ކުޅިވަރު / ޚިޔާލު

ސްޕޯޓްސްް ޕޮލިޓިކްސް: ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ! ބޯޅަ އޮތީ ބައިކޮޅުގަ އެވެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކަމާ ބެހޭ އެންމެ އިސްބޭފުޅުން، ރާއްޖޭގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ދިވެހި ޓީމަށް ސަޕޯޓް ކުރައްވަނީ.

ހާމިދު އަބްދުލް ޣަފޫރު

24 ނޮވެމްބަރ 2021 - 07:11

7 comments

މާލެ އަށް ހަނިވެފައި އޮޮތް ދިވެހި ލީގު، ގިނަ ރަށްތަކުގައިި ދިރިއުޅޭ ޒުވާނުންނަށް ފޯރުކޮށްދިނުމަކީ ދިވެހި ފުޓުބޯޅައިގެ ފަންވަރާއި ފެންވަރު އެތައް ދަރަޖައަކަށް އުފުލޭނެ ކަމެކެވެ. މުޅި ރާއްޖެ ތަމްސީލުކުރާ ޖަޒީރާ ލީގެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހުރި ނަމަވެސް ރަށުގެ ދިރިއުޅުމާ ހަމައަށް ވާދަކުރުމުގެ ގައުމީ ނިޒާމު ނުފޯރާ މި އޮތީ ކީއްވެތޯ ދެނެގަތުމަކީ ފުރަތަމަ ފިޔަވަޅު ކަމަށް ވާނެ އެވެ.

ކާމިޔާބުތައް

ކުޑަ ޖަޒީރާ ގައުމަކުން ފުޓުބޯޅަ އިން ހާސިލު ކުރެވުނު ކާމިޔާބުތަށް ދެރައެއް ނޫނެވެ. އިންޑިއާ ސަރަހައްދުގެ ޗެމްޕިއަންކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހޯދައިފި އެވެ. ކްލަބްތަކާއި ކުޅުންތެރިން ބައިނަލްއަގުވާމީ ނިޒާމަށް އަހުލުވެރި ކުރެވިއްޖެ އެވެ. މޮޅު ކުޅުންތެރިންނާއި ތަޖުރިބާކާރު ރެފްރީންނާއި އިންޓަނޭޝަނަލް މެޗު ކޮމިޝަނަރުންް އުފެދި، ބަލައި ގަންނަ ބަޔަކަށް ވެއްޖެ އެވެ. ދިވެހި ގައުމީ ޓީމު، މޮޅު ޓީމެއްގެ ގޮތުގައި ދެމެހެއްޓުމަކީ ގައުމީ ފުޓުބޯޅަ އެސޯސިއޭޝަންގެ މަސްއޫލިއްޔަތަކަށް ވެއްޖެ އެވެ.

ފީފާގެ އެހީގައި ހެދި ކުޅުދުއްފުށި ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ހާއްސަ ފުޓުބޯޅަ މެޗު.

ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންގެ ދެމެހެއްޓެނިވި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ހާއްސަ ސްޕޯޓްސް ކޮމިޝަނަރަކާއި ސްޕޯޓްސް ކައުންސިލެއް އުފެދިއްޖެ އެވެ. ކުޅިވަރު ދަނޑުތައް އެޅުމަށް ސްޕޯޓްސް ކޯޕަރޭޝަނެއް އޮވެ އެވެ. ކުޅިވަރުގެ ގާނޫނެއް އެބައޮތެވެ. "ކޮމިއުނިޓީ އެމްޕަވާމަންޓް" ގެ މެންޑޭޓް ކުޅިވަރު ވުޒާރާގެ މަސައްކަތަށް އިތުރު ކުރެވިއްޖެ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި މި ވަގުތު ވެސް ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ވެ އެވެ. ފުޓުބޯޅައަކީ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ފޯރި ނަގާ ކުޅިވަރެވެ. ރާއްޖޭގެ އިޖުތިމާއީ ފޭރާން ޒީނަތްތެރިކޮށްދޭ ވަސީލަތެކެވެ. އުފާ އުފަލުން، ދަނޑު ފުރައިލާ ކުޅިވަރެވެ.

ފުޓުބޯޅައިގެ މަސްލަހަތު

ވީމާ، ފުޓުބޯޅައިގެ މަސްލަހަތު އޮތީ ހަމައެކަނި ކްލަބްތަކާއި އެސޯސިއޭޝަން ގެއެއް ނޫނެވެ. މުޅި ގައުމުގެ އެވެ. ފުޓުބޯޅައަކީ ގައުމީ ރޫހުގެ ޕްލެޓްފޯމަކަށް ވެއްޖެ އެވެ. ރައްޔިތުންގެ މަސްލަހަތު އޮތް ކަމަކަށް ވެއްޖެ އެވެ. ވީމާ، މޮޅު ގައުމީ ޓީމެއް ދެމެހެއްޓުމަކީ ފުޓްބޯލް އެސޯސިއޭޝަނުގެ ޒިންމާއެއް ކަމުގައި ވެސް ވެއްޖެ އެވެ.

ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ!

ނުވަދިހައިގެ އަހަރުތަކުގައި ކުޅިވަރުގެ ވިސްނުމާއި ހާލަތު އޮތް ގޮތް ދެނެގަތުމަށް ފަހު، އޭރުގެ ކުޅިވަރާ ބެހޭ ވަޒީރު އަލްއުސްތާޒު މުހަންމަދު ޒާހިރު ހުސައިން ނިންމެވީ "ކުޅިވަރަކީ ކުޅިވަރެއް ނޫން" ކަމުގަ އެވެ. އެ ދުވަހަކީ ރާއްޖޭގެ ކުޅިވަރުގެ ފަލްސަފާގެ ޒަމާނީ ބެންޗުމާކެއް ޖެހި ދުވަހަކަށް ވާނެ އެވެ. ކުޅިވަރަކީ އިންތިޒާމު ކޮށްގެން ހިންގާ އިޖުތިމާއީ ހަރަކާތަކަށް ވާން ޖެހޭނެ ކަމެވެ. ގައުމީ ރޫހާއި އެއްބައިވަންތަކަން ފަހިކޮށް، އިޖުތިމާއީ ފޭރާން ޒީނަތްތެރިކޮށް، ދެމެހެއްޓުމުގައި "އޮގަނައިޒްޑް ކުޅިވަރު" އަދާކުރާ ދައުރުގެ މުހިންމުކަން ދެނެގަނެވިއްޖެ އެވެ. އެ ކަމަށް ބޭނުންވާ، ދައުލަތުގެ ވަސީލަތްތައް ހުޅުވިއްޖެ އެވެ. ބަޖެޓް ބޮޑުވެއްޖެ އެވެ.

މުސްތަގުބަލްގެ ޒޯން ސްޓޭޑިއަމްތަކަށް ބިން ނަގައި ބައެއް ސްޓޭޑިމްތައް ނިންމި އެވެ. ބޯޅަގޭގައި ތަމްރީނު މަރުކަޒެއް ގާއިމުކޮށް، ކުޅިވަރަކީ އިންވެސްޓް ކުރަންޖެހޭ އިލްމީ އަދި އިޖުތިމާއީ ޑިސިޕްލިންއެއް ކަމުގައި ބަލައި ގަނެވިއްޖެ އެވެ. ސްކޫލްތަކުގައި ފިޒިކަލް އެޑިއުކޭޝަނަކީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މާއްދާއެއްގެ ގޮތުގައި ބާރު އަޅައިދިނުމަށް އެދެން ޖެހިއްޖެ އެވެ. ހަށިހެޔޮ ދުޅަހެޔޮ ޖީލެއް އުފެއްދުމުގެ ވާހަކަ ފަނޑުގޮތަކަށް ނަމަވެސް އިވެން ފަށައިފި އެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ.

ފުޓުބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން

"ފުޓުބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން" ކަމަށް ވައުދުވެ އޭރުގެ އެސޯސިއޭޝަންގެ ރައީސް ސަމަރުބުލޫ އިބްރާހިމް މަނިކުގެ ޝުއޫރުތައް ހުވަފެނީ ލަވައަކުން ފައުޅުކޮށް ދެއްވި އެވެ. ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވީ އިބްރާހިމް އިސްމާއިލް (ބޮޑޭ) އެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ދެމިގެންދާ ފަންނީ މަސައްކަތްތަކެކެވެ. އެހެން ނަމަވެސް، މި މަސައްކަތެއް ނުހިނގަ އެވެ. ހުރިހާ ކަމެއް ހުއްޓާލައި، އާހުތް! ކިޔައިފައި ނޫނީ ގައުމީ ޓީމެއް ނުހެދެ އެވެ. ކްލަބްތަކަށް އަޅައެއް ނުލެވުނެވެ.

އެހެން ނަމަވެސް ފަންނީ ގޮތުންނާއި މާއްދީ ގޮތުން ފީފާ އިން ރާއްޖެ އަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި ގެރެންޓީތައް ސަރުކާރުން ހުޅުވައިލައިފި އެވެ. އެފްއޭމްގެ އޮފީހާއި ދަނޑަކީީ ސަރުކާރުގެ ގެރެންޓީގެ ދަށުން ފީފާ އިން ފަންޑުކުރި މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ. ފީފާ އިން ރާއްޖެ އަށް އިދާރީ ހިންގުމަށް އެކަނިވެސް އަހަރަކު އެއް މިލިއަން ޑޮލަރު ލިބެ އެވެ. އިތުރު މިލިއަނެއްހާ ޑޮލަރުގެ ޕްރޮޖްޓަށް ފައިސާ ހޯދުމަކީ މިއަދު ފަސޭހަ ކަމަކަށް ވެއްޖެ އެވެ. މަތިބަރު އިދާރީ އޮނިގަނޑެއް އުފައްދައި، ގިނަ އޮފިޝަލުން ތިއްބަވަނީ ބޮޑު މުސާރައިގަ އެވެ.

ފީފާގެ އެހީގައި ހެދި ކުޅުދުއްފުށި ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ފުޓުބޯޅަ މެޗުގައި ކުޅުނު ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ.

ފުޓުބޯޅައަކީ ލާމަރުކަޒު ނިޒާމެއްގެ ތެރެއިން ޒަމާނީ ދިވެހި ސަގާފަތުގެ ތެރެއަށް މަހައިލެވިދާނެ ކުޅިވަރެއްކަން އެތައް ބަޔަކު ގަބޫލުކުރެ އެވެ. ވީމާ ސަރުކާރުން ވެސް ފުޓުބޯޅަ އަށް ބޮޑު ހޭދައެއް ކުރެ އެވެ. ސަރުކާރުގެ ހިއްސާ 60 މިލިއަނަށް އަރަ އެވެ. ފުޓްބޯލް އެސޯސިއޭޝަނަކީ 100 މިލިއަނުގެ އިންވެސްޓްމަންޓެކެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ!

ޒޯންތަކަށް ފޯރާ ގައުމީ އޮނިގަނޑެއް

ފުޓުބޯޅައަކީ، ރައްޔިތުންގެ ސީދާ މަސްލަހަތު އޮތް އިޖުތިމާއީ ހަރަކާތަކަށް ވެއްޖެ އެވެ! ދަރީންގެ ޖިސްމާނީ، އިޖުތިމާއީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް އޮގަނައިޒްޑް ކުޅިވަރުގެ ނިޒާމަކީ ފަރުވާއެއްކަން ދެނެގަނެވިއްޖެ އެވެ. ބެލެނިވެރިންނަށް ކުދިން ގޮވައިގެން ބަލައިލަން ދެވޭ ފުޓުބޯޅައަކީ އުފެއްދުންތެރިކަމާއެކު، ބައްޓަން ކުރެވިދާނެ ހޫނު "ކޮންސިއުމާ ޕްރޮޑަކްޓް" އެކެވެ. ސަރަހައްދުގެ ފުޓުބޯޅަ ބާރެއްގެ ގޮތުގައި ދެމިތިބެވޭ މިންވަރުގެ ފުޓުބޯޅަ ނިޒާމެއް ބައްޓަން ކުރުމުގެ ޒިންމާ އޮތީ އެސޯސިއޭޝަންގެ ސިޔާސީވެރިންގެ ކޮނޑުފުޅު މަތީގަ އެވެ. ރައީސާއި އެކްސްކޯ މެމްބަރުންގެ ގައުމީ ޒިންމާއެއްގެ ގޮތުގަ އެވެ. އަޅައި ނިމިފައި ހުރި ސްޓޭޑިއަމްތަކާއި ދަނޑުތައް ގަސްފަޅައި، ވީރާނާވެ ލޫޓުވާން ދޫކޮށްލެވޭކަށް ނެތެވެ. އެ ތަންތަން ބޭނުންކުރަންޖެހެ އެވެ.

މާޗް 2019 ގައި ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން.---ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުޓުބޯޅަ އެސޯސިއޭޝަން، މީގެ 14 އަހަރު ކުރިން ފީފާގެ ބެލުމުގެ ދަށުން އިންތިހާބު ކުރިއިރު، ވިސްނުމަކަށް ވީ މޮޅު ފުޓުބޯޅަ ކްލަބްތައް އޮތީ މާލޭގައި ކަމަށެވެ. ވީމާ އެސޯސިއޭޝަންގައި އިސްދައުރެއް އަދާކުރަން ޖެހޭނީ މާލޭގެ ކްލަބަތަކުންް ކަމަށް ބެލެވުނެވެ. މި ވިސްނުމުގެ ދަށުން އަސާސީ ގަވާއިދު ބައްޓަން ކުރީ ހިންގާ ކޮމިޓީގައި މާލޭގެ އެއްވަނަ ޑިވިޒަންގެ ކްލަބްތަކުގެ ފުރިހަމަ މެޖޯރިޓީ އޮންނަ ގޮތަށެވެ. އެއީ ކްލަބަކަށް ދެ ވޯޓް ދިނުމެވެ! ފީފާގައި ރާއްޖެ އަށް އެއް ވޯޓް ލިބޭއިރު، އެމެރިކާ އަށް ވެސް، ޗައިނާ އަށް ވެސް ލިބެނީ އެއް ވޯޓެވެ. ދެ ވޯޓެއް ނޫނެވެ! އަނެއްކޮޅުން، ރާއްޖެތެރޭގެ ކްލަބްތައް ތަމްސީލު ކުރަނީ ނުވަ ޒޯނުގެ "ޕްރޮކްސީ" ވޯޓުންނެވެ. ސީދާ ބަހެއް ވެސް، އަދި ވޯޓެއް ވެސް ނުލިބެ އެވެ. ނަތީޖާއަކަށް ވެފައި މި އޮތީ ގައުމީ ފުޓުބޯޅަ މުބާރާތަކީ ދިވެހި ލީގުގެ ނަމުގައި، މާލޭގައި ކުޅޭ، މާލޭގެ ކްލަބްތަކަކަށް ހަނިވެފައިވާ މުބާރާތަކަށް ވުމެވެ. ހައްލު ކުރަންޖެހޭ އަސާސީ މައްސަލައަކީ މިއީ އެވެ.

ފީފާގެ ބްލައިންޑް ސްޕޮޓް

މާލޭގެ މޮޅު ކްލަބްތަކުގެ މައްޗަށް އެސޯސިއޭޝަން ފުރޮޅައިލަން ލަފާދެއްވުމަށް ފަހު، މިއަދާ ހަމައަށް ވެސް ފީފާ އަށް ދިމާވެފައި އޮތް މައްސަލައަކީ ގާތުން ނުފެންނަ ކަމެއް ދުރުން ނުފެންނަ އުސޫލުން އުފެދޭ "ބްލައިންސްޕޮޓް" އެއްގައި ތާށިވުމެވެ. ޒަމާން ބަދަލުވެ، އުއްމީދުތައް އައު ވެއްޖެ އެވެ. ރާއްޖެއަކީ ސަރަހައްދުގެ ފުޓުބޯޅަ ބާރެއްގެ ގޮތުގައި ރައްޔިތުން ދެކެން ފަށައިފި އެވެ. އެސޯސިއޭޝަނުން ދިން އުއްމީދުގަ އެވެ! އެހެން ނަމަވެސް ޗެމްޕިއަނަކަށް ވެވޭނީ ކުޅުންތެރިންގެ އަދަދާއި ސަޕޯޓް ބޭސް ފުޅާކުރެވުނު ވަރަކުން ކަން ދެނެގަންނަން ޖެހިއްޖެ އެވެ. ރަށުގެ ދިރިއުޅުމާ ހަމައަށް ގައުމީ މުބާރާތް ފޯރުކޮށްދޭންޖެހެ އެވެ.

މި މަހު ލަންކާގައި ބޭއްވި ރާޖަޕަކްސާ މުބާރާތަށް ދިޔަ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެ ގައުމަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު، އެސޯސިއޭޝަނަށް މިކަން ފަހުމު ނުވާއިރު ފީފާ އަށް ވަކި މިކަން ފަހުމުވާނެެ ގޮތެއް ނުފެނެ އެވެ. ސަރަހައްދުގެ ފުޓުބޯޅަ ބާރެއްްގެ ގޮތުގައި ދެމިތިބެން އެދޭ ނަމަ، ހެޔޮގޮތަކީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތަށް މުޅި ގައުމު ޝާމިލް ކުރެވޭ ގޮތަށް ލީގު ބައްޓަން ކުރުމެވެ. މުޅި ރާއްޖެ އަށް ހުޅުވައިލުމެވެ. ޖަޒީރާ ލީގްގެ މަފްހޫމަކީ މިއީ އެވެ. ޒޯންތަކަށް ލީގް މުބާރާތް ހުޅުވައިލުމެވެ. ރާއްޖޭގެ އާބާދީގެ މެޖޯރިޓީ އަށް އެސޯސިއޭޝަންގެ މެމްބަޝިޕް ހުޅުވައިލުމެވެ. މިފަދަ ނިންމުމެއް ނިންމޭނީ އެސޯސިއޭޝަނުންނެވެ. އެސޯސިއޭޝަންގެ ހިންގާ ކޮމިޓީންނެވެ. އަޅުގަނޑަށް ހިންގާ ކޮމިޓީ މަންޒަރު ކުރެވެނީ ބޮލަކަށް ދެ ވޯޓް ލައްވާފައިވާ "ވަލީ ކޮމިޓީ" އެއްގެ ސިފައިގަ އެވެ.

ރާއްޖެ ބްރޭންޑް ކޮށްދޭ ޖަޒީރާ ލީގް

ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ ކަލަންޑަރަށް "ޕީކްފިޓްނަސް" ގައި ތައްޔާރީ ހާލަތުގައި ތިބޭ ފަހުލަވާނުންނަށް ވާންޖެހެ އެވެ. ޖަޒީރާ ލީގަކީ 1،056 ކުޅުންތެރިންގެ ފުޅާ ބިންގަލަކުން 48 ކްލަބް މެދުވެރިކޮށް ކުޅޭ ޒޯން ކޮލިފައިންގެ 96 މެޗުން ހޮވައިލެވޭ އެންމެ މޮޅު 176 ކުޅުންތެރިން އެކުލެވޭ ލީގެކެވެ. އެއީ އަށް ޓީމުގެ ލީގެއްގެ ގޮތުގައި ހޯމްއެންޑްއަވޭ 56 މެޗުން ތަމްރީނު ކުރެވިގެން، ދިވެހި ގައުމީ ޓީމަށް 22 ކުޅުންތެރިން ފުރާނައިލާ ނިޒާމެކެވެ. ޖަޒީރާ ލީގްގެ ޖޫނިއާ ފަށަލައެއްގެ ގޮތުގައި އިންޓަ ސްކޫލްގެ މިފަދަ ނިޒާމެއް ގާއިމު ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ޖަޒީރާ ލީގަކީ ފީފާގެ އައިލެންޑް ސްޓޭޓްސްގެ ޕޯސްޓަރު ޗައިލްޑަކަށް ނެހެދޭންވީ ސަބަބެއް ނެތެވެ. ގެސްޓުން ވެސް މެޗު ބަލަން އަންނާނެ އެވެ.

ފުޓްބޯލް އެސޯސިއޭޝަނަކީ މިއަދު 100 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ. މި އިންވެސްޓްމަންޓްގެ މޭސްތިރިއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ "ވަލީ ކޮމިޓީ" އެވެ. ބޮލަކަށް ދެ ވޯޓް ލައްވާފައިވާ އެއްވަނަ ޑިވިޒަންގެ ކްލަބްތަކެވެ. އެކްސްކޯ އެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ! ބޯޅަ އޮތީ ބައިކޮޅުގަ އެވެ!

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޯމޭން

24 November 2021

ދިވެހިފުޓުބޯޅަ ދާއިރާއަކީ ބޮލީވުޑަށް ވުރެ ބޮޑަށް ނެޕޯޓިޒަމް އޮންނަ ދާއިރާއެއް. ލިބޭބަޖެޓާ އަޅާބަލާފަ ޑިވެލޮޕްމަންޓަށް އެއްވެސް ކަމެއް ނުކުރެވެއޭ ބުންޏަސް ދޮގަކަށް ނުވާނެ. ގައިމު ތިވަރުގެ ބަޖެޓަކުން ކުޅުންތެރިން އުފައްދަން ފުޓްބޯލް ސްކޮލަޝިޕެއް ސްޕޮންސަރ ކޮށްލެވޭނެދޯ. 2014 ފެށިގެން މިއަދާ ހިސާބަށް އެންމެ ކުއްޖަކަށްވެސް އެވަރުގެ ނަސީބެއް ލެއްވިކަމެއް ނޭނގެ. މެނޭޖުމަންޓު ހަމަ ސުމެއް. މުޅިން އޯވަހޯލު ކުރަންޖެހޭ ތަނެއްތީ.

The name is already taken The name is available. Register?

ޑަިޜީ

24 November 2021

ކުޅިވަރަކީ ކުޅިވަރެއްނޫނުވެ، ތެދެއް، ކުޅިވަރު ކުޅެނީ ކުޅުންތެރިންނެވެސް ނޫނެވެ. ކުޅިވަރަކީ ވިޔަފާރިއެކެވެ. ކުޅުންތެރިންނަކީ ކުލަބްގެ މުވައްޒަފުންނެވެ. ސަޕޯޓަރުންނަކީ ކަސްޓަމަރުންނެވެ.

The name is already taken The name is available. Register?

ޖަމަލު

24 November 2021

ރާއްޖޭގައި ތިކަން އޮތީ ކަންމަތީ ޖަމިއްޔާތަކުން ހައިޖެކް ކޮށްފާ. މިއީ ވަރަށް ވާހަކަ

The name is already taken The name is available. Register?

ސަލީމް

24 November 2021

ޒާހިރު ނަސީކު ބުނީ ކުޅިވަރަކީ ކުޅިކުޅިވަރަށް ކުޅޭ އެއްޗެއް ނޫނޭ...

The name is already taken The name is available. Register?

ޢެކަން އެބަކުރޭ

24 November 2021

ހާމިދަށް އެނގިލައްވާތޯ މުޅިރާއްޖެ އަށް ފުޅާކުތުވަނީ ލީގެއް ފަށާކަން. ޢަޕްޑޭޓް ކޮށްލެއްވުން އެދެން.

The name is already taken The name is available. Register?

ބައިސެންޓް

24 November 2021

އަހަރަކު އެއްމިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް؟؟؟ މިއީ ދެއްތޯ ކުޅިވަރުކުޅުމުގެ މާބޮޑު ޗަސްބެއް ނެތް ބޭފަުޅަކު އެސޯސިއޭޝަންގައި ބަގުޑި ބެއްދެވި ގޮތަށް ނުނަށްޓައިގެން މިއުޅޭ ސަބަބަކީ. މިބޭފުޅާއަށް ކުޅިވަރަކީ ފައިސާއާއި ކަރަޕްޝަން، އެސޯސިއޭޝަނަކީ ރަންބިސް އަޅާ ކުކުޅެއް. މިފަދަ މީސްމީހުންގެ ވަކިތަކުން އެސޯސިއޭޝަން ނެއްޓި ދުވަހަކުން ނޫނީ ފުޓުބޯޅައަށް ކުރިމަގެއް ނެތް.

The name is already taken The name is available. Register?

ސަސު

24 November 2021

ރާއްޖޭގެ ފުޓްބޯޅަ ކަންކަން މިހާވަރަށް ރޯފިލާފަ ވާނުވާ އެނގޭ ބޭކަލަކު މިހުންނަނީ ސްޕޯރޓްސް މިނިސްޓްރީއަށް ނުލާ ޕޮލިސް ބޯޑަށް އައްޔަން ކޮށްފަ. ކޮންމެވެސް މައްސަލައެއް އެބައުޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454