވެ. އެހާ ހަނި ގޮތަކަށް އޭނާ ސަލާމަތްވީއިރު، އެތައް ކަމެއް ވަނީ ބަދަލުވެފަ އެވެ. ހަމައެކަނި ދިރިއުޅުން އެކަންޏެއް ނޫނެވެ. އޭނާގެ ސިފަ ވެސް ބަދަލުވެއްޖެ އެވެ.

އެކްސިޑެންޓަކުން މީހަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާ އޭނާ އަށް ލިބުނެވެ. މުޅި މޫނު އޮތީ، އެތެރެއިން ހުރިހާ ކައްޓެއްހެން ބިނދިފަ އެވެ. މޫނުގެ އެތެރެ އޮތީ ޗިސް ވެފަ އެވެ. ބޮލުގެ، ނޭފަތުގެ، އަދި އަނގައިގެ ވެސް ކަށިތައް ހުރީ ފުނޑިފަ އެވެ. ބައެއް މީހުން ބުނާ ގޮތުން އެކްސިޑެންޓްގައި އޭނާ ވިއްސައިގެން ގޮސް މޫނު ޖެހުނީ ޕޭވްމަންޓުގެ އަރިމަތީ ދާރައިގަ އެވެ. އެކަމަކު ބައެއް އެހެން މީހުން ބުނާ ގޮތުން އޭނާގެ މޫނު ގޮސް ޖެހުނީ ސައިކަލެއްގެ ޕެޓްރޯލް ޓޭންކުގަ އެވެ.

އޭރުގެ ހަނދާންތަކާ އެކު ސުހެއިލް އަށް ރޮވެން ފެށުމުން ހަމީދު ހިތްވަރު ދެނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެއީ މީގެ 16 އަހަރު ކުރީގެ ރޯދަ މަހެކެވެ. ރަހުމަތްތެރިންތަކަކާ އެކު ސުހައިލް ނުކުތީ، ރޯދަ ފިނި ބުރަށެވެ. އޮކްޓޫބަރު 15، 2004ގެ އެ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ވެސް މެ އެވެ. ސްޓެލްކޯ ކައިރީގައި ހުރި ޕެޓްރޯލް ޝެޑުން ހަމަ ނުކުތްތަނާ ދެން ވީ ގޮތެއް ސުހައިލްގެ ހަނދާނަކު އަދިވެސް ނެތެވެ. ދެން އާންމުންނަށް ފެނުނީ، ތިން ސައިކަލް މުޑިއަރައިފައި ހަ މީހަކު އެކި ދިމާއަށް ވިއްސައިގެން ގޮސްފައި އޮތްތަނެވެ. އޭރު މަންޒަރު ދުށް މީހަކު "ހަވީރު" ނޫހަށް ބުނެފައިވާ ގޮތުގައި އެކަކު އޮތީ މަރަށް ތެޅިތެޅި އެވެ. އުފުލައިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް އޭރު ގަބޫލު ކުރެވުނީ އޭގެ ތެރެއިން ދެ މީހަކު އޭރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ބައެއް މީހުންގެ ދަތްތައް ވެސް ބިންމަތީގައި ހުއްޓެވެ. ލޭގެ ކޯރެއް ދުވެލަދުވެލަ އޮތެވެ. ތިން ސައިކަލް އޮތީ ފުނޑިފަ އެވެ. މުލަ ރޯދަ ދުވަހުގެ ހަވީރުގެ ވަގުތަށް ވާތީ އެ މީހުން ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. ސުހައިލްގެ އިތުރުން އެހެން ދެ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފެށި އެވެ. އޭގެ ތެރެއިން އެކަކު ފަރުވާގެ ތެރޭގައި ދުވަސްކޮޅެއް ފަހުން މަރުވި އެވެ.

"އަޅުގަނޑަށް އައީ ފޯން ކޯލެއް. ސުހައިލް އެކްސިޑެންޓް ވެއްޖެއޭ. ވަގުތުން ދުއްވާފައި ދެން ދިޔައީ އައިޖީއެމްއެޗަށް. އޭރު ސުހައިލް އޯޕީޑީ ބޭރުގައި ބާއްވާފައި އޮތް. އޭރު ނޭފަތުން ކަމެއް އަނގައިން ކަމެއް ނޭނގެ، ހޮޅިއަކުން ލޭ އަންނަހެން ލޭއަންނަމުން ދިޔަ. މުޅި ބިންމަތީގައި ވެސް ހުސް ލޭ،" ސުހައިލްގެ ޅިޔަނު، އަހުމަދު ހަމީދު ބުންޏެވެ.

އެކްސިޑެންޓްގެ ކުރީގެ ބައެއް ފޮޓޯތައް ސުހެއިލް ދައްކާލަނީ

"[ސުހައިލްގެ] ހެޔެއް ނެތް. އެ ވަގުތު ދެން ހެދޭނެ ގޮތެއް ސިކުނޑި އަށް ވެސް ނާދޭ. އެތާނގައި ހުރެގެން ފާޑަކަށް ހަޅޭއްލެވެނީ. ފަރުވާ ނުދެވި ލަސްވާތީ އެ ޝަކުވާ މަތިމައްޗަށް ކުރެވުނީ. އަޅުގަނޑަށް ވިސްނުނީ މިތާނަގއި ބާއްވައިގެން މިކަމެއް ނުވާނެއޭ. އެ ވިސްނުމުގައި ހުއްޓާ އެތަނަށް އައީ ޑޮކްޓަރަކު. އައިސް ބުނެފި ދެތިން ގަޑިއިރޭ ދެން އޮތީ. ހަށިގަނޑު ގުޑުވައެއް ނުލެވޭނެއޭ. އިންޖިކްޝަނެއް ވެސް ނުޖެހޭނެއޭ އެ ހާލަތުގައި އޮއްވައެއް."

އައިޖީއެމްއެޗަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތަސް، އަދި ހޭ ނެތަސް ސުހެއިލްގެ ފުރާނަ ހުރިކަން އެންމެންނަށް ވެސް ޔަގީންވި އެވެ. އެކަމަކު ހަމަ ދެންމެދެންމެ ސުހައިލްގެ ފުރާނަ ހިނގައިދާނެ ކަމަށް ހަމީދަށް އެތައް ފަހަރަކު ހީވި ވެސް މެ އެވެ. އެކަމަކު އޭނާ މަސައްކަތް ކުރީ، އައިޖީއެމްއެޗުން އެކަން ނުވާނެތީ ވީހާ އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދެވޭނެ ގޮތެއް އޮތްތޯ އެވެ. އެހެންވެ، އެ ރޭ އޮތް ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީހަށް އޭނާ ގޮސް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރި އެވެ. އެކަމުގައި އެތަނުން ވަރަށް ބޮޑަށް އެހީތެރިވެ ދިނެވެ. އަނެއްކޮޅުން ސަރުކާރުން، ސީދާ ރައީސް މައުމޫން ވެސް ވަރަށް ކައިރިން އެކަން ބެއްލެވި ކަމަށް ހަމީދު ބުންޏެވެ.

"އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ވެސް މަރުވި ކަމަށް ނިންމި. އެހެންވެ އެއާލައިނަކުން ބޯޓަކަށް ނުވެސް އެރުވި. އަޅުގަނޑު އެ މީހުންނާ ދިމާއަށް ބުނިން މިއައީ ގަބުރެއް ހިފައިގެންނެއް ނޫނޭ. ދިރިހުރި މީހަކު ގޮވައިގެނޭ. އޭރު ޑޮކްޓަރަކާއި ނަރުހަކު ވެސް އެތާނގައި ތިބި. ބޯޓު ބައިގަޑިއިރަށް ޑިލޭ ކުރި ސުހައިލް މަރުވިތޯ ނޫންތޯ ޗެކްކުރަން ވެސް،" ހަމީދު ކިޔައިދިނެވެ.

ލަންކާ އެމްބަސީގެ އެހީތެރިކަމާ އެކު، ސުހައިލް ގެންދިޔައީ ނަވަލޯކާ ހޮސްޕިޓަލަށެވެ. އެތަނުގައި ވެސް އެއްވެސް ފަރުވާއެއް ނުދީ އެތައް އިރަކު ވެންޓިލޭޓަރުގައި ބޭއްވި އެވެ. ހަމީދު ބުނާ ގޮތުން ކެތްްތެރިކަން ކޮޅުންލައި، މޮޔައެއްހެން ދެކޮޅަށް ދުވަމުން ހަޅޭއްލަވަމުން ގެންދިޔަޔަސް އެ އަޑު އަހާނެ މީހަކު ނެތެވެ.

ސުހައިލްގެ މޫނަށް ލިބިފައިވާ ގެއްލުންތައް

"ވަރަށް ގިނަ އިރު ފަހުން ޑޮކްްޓަރަކު ގޮވާފައި ބުނެފި ބައްދަލުކޮށްލަން ބޭނުމޭ. ހަގީގަތުގައި އޭނާ ބުނީ، އަޅުގަނޑު ރުޅި އައިސްފައި ހުރި ވަރުންނޭ އެއްޗެއް ނުބުނެ ހުރީ. މި ހާލަތުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތޭ. ހަމީދު ބޭނުން ވަނީ ސުހައިލް އަސްލު މީހެއްގެ ގޮތުގައި އެނބުރި ގެންނަން ހެއްޔޭ ނޫނީ ހަމަ އެކަނި މަސްގަނޑެއް ގެންނަންހޭ،" ހަމީދު ކިޔައިދިނެވެ.

އެކަން އެ ވީ ގޮތް ވެސް ހަމީދު ކިޔައިދިނެވެ: "މުޅި މީހާގެ މޫނު އެއްކޮށް އޮތީ ޗިސްވެފައި. ސުހައިލް އޮތީ ކޯމާއެއްގައި. އެހެންވެ އިތުރު ކަމެއް އެ މީހުންނަށް ކުރެވެން އޮތީ އެންމެ ކަމެއް. އެއީ މީހާގެ ޕްލާސްޓިކް ސާޖަރީއެއް ހެދުން. އިންޖިކްޝަނެއް ކަހަލަ އެއްޗެއް ޖަހައިިފިއްޔާ ނުވަތަ އެހެން ފަރުވާއެއް ދީގެން ދެން މި ވާގޮތަކީ މީހާ އެނބުރި އަތުވެދާނެ. އެކަމަކު އުމުރަށް ދެން އުޅެން ޖެހޭނީ ވަރަށް ހާލުގައި."

ހަމީދު ބުނާ ގޮތުން، އޭރު ސުހައިލްގެ އޮތީ ހަމައެކަނި މަސްގަނޑެކެވެ. މޫނުގެ 80 ޕަސެންޓް ކަށި އޮތީ ފުނޑިފަ އެވެ. އޭނާގެ މޫނު އޮތް ގޮތް ހަމީދު ސިފަ ކުރީ ކެއްކި ކުކުޅު ބިހެއްގެ އެތެރެ ނަގާފައި ބޭރުން ފިތާލީމަ އޮންނަ ގޮތަށެވެ. އޭނާ ބުނި ގޮތުގައި، އޭރު ސުހެއިލްގެ މޫނަށް ބަލާލިޔަސް މީހާ ހީބިހި ނަގައިގެން ދެ އެވެ.

ނަސީބު ދިމާކުރީ ވަރަށް ރަނގަޅަށެވެ. އެ ކޭސް އަށް ނަވަލޯކާ ދިޔައީ މުޅި ލަންކާގައި ވެސް ޕްލާސްޓިކް ސާޖަރީ އަށް އެންމެ މަޝްހޫރު އެކަކެެވެ. އޭނާ އަކީ ލަންކާގައި އޭރު ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައިގައި ސިފައިންނަށް ލިބޭ އެކަހަލަ ގެއްލުންތަކުގެ އޮޕަރޭޝަން ކުރަމުން އައި ބްރިގޭޑިއާ ޑރ. މުއްތުމާލާ އެވެ.

"އޭނާ އަޅުގަނޑާ ބައްދަލު ކޮށްފައި ބުނީ ދޭށޭ ފޮޓޯއެއް ސުހައިލްގެ. އަޅުގަނޑު ބުނެފިން ނެތޭ ފޮޓޯއެއް. ދެން ބުނެފި އެހެންވީމަ ސިފަ ހުންނަން ވީ ގޮތުގެ ފޮޓޯއެއް ދޭށޭ. ދެން އަޅުގަނޑު ބުނެފިން އަޅުގަނޑު ބޭނުން ވަނީ ހަމަ ސުހެއިލް ހުރި ގޮތަށް ހުންނާށޭ،" ހަމީދު ކިޔައިދިނެވެ.

ސުހައިލްގެ ސާޖަރީ އަށް ފަހު އަނގަ އާއި ދަތްތައް ދައްކައިދޭ އެކްސްރޭއެއް

ހަމީދު ބުނިގޮތުގައި އޮޕަރޭޝަންގައި ސުހައިލްގެ މޫނުގެ ހަންގަނޑު އެއްކޮށް ނައްޓާލައި، މޫނުގެ ކަށިތައް ވަކިވަކިންް އެ މީހުން ހެދީ އެވެ. އޭގެ ތެރޭގައި ހިރުގަނޑާއި ދަތްތައް ވެސް ހިމެނެ އެވެ. މޫނުގެ ބައްޓަންތައް ގެނައުމަށް މޫނުގެ އޮނިގަނޑު އެއްކޮށްހެން ހެދި ކަމަށް އޭނާ ބުންޏެވެ. އެކަން ވަރަށް ތަފުސީލުކޮށް އެކްސްރޭތަކުން މިހާރު ވެސް ފެންނަން އެބަހުއްޓެވެ.

"އޭގެ ފަހުން މޫނުގެ ހަންގަނޑު އެޅުވީ. އަޖައިބެއް ކަހަލަ ކަމެއް އެއީ،" ހަމީދު ކިޔައިދިނެވެ.

މުޅި މޫނުގެ ސާޖަރީ ހަދައި ނިމުނު އިރު ސުހައިލް ހުރީ އެހެން މީހަކަށް ސިފަ ބަދަލުވެފަ އެވެ. ހަމީދު ބުނިގޮތުގައި ފެންނަން ހުރީ ކުރީގެ ސުހެއިލްއެއް ނޫނެވެ.

"ކުރިން ވަރަށް ފަތިކޮށް ހުރި މޫނެއް އެއީ. އެކަމަކު ފަހުން މި ފެނުނީ މުޅިން އެހެން މޫނެއް،" ހަމީދު ބުންޏެވެ. "ސުހައިލްގެ މަންމަ އަށް ވެސް ވަކިކުރާކަށް ނޭނގުނު."

ސުހައިލް އެކްސިޑެންޓްގެ ކުރި އާއި މިހާރު

ސުހައިލްގެ މޫނުމަތިން ސާޖަރީގެ ބައެއް ނިޝާންތައް މިހާރު ވެސް ފެންނަން ހުރެ އެވެ. ކަރުނަވަޅެއް ވެސް އާޓިފިޝަލްކޮށް ހަދާފައި ހުރިކަން އެނގޭއިރު، ވަރަށް ކުދިކުދި އެހެން އައިބުތައް ވެސް ފެނެ އެވެ.

ސުހައިލްގެ ހޭ އެރީ އެކްސިޑެންޓަށް ފަހު ބަރާބަރު 64 ދުވަސް ފަހުންނެވެ. އޭނާ ހޭއެރި އިރު ވަރަށް ހިތާމަވެރި ދެ ކަމެއް ހުރީ ކުރިމަތިވެފަ އެވެ. އެއް ކަމަކީ، ހަމަ އެއްވެސް ކަމެއް ހަނދާން ނެތުމެވެ. ދެވަނަ ކަމަކީ ހަމަ އެއްވެސް ވަރަކަށް ވަސް ނުދުވުމެވެ.

"ހަމަ އެއްވެސް އެއްޗެއް ހަނދާން ނެތީ. ކުރީގެ އެއްވެސް ކަމެއް ހަނދާން ނެތީ. އެހެންވެ ޖެހުނީ ހުރިހާ ކަމެއް ހަމަ އަލިފުން ފަށަން. ފޮތެއްގައި އެއްޗެހި ލިޔެގެން ދަސްކޮށްދީ ހަދަން،" އޭނާ ކިޔައިދިނެވެ.

"ވަސް ނުދުވުމުގެ މައްސަލަ ދާދި އިހަކާ ޖެހެންދެން ހުރި. އެކަމަކު މިހާރު ކުޑަކޮށް އެކަން އެބަ ރަނގަޅުވޭ،" ހަމީދު ބުންޏެވެ.

އާދައިގެ ކަމެއް ނޫން، ދުވަހަކު ވެސް ހަނދާނަކުން ނުފިލާނެ

އެކްސިޑެންޓްވި އިރު ސުހައިލްގެ އުމުރަކީ އެންމެ 24 އަހަރެވެ. ޒުވާން ޖޯޝްގައި ހުއްޓަސް، އޭނާ ބުނާ ގޮތުން އޭނާއަކީ އެއްވެސް އިރެއްގައި ބާރަށް ސައިކަލް ދުއްވާ މީހެއް ނޫނެވެ.

"އެ ދުވަހު ވީ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނު. ސައިކަލް ފަހަތުގައި ވެސް ކުއްޖަކު އިން އެ ދުވަހު. ޕެޓްރޯލް އަޅައިގެން ނުކުތް ހަނދާން ވަނީ. ދެން ވީ ގޮތެއް ނޭނގެ،" ސުހައިލް ބުންޏެވެ.

އެ ސައިކަލް އެއީ ގަތްތާ އަދި ހައެއްކަ ދުވަސް ވެސް ނުވާ ސައިކަލެއް ކަމަށްވާތީ، ފުރަތަމަކޮޅު ބާރަށް ދުއްވުން އެއީ ނާދިރު ކަމެއް ކަމަށް ސުހައިލް ބުންޏެވެ.

ސުހައިލް: އެކްސިޑެންޓުން ލިބުނު ގެއްލުންތަކުން ސަލާމަތްވީ ވަރަށް ހަނިގޮތަކަށް -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ކަމެއް ދިމާވާން ވީމަ ދެން އެ ދިމާވީ. ފަހަތުގައި އިން ކުއްޖާ އަށް ވެސް ކަމެއް ދިމައެއް ނުވޭ."

ދެ މަހަށް ވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮތުމަށް ފަހު އޭނާ ހޭވެރިކަން ވީ އިރު ކުރިމަތިލާން ޖެހިފައި އޮތީ ހަޔާތުގައި ދުވަހަކު ވެސް ދިމާވެފައި ނުވާ ކަންތައްތަކާ އެވެ. ސިފަ ބަދަލުވެ، ހަށިގަނޑަށް ވެސް ވަނީ ބަދަލުތައް އައިސްފަ އެވެ. ހަނދާނެއް ނެތެވެ.

"މިހާރު ވެސް ބައެއް ކަންކަން ހަނދާނެއް ނެތް. މީގެ ދެ ތިން ދުވަސްކުރިން ވެސް ހޮޓަލެއްގައި އިންދާ މީހަކު އައިސް ކުރީގެ ވާހަކަތަކެއް ވެސް ދެއްކި. އެކަމަކު އެކަން ވެސް އެއްވެސް ވަރަކަށް ހަނދާނެއް ނެތް،" މިހާރު ތިން ކުދިންގެ ބައްޕަ ބުންޏެވެ.

އެކްސިޑެންޓާ އޭނާ ކުރިމަތިލާން ޖެހުނީ ކައިވެންޏަށް ގާތްގަނޑަކަށް ތިން އަހަރުވީ ތަނާ އެވެ. އޭރު އަދި ކުއްޖަކު ނެތެވެ. އެކަމަކު މިހާރު އޭނާގެ ތިން ކުދިން އެބަތިއްބެވެ. ދިރިއުޅުމުގައި، އޭނާ ބުނާ ގޮތުން، ދިމާވާ އެއްވެސް އުނދަގުލެއް ނެތެވެ.

"ބައެއް ފަހަރު ލޯ ކައިރި އަށް ތަދުވެލުން ކަހަލަ ކަމެއް ނޫނީ ދިމައެއް ނުވޭ،" އެސްޓީއޯގައި ވަޒީފާ އަދާކުރަމުން އަންނަ ސުހެއިލް ބުންޏެވެ.

ތިން މަހަށް ވުރެ ގިނަ ދުވަހު ލަންކާ އިން ފަރުވާ ހޯދުމަށް ފަހު ސުހެއިލް މާލެ ގެނެސް ފުރަތަމަ ޖެހުނީ ކަންކަން ދަސްކޮށްދޭށެވެ. ހަނދާނުގައި ނެތް މުހިންމު ކަންކަން ކިޔައިދޭށެވެ. އޭނާ އެކަމަކު އޭނާ އަށް އަދިވެސް އެކްސިޑެންޓްގެ ފަހުން ހޭއެރި ފަހުން ވެސް ވެދިޔަ ބައެއް ކަންކަން ހަނދާނަކު ނެތެވެ. އެކަމަކު ސައިކަލް އޭނާ އަށް ބިރުވެރި އެއްޗަކަށް ވި އެވެ.

އެކްސިޑެންޓްގައި ބޮލަށް ލިބިފައިވާ ގެއްލުންތަކުގެ އެކްސްރޭއެއް

"މިހާރު ވެސް ސައިކަލް ދުއްވާ އިރު ކައިރިން މީހަކު ބާރަށް ދުއްވާފައި ދިޔަޔަސް ވަރަށް ބިރުގަނޭ. ހަގީގަތުގައި އެ ދުވަސްތައް އެއީ ވަރަށް ހިތްދަތި ދުވަސްވަރެއް. އެ ހަނދާންތައް އާކުރާކަށް ބޭނުމެއް ވެސް ނޫން. އެކަމަކު ހަނދާނަކުން ނުވެސް ފިލާ."

އޭނާގެ ހަޔާތަށް މީގެ 16 އަހަރު ކުރިން ބިންދާލި ގަދަ ރާޅުން ސަލާމަތް ވުމަކީ، އޭނާ ވެސް ގަބޫލު ކުރާ ގޮތުގައި ނާދިރު ކަމެކެވެ. އެ އެކްސިޑެންޓުގައި އޭރު ބޮޑެތި އަނިޔާތަކެއްވެ، ދިރިހުރެދާނެ ކަމުގެ އުންމީދު އެތައް ފަހަރަކު ކަނޑާލިޔަސް އެނބުރި ދުނިޔެ އަށް އައީތީ، އޭނާ ﷲއަށް ޝުކުރު ކުރެ އެވެ.

"ނަސީބު ވެސް ރަނގަޅީ. ހަމައެހެންމެ ރަނގަޅު ވަގުތުގައި ރަނގަޅު ފަރުވާ ވެސް ލިބުނީ،" އޭނާ ބުންޏެވެ.

29 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 51%
icon angry icon angry 2%
icon wow icon wow 5%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުޚުތެއް

05 May 2021

އުފާކުރަން ސުހެއިލްއަށް ހެޔޮ ޙާލެއް ދެއްވައި އަލުން ޙަޔާތެއް ދެއްވީތީ. އެކަމަކު ވަރަށް ދެރަވެއްޖައިން މުޅި އާޓީކަލް ކިޔާލެވުނުއިރުވެސް ނުފެނުނު ސުހެއިލް ﷲ އަށް ޝުކުރުކޮށް ތަޢުރީފުކޮށް ބަހެއް ބުނެލާފައި ހުރ ތަނެއް.

The name is already taken The name is available. Register?

ހިހިހިހތަގުވާ

05 May 2021

ޝުކުރުވެރި ވާންޖެހެނީ ﷲ އަށް އެއީ ދެއްކުމަށް ކުރާކަމެއް ނޫން. އެކަން އޭނާގެ ޢަމަލުން ފެނޭ.

The name is already taken The name is available. Register?

ރިޝްތާ

08 May 2021

އޭނާ الله އަށް ޝުކުރު ކުރި ވާހަކަ އެބަ އޮތް އުޙުތާ.....

The name is already taken The name is available. Register?

ފޫހި

05 May 2021

ސަލީމު އިދުރީސް ކީކޭތަ ކިޔަން ތިޔައުޅެނީ.

The name is already taken The name is available. Register?

ފަރާ

05 May 2021

ހުރިހާ ވެ ސް ކަމަކީ މާތްﷲގެ ކުޅަދުންވަންތަކަން. ހުރިހާ ކަމެއް ވެ ސް ހިނގާނީ ކުރިއަށް ދާނީ އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް. ހިއްވަރާ އެކީ ކުރިއަށް ދާށެވެ. . ސުހައިލުގެ ޅިޔަނާއި ތިކަމުގަ އެހީ ތެރިކަން ފޯރުވައިދެއްވި ހުރިހާއެންމެންނަށް ހެޔޮ ދުޢާ ސަލާމް. އަދި ސުހައިލް އަށް ފުރިހަމަ ސިއްހަތަކާ ބާއްޖަވެރި ދުވަ ސް ތަކަކަށް އެދެން.

The name is already taken The name is available. Register?

އަޚް

05 May 2021

މިހާތަނަށް ތުޅާދޫ ގަ ބޮޑެތި ބަލިތަށް ތަހައްމަލް ކޮށްފަވާ ގިނަމީހުންގެ އެންމެ ގާތް އެކުވެރިޔަކީ ހަމީދު ކަމާމެދު އެއްވެސް މީހަކު ދެބަސް ނުވާނެކަން ޔަގީން. އެއީ މިހާރުގެ ބަހުރުވައިންނަމަ ފިސާރި ފިރިހެނެއް. ކުދި ބޮޑު އެންނާވެސް ގާތް ގުޅުން ބާއްވާ ފަރާތެއް .ވަކިން ޚާއްޞަކޮށް ޒުވާނުންގެ އެކުވެރި (ޓޮމްބެ) އަހަރެންގެ ބައްޕައަށް ޓަކާ ވެސް ވީ ގުރުބާނީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ. ހަމީދުއަށް ފުރިހަމަ ޞިއްޙަތަށް އެދެން.

The name is already taken The name is available. Register?

އަހް

04 May 2021

އަޙްމަދު ޙަމީދަކީ މުޅި ތުޅާދޫ ފަޚްރުވެރިވާ ދަރިއެއް. ބަލި މީހުނަށް އޯގާތެރި ދެވަނައެއްނެތް އިންސާނެއް. އޭނާބައްޕަ ޙުސޭނަކީވެސް އެފަދަ މީހެއް. އިޖްތިމާޢީ ކަންކަމުގެވެސް ނަމޫނާއެއް. ޙަމީދު ފަދަ އިންސާނުނަށް މި ގައުމުވެސް ނުހަނު ބޭނުންވޭ. ޙަމީދަކީ އެކި ރޮނގު ރޮނގުން ވެސް ފާހަގަ ކޮށްލެވޭ ދިވެހި ދަރިއެއް. ކުޅިވަރާ ބަލި މީހުން އަދި އިންސާނީ އެހީބޭނުން ވާ މީހުންގެ އެކުވެރިއެއް. ގިނަބަޔަކު ދަންނަ އިޙްލާސްތެރި ހިތެއްގެ ވެރިއެއް. ރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ފައްލަންބެ

04 May 2021

މިހާރަކަށް އައިސް މިހެން ލިޔެވޭ މިބާވަތުގެ ކޮންމެ ލިޔުމެއްގައި އޭރުގެ ރައީސް ވަރަށް ގާތުން ބައްލަވައި އެހީތެރިވެދެއްވާ ކަމަށް އޮވޭ. އެކަމަކު އޭރު ގޮވީ އެއީ ވަރަށް ނުބައިނުލަފާ މީހެކޭ. ވަރަށް ޚުދުމުޚުތާރު މީހެކޭ. މީހުން ބުނެއުޅޭ އެ އެއްޗެއް ބީވެދިޔައިމައޭ އޭގެ އަގު ވަޒަންކުރަން އެނގޭނީ. މިވަނީ މިހެންކަން ނޭނގެ.

The name is already taken The name is available. Register?

ޕަބްލޯ

04 May 2021

ބްރިގޭޑިއާ ޑރ. މުއްތުމާލާ އަށް ހިތްވަރުދިނުމުގެ އިނާމު ދޭން ޖެހޭ

The name is already taken The name is available. Register?

އަމީ

04 May 2021

ޖަސްޓް ނޮޓް ޓުޑޭ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 May 2021

އެހީ ތެރިންނާ ފަރުވާތެރި ކާމާއެކު މަސައްކަތްކުރި ޑޮކުޓަރުންގެ މޮޅުކަން! މިރޯދަމަހު ކޮވިޑުބަލި ފިލާތޯ ފަހުދިހާގެ ހުރިހާރެއެއްގަ ދުއާކުރީމަ ދުއާ އިޖާބަ ކުރައްވާ ލައިލަތުލް ގަދުރި ވިލޭރެޔާ ދިމާވާނެތާ ދުނީއޭގަ މިއޮންހާ މުސްލިމުން އޮތްއިރު އެކަކު ދުއާ އިޖާބަ ކުރިއަސް ރޯދާގެ ފަހުން މިބަލި ފިލައިގެން ހިނގައިދާނެތާ ވާގޮތެއް ބަލަން މިހިރީ

The name is already taken The name is available. Register?

ސަލީމު ކަލޭ ތިއީ މުނާފިގެއްތަ؟

04 May 2021

ބަލަ މިހިރަ މިހާ! ބިލިޔަން މުސްލިމުން ތިއްބަސް ދުޢާ އިޖާބަކުރައްވާނީ ﷲ އިރާދަކުރެއްވިއްޔާ! އަދި މިބަލިމަޑުކަން މިދުނިޔެއިން ނެންގެވުން އެންމެ ރަގަޅު ދުވަހާއި ވަޤުތުވެސް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވަނީ ހަމައެކަނި ﷲއަށް

The name is already taken The name is available. Register?

މޮޔަ ސަލީމު

04 May 2021

މީ ކީކޭ ކިޔާ ބުރާންޗެއް

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 May 2021

ބަލަ ދޫޢާ އިޖާބަ ކުރައްވާ ރެޔެއް ރޯދަމަހު ފަހުދިހާގަ އާދެޔޭ ބުނީ މަށެއްނޫން! ބިލިޔަން މުސްލިމުން ދުއާކުރާއިރު އެރެޔާ ދިމާވެދާނޭ މަބުނީ! ވެއްޓިފަ ތިތިބި ޗަކަގަނޑުން ބޯހިއްލާލާ ދުނިއެއަށް ބަލާލެވޭނެ ބުއްދިއެއްވެސް ހުރެގެން މަބުނި އެއްޗެއް ފަހުމުވެސްވާނީ

The name is already taken The name is available. Register?

މޮޔަނުގޮވާ

04 May 2021

ތިބުނީ މަރުވަނީ ރަގަޅު ފަރުވާ ނުދެވޭތީއޭތަ???

The name is already taken The name is available. Register?

ސުހައިލްގެ ނަޞީބު

04 May 2021

އަޙުމަދު ޙަމީދު ފަދަ ޅިޔަނެއް ލިބުމަކީވެސް ﷲ ސުޙައިލަށް ލެއްވެވި ބޮޑު ރަޙުމަތެކެވެ. އެއީ ތިފަދަ ކަންކަމުގައި ގުޅުމެއް ނެތް މީހުންނަށް ވެސް އެހީތެރިވާ އިންސާނިއްޔަތުކަން ހުންނަ ޖެހިލުން ކުޑަ މީހެކެވެ. ގުޅުންއޮތް މީހަކަށް ތިފަދަ ބޮޑު އަނިޔާއެއް ލިބުނީމައި ފުރިހަމައަށް އަޅާލާނެކަން ކަށަވަރެވެ. ދުޢާ އަކީ އަޙުމަދު ޙަމީދަށާއި ޢާއިލާއަށް ﷲ ގެ ރަޙުމަތާއި، އުފާ ފާގަތިކަން މިންވަރު ކުރެއްވެވުމެވެ! އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454