ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީއަކީ ނަމޫނާއެއް، އެއީ އިންގްލެންޑުގެ އެންމެ މޮޅު ޓީމު: ޓުޗެލް

ޗެލްސީގެ ކޯޗު ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 15) - އިންގްލެންޑުގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމަކީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކަމަށާއި، އެއީ ނަމޫނާ ޓީމެއް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައި އިއްތިހާދު ސްޓޭޑިއަމްގައި ޗެލްސީން، މެންޗެސްޓާ ސިޓީއާއާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗުގެ ކުރިން ޗެލްސީގެ ކޯޗު މިހެން ބުނީ އިންޖަރީ އާއި ކޮވިޑުގެ ހާލަތާ އެކު ވެސް ސިޓީން ޓީމުގެ ކަންކަން ކުރިޔަށް ގެންދާ އުސޫލުތަކަށް ތައުރީފްކުރާ ކަމަށެވެ.

ލީގުގެ ދެވަނައިގައި އޮވެ ޗެލްސީ އަށް 21 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ. ސިޓީ އެއްވަނައިގައި އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 53 ޕޮއިންޓާ އެކު އެވެ. ލީގުގައި މިހާތަނަށް ކުޅެން އޮތް އެއްވެސް މެޗެއް ފަސް ނުކޮށް ހުރިހާ މެޗެއް ކުޅެމުން އަންނަ ޕްރިމިއާ ލީގުގެ ހަމައެކަނި ދެ ޓީމަކީ ވެސް ޗެލްސީ އާއި ސިޓީ އެވެ.

މި ސީޒަނުގައި ލީގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ގެބްރިއެލް ޖީސަސް ލަނޑު ޖަހަނީ.-- ފޮޓޯ: ޕީއެލް

"އެއީ ނަސީބު ކަމަށް ވެސް ވެދާނެ، ސިޓީގެ ކީ ޕްލޭޔަރުންނަށް އެހާ ގިނަ އަނިޔާގެ މައްސަލަތަކެއް ކުރިމައްޗެއް ނުވޭ. އަދި އެމީހުންނަށް ކޮވިޑާ ހުރެ ވެސް ސްކޮޑަށް މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަހަރެމެން އެތައް ހަފްތާއެއް މިކަމުގައި ވެސް ތަހައްމަލް ކުރަން ޖެހުނު،" ދެ ޓީމުގެ ހާލަތާމެދު ޓުޗެލް ބުންޏެވެ.

"އެއީ (މެންޗެސްޓާ ސިޓީ އަކީ) ނަމޫނާ ޓީމެއް، އިންގްލެންޑުގައި މިވަގުތު އެންމެ މޮޅު ޓީމަކީ އެއީ. މިއީ ހަގީގަތް ކަން އެންމެން ވެސް ގަބޫލު ކުރާނެ."

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އެހެން ޓީމުތަކެކޭ އެއްގޮތަށް އޭނާގެ ޓީމަށް ވެސް ކޮވިޑުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި އެފްއޭކަޕް ތިންވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަނުގެ ސްވިންޑަން ޓައުންއާ ވާދަކުރި މެޗުގެ ކުރިން ސިޓީގެ ސީނިއާ ހަތް ކުޅުންތެރިޔަކާ އެކު 21 ޕޮޒިޓިވް ކޮވިޑް ކޭސް ފެނުނުއިރު އޭގެތެރޭގައި ގާޑިއޯލާ ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކޮވިޑުން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވީ ނަމަވެސް އާ ކޭސްތައް ޓީމުން ފެނިފައިވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ ޓީމުގައި ވެސް ކޮވިޑުގެ އާ ކޭސްތަކެއް އެބަ އުޅޭ. ކުޅުންތެރިން ޕްރައިވެސީ ބޭނުންވޭ. އެހެންވެ އެއީ ކޮން ކުޅުންތެރިންނެއް ކަން ބުނާކަށް ނެތިން،" ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ސިޓީ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާކަން ގާޑިއޯ ވަނީ ހާމަކޮށްފަ އެވެ. އޭނާ ބުނީ މިދިޔަ ޑިސެމްބަރު މަހު އެސްޓަން ވިލާއާ ކުޅުނީ 11 ސީނިއާ ކުޅުންތެރިންނާ އެކު ކަމަށާއި، އެއަށް ފަހު ކުޅުނު ކޮންމެ މެޗެއްގައި ޓީމު އެކަޑަމީގެ ހަތަރެއް ނޫނީ ފަސް ކުޅުންތެރިންނަށް ޖާގަ ދީފައިވާ ކަމަށެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން ވެސް މި ތިބީ އެހެން ޓީމުތައް ތިބި ހާލަތުގައި. ފަހަރުގައި އިންޖަރީގެ މައްސަލަތައް މަދުވެދާނެ. އެއީ ޓީމުގެ މެޑިކަލް ޓީމު އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން. އެހެން ޓީމުތަކާ އެއްވަރަށް އަހަރެމެންނަށް ވެސް ކޮވިޑުގެ އަސަރު ވަނީ ކޮށްފައި."

އެންމެ ފަހުން ސިޓީގެ ދަނޑުގައި ޗެލްސީން ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ. މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީއިން 1-0 އިން ސިޓީ ބަލިކުރި ފަހުން މި ސީޒަނުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މި ދެ ޓީމުގެ މެޗް ހަމަ އެ ނަތީޖާއިން ކާމިޔާބުކުރީ ސިޓީ އެވެ.

ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ ގިނައިން އޭނާ ބަލިވެފައި ވަނީ ޗެލްސީއާ ދެކޮޅަށް ނުކުތް މެޗުތަކުންނެވެ. ޗެލްސީ އަތުން ގާޑިއޯލާ ވަނީ އަށް މެޗުން ބަލިވެފަ އެވެ. ޗެލްސީން މިދިޔަ ސީޒަނުގައި ސިޓީގެ ދަނޑުގައި އެޓީމު ބަލިކުރި މެޗަކީ ޗެލްސީގެ ކޯޗު ޓުޗެލް ލީގު މެޗެއްގައި ގާޑިއޯލާއާ ދެކޮޅަށް ނުކުތް ހަ މެޗުގެ ތެރެއިން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.

މެންޗެސްޓާ ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454