އިންޑިއާ ސިފައިން ބޭނުންކުރާ ފޯނުތަކުން ޓްރޫކޯލާ ފޮހެލަން އަމުރުކޮށްފި

ސްމާޓްފޯނުތައް ބޭނުންކުރުމުގައި ސަމާލުވުމަށް، އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ސިފައިންނަށް އަންގައިފި އެވެ. ފޯނުތަކުގައި ބޭނުންކުރާ 42 އެޕްލިކޭޝަނެއް ފޮހެލަން ސިފައިންނަށް ވަނީ އަންގައިފަ އެވެ. ފޮހެލަންޖެހޭ އެޕްލިކޭޝަންތަކުގެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވެ އެވެ.


މިއީ ޒަމާނީ ވާދަވެރިކަމުގައި އިންޑިއާ އާއި ޗައިނާގެ ގުޅުން އޮތް ގޮތެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި، ގައުމުތަކުން ޖާސޫސްކުރުމުގައި ޗައިނާ ގެންގުޅޭ ވަސީލަތްތައް މިހާރު ވަނީ ގޫގުލް ޕްލޭ ސްޓޯރަށް ވަދެފަ އެވެ. މީހުން އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތައް މެދުވެރިކޮށް ޗައިނާ އެދޭހާ މައުލޫމަތެއް ދަނީ ޖަމާކުރަމުންނެވެ.

ޓްރޫކޯލާ އަކީ ޗައިނާއިން އުފައްދާ އެޕްލިކޭޝަނެއް ނޫނެވެ. އެހެން ނަމަވެސް ޓްރޫކޯލާ ބޭނުންނުކުރުމަށް ސިފައިންނަށް ވަނި އަންގާފަ އެވެ.

ޓްރޫކޯލާ އުފައްދަނީ "ޓްރޫ ސޮފްޓްވެއާ ސްކޭންޑިނޭވިއާ އޭބީ" ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނި ހުންނަނީ ސްވިޑްންގަ އެވެ. އެހެންކަމުން ޓްރޫކޯލާ ބޭނުންނުކުރަން އެންގި ސަބަބު އޮޅިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. ޓްރޫކޯލާ ބޭނުންނުކުރަން އަންގާފައި ވަނީ އެއީ ޗައިނާގައި އުފައްދާ އެޕްލިކޭޝަނަކަށް ވާތީއެއް ނޫނެވެ.

ޓްރޫކޯލާ އަކީ "ކޯލާ އައިޑީ" ނުވަތަ ގުޅާ މީހާ އަންގައިދޭ އެޕްލިކޭޝަނެކެވެ. ޓްރޫކޯލާގެ ނުރައްކަލަކީ ރަސްމީ ޗެނަލަކުން ޓްރޯކޯލާގައި ފޯނު ނަމްބަރު ރެޖިސްޓްރީކޮށްފައި ނެތަސް، ޓްރޫކޯލާ ބޭނުންކުރާ މީހަކާ ގުޅުންހުރި މީހެއްގެ ފޯނުގައި އެ ނަމެއް އޮތް ނަމަ، ދަމައިގަނެ، ކާކުކަން އަންގައިދިނުމެވެ.

ޗައިނާގެ ސްމާޓްފޯން ކުންފުނި، ވާވޭ އަކީ ވެސް ޖާސޫސްކުރާ ކުންފުންޏެއް ކަމަށް ބާރުގަދަ ގައުމުތަކުން އޮންނަނީ ހަދާފަ އެވެ. ވާވޭ އަކީ ހަމައެކަނި ސްމާޓްފޯން އުފައްދާ ކުންފުންޏެއް ނޫނެވެ. ސްމާޓްފޯން އުފައްދަން ފެށުމުގެ ކުރިން ވާވޭ މަޝްހޫރުވެ، ބާރުގަދަކޮށްފައި ވަނީ މުވާސަލާތީ އަދި ނެޓްވޯކިން ޑިވައިސްތައް އުފެއްދުމުގަ އެވެ. އެމެރިކާ އަދި އެކުވެރި ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ނެޓްވޯކް ސްވިޗްތަކުން ވެސް ޖާސޫސީ މައުލޫމާތު، ޗައިނާ ސާވާތަކަށް ފޮނުވަ އެވެ. ސްމާޓްފޯން މަސްރަހުގައި، ޝޯމީ، އޮޕޯ އަދި ވާވޭ އަށް ދެމިގަންނަ އެންމެ އުނދަގޫވި ސަބަބަކީ ވެސް މި އެވެ. އެ ކުންފުނިތަކުން އުފައްދާ ފޯނުތަކުން ޖާސޫސްކޮށްފާނެތީ އެވެ.

އިންޑިއާ ސިފައިންނަށް ފޮހެލަން ދެން އެންގި އެޕްލިކޭޝަންތަކުގެ ތެރޭގައި، "ޔޫސީ ބްރައުސާ"، "ޔޫސީ ނިއުސް"، މައިކްރޮ ބްލޮގިން ވެބްސައިޓް ވީބޯ އަދި ވީޗެޓް ހިމެނެ އެވެ.