ރެއާލް މެޑްރިޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
18 މެއި 2016 - 12:21
ޗެމްޕިއަންސް ލީގު 11 ވަނަ ފަހަރަށް ހޯދުމަށް އަންނަ ހަފުތާގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ފައިނަލަށް ނުކުންނަން ތައްޔާރުވެފައިވާ ރެއާލް މެޑްރިޑުން އޭގެ ކުރިން އިތުރު ކާމިޔާބެއް ހޯދައިފި އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބުގެ ލިސްޓުގެ އެއް ވަނަ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ހޯދީ އެވެ.
އެމެރިކާގެ ވިޔަފާރި މަޖައްލާ ފޯބްސް އިން ކޮންމެ އަހަރަކު ނެރޭ މި ލިސްޓުގެ އެއް ވަނައިގައި ރެއާލް އޮތްއިރު އެ ޓީމުގެ އަގަކީ 3.6 ބިލިއަން ޑޮލަރު (55.5 ބިލިއަން ރުފިޔާ) އެވެ. މިއީ ގާތްގަނޑަކަށް ދިވެހިރާއްޖޭގެ ބަޖެޓުގެ ދެ ގުނަ އެވެ. ދެ ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެ ޓީމުގެ އަގަކީ 3.5 ބިލިއަން ޑޮލަރު (53.97 ބިލިއަން ރުފިޔާ) އެވެ.
ބާސެލޯނާގެ ސްޓޭޑިއަމް ކޭމްޕް ނޯ: ކްލަބްތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ސްޓޭޑިއަމުން. --ފޮޓޯ: އޭއެފްޕީ
ގަދަ ފަހެއްގައި ދެން އޮތީ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަދި އާސެނަލް އެވެ. ގަދަ 10 ގައި ހިމެނޭ އެހެން ޓީމުތަކުގެ ތެރޭގައި އަބޫ ދާބީގެ ބިލިއަނަރުން ހިންގާ މެންޗެސްޓާ ސިޓީ އާއި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗްގެ ޗެލްސީ އާއި ޔުރޮޕާ ލީގުގެ ފައިނަލުގައި މިރޭ ނުކުންނަ ލިވަޕޫލާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަދި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އެވެ.ފޯބްސް އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރަށް ވުރެ މި އަހަރު ލިސްޓުގެ ގަދަ 20 ގައި ހިމެނޭ ކްލަބްތަކުގެ އަގު ވަނީ 24 އިންސައްތަ މަތިވެފައި ކަމަށެވެ.
ފޯބްސް އިން ނެރޭ އެންމެ އަގުބޮޑު ފަސް ފުޓްބޯޅަ ކްލަބުގެ ލިސްޓް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy