ރިޕޯޓް / އޯ ލެވެލް ގަދަ ދިހައެއް

ގަދަ 10 ހޮވުން: އުވާލަން ވެއްޖެ ކަމެއް؟

ގަދަ 10 ހޮވާ އުސޫލު ވެސް ހަރުކަށި ކޮށްފި. އެކަމަކު އެ ބަދަލުގައި މާ ބޮޑު ތަފާތެއް ނެތް. ބަދަލުވީ ސްކޫލުތަކުގެ މެދުގައި އޮންނަ ވާދަވެރިކަން.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އޯ ލެވެލް ޓޮޕް 10ގެ ޖަލްސާގައި، އެއް ވަނަ ހޯދި ދަރިވަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު އޯ ލެވެލްގެ ގަދަ 10 ހޮވުމުގެ ހުއްދަ ރައީސް އޮފީހުން ދިނީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ހިތްވަރު ދިނުމާ އެކު ތައުލީމީ ދާއިރާގެ ކާމިޔާބީ ފާހަގަކުރުމުގެ ބޭނުމުގަ އެވެ. ކެމްބްރިޖު އަދި އެސްއެސްސީ ޓެސްޓުތަކުން އޭރު ގަދަ 10 ހޮވަން ފެށިއިރު އެ ލިސްޓުގައި ހިމެނުނީ ވެސް 10 ވަރަކަށް ދަރިވަރުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޭ ލެވެލްގެ ގަދަ 10 ހޮވަން ވެސް ސަރުކާރުން ފެށި އެވެ.

އަހަރަކަށް ފަހު އަހަރެއްގެ ނަތީޖާ ރަނގަޅުވަމުން ދިއުމާ އެކު ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް ދިޔައީ މައްޗަށެވެ. އެގޮތުން، އޭ ލެވެލް އިމްތިހާނުގައި ބައިވެރިވި 6،000 އެއްހާ ދަރިވަރުންގެ ތެރެއިން 600 އެއްހާ ދަރިވަރުން ވެސް އެއް ބުރެއްގައި ގަދަ 10 ގައި ހިމެނުނެވެ. މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގެ ނަތީޖާއިން ވެސް ބެލެވެނީ ރިކޯޑު އަދަދެއްގެ ދަރިވަރުން ގަދަ 10 ގައި ހިމެނޭނެ ކަމަށެވެ.

ތައުލީމީ ދާއިރާ އަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީ އަށް މަޖުބޫރުވީ ގަދަ 10 ހޮވާ އުސޫލު ވެސް ހަރުކަށި ކުރާށެވެ. މީގެ ކުރިން އޭ ހޯދައިގެން ގަދަ 10 އަށް އެރި ނަމަވެސް، 2017 ވަނަ އަހަރު އެ މިނިސްޓްރީން ބަދަލުކުރީ އޭ ސްޓާ އަށް އިސްކަންދޭ ގޮތަށެވެ.

އެކަމަކު އެ ބަދަލުގައި މާ ބޮޑު ތަފާތެއް ނެތެވެ. ބަދަލުވީ ސްކޫލުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމެވެ. އިތުރުވީ ދަރިވަރުންނަށް ކުރާ ޕްރެޝަރެވެ.

އެފަދަ ސަބަބުތަކާ ހެދި ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާކާރުން އެއްބަސްވެވަޑައިގަންނަވާ ކަމެއް އެބައޮތެވެ. ރާއްޖޭގައި މިހާރު އަމަލުކުރާ ގޮތަށް، ބޮޑު ރަސްމިއްޔާތެއް ބާއްވައި ގަދަ 10 ހޮވުމުގެ ބޭނުމެއް ނެތެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ގަދަ 10 ހޮވަން ފެށި މަގުސަދު މީގެ އަހަރުތަކެއް ކުރިން ވަނީ ހާސިލް ވެފަ އެވެ. އަނެއް ކަމަކީ، ބުރަ މަސައްކަތް ކުރި ނަމަވެސް ރަނގަޅު ނަތީޖާ ނުލިބުނު ދަރިވަރުން ބާކީ ވުމެވެ.

އޭލެވެލް އިމްތިހާނެއްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންތަކެއް އެވޯޑާއެކު ސްޓޭޖުން ފައިބައިގެން ދަނީ.--ފައިލް ފޮޓޯ: މިހާރު

އެހެންވެ، ދަރިވަރުން ހޯދާ ނަތީޖާގެ ކާމިޔާބީ ފާހަގަކުރާނެ އެހެން ގޮތްތައް ހޯދަންޖެހޭ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އޯ ލެވެލްގެ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ސްޓޭޖު މަތިން އިނާމު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން މަސައްކަތްކުރި އެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާތަކާ ގުޅިގެން އޭރު ވެސް ޖެހުނީ ކުރީގެ އުސޫލަށް ބަދަލުވާށެވެ.

ދަރިވަރުންގެ އަގުވަޒަންކުރުން މުހިއްމު، އެކަމަކު ބާކީނުކުރޭ

އައްޑޫ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އެކި ހުނަރުތައް ލިބިފައިވާ ގާބިލް ކުދިން ކަމަށެވެ. ސްކޫލުތަކުން ކޮށްދޭންޖެހޭ ކަމަކީ، އެ ހުނަރުތައް ދެނެގަނެ އެކަންކަން ކުރިއަރުވަން އެންމެ ރަނގަޅަށް މަސައްކަތްކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދުމުގެ ގާބިލްކަން ލިބިފައިވާ ކުއްޖަކު، އެ ވަރަށް ފާސްވުމުން ފާހަގަކުރާ ވަރަށް، އަށް މާއްދާއިން ފާސްވުމުން ވެސް ފާހަގަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މައްސަލައަކަށް ދިމާވަނީ، އާސިޔަތު ވިދާޅުވި ގޮތުގައި، ހަމައެކަނި އަށް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންގެ ކާމިޔާބީ އެކަނި ފާހަގަކުރެވުމެވެ.

އީކުއަލީ ހާޑް ވޯކިން، އީކުއަލީ ހަމަ މަސައްކަތްކޮށްގެން ސީއެއް ގެންނަ ކުއްޖާ އަޅުގަނޑުމެންނަށް ސެލެބްރޭޓު ނުކުރެވޭ މައްސަލަ. މިސާލަކަށް، ސްކޫލެއްގެ 25 ޕަސެންޓު ޓޮޕް 10 ގައި ވީމަ، ބާކީ 75 ޕަސެންޓު އަޅުގަނޑުމެން ހަނދާން ނައްތާލާ މައްސަލަ. އަޅުގަނޑު ގަބޫލުކުރަނީ އެހެން ހަދައިގެން ނުވާނެއޭ.

"އީކުއަލީ ހާޑް ވޯކިން، އީކުއަލީ ހަމަ މަސައްކަތްކޮށްގެން ސީއެއް ގެންނަ ކުއްޖާ އަޅުގަނޑުމެންނަށް ސެލެބްރޭޓު ނުކުރެވޭ މައްސަލަ. މިސާލަކަށް، ސްކޫލެއްގެ 25 ޕަސެންޓު ޓޮޕް 10 ގައި ވީމަ، ބާކީ 75 ޕަސެންޓު އަޅުގަނޑުމެން ހަނދާން ނައްތާލާ މައްސަލަ. އަޅުގަނޑު ގަބޫލުކުރަނީ އެހެން ހަދައިގެން ނުވާނެއޭ. އެ ކުއްޖަކަށް އެ ލިބުނު ކާމިޔާބީ ބަލައިގަނެ، އެއްވަރަށް ފާހަގަކުރަންޖެހޭނެ،" ޑރ. އާސިޔަތު ވިދާޅުވި އެވެ.

"އެ ކުއްޖަކަށް ފީލްވާން ޖެހޭނެ، މިސާލަކަށް ސްކޫލުގެ ޕާސް ޕަސެންޓޭޖު ފަސް މާއްދާގެ މި ކިޔަނީ 80 ޕަސެންޓު ވިއްޔާ، ތިމަންނަ ވެސް މި ކާމިޔާބީގައި ބައިވެރިވެއޭ. އެއީ ކަންނޭނގެ މަދުވާ ބަޔަކީ. ވަރަށް މަދު ކުދިންގެ ކާމިޔާބީ ސެލެބްރޭޓު ކޮށްފައި އެހެން ކުދިން ހަނދާން ނައްތާލަނީ."

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ޓެސްޓެއް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، އެ ދަރިވަރުންގެ ކާމިޔާބު ފާހަގަކުރާއިރު ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ހިތްވަރު އެލުވޭ ގޮތަށް ވެސް އަމަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ދިހަ އަހަރު ސްކޫލު ނިމިގެންދާއިރު އެ ހޯދީ އެއްވެސް ކާމިޔާބީއެއް ނޫންކަން އެ ދަރިވަރުންނަށް ބުނެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބެލެންސް ޕްރޮސެސް އެއް. ކޮންމެ ކުއްޖެއް ވެސް މެކްސިމަމްއަށް ރީޗުވާން މަސައްކަތްކޮށްދޭށޭ. ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް އުފާވޭ އެއްކަލަ، ފޯކާސްޓުން އަޅުގަނޑުމެން ސީއެއް ޖަހައިގެން، އެކަން ހާސިލްކުރަން މަސައްކަތްކުރާ ކުއްޖާ އަށް ސީ ލިބުނީމަ އެ ލިބޭ އުފާވެރިކަން މާ ބޮޑު،" އާސިޔަތު ވިދާޅުވި އެވެ.

ގަދަ 10 ހޮވުން ހުއްޓާލަން ޖެހޭ

ސްކޫލެއްގެ ޕްރިންސިޕަލެއް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އާ މަންހަޖުގެ މުޅި ތަސައްވަރަކީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކޮށްދިނުން ކަމަށެވެ. އެ ކަމަކީ މާކްސް އާއި ގްރޭޑުތަކެއް ހޯދުމެއް ނޫން ކަމަށާއި އެއީ ކަރިކިއުލަމްގެ މަގުސަދާ ވެސް ހިލާފުވާ ކަމެއް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ނަމަވެސް ގަދަ 10 ހޮވާތީ ދަރިވަރުންގެ މެދުގައި އޮންނަނީ ނުރަނގަޅު ވާދަވެރިކަމެއްކަން ފާހަގަކުރަައްވައި، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެގްޒާމަށް ފެކްޓްރީއެއްގައި ތައްޔާރުކުރާހެން އެގްޒާމަށް މި ތައްޔާރުވަނީ ހަމައެކަނި ދަރިވަރުން. އެ މައުލޫމާތެއް ދަސްކުރާކަށް، އެޕްލައިކުރާކަށް ނޫން ދަސްކުރަނީ. އެގްޒާމް ޕޭޕަރުތައް ދަސްކުރުމާއި އެގްޒާމުން މަތީ މާކްސް ހޯދަނީ ހަމައެކަނި. އެހެންވެ މި ބުނީ، 2015 ވަނަ އަހަރު އަމަލުކުރަން ފެށި މަންހަޖުގެ ތަސައްވަރަކީ ދިރިއުޅުމަށް ކުއްޖާ ތައްޔާރުކުރުން. އެ ތަސައްވަރާ މުޅިން ހިލާފުވާ ކަމެއް އެއީ ޓޮޕް ޓެންނަށް ކުދިން ހޮވައި ވަނަ ދިނުމަކީ." އޭނާ ވިދާޅުވި އެވެ.

އެ ޕްރިންސިޕަލްގެ ވާހަކަ އަށް ތާއިދުކުރައްވައި، ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަދި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ އިމްތިހާނުގެ ގްރޭޑުން ދައްކައިދެނީ ދަރިވަރަށް ހާސިލްވި މިންވަރެއް ނޫން ކަމަށެވެ.

އިބްރާ ވިދާޅުވީ ރާއްޖެ އަށް ކެމްބްރިޖު އިމްތިހާނު ގެނައީ އެޑެކްސެލް އޯ ލެވެލްގެ އިމްތިހާނުތަކުން ދަރިވަރުންގެ ނަތީޖާ ދަށްވާން ފެށުމުން ކަމަށެވެ. ކުދިން ފާސްވާ ވަރަށް ކިޔަވައިދިނުމުގެ ބަދަލުގައި ސަރުކާރުން ބެލީ މަތީ ގްރޭޑެއް ހޯދޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރެއްވިއިރު ވެސް އެ އުސޫލު ބަދަލުކުރަން އުޅުއްވި ކަމަށް އިބްރާ ވިދާޅުވި އެވެ. އެއީ މޮޅު ކުދިންގެ ނަތީޖާ ރަނގަޅުކުރަން ބާރުއަޅާއިރު، އިތުރަށް އެހީތެރިކަން ބޭނުންވާ ކުދިންނަށް އަޅާނުލެވޭތީކަން އިބްރާ ފާހަގަކުރެއްވި އެވެ.

ސާނަވީ އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން، ދަރިވަރުންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން---ފައިލް ފޮޓޯ: މިހާރު

"ވީހާ ވެސް ގިނަ ދަރިވަރުން ގިނަ މާއްދާތަކުން ފާސްވުންތާ ފުރަތަމަ ކަމަކީ. އެއަށްފަހުތާ މަތީ ގްރޭޑުތަކުގެ ވާހަކަ ދައްކާނީ. އޭރު ޓޮޕްޓެން އުވާލެވޭކަށް ނެތް. އެއަށްވުރެ މާ ހޫނު އެއްޗަކަށް ވެފައި އޮތީ،" އިބްރާ ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ދަރިވަރުން ގިނަ މާއްދާތަކުން ފާސްވުންތާ ފުރަތަމަ ކަމަކީ. އެއަށްފަހުތާ މަތީ ގްރޭޑުތަކުގެ ވާހަކަ ދައްކާނީ. އޭރު ޓޮޕްޓެން އުވާލެވޭކަށް ނެތް. އެއަށްވުރެ މާ ހޫނު އެއްޗަކަށް ވެފައި އޮތީ،" އިބްރާ

"މީގެ ނަތީޖާއަކަށް ވަނީ މި ބުނާހެން މިގޮތަށް މި ސިސްޓަމް އޮތީމަ ސްކޫލުތަކުން ވެސް ބޮޑަށް އަމާޒު މި ކުރަނީ ވަކި ކުދިންކޮޅަކަށް. ސްކޫލުގައި ހުންނަ އެންމެ ރަނގަޅު ޓީޗަރުން ވެސް ދާނީ އެހެން ތިބޭ ކުދިން އެއް ކްލާހަކަށް ލާފައި، އެ ކްލާހަކަށް ކިޔަވައިދޭނީ އެ ސްކޫލުގައި ހުންނަ އެންމެ ރަނގަޅު ޓީޗަރު ކޮންމެ މާއްދާއަކުން ވެސް. އެ ކުދިންނަށް ކޮންމެ ރިސޯސެއް ވެސް. ޓޮޕްޓެންއަކީ ހަމަ މިހާރުން މިހާރަށް އުވާލަންޖެހޭ އެއްޗެއް،"

އިބްރާ ވިދާޅުވި ގޮތުގައި ޓޮޕް ޓެން އުވާލުމުން ދަރިވަރުންނަށް އަންނާނީ ރަނގަޅު ބަދަލެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ބެލެނިވެރިންނާއި ސްކޫލުތަކުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެ ކުރާ ޕްރެޝަރު ކެނޑިގެންދާނެތީ އެވެ.

"ޕްރިންސިޕަލުންނާ ޓީޗަރުން އަބަދު މި ތިބެނީ ޓެންޝަންގައި ތިމަންނަގެ ސްކޫލުން ޓޮޕްޓެންނަށް ނެގޭނީ ކިތައް ކުދިންތޯ؟" އޭނާ ސުވާލުކުރެއްވި އެވެ.

ޓޮޕް ޓެންގެ އުސޫލުން ރަނގަޅު އެއްވެސް ކަމެއް ނުފެނުނަސް މޮޅު ދަރިވަރުންގެ އަގު ވަޒަންކުރުމަކީ ރަނގަޅު ކަމެއްކަން އިބްރާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު، ސްކޫލު ނިޒާމުގައި ބަލައިގަންނަ ހަމައެކަނި ކަމަކީ ގަދަ 10 ހޮވުން ކަމަށްވާނަމަ އެއީ ދެރައެއް ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ގަދަ 10 ހޮވުމަކީ ރަނގަޅު އުސޫލެއް ނަމަ ތައުލީމީގޮތުން ރަނގަޅު ގައުމުތަކުގައި ވެސް އެ އުސޫލަށް އަމަލުނުކުރާނެ."

އޯ ލެވެލް ގަދަ 10 ހޮވަން ފެށިއިރު އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި އަދި ރާއްޖޭގެ ތައުލީމީ ދާއިރާ އަށް 50 އަހަރު ހިދުމަތް ކުރައްވާފައިވާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ވަކި ނަތީޖާތެއް ހޯދާ ދަރިވަރުން ފާހަގަކުރުމަކީ އެޑިއުކޭޝަނަލް ފިލޯސޮފީ އަށް ބަލާއިރު، ތަފާތު ކުރުމެކެވެ.

ސާނަވީ އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވި ދަރިވަރުންތަކެއް-- ފައިލް ފޮޓޯ: މިހާރު

"ރާއްޖޭގައި ހުރިހާ ބަޔަކަށް މި ވަނީ ފިލްޓާ ކޮށްގެން ނެގޭ މީހުންކޮޅު. އެޑިއުކޭޝަންގެ ފަހުގެ ފިލޯސަފަރުން ގަބޫލެއް ނުކުރޭ އެއީ ކަމަށް އެންމެ ރަނގަޅު ގޮތަކީ. ފަހުގެ ފިލޯސަފަރުންގެ ވިސްނުމަކާ އެއްގޮތަށް ނޫނޭ މިހާރު އަމަލުކުރަނީ. މަދު ކުދި ބައެކޭ މޮޅުވާނީ، އެ ކުދިންނޭ ޑިވެލޮޕްކުރާނީ، އެ ކުދިންނަށޭ ސްކޮލަޝިޕް ދޭނީ، އެ ކުދިންނޭ ރާއްޖެއިން ބޭރަށް ފޮނުވާނީ، އެ ކުދިންނޭ މޮޅު ޔުނިވާސިޓީތަކަށް ފޮނުވާނީ... މި ޒަމާނުގެ ފިލޯސަފަރުން އެގޮތެއް ގަބޫލެއް ނުކުރޭ،" ވިލާ ކޮލެޖުގެ ރެކްޓާ އަންވަރު ވިދާޅުވި އެވެ.

ދަރިވަރުން ހޯދާ ގްރޭޑު ވެސް މުހިއްމު ކަމަށާއި އެކަމަކު އެއީ ހުރިހާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ގްރޭޑު ލިބެންޖެހޭނީ، އަންވަރު ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓުތަކާއި ގްރޫޕް ޑިސްކަޝަނާއި އެހެން ހުރިހާ އެއްޗަކާ އެކުގަ އެވެ. "އެކަންކަމުގައި ނެގެޓިވް އިމްޕެކްޓު ބޮޑުވާ ކަމަށް ފެންނަނީ ޕޮޒިޓިވް ކަންކަމަށް ވުރެ. ސްކިލްސް، ވެލިއު ކަހަލަ އެއްޗެހި ދޫކޮށްލާފައި ގްރޭޑަށް މި ދަނީ. އެ އެއްޗެހި ދޫކުރީމަ ކިހާ ބޮޑު ގެއްލުމެއް މި ލިބެނީ،" އަންވަރު ވިދާޅުވި އެވެ. އޭނާ ވެސް ވިދާޅުވީ ދަރިވަރުންގެ ކާމިޔާބު ފާހަގަކުރުން މުހިއްމު ކަމަށެވެ. އެކަމަކު ރާއްޖޭގައި އެކަން ކުރާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް އަންވަރު ވިދާޅުވި އެވެ.

53 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 51%
icon sad icon sad 0%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަދަލު

15 October 2021

ސްކޫލުތަކަށް އެވޯޑު ދީ ފާހަގަކުރަންވީ ދަރިވަރުންގެ ނަތީޖާތަކަށް އެންމެ ގިނަ ކުރިއެރުން ހޯދައިދިނުން މިންގަނޑަކަށް ބަލައިގެން. މިސާލަކަށް ސީ ފާސް ހޯދަމުން އައި ކުއްޖަކު ބީ ފާހަކަށް ބަދަލުކުރުން ނުވަތަ އޭ ފާހަށް ބަދަލުކުރުމުން އެއީ އިތުރު ޕޮއިންޓުތައް އެ ސްކޫލަކަށް ލިބޭ ގޮތަކަށް ވުން. ނަތީޖާއަކަށް ވެގެންދާނީ އެންމެ ދަށުން ހޯދާ ކުދިންގެ ފެންވަރު ރަނގަޅު ކުރަން އިތުރު އަހައްމިއްޔަތު ކަމެެއް ސްކޫލުތަކުން ދިނުން

The name is already taken The name is available. Register?

މި ހާލަތު

15 October 2021

ރާއްޖެ އަށް ކެމްބްރިޖު އިމްތިހާނު ގެނައީ އެޑެކްސެލް އޯ ލެވެލްގެ އިމްތިހާނުތަކުން ދަރިވަރުންގެ ނަތީޖާ ދަށްވާން ފެށުމުން ކަމަށެވެ. ކުދިން ފާސްވާ ވަރަށް ކިޔަވައިދިނުމުގެ ބަދަލުގައި ސަރުކާރުން ބެލީ މަތީ ގްރޭޑެއް ހޯދޭނެ ގޮތެއް. މިއީ މި ރާއްޖޭގެ ކަންކޮށްފައިވާ ގޮތަކީ. އެއްގޮތަކަށްވެސް ފެންވަރު ރަގަޅު ވިސްނުންތޫނު މޮޅު ކުދިންތަކެއް ތައްޔާރު ކުރުމެއް ނޫން މުހިއްމުވީ.

The name is already taken The name is available. Register?

ޙިނި

15 October 2021

ހަރަދު ކުޑަކުރަން ބޮންދުން ގެންނަންވީ، އޭރުންނަންގަޅުވާނެ

The name is already taken The name is available. Register?

ގަދަ 10 ހޮވުން މުހިންމު

15 October 2021

މަގޭ ދަރި ރަނގަޅަށް ފާސް ނުވުން އެއީ ހިތްވަރާއިއެކު މަސައްކަތްކުރާ ކިޔަވާ ހިތްވާ ކުއްޖާގެ އަގުވަޒަން ކުރުން ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. ސީ ލިބޭ ކުދިން ގިނަ ވުމަކީ އޭ ހޯދާ ކުދިންގެ ކުށެއް ނޫނެވެ. އަދި އެކުދިން މާޔޫސް ކުރަން އޮތް ހުއްޖަތެއް ވެސް ނޫނެވެ. އޭގެ ވަރުގަދަ މިސާލަކީ، މަހްޝަރުގެ ބިމުގައިވެސް އިންސާނުން ތިބޭނީ ދަރަޖަ ތަކަކަށް ބެހިފައި ކަމެވެ. ތަޤްވާވެރިންނާއި، ޢިލްމުވެރިންނަކީ އެދުވަހު ވެސް ގަދަ 10ގައި ހޮވިފައި ތިބޭނެ ބައެކެވެ.

The name is already taken The name is available. Register?

އައިސާސާ

15 October 2021

ގްރޭޑް10 އެއް ނިމޭއިރު ކެރިއަރ ޗޫޒްކުރަން ނުވަތަ އިތުރަށް ކިޔަވަންް ދާން ބޭނުންވާ ދާއިރާ އެކުދިންނަށް ދެނެގަތުމުގައި އެހީވާންޖެހޭ. ކިތައް ކުދިންތޯ އެތިބީ ދާނެ ދާިރާއެއް ނޭގިފަ. ކޮބައިތޯ އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކީ މިކަމުގަ؟ ހަމަ އެކަނި ގަދަ 10 އެއް ކިޔާފަ އެވޯޑެއް ދިނަކަސް ނުވާނެ.

The name is already taken The name is available. Register?

ބޮޑުރިޔާ

15 October 2021

ޓެސްޓްއުވާލީމަހުރިހާކުދިންހަމަހަމަވީ

The name is already taken The name is available. Register?

ކޮބާތޯ އުފަލެއް

15 October 2021

މިހާރު މިވާގޮއް އެނގެނީ ސަރުކާރުތަކުންބޭނުންނުވަނީ ދަރިވަރުން މަތީތައުލިމްހޯދަން އޭގެ ހެކި ޑުރަގް ނުހުއްޓުވިގެން މިއުޅެނީ ޔަންގް ގަނަރޭޝަން ހަލަކްކޮއްލުން

The name is already taken The name is available. Register?

އައިމިނާ

14 October 2021

ކުދިން އަމިއްލަޔަށް ދިރިއުޅެން ދަސްނުވެގެން އުޅެނީ ތިޔަ ގަދަ ދިހަޔަކާ ހެދި. ހަމައެކަނި ގަދަ ދިހަޔެއްގަ ހިމެނުމަށް ކިޔެވުމަށްވުރެ ކުއްޖާއަށް ހުރިހާގޮތަކުންވެސ ފައިދާ ބޮޑުވާނެ ހުރިހާކަމެއް ދަސްކުރީމަ.

The name is already taken The name is available. Register?

ފަހަޔަން

14 October 2021

ދެން ޕާޓިސިޕޭޝަން އެވޯޑް ދޭންފަށާ. ފާސްނުވިޔަސް,

The name is already taken The name is available. Register?

ޑއިޜީ

14 October 2021

ޕާސްޕޭޕަރު ހިތުދަސް ކުރުމުގެ ގަދަ 10

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454