ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޔުނައިޓެޑާއި ޗެލްސީ އެއްވަރުވެ، ސިޓީ ޕޮއިންޓަކާ ގާތަށް

ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ، މެންޗެސްޓާ ސިޓީން އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓަކަށް ގާތް ކޮށްފި އެވެ.

ޗެލްސީ އާއި ޔުނައިޓެޑު މެޗުގެ ކުރިން ސިޓީ ވަނީ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ ޕޮއިންޓެއް ކުރިޔަށް ޖެހިލައި، ޓޭބަލް ލީޑު ކުރަމުންދާ ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ޗެލްސީން ޕޮއިންޓެއްގެ ލީޑު ނެގީ ޔުނައިޓެޑާ އެއްވަރު ކުރި މެޗަށް ފަހު އެވެ. ޗެލްސީ އާއި ޔުނައިޓެޑުގެ މެޗު އެއްވަރުވީ 1-1 އިންނެވެ.

ޔުނައިޓެޑުން ތިން އަހަރަށް ފަހު އޮލެ ގުނަ ސޯލްޝެއާ ކޯޗުކަމުން ވަކިކޮށް ވަގުތީ އާ ކޯޗު ޖަރުމަނުގެ ރަލްފް ރަންގްނިކް ޓީމާ ގުޅެންދެން ޓީމު ހަވާލު ކޮށްފައި ވަނީ ސޯލްޝެއާގެ އެސިސްޓެންޓަކަށް ހުރި، ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކްއާ އެވެ. ކެރިކް ވަނީ ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗަށްލައި، ޖޭޑަން ސަންޗޯ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ކެޕްޓަން ހެރީ މެގުއާ ސަސްޕެންޝަނުގައި ހުރި އިރު ލޫކް ޝޯގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނީ ކްރިސްޓިއަން ޓެލޭސް އެވެ.

ދެވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭ ސަންޗޯ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޖޯޖީނިއޯ އަށް ހެދުނު ގޯހަކުންނެވެ. އޭގެ 19 މިނިޓު ފަހުން ޖޯޖީނިއޯ ޗެލްސީއަށް އެއްވަރު ކޮށްދިނީ ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ ޔުނައިޓެޑުގެ އޭރިއާ ތެރެއިން އާރޮން ވަން ބިސާކާ ޗެލްސީގެ ތިއާގޯ ސިލްވާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޗެލްސީ އަށް ނަތީޖާ އަނބުރާލަން ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނުއިރު ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މުހިއްމު ސޭވަތަކެއް ކޮށްފަ އެވެ. ޗެލްސީގެ ވާނާއަށް ލީޑު ނަގަން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމާ އެކު ކައިރީގައި ހުރި ވެން ބިސާކާ ބްލޮކް ކުރިއިރު، ރުބެން ލޮފްޓަސް ޗީކާ އަދި އެންމެ ފަހު ވަގުތު އެންޓޯނިއޯ ރުޑިގާ ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒެއް ނުވި އެވެ.

ޔުނައިޓެޑަށް ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ މިޑްފީލްޑަރު ފްރެޑަށެވެ. ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ފަހަތުން ޖެއްސި ޕާސް ފްރެޑަށް ލިބުމުން މެންޑީ ބޯ މަތިން ފޮނުވާލަން ޖެހި ބޯޅައިގައި ބާރެއް ނެތެވެ.

މި ނަތީޖާއާ އެކު ވެސް ޗެލްސީ އަދިވެސް އޮތީ އެއްވަނައިގައެވެ. ޗެލްސީ އަށް 30 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ލިބެނީ 29 ޕޮއިންޓެވެ. ސިޓީން ރޭ ވެސްޓް ހޭމް ބަލިކުރީ 2-1 އިންނެވެ. ސިޓީގެ ލަނޑުތައް ޖަހައިދިނީ އިލްކޭ ގުންޑޮގާން އާއި ފެނާންޑީނިއޯ އެވެ. މެޗުގެ އެންމެ ފަހު ބޯޅައިގައި ވެސްޓް ހޭމަށް ސުން ކަނޑުވާލައިދިނީ މެނުއެލް ލަންޒިނީ އެވެ. ސިޓީއަށް ވުރެ އެއް ޕޮއިންޓު މަދުން 28 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ލިވަޕޫލެވެ. ހަތަރުވަނައިގައި ވެސްޓް ހޭމް އޮތީ 23 ޕޮއިންޓް ހޯދައިގެންނެވެ.

ލެސްޓާ ސިޓީ ވެސް ވަނީ ރޭ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށްފަ އެވެ. ލެސްޓާގެ ލަނޑުތައް ޖަހައިދިނީ ޖޭމްސް މެޑިސަން އާއި ޖެމީ ވާޑީ އަދި އަޑިމޯލާ ލުކްމަން އެވެ. ލެސްޓާ ސިޓީ އޮތީ ޔުނައިޓެޑާއި ބްރައިޓަންއާ އެއްވަރަށް 18 ޕޮއިންޓް ހޯދައިގެން 10 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ އަށް ވަނައިގަ އެވެ.

ބްރެންޓްފޯޑް ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށް 12 ވަނައަށް ޖެހިލައިފަ އެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ފުރަތަމަ ހާފުގައި ޖަހައިދިނިީ އިވާން ޓޮނޭ އެވެ. އެވަޓަން ވަނީ 14 ވަނައަށް ވެއްޓިފަ އެވެ.

ބާންލީން އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ފަސް ކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454