ޑިބްރޭނާ ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2022 - 20:59
މެންޗެސްޓާ (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ވާދަކޮށް 1-0 އިން މެންޗެސްޓާ ސިޓީ މެޗު ކާމިޔާބުކޮށް އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނައިގައި އޮތީ 56 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީއާ އެއްވަރަށް 22 މެޗު ކުޅެ، 43 ޕޮއިންޓާ އެކު ޗެލްސީ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ 42 ޕޮއިންޓުގައި އޮތް ލިވަޕޫލް އެވެ. ލިވަޕޫލް މިހާތަނަށް ލީގުގައި ކުޅެފައި ވަނީ 20 މެޗެވެ.
މިއީ މި ސީޒަނުގައި ސިޓީން ޗެލްސީ ބަލިކުރި ދެވަނަ މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީން ސިޓީ ބަލިކުރި މެޗަށް ފަހު ސިޓީ ވަނީ މި ސީޒަނުގައި ޗެލްސީއާ ދެކޮޅަށް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު އެ މެޗު ވެސް ސިޓީ ކާމިޔާބުކުރީ 1-0 އިންނެވެ. އަދި އެއީ ޗެލްސީ މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗެވެ.
ޗެލްސީއިން މެޗުގައި ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ލުކާކޫ ފޮނުވާލުމުން ކީޕަރު އެޑަސަން ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފުލުފުލުން ޗެލްސީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރި ނަމަވެސް މާ ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ. ސިޓީން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖެކް ގްރީލިޝް އަށެވެ. ނަމަވެސް ޗެލްސީގެ މަޓެއޯ ކޮވަސިޗް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އެވެ.
މި ހާފުގައި ޗެލްސީ އަށް ސިޓީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލެވުނެވެ. ރޮމެލޫ ލުކާކޫ ސިޓީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ހުސް ފުރުސަތެއް ހޯދި ނަމަވެސް ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ޕާސް ދިނީ އޮފްސައިޑްގައި ހުރި ހަކީމް ޒިޔެޝް އަށެވެ.
ފަހު ހާފު ފެށިގެން ސިޓީގެ ރަހީމް ސްޓާލިން އަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ގޯލު ކުރިމަތިން ހުރަސް ވެގެން ދިޔަ ބޯޅަ އޭނާ ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީން ވަނީ މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލައިފަ އެވެ. ކޮވަސިޗް ހުސް ކޮށްލާފައި ލުކާކޫ އަށް ދިން ބޯޅަ އޭނަ ފޮނުވާލުމުން ކީޕަރު އެޑަސަން ކުރިޔަށް އަރައި ބޯޅަ ދިފާއު ކުރި އެވެ. އަދި ރީބައުންސްވެފައި އައި ބޯޅަ ޒިޔެޝް އަށް ލިބުމާ އެކު އޭނާ ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.
ޑިބްރޭނާ ޗެލްސީ ކޮޅަށް މިރޭ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އެއަށް ފަހު ވެސް ފެނުނީ ސިޓީން ޗެލްސީގެ ޑިފެންސަށް ބާރު ބޮޑު ކުރަމުން ދިޔަ މަންޒަރެވެ. މެޗުގެ 69 ވަަނަ މިނިޓުގެ ކުޅުން ހަމަވަންދެން ޗެލްސީގެ ޑިފެންސުން ސިޓީގެ އެޓޭކްތައް ހުއްޓުވި އެވެ. ނަމަވެސް ސިޓީން ޗެލްސީގެ ގޯލު ފޫއަޅުވާލީ 70 ވަނަ މިނިޓުގައި ކެވިން ޑިބްރޭނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ވަދެގެންނެވެ.
މި ނަތީޖާއާ އެކު ސިޓީން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް މޮޅުވެފަ އެވެ. މި 12 މެޗުން އެ ޓީމު 34 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަދެފައި ވަނީ ހަތް ގޯލެވެ.
މިރޭގެ މެޗަށް ފަހު ލީގު ހޯދުމުގެ ރޭހާ ބެހޭގޮތުން ސުވާލުކުރުމުން ޗެލްސީގެ ކޯޗު ޓުޗެލް ބުނީ، އެއީ އޭނާ ޖަވާބުދޭން ޖެހޭ ސުވާލެއް ނޫން ކަމަށާއި ނަމަވެސް ސިޓީ މިހާރު އޮތް ފޯމާ އެކު ކުރިޔަށް ހުރި މެޗުތަކުން ވެސް މޮޅުވާ ނަމަ އެ މީހުން ވައްޓާނުލެވޭނެ ކަމަށެވެ. މި މެޗުގެ ކުރިން ޓުޗެލް ވަނީ ސިޓީއަކީ މި ވަގުތު އިންގްލެންޑުގައި އޮތް އެންމެ މޮޅު ޓީމު ކަމަށް ބުނެފަ އެވެ.
މިއީ އެންމެ ފަހުން ޗެލްސީން މެންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމު ބަލިވި ނުވަވަނަ މެޗެވެ. އެންމެ ފަހުން ލީގުގައި ޗެލްސީ ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވި އިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ބްރައިޓަން އަށް ލިބުނު ޕެނަލްޓީއެއް އެ ޓީމުގެ ޕާސްކަލް ގްރޮސް ފޮނުވާލުމުން ޕެލަސްގެ ކީޕަރު ޖެކް ބަޓްލަންޑް ދިފާއުކުރި އެވެ. ދެވަނަ ހާފުގައި ޕެލަސް އަށް ލީޑު ނަގައިދިނީ ކޮނޯ ގަލެގާ އެވެ. ނަތީޖާ އެއްވަރުވީ 87 ވަނަ މިނިޓުގައި ޕެލަސްގެ ޑިފެންޑަރު ޔަކިމް އެންޑަސަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
16 January 2022
ސިޓީ އަތުނުވާނެ..
އަލީ ލަތީފް
16 January 2022
މެންޗެސްޓަރ އިޒް ބްލޫ ... މެންޗެސްޓަރ ގަ ފުޓުބޯޅައިގަ ދެން ރަސްކަން ކުރާނީ ސިޓީ ...
ރަދީފްއޮފިޝިއަލް
15 January 2022
މަރުހަބާ އެކުވެރި @ލެއްގިކޮމިޝަނަރ
ލެއްގިކޮމިށަނަރު
16 January 2022
އެއްވެސް މަޖަލެއްނޫން