"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް

މައުރަޒު، ކާނިވާ އަދި މަގުމަތީ ބާޒާރު ފަދަ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ވައްކަމުގެ ހާދިސާތައް އިތުރަށް ހިނގަ އެވެ. މި އޮތީ ވެސް އެކަހަލަ ހާދިސާއެކެވެ. އެމެރިކާގެ ކެލިފޯނިއާގައި އޮތް ފެސްޓިވަލަކުން މީހަކު 100 އަށް ވުރެ ގިނަ ސްމާޓްފޯން ވަގަށް ނެގި ވާހަކަ އެވެ. އެއީ ވައްކަންކުރަން ސްމާޓް މީހެއް ނަމަވެސް، ސްމާޓް އިލެކްޓްރޯނިކް އަށް ސްމާޓް މީހެއް ނޫނެވެ.


ފެސްޓިވަލަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން ބަޔަކަށް، އެ މީހުންގެ ފޯނު ގެއްލިއްޖެކަން ފާހަގަކުރެވުނެވެ. އެޕަލް އައިފޯނު ގެންގުޅު މީހުން ފޯނު ހޯދުމަށްޓަކައި "ފައިންޑް މައި އައިފޯން" ފީޗާ ބޭނުންހިފި އެވެ. އެ ގޮތުގައި ފޯނު ހޯދަން މަސައްކަތްކުރަނިކޮށް، އެއް ތަނެއްގައި އެ ހުރިހާ ފޯނެއް ހުރި ކަމަށް ދެއްކި އެވެ. އަދި އެ "ތަން" މަޑުމަޑުން ދަތުރުކުރާ ކަމަށް ވެސް ދެއްކި އެވެ. މާނަ އަކީ ފޯނުތައް ވަގަށް ނަގައިގެން އުޅޭ މީހާ ފެސްޓިވަލް ސަރަހައްދުގައި، ފައިމަގުގައި އުޅޭ ކަމެވެ.

ފެސްޓިވަލަށް ދިޔަ މީހުން ސެކިޔުރިޓީ އަށް އަންގައި، ވަގުކަލޭގެ އަށް ފާރަލަމުން ހިނގި އެވެ. ސެކިޔުރިޓީން ވަގުކަލޭގެ ހިފަހައްޓައި، ސުވާލުކޮށް ބެލިބެލުމުން އޭނާގެ އަތުން 100 އަށް ވުރެ ގިނަ ސްމާޓްފޯނު ވަނީ ފެނިފަ އެވެ. އެންޑްރޮއިޑް ފޯނާއި އައިފޯނެވެ.

"ފައިންޑް މައި އައިފޯން" އަކީ އައިޕެޑް، އައިފޯން، އައިޕޮޑް ޓަޗް، މެކް، އެޕަލް ވޮޗް އަދި އެއާޕޮޑްސް ހޯދުމަށް އެހީތެރިވެދޭ އެޕްލިކޭޝަނެކެވެ. އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ވަރަށް ފަރުވާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި އެޕަލުން އެ ފީޗާ ތަރައްގީކުރެ އެވެ. އެއިން ކޮންމެ ޑިވައިސްއެއް ބޭނުންކުރި ނަމަވެސް އެ ޚިދުމަތް ލިބެ އެވެ.

އެންޑްރޮއިޑް ފޯންތައް ބޭނުންކުރާ މީހުންނަށް ވެސް ހަމަ ދާދި އެއް މިޒާޖަކަށް އަދި އެޕަލް އަށް ވުރެ ފުޅާކޮށް އެ ފީޗާ ބޭނުންހިފެ އެވެ. އެހެން މި ބުނީ ބާރުގަދަ "ތާޑްޕާޓީ" އެޕްލިކޭޝަންތަކުން ވެސް އެންޑްރޮއިޑް ޑިވައިސްތަކަށް އެ ޚިދުމަތް ދޭތީ އެވެ.

ސްމާޓް ޑިވައިސްތައް ވަގަށް ނަގައިގެން އުޅޭ މީހުން ގިނައިން ބެދިފައި ހުންނަނީ އަމިއްލަ އަށް ކުރެވޭ "މޮޅު" ކަމަކުންނެވެ. މިސާލަކަށް ވަގަށް ނެގި ޑިވައިސް އަށް އެއްވެސް ބަދަލެއް ނުގެނެސް، ސްވިޗް އޮންކޮށް، އިންޓަނެޓަށް ވަދެ ޗެޓް އެޕްލިކޭޝަންތަކުގައި އުޅެނިކޮށެވެ.

ޒަމާނީ ސްމާޓް ޑިވައިސްތައް ހުންނަނީ އިންޓަނެޓަށް ވަދެއްޖެ ނަމަ ވެރި މީހާ އަށް އަނގާ ގޮތަށެވެ. އަދި ވެރި މީހާ ބޭނުން ނަމަ ކެމެރާ އޮންކޮށް، އެ ޑިވައިސްއެއް ގެންގުޅެ ސަރަހައްދު ވެސް ބަލާލެވެ އެވެ. އެ ގޮތުގައި ގިނަ ފަހަރު އަތުޖެހެނީ ވަގު ކަލޭގެ އެވެ. އެ ވެސް ކެމެރާ އަށް ބަލަހައްޓައިގެން ހުއްޓަ އެވެ.