ދުނިޔޭގައި ހިންގާ ޓެރަރިސްޓް ހަމަލާތައް އުފަންކުރުވައި ހިންގަނީ ސޯޝަން ނެޓްވޯކްތައް މެދުވެރިކޮށް ކަމަށް ބުނެވޭ
29 މާޗް 2017 - 06:24
ގައުމުތަކަށް ދޭ ޓެރަރިސްޓް ހަމަލާތަކާ ހެދި ސޯޝަލް ނެޓްވޯކްތައް ބަދުނާމުވެ އެވެ. ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމަށް ސޯޝަލް ނެޓްވޯކްތައް ބޭނުންކުރާ ކަމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ބުނެ އެެވެ. އެ ފަދަ ހަމަލާއެއް ދޭ ކޮންމެ ފަހަރަކު، މެދުވެރި އަކީ އެވެނި އެޕްލިކޭޝަނެއް ކަމަށް ނުވަތަ މިވެނި އާލާތެއް ކަމަށް ކަނޑައަޅަ އެވެ.
އިނގިރޭސިވިލާތުގައި ދާދި މިދާކަށް ދުވަހު ހިންގިި ޓެރަރިސްޓް ހަމަލާގެ ސަބަބުން ކުށްވެރި ވަނީ "ވަޓްސްއެޕް" އެވެ. ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި އެ ހަމަލާ ދިން މީހާ، ހަމަލާ ދިނުމުގެ އިރުކޮޅެއް ކުރިން ވަޓްސްއެޕް ބޭނުންކުރި އެވެ. އޭނާ ވަޓްސްއެޕް ބޭނުންކުރީ ކީއްކުރަންކަން އަދި ކަށަވަރު ނުވި ނަމަވެސް، ގަބޫލުކުރެވެނީ އެއީ އެ ހަމަލާ ރާވައި ހިންގާނެ ގޮތް ބުނެދޭ މީހުންނާ މުއާމަލާތުކުރުމަށް ކަމަށެވެ.
އިނގިރޭސިވިލާތުގައި މިހާރު ވަޓްސްއެޕް ވެފައި ވަނީ ގައުމީ ސަލާމަތަށް ބިރަކަށެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް މީހުން ދައްކާ ވާހަކަތައް، ސަލާމަތީ ބާރުތަކަށް އެނގެން ޖެހޭނެ ކަމަށް ބުނެ އެތައް ބަޔަކު ވަކާލާތުކުރެ އެވެ. އިނގިރޭސި ގާނޫނުތައް ހުރި ގޮތުން، ވަކި ގޮތަކަށް އަމަލުކުރެވެން އަދި ނެތް ނަމަވެސް، ބެލެވޭ ގޮތުގައި ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކުރަން ޖެހޭ އުސޫލުތަކެއް އިނގިރޭސިވިލާތުގައި ކަނޑައަޅާފާނެ އެވެ.
ވަޓްސްއެޕް މެދުވެރިކޮށް ދެ މީހަކު ދައްކާ ވާހަކަތައް ހުންނަނީ ވަރުގަދަ އަށް "އެންކްރީޕްޓް"ކޮށްފަ އެވެ. މާނަ އަކީ ވަޓްސްއެޕް މެނޭޖްމަންޓަށް އެނގުމެއް ނެތި އެ ފަދަ މުއާމަލާތުތައް ފޫވައްޓާލުން ލާހިކު ނޫން ކަމެވެ.
އިނގިރޭސިވިލާތުގައި ވަޓްސްއެޕް މަނާކުރެވޭކަށް ނެތެވެ. ތަރައްގީވެފައިވާ ފުރަަތަމަ ދުނިޔޭގެ ގައުމަކަށް ވާތީ މިނިވަންކަމުގައި އިމެއް ކަނޑައެޅުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް ވަޓްސްއެޕް މެދުވެރިކޮށް ދޭދޭ މީހުން ހިންގާ މުއާމަލާތުތައް ވެސް ސަލާމަތީ ބާރުތަކަށް އެނގެން ޖެހެ އެވެ. އިނގިރޭސިވިލާތުގައި ހަދާ ގާނޫނަކުން އެކަން ހުއްދަކުރި ނަމަވެސް، އެ ގާނޫނަކަށް ތަބާވުމަކީ ވަޓްސްއެޕަށް މަޖުބޫރު ކަމަކަށް ނުހެދޭނެ އެވެ. ވަޓްސްއެޕަކީ އެމެރިކާގައި ހިންގާ އެމެރިކާ ކުންފުންޏަކަށް ވާތީ އެވެ.
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ހައްގުތައް ދިފާއުކުރުން އެ ކުންފުންޏަށް ލާޒިމު ކަމަށް ވަޓްސްއެޕް ބުނެ އެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުން އެކަށީގެންވާ ހުއްޖަތެއް ނެތި އަދި ވަކި އިމެއް ނެތި، ފަރުދުން ކޮށްފައި ހުރި މުއާމަލާތުތަކަށް ވަދެގަނެވޭނެ ގޮތެއް ހަދައިދޭން އެދުމަކީ ބޮޑު ހިތާމައެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ސަން ބާނާޑިނޯގައި ދިން ޓެރަރިސްޓް ހަމަލާގައި ކުށްވެރިވީ އައިފޯނެކެވެ. އެ އައިފޯނެއްގައި ހުރި އެއްޗެއް ނޭނގިގެން އެފީބީއައި ރޮއެ، ދެފައި ތެޅި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެޕަލް އިން އެ އައިފޯނު ހުޅުވައެއް ނުދިނެވެ. ކަސްޓަމަރުންގެ ހައްގުގަ އެވެ.
ދުނިޔޭގެ ބިތެއްގައި މީހަކު ދަންޖެހިއްޖެ ނަމަ، އެ ޒިންމާ ނަގަންޖެހެނީ ފޭސްބުކަށެވެ. އެ ނެޓްވޯކަށް އިތުރުކުރި ފަސޭހައެއްގެ ސަބަބުން "ލައިވް"ކޮށް ދަންޖެހި، އަމިއްލަ އަށް މަރުވާ މީހުން ވަނީ އިތުރުވެފަ އެވެ. ހުރިހާ ބަދުނާމެއް ފޭސްބުކަށެވެ.
ދިމާއެއްގައި ޖަރީމާއެއް ހިންގައިފި ނަމަ، އެ ބަޔަކު ކޮންމެވެސް ނެޓްވޯކަކަށް ނިސްބަތްވާނެ އެވެ. އެ މީހުން ސައްލާކުރަން ކޮންމެވެސް އެޕްލިކޭޝަނެއް ބޭނުންކުރާނެ އެވެ. އެއީ ޓްވީޓާ އެވެ. ޓެލެގްރާމް، ފޭސްބުކް، ވަޓްސްއެޕް އަދި ދެން ވެސް އެހެން އެޕްލިކޭޝަނެއްގެ ނަން ކިޔާބަލާށެވެ. އެ ތަނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ މަކުނު
29 March 2017
ޙައްލަކީ ޓެރަރިސްޓުންގެ ހޭންޑް މެނުއަލް މުޅި ދުނިޔޭން ފޮހެލުން! ޢަދި އެ މެނުއަލް ގެންގުޅެން ހިތުލައިފި ގައުމެއްވެސް ޗާޕް ކުރަންހިތުލިއަސް ނިއުކް އެޅުން!
ޢިބޫ
29 March 2017
މިލިޓަރީން ދޭ ހަމަލާގެ ޒިންމާ ސަރުކާރު ތަކުން ނަގަންޖެހޭނެ